Support Us

21 ދުވަހުގެ ތެރޭގައި 924 މިލިޔަން ޑޮލަރުގެ ދަރަނި ދައްކައިފިން: ރައީސުލްޖުމްހޫރިއްޔާ

އެކާވީސް ދުވަހުގެ ތެރޭގައި، މި ސަރުކާރުން، ޖުމުލަ 924 މިލިޔަން ޑޮލަރުގެ ދަރަނި ދައްކާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް މިއަދު ވިދާޅުވީ މި ހިނގާ އެޕްރީލް މަހުގެ ދެ ވަނަ ދުވަހު ސަރުކާރުން ދެއްކި 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ދައްކައިފައިވާނީ، ޤައުމަށް ޑީފޯލްޓެއް ކުރިމަތިވިޔަ ނުދީ، ހަރުމުދަލެއް ވިއްކާނުލައި، ރަހުނެއް ދޫކޮށްނުލައި އަދި ބަދަލުގައި ކުރިން ރަހުނުކޮށްފައި ހުރި ތަންތަން ސަލާމަތްކުރައްވައިގެން ކަމަށެވެ.

އަދި މި ދަނޑިވަޅުގައި ސަރުކާރުން އަދާކުރަނީ ބޭރުގެ ދަރަނި އެކަނި ނޫންކަމަށާއި، ސަރުކާރުން ވެންޑަރުންނަށް ދައްކަން ހުރި ފައިސާ ދައްކަމުން، އެތެރޭގެ ދަރަނިވެސް އަދާކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ނިމިދިޔަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން އިއްޔެގެ ނިޔަލަށް، އެކިއެކި ލޯކަލް ވެންޑަރުންނަށް ދައްކަން ޖެހިފައި ހުރި 3،300 މިލިޔަން ރުފިޔާގެ ބިލުތަކަށް ވާ ފައިސާ ދައްކާ ޚަލާޞްކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި މަހުގެ ބާކީ މި އޮތް ދުވަސްކޮޅުގައިވެސް، ލޯކަލް ވެންޑަރުންނަށް ދޭންޖެހޭ އިތުރު 260 މިލިޔަން ރުފިޔާގެ ބިލަށް ވާ ފައިސާ ދެއްކުމަށް ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބޭރާއި އެތެރޭގެ ދަރަނިތަކުން ޤައުމު ސަލާމަތްކޮށްދެއްވުމުގެ މަސައްކަތް ސަރުކާރުން ކުރައްވަނީ، ޤައުމުގެ އިޤްތިޞާދު ހަރުދަނާކޮށް، ރައްޔިތުންނަށް ގެއްލުމެއް ނުލިބޭނޭކަން ކަށަވަރުކުރައްވަމުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *