މައިންޑްކޯއާއި ބީއެމްއެލް ގުޅިގެން ގައުމީ އޭއައި އެންޑް ޑޭޓާ ކޮމްޕެޓެންސީ ސެންޓަރ، މޯލްޑިވްސް އޭއައި ލެބް އިފްތިތާހުކޮށްފިއެވެ. މިއީ ރާއްޖެއަށް ޑިޖިޓަލް އިންގިލާބެއް ގެނައުމުގެ އެޖެންޑާ މޯލްޑިވްސް 2.0 ގެ ދަށުން ކުރި މަސައްކަތެކެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވްސް އޭއައި ލެބް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާންއެވެ.
މޯލްޑިވްސް އޭއައި ލެބް ރަސްމީކޮށް އިފްތިތާހުކުރުމާ އެކު، މި ސެންޓަރުގެ އެންމެ ފުރަތަމަ ހަރަކާތްތައް މިއަދު ފެށިގެންދިޔައީ ސެންޓަރުގެ މަސައްކަތް ފެށުމުގެގޮތުން ބޭއްވި "ކޯ.ލެބް 26″ ހަރަކާތާއެކުގައެވެ. ކޯ.ލެބް 26 އަކީ އޭއައި ބޭނުންކުރުމާއި ގުޅޭގޮތުން ރާއްޖޭން ގެންގުޅޭނެ ގައުމީ އުސޫލުތައް ބައްޓަންކުރުމަށްޓަކައި ކުރިއަށްގެންދާ ހަތަރު ދުވަހުގެ ގައުމީ ހަރަކާތެކެވެ. މި ޕްރޮގްރާމުގެ ފުރަތަމަ ދެ ދުވަހު މައިގަނޑު ގޮތެއްގައި މަސައްކަތްކުރާނީ އޭއައި މެދުވެރިކޮށް އާންމުންނަށް ލިބޭނެ ފައިދާއަށާއި، ގައުމީ އަމާޒުތަކަށް ރިއާޔަތްކޮށް، އޭއައި ބޭނުންކުރާނެ މުހިންމު ދާއިރާތައް ދެނެގަތުމަށެވެ. މީގެ އިތުރުން ޑޭޓާގެ ތައްޔާރީތަކާއި، އަމަލީގޮތުން އެކަން ކުރެވިދާނެ މިންވަރާއި، ޒިންމާދާރުކަމާއެކު އޭއައި ބޭނުންކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް އިސްކަންދޭނެ ކަންކަން ކަނޑައެޅޭނެއެވެ. ޕްރޮގްރާމުގެ ފަހު ދެ ދުވަހު ކުރިއަށްދާނީ ތަޖުރިބާކާރުންގެ އިރުޝާދާއެކު ބާއްވާ "ހެކަތަން" އެކެވެ. މި ހެކަތަންގައި ދެ ދާއިރާއަކުން (ޓްރެކަކުން) މަސައްކަތް ކުރެވޭނެއެވެ. އެއީ ސަރުކާރުގެ މަސައްކަތްތަކަށް އޭއައި ބޭނުންކުރާނެ ގޮތްތައް ދެނެގަތުމަށް ހާއްސަ "އެޕްލައިޑް އޭއައި ޓްރެކް" އާއި، ބޭންކް އޮފް މޯލްޑިވްސްގެ 'ސްވައިޕް އޭޕީއައި' ބޭނުންކޮށްގެން ކުރިއަށްގެންދާ "ފިންޓެކް އިނޮވޭޝަން ޓްރެކް" އެވެ.

ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ކަސްޓަމަރުންނަށް ޚިދުމަތްދޭ އިދާރާތަކުން ކަސްޓަމަރުންގެ ބޭނުންތައް ދެނެގަތުމާއި ހިރާސްތައް މެނޭޖުކުރުމާއި އާންމު ހިދުމަތްތައް ފޯރުކޮށްދިނުމާއި ސްކޭމްތައް ދެނެގަތުމާއި ސައިބަރ ސެކިއުރިޓީ ވަރުގަދަކުރުމުގެ އިތުރުން، އަވަސް އަދި މައުލޫމާތުގެ މައްޗަށް ބިނާވެފައިވާ ނިންމުންތައް ނިންމުމުގެ ގާބިލުކަން އާޓިފިޝަލް އިންޓެލިޖެންސް އޭއައިއަށް ލިބިގެންވާ ކަމަށެވެ.
