Support Us

ބީ.އެމް.އެލް އިން އިތުރަށް ސާފުކޮށްދީފި

ބީ.އެމް.އެލް އިން ދޫކޮށްފައިވާ ރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގެ އީކޮމާސް އަދި އޮންލައިން ރީޓެއިލް ސައިޓްތަކުން މުއާމަލާތްކުރެވޭ ގޮތަށް މިފަހުން ގެނައި ބަދަލުތަކާ ގުޅޭ ގޮތުން ބޭންކުން އިތުރަށް ސާފުކޮށްދީފިއެވެ.

ގައުމީ ބޭންކުގެ ތަރުޖަމާނު މުޙައްމަދު ސައީދު ވިދާޅުވީ މިފަދަ ބަދަލެއް ގެންނަން ޖެހުނީ މެދު އިރުމަތީގެ މަސްރަހާ ގުޅިގެން ފަތުރުވެރިން ރާއްޖެ އަންނަ އަދަދު ދަށްވެ، ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދަށްވުރެ ނިސްބަތުން ވަރަށް ބޮޑު އަދަދެއްގެ ޑޮލަރު މިފަދަ މުއާމަލާތްތައް ފުރިހަމަކުރުމަށް ބޭންކުން ވިއްކަން ޖެހިފައިވާތީ ކަމަށެވެ.

"މިގޮތުން ދިވެހި ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން ކުރާ މުއާމަލާތްތަކަށް މިހާރުވެސް ދުވާލަކަށް 1.33 މިލިއަން ޑޮލަރު ބެންކުން ވިއްކަމުން ގޮސްފައިވާއިރު ޑޮލަރު ގަންނަން ލިބުމުގައި ހުރި ދަތިތަކަށް ބަލައި، ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކުން ގެންގުޅޭ ނިޒާމުތައް އިތުރަށް މިވަނީ ހަރުދަނާކޮށްފައެވެ." ސައީދު ވިދާޅުވިއެވެ.

"މިގޮތުން، ކުރިން މިދެންނެވި ފަދަ ސައިޓްތަކުން ވިޔަފާރި ކުރުމަށް ބޭންކުން ދުވާލަކަށް ވިއްކާ އަދަދު ކޮންމެ ދުވަހަކަށް ކަނޑައެޅޭ ވަކި ބަޖެޓެއްގެ ތެރެއިން މިދަނީ ވިއްކަމުންނެވެ. އެ ބަޖެޓް ހަމަވުމުން އެ ދުވަހަކު ރާއްޖެއިން އެ ވެބްސައިޓްތަކުން (ބައެއް ރީޓެއިލް ސައިޓް ތަކުން) ވިޔަފާރިއެއް ނުކުރެވޭނެއެވެ. އެހެނިހެން ސައިޓްތަކުން ޚިދުމަތް ހޯދުމަށް ބުރުލެއްނާރާނެއެވެ. އެކަން މިހާރު ބީއެމްއެލް އެޕް މެދުވެރިކޮށް ފޮނުވާ ނޮޓިފިކޭޝަނަކުން ކަސްޓަމަރަށް އަންގަމުންދާނެއެވެ. ނަމަވެސް ޑޮލަރު އެކައުންޓް ތަކަށް ދޫކުރެވިފައިވާ ކާޑުތަކުން އެއްވެސް ލިމިޓަކާ ނުލައި މުއާމަލާތްތަކަށް ބޭނުންކުރެވޭނެއެވެ."

އޭނާ ވިދާޅުވީ މި ބަދަލުތަކުގެ ސަބަބުން ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނަށާއި ދިރިއުޅޭ ފަރާތްތަކުގެ ކާޑުތަކަށް ހާއްސަކޮށްގެން ދޫކޮށްފައިވާ ލިމިޓްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

"…އަދި ބޭރުގައި ކިޔަވާ ކުދިންގެ ތެރެއިން ރާއްޖޭގައި ތިބި ބެލެނިވެރިންގެ ކާޑު ބޭނުންކުރާ ދަރިވަރުންނަށް ސްޓޫޑަންޓް ކާޑު ހައްދަން ތިން މަސްދުވަހުގެ މުހުލަތެއް ދީފައިވާނެއެވެ. މި މުހުލަތުގައި ބެލެނިވެރިންގެ ކާޑު ބޭނުން ކުރެވޭ ގޮތަށް ހަމަޖެއްސޭނެއެވެ.

"ކަސްޓަމަރުން މިފަދަ އީކޮމާސްގެ ގިނަ މުއާމަލާތްތަކެއް ހިންގުމަކީ މި ބޭންކުގެ އާމްދަނީ އިތުރުވާނެ ކަމަށްވީ ނަމަވެސް މި ވަގުތު ބޭރު ފައިސާގެ އާމްދަނީ ލިބޭ މިންވަރާއި ކަސްޓަމަރުންގެ ބޭނުންތަކަށް ބޭންކުން ޑޮލަރު ވިއްކަންޖެހޭ މިންވަރަށް ބަލައި، ޒަރޫރީ ބޭނުންތަކަށް ބޭރު ފައިސާ އިގްތިސާދު ކުރުމަށް މި ފިޔަވަޅުތައް އަޅަން ބޭންކަށް މަޖުބޫރުވެއެވެ. ބޭންކަށް ޑޮލަރު ގަންނަން ލިބޭ މިންވަރަށް ބަލައި، ރުފިޔާ ކާޑުން ބޭރު ފައިސާގެ މުއާމަލާތްތައް ކުރެވޭ ގޮތަށް ހަމަޖެހިފައިވާ ލިމިޓަށް ބަދަލުތައް މި ބޭންކުން ގެންނަމުންދާނެއެވެ."