އައްޑޫ ސިޓީގައި ޤާއިމްކުރާ "އައްޑޫ ރީޖަނަލް ފްރީ ޒޯން"ގައި މުދާ ރައްކާކުރުމާއި ފްރީ ޒޯނާ ގުޅުން ހުރި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ވިޔަފާރިތަކަށް އެ ސަރަހައްދުން ޖާގަ ހޯދުމަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" (އީ.އޯ.އައި) ހުށަހެޅުމަށް ހުޅުވައިލައިފިއެވެ.
އެމް.ޕީ.އެލް އިން ބުނީ އީ.އޯ.އައި ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ޖޫން 11ގެ ނިޔަލަށް އޮންނާނެ ކަމަށާއި އީ.އޯ.އައި ހުށަހަޅާ މުއްދަތު ހަމަވުުމުން، ޝައުގުވެރިވާ ވިޔަފާރިތަކަށް ކުރަން ބޭނުންވާ މަސައްކަތާ ގުޅޭ ތަފްސީލާއި، ބޭނުންވާ ބިމުގެ ބޮޑުމިނާއި ބިމުގެ ލީސް އެއްބަސްވުމާ ގުޅޭ ތަފްސީލުތައް ހިމެނޭ ގޮތަށް ޕްރޮޕޯސަލްތައް ހުށަހެޅުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
"އައްޑޫ ރީޖަނަލް ފްރީ ޒޯން ސަރަހައްދުން ބިން ލިބޭ ވިޔަފާރިތައް ކަނޑައަޅާނީ ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށްފަހުއެވެ." އެމް.ޕީ.އެލްއިން ބުނެއެވެ.
"އައްޑޫ ރީޖަނަލް ފްރީ ޒޯން" ބިން ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ޓެރިފްވެސް މިހާރު ވަނީ ކަނޑައަޅައިފައެވެ.
ޑިއުޓީ ފްރީ ޒޯން ހުސްބިން (ބިން ކުއްޔަށް ދޫކުރުން)
ދުވާލަކަށް: 1،000 އަކަ ފޫޓަށް 153.33ރ. (ޖީ.އެސް.ޓީ ނުލައި)
ދުވާލަކަށް: 1،000 އަކަ ފޫޓަށް 165.60ރ. (ޖީ.އެސް.ޓީ. އާއެކު)
މަހަކަށް: 1000 އަކަފޫޓަށް 4،600ރ. (298 ޔޫ.އެސް ޑޮލަރު)، ޖީ.އެސް.ޓީ ނުލައި
"ޓެރިފް ކަނޑައަޅާފައިވާ ބިންތަކަކީ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށްފަހު ވިޔަފާރިތަކަށް ކަނޑައެޅިގެންދާނެ ބިންތަކެކެވެ. އެގޮތުން، ބިން ކަނޑައެޅިގެންދާނީ މި ސަރަހައްދުގައި ކުރެވެ ސިނާއީ މަސައްކަތާއި، މުދާ ތައްޔާރުކުރުމާއި، އެސެމްބެލްކުރުމާއި ގުދަންކުރުން އަދި ލޮޖިސްޓިކްސްގެ އެކި މަސައްކަތްތަކަށެވެ." އެމް.ޕީ.އެލްއިން ބުނެއެވެ.
"އައްޑޫ ރީޖަނަލް ފްރީ ޒޯންގެ ޚިދުމަތަށް ޝައުގުވެރިވާ ވިޔަފާރިތަކުން bussiness@port.mv އަށް އީ-މެއިލް މެދުވެރިކޮށް އީ.އޯ.އައި ހުށަހެޅުމަށް އެެދެމެވެ. އަދި އީ.އޯ.އައި އާއެކު މި ޚިދުމަތާ ގުޅޭގޮތުން މި ކުންފުނިން ދީފައިވާ ސަރވޭ ފޯމް (ފޯމް ލިންކް: https://bit.ly/4nsUEN1) ފުރިހަމަކޮށް، ހުށަހެޅުމަށްވެސް ދަންނަވަމެވެ."
"އައްޑޫ ރީޖަަނަލް ފްރީ ޒޯން" ޤާއިމްކުރުމަށް އެމް.ޕީ.އެލް އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި ސަރުކާރުގެ ކަމާ ބޭހޭ އެހެނިހެން ވުޒާރާތަކާއި މުޢައްސަސާތައް ގުޅިގެން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވެސް އެމް.ޕީ.އެލްއިން ބުނެއެވެ.
"ސަރުކާރުން އަންނަނީ އައްޑޫ ސިޓީ އަކީ ވިޔަފާރީގެ ހަބަކަށް ހެދުމަށް ގިނަ މަސައްކަތެއް ކުރަމުންނެވެ. އެގޮތުން ކުދި ފަންތި އަދި މެދު ފަންތީގެ ވިޔަފާރިތައް އިތުރުކޮށް ކުރިއަރުވައި، ތަރައްޤީކުރުމަށް މަގުފަހިކުރުމުގެ ގޮތުން، ރާއްޖޭގެ މި ކަމަށް ޚާއްސަކުރާ ފުރަތަމަ ސަރަހައްދަކަށް އައްޑޫ ސިޓީ (ހުޅުދޫ އާއި މީދޫ ހިމެނޭހެން) ވަނީ ކަނޑައަޅައިފައެވެ."



advertisment

