ރާއްޖޭގެ އުތުރާއި ދެކުނުގައި ފްރީ ޒޯންތަކެއް ޤާއިމްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ "އައްޑޫ ރީޖަނަލް ފްރީ ޒޯން" މިއަދު އިފްތިތާހްކޮށްފިއެވެ.
އައްޑޫ ހައި ސްކޫލްގައި މިއަދު ހަވީރު އޮތް ރަސްމިއްޔާތެއްގައި "އައްޑޫ ރީޖަނަލް ފްރީ ޒޯން" އިފްތިތާހްކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސައީދާއި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ، ޢަލީ އިޙްސާނެވެ.
"އައްޑޫ ރީޖަނަލް ފްރީ ޒޯން" އިފްތިތާހްކުރުމާއެކު، އައްޑޫގައި މުދާ ރައްކާކުރުމާއި ފްރީ ޒޯނާ ގުޅުން ހުރި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ވިޔަފާރިތަކަށް އެ ސަރަހައްދުން ޖާގަ ހޯދުމަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" (އީ.އޯ.އައި) ހުށަހެޅުމަށް މިއަދު ވަނީ ހުޅުވައިލައިފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ފްރީ ޒޯންގެ ޚިދުމަތާއެކު، ބައިނަލްއަޤްވާމީ ފެންވަރުގެ ސަރަހައްދީ ވިޔަފާރި ހަބަކަށް އަައްޑޫ ސިޓީ ތަރައްޤީކުރުން ކަމަށެވެ.
"މިކަމުގެ ސަަބަބުުން ދެކުނުގައި ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތު އުފެދޭނެ. އަދި އަމިއްލަ ވިޔަފާރިވެރިންނަށް އައު އިންވެސްޓްމަންޓްތަކަށް މަގު ހުޅުވުމުގެ އިތުރުން، ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ މިންވަރު އިތުރުވެ، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ބޮޑުވުމާއި، މާލޭ ސަރަހައްދަށް ބަރޯސާވުން ކުޑަވެ، ސަރަހައްދީ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ލިބޭނެ،" ސައީދު ވިދާޅުވިއެވެ.
"އައްޑޫ ރީޖަނަލް ފްރީ ޒޯން"ގެ ޚިދުމަތަށް ކަނޑައަޅައިފައިވާ ސަރަހައްދުގެ ތެރެއިން، 20،000 އަކަ ފުޓޫގެ ބިމެއްގެ އިން ވަކިކޮށް، ފެންސް ޖެހުމުގެ މަސައްކަތް މިހާރު އެބަ ކުރިއަށްދެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޕީ.އެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ލައްމާން ވިދާޅުވީ އައްޑޫ ފްރީ ޒޯނަކީ އައްޑޫ ސިޓީ އާއި މުޅި ރާއްޖޭގެ ރައްޔިތުންވެސް ފަހުރުވެރިވާނެ މަސައްކަތަކަށް ހެދުމަށް އުންމީދުކުރައްވާ ކަމަށެވެ.
"މިއީ (އައްޑޫ ރީޖަނަލް ފްރީ ޓްރޭޑް ޒޯނަކީ) ހަމައެކަނި ޖެހިގެންދާ ނަންބޯޑެއް ނޫން. މިއީ އެކަމަށްޓަކައި އައްޑޫސިޓީގެ ހިތަދޫ ޕޯޓަށް އިހުތިސާސްކުރެވިގެން 1.7 ހެކްޓަރުގެ ބިމެއް އެކަށައެޅި، މި ޚިދުމަތަށް ބޭނުންވާ 20.000 އަކަފުޓޫގެ ސަރަހައްދުގައި އިންވަކިކޮށް، ފެންސުޖެހި، ރޭވުންތެރިމާއި، ދުރުވިސްނުމުގެ ތެރެއިން އަޅުގަނޑުމެން ފަށައި، ރާއްޖޭގެ އިޤްތިޞާދީ އަދި އުމްރާނީ ތަރައްޤީގެ އަޖާއިބަކަށް ވެގެންދާނެ. އައްޑޫ ސިޓީއާއި މުޅި ރާއްޖޭގެ ރައްޔިތުން ފަޚުރުވެރިވާނެ މަސައްކަތެއް،" ލައްމާން ވިދާޅުވިއެވެ.



advertisment