"ޓެކްނޮލޮޖީއަކީ މާލީ އިދާރާތަކަށް މިހާރު ހަމައެކަނި މަސައްކަތްތަކަށް އެހީތެރިވެދޭ ކަމެއް ނޫން. އޭގެ ބަދަލުގައި، އެއީ ކަސްޓަމަރުންގެ ތަޖުރިބާއާއި، ހިދުމަތްތަކަށް އޮންނަ ފަސޭހަކަމާއި، އަދި އިގްތިސާދީ ބައިވެރިވުން ބައްޓަންކުރަމުންދާ މުހިންމު ވަސީލަތެއް،" ޝަރީފު ވިދާޅުވިއެވެ.
މައިންޑްކޯގެ މެނޭޖިން ޑިރެކްޓަރ ސައީދާ އުމަރު ވިދާޅުވީ މިފަދަ ހާއްސަ ގައުމީ މަރުކަޒެއް އުފެދުމުން، ރާއްޖޭގެ އަމިއްލަ އޭއައި އަދި ޑޭޓާގެ ގާބިލުކަން ބިނާކުރުމަށް ފުރިހަމައަށް ސަމާލުކަން ދިނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
"އަމަލީ ގޮތުން ބޭނުންކުރެވޭނެ، އަޅުގަނޑުމެންގެ ސަގާފަތާއި އާދަކާދައާ ގުޅޭ، އަދި ރާއްޖޭގެ މާހައުލަށް އެންމެ އެކަށީގެންވާ ގޮތަށް މަސައްކަތްކުރުމަށް މަގުފަހިވެގެންދާނެ. މީގެ ސަބަބުން، ވަކިވަކިން ކުރެވޭ ކަންކަމުގެ ބަދަލުގައި، މުޅި ޤައުމަށް އަމާޒުކޮށްގެން ނިޒާމީ ސިފައެއްގައި މި މަސައްކަތް ކުރިއަށް ގެންދެވޭނެ. މިއީ ދައުލަތުން ކުރާ އިންވެސްޓްމަންޓްތަކުގެ ވިލުންވެރިކަން އިތުރުކޮށް، ދިވެހި ހުނަރުވެރިން ބިނާކޮށް، އަދި އާންމު ޚިދުމަތްތަކުގެ ފެންވަރު މިހާރަށްވުރެ ހަރުދަނާކުރުމަށް އެހީތެރިވެދޭނެ ކަމެއް،" ސައީދާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އިހުސާން ވިދާޅުވީ އޭއައި އަކީ ރާއްޖެއަށް ހަމައެކަނި "ކުރިމަތިވާ" ކަމެއްގެ ގޮތުގައި ދިވެހިރާއްޖޭގެ މުސްތަގުބަލު އޮވެގެން ނުވާނެ ކަމަށެވެ.
"މޯލްޑިވްސް އޭއައި ލެބް މެދުވެރިކޮށް، އޭއައި ބޭނުންކުރެވޭނީ އަހަރެމެންނާ އެކު، އަހަރެމެންގެ އަތުން، އަދި އަހަރެމެންގެ ލާބައަށްޓަކައި،" އިހުސާން ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ ޓެކްނޮލޮޖީ ދާއިރާގެ ހުނަރުވެރިން ބިނާކުރުމަށާއި، އާންމު ޚިދުމަތްތަކުގައި އިންސާނީ ޒިންމާދާރުކަން ކަށަވަރުކުރުމަށާއި، ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، އިގްތިސާދީ ކުރިއެރުން ހޯދައި، ރާއްޖެއަކީ ރައްކާތެރި އަދި ހަރުދަނާ އިގްތިސާދަކަށް ބަދަލުކުރުމަށްޓަކައި ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
މޯލްޑިވްސް އޭއައި ލެބް ފަރުމާކޮށްފައިވަނީ އެކި ދާއިރާތައް ގުޅިގެން މަސައްކަތްކޮށް، އޭއައި، ޑޭޓާ އަދި ޑިޖިޓަލް އިނޮވޭޝަންގެ ދާއިރާއިން ގައުމުގައި ދެމެހެއްޓެނިވި ގާބިލުކަން އުފެއްދުމަށެވެ. ހެކަތަންގެ ނަތީޖާއެއްގެ ގޮތުން ޕްރޮޓޯޓައިޕްތަކާއި، ހައްލު ހޯދޭނެ މަގުތަކާއި، އަދި އަމަލީ ގޮތުން ތަންފީޒުކުރެވޭނެ ކޮންސެޕްޓްތައް ގައުމީ ފެންވަރުގައި ކުރިއަށްގެންދިއުމަށް މަގުފަހިވެގެންދާނެއެވެ. ޝައުގުވެރިވާ ފަރާތްތަކަށް https://colab.mv/ މެދުވެރިކޮށް ހެކަތަންގައި ބައިވެރިވެރިވުމަށް ރަޖިސްޓަރ ކުރެވޭނެއެވެ.



advertisment

