ވަކިވުމަށް މަޖުބޫރުވީހިނދު، ކަރުނަ ދެލޮލުން އޮހިގަތޭ
އެކި ހަނދާން މާޒީގެ ދިރެމުން، ހިތުގެ ވިންދާ ކުޅެގަތޭ
ވަކިނުވާން ބުނެ ވަޢުދުތައް ވީ އެކިރެއާ އެކި މަންޒަރާ
ހެކިވި ތަރިތައް ހަނދުވަރާ ހަނދުވެސް ހަނދާނާ ތޮޅެގަތޭ
އެންމެ ފުރަތަމަ ރޭގެ ބައްދަލުވުން އެ އައި ގޮތް ސިފަވެގެން
އެންމެ އުފަލުން ކުރި ހަނދާނާ އަސަރު ހިތުގައި ދިރިގަތޭ
ދެހިތުގައި އުފެދުނު ޝުޢޫރާ އެކުވެ އައި ޖަޒުބާތަކުން
އެހިނދު ހަމަ މި ޚިޔާލުތައް، ހިފެހެއްޓުމެއް ނެތި އޮހިގަތޭ
އެކަނިވެރިކަން ހިތުތެރަށް ވަދެ އޭގެ ހިތްދަތިކަމުތެރޭ
އެކަނިވެރި ހިތް އޭގެ އަސަރުން ގިސްލުމާއެކު ރޮއިގަތޭ
އޭރު އުފަލުން ފޮޅުނު ހިތްވެސް އަސަރުގައި މާޔޫސްވެގެން
ތީރުތައް ވިހަގަދަ މެއަށް އަދަދެއް ނުވާ ގިނަ ހެރިގަތޭ
ފަހުމު ނުވެ ހިތުގައި ހިނގާ ރިހުމެއްގެ ވޭނާ ކެކުޅުމުން
ރަޙުމު ނެތި އަނިޔާވެފައިވާ ޒަޚަމުތަކުގައި ރިހިގަތޭ