Support Us

200،000ރ. ލިބޭ ބީ.އެމް.އެލްގެ ބޭންކް ފަންޑަށް ކުރިމަތިލާން ހުޅުވައިލައިފި

އެހީގެ ގޮތުގައި 200،000ރ. ލިބޭ ބީ.އެމް.އެލްގެ ބޭންކް ފަންޑަށް ކުރިމަތިލާން މިއަދު ހުޅުވައިލައިފިއެވެ.

ބޭންކް ފަންޑަކީ ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ޖަމިއްޔާ ޖަމާއަތްތަކުން ހިންގަން ބޭނުންވާ ދެމެހެއްޓެނިވި އެކި މަޝްރޫޢުތައް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކޮންމެ އަހަރަކުވެސް ހުޅުވައިލާ ފުރުސަތެކެވެ.

ކޮންމެ އަހަރަކުވެސް ބޭންކް ފަންޑް ކާމިޔާބުކުރާ ފަސް ޖަމާއަތަކަށް ތަޢުލީމު، ތިމާވެށި، ކުޅިވަރުގެ ދާއިރާއިން އަދި މުޖުތަމަޢަށް ފައިދާ ހުރި ޕްރޮޖެކްޓްތައް ހިންގުމަށް 200،000ރ.ގެ އެހީ ބޭންކުން ފޯރުކޮށްދެއެވެ.

މިއީ މިގޮތަށް މި ފަންޑު ހިންގަމުންދާ ތިންވަނަ އަހަރެވެ.

"މިއީ ރާއްޖޭގެ ޖަމިއްޔާތައް ބާރުވެރިކޮށް، މުޅި މުޖުތަމަޢު ހިމެނޭހެން ގައުމަށް ކުރިއެރުން ހޯދައިދިނުމަށް ބޭންކުން ދޭ އަހުމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެކެވެ." ބީ.އެމް.އެލް އިން ބުނެއެވެ.

މިކަމާ ގުޅޭގޮތުން ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްއިން އަބަދުވެސް ގަބޫލުކުރާ ގޮތުގައި، ދެމެހެއްޓެނިވި ކުރިއެރުމެއް ހާސިލުކުރެވޭނީ މުޖުތަމައުގެ ބިންގަލުން ފެށިގެން ކުރެވޭ މަސައްކަތްތަކުންނެވެ."

"ބޭންކް ފަންޑުަކީ ރަށްރަށުގެ ޖަމިއްޔާ ޖަމާއަތްތަކުން ގެންގުޅޭ އުފެއްދުންތެރި ހިޔާލުތައް، މުޖުތަމައަށް ފައިދާކުރަނިވި ކަންކަމަށް ބަދަލުކުރުމަށް މަގުފަހިކޮށްދިނުމަށް އަޅުގަނޑުމެން ދޭ އިސްކަން ހާމަކޮށްދޭ ރަމްޒެއް. މި ފަންޑުގެ އެހީގައި މިހާތަނަށް މުޖުތަމައަށް ލިބިފައިވާ ހެޔޮ ބަދަލުތަކާ މެދު އަޅުގަނޑުމެން ފަޚުރުވެރިވަން. އަދި މި އަހަރުވެސް، އަޅުގަނޑުމެންގެ އުއްމީދަކީ މުޖުތަމައަށް ނަފާލިބޭނެ، ދެމެހެއްޓެނިވި އިތުރު މަޝްރޫއުތަކަކަށް އެހީތެރިކަން ފޯރުކޮށްދިނުން،" ޝަރީފު ވިދާޅުވިއެވެ.

ބޭންކް ފަންޑު ތަޢާރަފުކުރި ފަހުން، މުޖުތަމަޢަށް ބޭނުންތެރި ތަފާތު އެކި މަޝްރޫޢުތައް ހިންގުމަށް މިހާތަނަށް ޖުމްލަ ނުވަ ޖަމިއްޔާއަކަށް މި ފަންޑުން އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.

މި ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޖަމްޢިއްޔާ، ޖަމާޢަތްތަކާއި ކްލަބްތަކަށް މިހާރު ވަނީ ހުޅުވާލެވިފައެވެ. އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލް bankfund@bml.com.mv އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެއެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 14 ޖޫން 2026 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 އެވެ.

މިކަމާ ގުޅޭ އިތުރު މަޢުލޫމާތާއި އުޞޫލުތައް އަދި އެޕްލިކޭޝަން ފޯމު މިލިންކުން ލިބޭނެއެވެ.

ލިންކް: