Support Us

މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް ޤާއިމުކުރައްވަން ނިންމަވައިފި

ކަމުގެ ހައްސާސްކަމަށް ރިއާޔަތްކުރައްވައި، ސަރުކާރު ބަޖެޓުން، މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް ޤާއިމުކުރައްވަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި،\ ނޫސްވެރިންނާ ބައްދަލުކުރައްވައި މިއަދު ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ނަފުސާނީ ދުޅަހެޔޮކަމުގެ މައްސަލައަކީ ދިވެހި މުޖުތަމަޢުގައި ބޮޑުވަމުން އަންނަ، އެހެންނަމަވެސް އެކަށީގެންވާ ފަރުވާގެ ނިޒާމު މިހާތަނަށް ޤާއިމުކުރެވިފައިނުވާ މައްސަލައެއް ކަމަށެވެ. މި މައްސަލައަށް ޙައްލު ހޯއްދެވުމަށް ސަރުކާރުން އެޅުއްވުމަށް ގަސްދުކުރައްވާފައިވާ ބައެއް ފިޔަވަޅުތައް ރައީސް ހާމަކުރެއްވިއެވެ. އެގޮތުން، ބޭރުގެ ލޯން އެހީގެ ދަށުން ލ. ގަމުގައި ތަރައްޤީކުރާ މެންޓަލް ހެލްތު ހޮސްޕިޓަލުގެ އިޖުރާޢަތްތަކަށް ގިނަ ވަގުތު ހޭދަވާނެތީ، މި އަހަރުގެ ބަޖެޓުގެ ނިއު ޕޮލިސީ އިނީޝިއޭޓިވް ތެރޭ ހިމަނުއްވައިގެން، މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް ޤާއިމުކުރެއްވުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ކުރިއަށްގެންދަވާނޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހޮސްޕިޓާ ޤާއިމުކުރެވެންދެން، މިހާރުން މިހާރަށް އަޅުއްވާ ފިޔަވަޅެއްގެ ގޮތުގައި، ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުގައި މި ފަދަ ކަންކަމަށް ފަރުވާދިނުމުގެ ޤާބިލިއްޔަތު އިތުކުރެއްވުމަށް މަސައްކަތްކުރައްވާނޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، އެންޓި ބުލީއިން ޤާނޫނެއް އެކުލަވާލުމަށާއި، ނަފުސާނީ ދުޅަހެޔޮކަމާ ބެހޭ ބިލެއް އެކުލަވާލައްވައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ނިންމަވައި، ކަމާ ގުޅުންހުރި މަސައްކަތްތައް ފައްޓަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެއާއެކު، ބުލީކުރުމަކީ ޤާނޫނީ ކުށެއް ކަމުގައި ކަނޑައެޅުއްވުމަށާއި، ބުލީކުރުމާއި ފުރައްސާރަކުރުމުގެ ތަފްޞީލީ މާނަކުރުންތަކާއި، އެކަން ހުއްޓުވާނޭ ގޮތްތަކާއި، އެކަން ކުރިމަތިވެއްޖެ ނަމަ، އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ޖިނާޢީ އިޖުރާޢަތްތައް ކުރިއަށްގެންދާނޭ ގޮތްތައް ޤާނޫނީ އޮނިގަނޑުގެ ތެރެއިން ބަޔާންކުރެވިގެންދާނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ސްކޫލްތަކާއި ތަޢުލީމީ މަރުކަޒުތަކާއި، ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި، ވަޒީފާގެ މާހައުލުގައި ބުލީކުރުން ހުއްޓުވަން ޚާއްޞަ ސިޔާސަތުތަކެއް އެކުލަވާލެއްވުމަށްވެސް މަސައްކަތްކުރެވެމުންދާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *