Support Us

ކިޔައިލަން މުހިންމު! ބީއެމްއެލް އާއި އިމިގްރޭޝަންގެ އިންޓަގްރޭޝަންގެ ސަބަބުން ވާ ގޮތަކީ މިއީ…

ބީއެމްއެލް އިން މޯލްޑިވްސް އިމިގްރޭޝަނާއެކު އަލަށް ގާއިމުކުރި ޑިޖިޓަލް އިންޓަގްރޭޝަންގެ ތެރެއިން ކަސްޓަމަރުންގެ އަމިއްލަ އެއްވެސް މައުލޫމާތެއް ހިއްސާނުކުރާކަން މި ވަނީ ޔަގީންވެފައެވެ. އެއީ މި ނިޒާމަކީ އޮޓޮމޭޓް ކުރެވިފައިވާ، ކަސްޓަމަރުންގެ ސިއްރުތައް ހިމާޔަތްކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ "އޮތޮރައިޒޭޝަން" މަރުހަލާއަކަށްވާތީއެވެ. މިއީ މުއާމަލާތެއް ކުރާއިރު ކާޑުގެ ސައްހަކަން ބަލާލުމާ އެއްފަދަ ކަމެކެވެ.

މި ނިޒާމްގެ ދަށުން އާންމުންގެ ޒާތީ މައުލޫމާތުތައް ހިއްސާކުރެވޭ ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް މިކަން ހިނގާ ގޮތް ވަރަށް ސާފެވެ. މިކަމާ ގުޅޭ ގޮތުން ބޭންކުގެ މީޑިއާ އޮފިޝަލެއް ވިދާޅުވީ އެހެން އިދާރަތަކާ ޚިލާފަށް ބޭންކް އޮފް މޯލްޑިވްސްއަށް ކަސްޓަމަރުންގެ ކާޑު ބޭނުންކުރުމާ ގުޅޭ ވަރަށް މައުލޫމާތުތައް އަބަދުވެސް ލިބޭ ކަމަށެވެ.

"މިގޮތުން މުއާމަލާތެއް ހިނގާ ވަގުތާއި، އެ މުއާމަލާތެއް ހިނގި ތަނާއި، ކަސްޓަމަރަކު ފައިސާ ޚަރަދުކުރާ ގޮތާއި އާންމުކޮށް ވިޔަފާރިކުރާ ތަންތަނާއި ރާއްޖެއާއި ރާއްޖޭން ބޭރުގައި ކާޑުތައް ބޭނުންކުރާ ގޮތް އަޅުގަނޑުމެންނަށް އެނގޭނެ. އެހެންނަމަވެސް ޒިންމާދާރު ބޭންކެއްގެ ހައިސިއްޔަތުން އެ މައުލޫމާތުތައް ރައްކާތެރިކުރުމުގައި އެންމެ މަތީ ދަރަޖައިގެ ސަމާލުކަންދެން. ކަސްޓަމަރުންގެ ސިއްރުތައް ހިފެހެއްޓުމަކީ ބީއެމްއެލްގައި ހަމައެކަނި ކަނޑައެޅިފައިވާ އުސޫލެއް ނޫން؛ އެއީ އަޅުގަނޑުމެން އަދާކުރާ އެންމެ މުހިންމު ޒިންމާވެސްމެ،" އޭނާ ވިދާޅުވިއެވެ.

މާލީ ދާއިރާގެ ތަޖުރިބާކާރަކާ ވާހަކަ ދައްކާލުމުންވެސް މިކަމަށް ބާރު ލިބެއެވެ. އޭނާ ވިދާޅުވީ މިއީ އާންމު އުސޫލަކުން ބަލާއިރު ހުއްދަ ދިނުމުގެ ފަށަލައެއް ނުވަތަ ސްޓެޕެއް ކަމަށެވެ. "މައުލޫމާތު ހިއްސާކުރުމުގެ އިންތިޒާމެއް ނޫން ކަމަށެވެ.

"މިއީ އެ ބުނާ މައުލޫމާތު ހިއްސާކުރުމުގެ އިންތިޒާމެއް ނޫން. ކާޑު މެޝިނެއްގައި ޕިން ޖެހުމުން، ސިސްޓަމުން ޕިން ހިއްސާއެއް ނުކުރޭ. އެ ސިސްޓަމުން ހަމައެކަނި ކަށަވަރުކޮށްދެނީ ޖެހި ޕިނަކީ ސައްހަ ކޯޑެއްތޯ ނުވަތަ ނޫންތޯ. ބެންކުން އެ ގެނައި ބަދަލުގައިވެސް ކުރާ ސުވާލަކީ އެ މީހާ ހުރީ ރާއްޖޭން ބޭރުގައިތޯ؟ ބޭރުގައި ނަމަ އެ މުއާމަލާތް ފުރިހަމަވާނެ. ހަމަ ރަނގަޅު ޕިން ޖަހައިގެން މުއާމަލާތް ފުރިހަމަވާ ގޮތަށް."

ބެންކުގެ އޮފިޝަލް އިތުރަށް ވިދާޅުވީ މި އިންޓަގްރޭޝަނުން ޒާތީ އެއްވެސް މައުލޫމާތެއް ބަދަލެއް ނުކުރެވޭ ކަމަށާއި، ރައްކާކުރެވިފައި ވެސް ނުވޭ ކަމަށެވެ.

"އަދި ހާމައެއްވެސް ނުކުރެވޭ. މިއީ ފަރުމާކުރުމުގައިވެސް ސިއްރުތައް ހިފެހެއްޓުމަށް އިސްކަންދީފައިވާ ނިޒާމެއް،" އޭނާ ޔަގީންކަން ދެއްވިއެވެ.

މި ފިޔަވަޅަކީ ކާޑު ވަގަށް ނެގުމަށްފަހު ނުވަތަ ކްލޯން ކުރުމަށްފަހު، އަސްލު ކާޑުގެ ވެރިފަރާތް ރާއްޖޭގައި ހުއްޓައި ރާއްޖޭން ބޭރުގައި ކާޑު ބޭނުންކޮށްގެން ހިންގާ އޮޅުވާލުމުގެ މުއާމަލާތްތައް ހުއްޓުވުމަށް ބޭންކުން އެޅި ހަރުދަނާ ފިޔަވަޅެކެވެ. އީ-ކޮމާސް މުއާމަލާތްތަކަކީ ކާޑުގެ ވެރިފަރާތް ހާޒިރުވެ ހުރުމުގެ ބަދަލުގައި ކާޑުގެ މައުލޫމާތަށް ބިނާވާ ކަމަކަށްވާތީ، އެފަދަ މުއާމަލާތްތައް މިކަމުން ވަނީ އިސްތިސްނާކޮށްފައެވެ.

މުއާމަލާތަކަށް ހުއްދަ ދިނުމުގެ މަރުހަލާގައި، ބީއެމްއެލްގެ ސިސްޓަމްތަކުން މިހާރުވެސް ކާޑުގެ ސައްހަކަމާއި، މުއްދަތު ހަމަވާ ތާރީހާއި، އެކައުންޓުގައި ފައިސާ ހުރިތޯ ބަލައެވެ. އިމިގްރޭޝަންގެ ސްޓޭޓަސް ޗެކް މިހާރު ކުރިއަށްދާނީ ބެކްގްރައުންޑްގައި އޮޓޮމެޓިކުން، ވަގުތުންނެވެ. އަދި މިއީ ހަމައެކަނި ރާއްޖޭން ބޭރުގައި ކުރާ ކާޑު ޕްރެޒެންޓް ނުވަތަ ސީދާ ކާޑުގެ ވެރިފަރާތް ހާޒިރުވެ ހުރެ ކުރާ މުއާމަލާތްތަކަށް އެކަންޏެވެ.

ބީއެމްއެލް ކާޑުގެ އާންމު އުސޫލުތަކާއި ޝަރުތުތަކުގައިވާ ގޮތުން، ކޮންމެހެން ކަށަވަރުކުރަންޖެހޭ މައުލޫމާތު އެކި މަސްދަރުތަކުން ހޯދުމުގެ އިޚުތިޔާރު ބޭންކަށް އަބަދުވެސް އޮވެއެވެ. އަދި އަލަށް ގާއިމްކުރި އިންތިޒާމަކީ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާ، އެންކްރިޕްޓް ކުރެވިފައިވާ އޮނިގަނޑެއްގެ ތެރެއިން އެ ހުއްދައިގެ ބޭނުން ހިފުމެވެ. މި ގުޅުމަކީ ބައިނަލްއަގުވާމީ ޕޭމަންޓް ސިސްޓަމްތަކުގެ އިތުބާރު ދެމެހެއްޓުމަށް ކަނޑައަޅާފައިވާ ބައިނަލްއަގުވާމީ ކާޑު ނެޓްވޯކް މިންގަނޑުތަކަށް ފެތޭ، އަދި އާންމު ބޭންކިން އޮނިގަނޑަކުން އެކަނި ފޯރުކޮށްނުދެވޭނެ ފަދަ ހާއްސަ ރައްކާތެރިކަމެއް އިތުރުކޮށްދޭ ކަމެކެވެ.

މާލީ ކުށްތަކާ ބެހޭ މާހިރުން ވަނީ މި ނިންމުމަށް މަރުހަބާވެސް ކިޔައިފައެވެ. ބައެއް ބޭފުޅުން ފާހަގަކުރެއްވި ގޮތުގައި މި ނިޒާމުގެ ސަބަބުން މަކަރާއި ހީލަތް ހުއްޓުވުމާއި ކަސްޓަމަރުންގެ ސިއްރުތައް ހިފެހެއްޓުމަށް އޮތް ކަންބޮޑުވުންތަކަށްވެސް ހައްލު ލިބިގެންދެއެވެ. މި އުސޫލާއެކު، ބީއެމްއެލް އިން ވަނީ އަމިއްލަ ޒާތީ މައުލޫމާތު ހިއްސާކުރުމުގެ ރޮނގު ހުރަސްނުކޮށް، ސަރަހައްދީ ފެންވަރުގައި ސަލާމަތީގޮތުން އެންމެ ކުރިއަރާފައިވާ އެއް ބޭންކުގެ މަގާމު ހޯދައިފައެވެ.

"އަޅުގަނޑުމެންގެ އަޒުމަކީ ކޮންމެ މުއާމަލާތަކީވެސް ރައްކާތެރި އަދި ކަށަވަރުކުރެވިފައިވާ މުއާމަލާތަކަށް ހެދުން. އަދި ކަސްޓަމަރުންގެ އަމިއްލަ މައުލޫމާތުގެ ސިއްރުވެރިކަން އެންމެ މަތީ މިންވަރަށް ހިފަހައްޓައި، ކަސްޓަމަރުންނަށް އިތުރު ރައްކާތެރިކަމެއް ހޯދައިދިިނުން،" ބޭންކުގެ އޮފިޝަލް ވިދާޅުވިއެވެ.

ބީއެމްއެލް އާއި އިމިގްރޭޝަންގެ އިންޓަގްރޭޝަންގައި އަމިއްލަ އެއްވެސް މައުލޫމާތެއް ހިއްސާނުކުރެވެއެވެ. މިއީ ހަމައެކަނި މުއާމަލާތްތަކުގެ ސައްހަކަން ކަށަވަރުކޮށް ރައްކާތެރިކަން އިތުރުކުރުމަށް ގެނެވުނު ވެލިޑޭޝަން އެކެވެ.