ވޭތުވެދިޔަ އަހަރުގެ ރެކޯޑު ކުރިއެރުމާއެކު ބީއެމްއެލްގެ މި އަހަރުގެ މާލީ ދުވެލިވެސް ވަނީ އެ ބާރުމިނުގައި ދަމަހައްޓައިފައެވެ. ތަފާސްހިސާބުތަކުން އެކަން ވަރަށް ސާފެވެ.
މާލީ ގޮތުން ދަމަހައްޓަމުންދާ ވަރުގަދަ ނަތީޖާ
ބޭންކް އޮފް މޯލްޑިވްސް އިން 2026 ވަނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހު ނެރުނު ނަތީޖާއަކީ، ޖެހިޖެހިގެން ދެ އަހަރު ރެކޯޑް މިންވަރަކަށް ބޭންކަށް ލިބުނު ކުރިއެރުމަށްފަހު، ބޭންކުގެ މާލީ ހާލަތު ވަރުގަދަކަން ހާމަކޮށްދޭ ނަތީޖާއެކެވެ. ބޭންކުގެ 43 އަހަރުގެ ތާރީޚުގައި އެންމެ ކާމިޔާބު އަހަރުގެ ގޮތުގައި 2025 ވަނަ އަހަރު ނިންމާލުމަށްފަހު، މާލީ އާ އަހަރާ ބޭންކުން ކުރިމަތިލީ އެ ކާމިޔާބީ ދެމެހެއްޓުމުގެ އަޒުމުގައެވެ.
މާލީ ދުޅަހެޔޮކަމާއި ފައިދާ އިތުރުވުން
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބީއެމްއެލް އިން ހޯދައިފައިވާ ބޮޑު ކުރިއެރުމަކީ ބޭންކުގެ މާލީ ދުޅަހެޔޮކަމާއި އެސެޓްތަކުގެ ފެންވަރު ރަނގަޅުކަމުގެ ހެއްކެކެވެ. މި ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 879 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 631 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 27 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.
އާމްދަނީ އިތުރުވުމާއި ހިންގުމުގެ ހަރުދަނާކަން
ބީއެމްއެލްގެ ޖުމްލަ އާމްދަނީ 1.24 ބިލިއަން ރުފިޔާއަށް އިތުރުވެފައިވަނީ، ލޯނާއި ފައިނޭންސިންގެ ފައިދާއިން ލިބުނު އާމްދަނީއާއި، ފީ އާއި ކޮމިޝަންގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާ ގުޅިގެންނެވެ. އެގޮތުން ލޯނާއި ފައިނޭންސިންގެ ފައިދާއިން އާމްދަނީގެ ގޮތުގައި 796 މިލިއަން ރުފިޔާ ލިބުނުއިރު، ފީ އާއި ކޮމިޝަނުން 332 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ބޭންކު ހިންގުމުގެ ޚަރަދުތައް ވަރަށް ބަލައިގެން މެނޭޖްކުރެވުމުގެ ސަބަބުން ހަރުދަނާ މިންގަނޑެއްގައި ހިފެހެއްޓި، އާމްދަނީއާ އަޅާބަލާއިރު ޚަރަދު ހުރި މިންވަރު (ކޮސްޓް-ޓު-އިންކަމް ރޭޝިއޯ) ވަނީ ކުރީ އަހަރުގެ 25 އިންސައްތައިން 24 އިންސައްތައަށް އިތުރަށް ރަނގަޅު ކުރެވިފައެވެ. މީގެ އިތުރުން އައި.އެފް.އާރް.އެސް9 ގެ މިންގަނޑުތަކާ އެއްގޮތަށް ލޯނުތަކަށް އުނިކުރެވޭ މިންވަރު (އީ.ސީ.އެލް) ވެސް ދަނީ ހަރުދަނާ ގޮތެއްގައި ކަނޑައެޅި ބެލެހެއްޓެމުންނެވެ.
މާލީ ތާރީޚީ ކުރިއެރުމެއް
ބޭންކުގެ ބެލެންސްޝީޓަށް ބަލާއިރު، މި ކުއާޓަރު ނިމުނުއިރު ޖުމްލަ އެސެޓް ވަނީ 60.6 ބިލިއަން ރުފިޔާއަށް އަރައިފައެވެ. މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު ގާތްގަނޑަކަށް 4.8 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިއީ ބޭންކުގެ ތާރީޚުގައި ޖުމްލަ އެސެޓް 60 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އެރި ފުރަތަމަ ފަހަރެވެ. ކަސްޓަމަރުން ޑިޕޮސިޓްކުރި ފައިސާގެ ޢަދަދު 40.7 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، މީގެ ތެރޭގައި ބޭރު ފައިސާގެ ޑިޕޮސިޓްތައް ބޮޑުދައުރެއް އަދާކުރެއެވެ. މީގެ އިތުރުން، އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނުގެ މިންވަރު އިތުރުވެ، ލޯނުގެ ޖުމްލަ ޢަދަދު ވަނީ 27.6 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
ބޭންކުގެ ރައުސްމާލުގެ ފުދުންތެރިކަންވެސް ވަނީ ވަރުގަދަ މިންވަރެއްގައި ހިފެހެއްޓިފައެވެ. މިއީ ބޭންކުގެ ދެމެހެއްޓެނިވިކަން ކަށަވަރުކޮށްދީ، ރެގިއުލޭޓަރީ މިންގަނޑުތަކަށް ފެތޭގޮތަށް ވިޔަފާރި އިތުރަށް ފުޅާކުރުމަށް ލިބޭ ބޮޑު ބާރެކެވެ.
ބޭރު ފައިސާގެ އެހީތެރިކަމާއި ބޭނުންތައް އިތުރުވުން
ކާބޯތަކެއްޗާއި އަސާސީ ބޭނުންތަކަށް މުދާ ގެނައުމަށާއި އެހެން ވިޔަފާރި ބޭނުންތަކަށް، ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް މިއަހަރުގެ ފުރަތަމަ ކްއާޓަރުގައި 106.2 މިލިއަން ޑޮލަރު ބީއެމްއެލް އިން ވިއްކައިފައިވެއެވެ. މިއީ އެވްރެޖްކޮށް މަހަކަށް 35.4 މިލިއަން ޑޮލަރަށްވުރެ ބޮޑު ޢަދަދެކެވެ. އަދި މި ބޭނުމަށް މިދި ޔައަހަރު އެވްރެޖްކޮށް މަހަކަށް ވިއްކި 14.6 މިލިއަން ޑޮލަރާ އަޅާބަލާއިރު %142 އިތުރު ޢަދަދެކެވެ. މިގޮތުން މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި، ރާއްޖެއިން ބޭރަށް ފައިސާ ފޮނުވަން 32 ހާސް މުޢާމަލާތަށް ބޭރުފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
މި މުއްދަތުގެ ތެރޭގައި ރާއްޖެއިން ބޭރުން ޚިދުމަތް ހޯދުމަށާއި ތަކެތި ގަތުމަށް، ކްރެޑިޓް ކާޑާއި ޑެބިޓްކާޑު މެދުވެރިކޮށް ކުރެވުނު މުޢާމަލާތްތަކަށް 119.9 މިލިއަން ޑޮލަރު ވިއްކައިފައިވެއެވެ. މިއީ އެވްރެޖްކޮށް މަހަކަށް 40 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރު އެވްރެޖްކޮށް މަހަކަށް ވިއްކި ޢަދަދަށްވުރެ %23 އިތުރު ޢަދަދެކެވެ. މިހެންކަމުން މިއަހަރު ފުރަތަމަ ކްއާޓަރުގައި ވިޔަފާރިތަކަށާއި އާންމު ފަރުދުންނަށް ވިއްކައިފައިވާ ޑޮލަރުގެ ޢަދަދު 226 މިލިއަން ޑޮލަރަށް ވުރެ ގިނަކަން ފާހަގަކުރެވެއެވެ.
ބޭރު ފައިސާ ލިބޭ މިންވަރަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ފެބްރުއަރީ 28 އިން ފެށިގެން ފަތުރުވެރިންގެ ބުކިންތައް ކެންސަލްވުމާއި، ރާއްޖެ އަންނަ ފަތުރުވެރިން ހޭދަކުރާ މިންވަރު ދަށްވުމުގެ ސަބަބުން، ކްރެޑިޓްކާޑާއި ޑެބިޓްކާޑުގެ މުޢާމަލާތްތަކަށް ބޭރުން އަންނަ ފައިސާ (ނެޓް ކާޑު އިންފްލޯ) މި މަހުގެ މިހާތަނަށް ގާތްގަނޑަކަށް ތިންބައިކުޅައެއްބައި ދަށްވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. ހަމަ އެއާއެކު، މުދާ އެތެރެކުރުމަށާއި ބޭރުގެ ޚިދުމަތްތަކަށް ރާއްޖޭން ބޭރަށް ފޮނުވާ ފައިސާގެ މިންވަރު ވަނީ ދެގުނަ އިތުރުވެފައެވެ. މި ބަދަލުތަކަށް ބަލާއިރު، ރާއްޖެއިން ބޭރުން ބީއެމް.އެލް މެދުވެރިކޮށް އަންނަ ފައިސާއަށްވުރެ އެ ބޭންކު މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާ (ނެޓް އައުޓްފްލޯ) ވަރަށް ބޮޑުތަނުން އިތުރު ވެގެންދާނެއެވެ.
އިސްނަގައިގެން ކުރިއަށްގެންދާ މަސައްކަތްތައް
މިފަދަ ގޮންޖެހުންތަކާއެކުވެސް، ގައުމީ ބޭންކުން ދަނީ ބޭރު ފައިސާގެ މުއާމަލާތްތައް ހަރުދަނާކޮށް މެނޭޖްކުރަމުންނެވެ. އޭޕްރީލް މަހުގެ ފުރަތަމަ 15 ދުވަހު އެކަނިވެސް ކާބޯތަކެއްޗާއި މުހިންމު މުދާ އެތެރެކުރުމަށް، ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް 25 މިލިއަން ޑޮލަރަށްވުރެ ގިނައިން ބޭންކުން ވަނީ ބޭރުފައިސާ ވިއްކައިފައެވެ. މިއީ ފުރަތަމަ ކުއާޓަރުގެ އެވްރެޖަށްވުރެ މާމަތީ ޢަދަދެއްގެ އިތުރުން، ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދެގުނަ އިތުރު ޢަދަދެކެވެ. އަދި ހަމަ އެހެންމެ ކްރެޑިޓް ކާޑާއި، ޑެބިޓް ކާޑުތަކުގެ މުޢާމަލާތްތަކަށް ބޭރު ފައިސާ ވިއްކި ޢަދަދުވެސް ވަރަށް ބޮޑުތަން ވަނީ އިތުރުވެފައެވެ. އެގޮތުން އޭޕްރީލް މަހުގެ ފުރަތަމަ 15 ދުވަހު 22 މިލިއަން ޑޮލަރު ވަނީ ވިއްކައިފައެވެ. ރާއްޖެއިން ބޭރުން އަންނަ ފައިސާ މަދުވާ މިންވަރު އިތުރުވެގެން ދާނަމަ، ނިސްބަތުން އެއާ އެއްވަރަކަށް ބޭރުފައިސާ ވިއްކާ ޢަދަދަށް ވަގުތީ ގޮތުން އަޅަންޖެހިދާނެ ފިޔަވަޅެއް މެނުވީ، ބޭންކުން މަސައްކަތް ކުރާނީ މެދުނުކެނޑި ވިޔަފާރިތަކާއި އާންމު ފަރުދުންގެ މުހިންމު ބޭނުންތަކަށް ބޭރު ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
އިގްތިސާދީ މުހިންމު ދާއިރާތަކަށް އެހީތެރިވުން
މި ދަނޑިވަޅުގައި ބީ.އެމް.އެލް އިން ދަނީ ފަތުރުވެރިކަން، އިމާރާތްކުރުން، މަސްވެރިކަން އަދި އެހެނިހެން ސިނާއަތްތަކާ ގާތުން މަސައްކަތްކޮށް، އެ ދާއިރާތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ދެނެގަންނަމުންނެވެ. އަދި އެ ސިނާއަތްތައް ދެމެހެއްޓުމަށް ބޭނުންވާ ވިޔަފާރި ރައުސްމާލާއި މާލީ އެހީތެރިކަން ބޭންކުން ދަނީ ފޯރުކޮށްދެމުންނެވެ.
ލޯނު ދޫކުރުން އިތުރުވުން
މިއަހަރުގެ ފުރަތަމަ ކްއާޓަރުގައި މި ހުރިހާ ސިނާޢަތްތައް ހިމެނޭހެން ބޭންކުން މުޅިން އަލަށް 4.6 ބިލިއަން ރުފިޔާގެ ލޯން ދޫކޮށްފައިވެއެވެ. އަދި މީގެ އިތުރުން އޭޕްރީލް މަހުގެ ފުރަތަމަ 15 ދުވަހު ދޫކުރި 488 މިލިއަން ރުފިޔާގެ ލޯނާއެކު، މިއަހަރު ދޫކޮށްފައިވާ އާ ލޯނުގެ ޢަދަދު މިހާރު ވަނީ ފަސް ބިލިއަން ރުފިޔާއަށްވުރެ މަތިވެފައެވެ. މިއީ ހުސްވި އަހަރު، މުޅި އަހަރު ދޫކުރި އާ ލޯނުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އަދަދެކެވެ. މިއިން ހާމަވަނީ ރާއްޖޭގެ ވިޔަފާރިތަކާއި އިގްތިސާދީ ކުރިއެރުމަށް ބޭންކުން ދޭ އަހައްމިއްޔަތެވެ.
ޚިދުމަތުގެ ވިއުގަ އިތުރަށް ފުޅާކުރުން
މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ބޭންކުގެ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. މިގޮތުން ތ. ވިލުފުށި، އއ. ތޮއްޑޫ، ހދ. ހަނިމާދޫ، ލ. ހިތަދޫ، ސ. ހުޅުދޫ އަދި ހދ. ކުޅުދުއްފުށީގައި ބޭންކުގެ އައު ބްރާންޗުތައް ހުޅުވައި، ރާއްޖޭގެ 70 ރަށެއްގައި އަލަށް 90 އޭޓީއެމް ވަނީ ބަހައްޓައިފައެވެ. މި ޚިދުމަތްތައް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި 70 ރަށުގައި ބެހެއްޓި 90 އޭޓީއެމްގެ ޚިދުމަތް އެއްފަހަރާ ސިންކްރޮނައިޒްކޮށް ފަށައިފައެވެ. މި އައު އޭޓީއެމްތަކާއެކު، ބޭންކުގެ ވިއުގަ މިހާރު ވަނީ 253 ދިވެހި ރުފިޔާ އޭޓީއެމް އަދި 86 ޔޫއެސް ޑޮލަރު އޭޓީއެމްއަށް ފުޅާވެފައެވެ.
މާކެޓް ކެޕިޓަލައިޒޭޝަން އިތުރުވުން
ނިމިދިޔަ ކުއާޓަރުގެ ތެރޭގައި، ބޭންކް އޮފް މޯލްޑިވްސްގެ އެންމެ ފަހުން ބޭއްވުނު އަހަރީ އާންމު ޖަލްސާގައި ފާސްކުރި ބޯނަސް ހިއްސާ ދޫކުރުމާއި ހިއްސާ ބައިކުރުމުގެ (ޝެއަރ ސްޕްލިޓް) ނިންމުމާ ގުޅިގެން، ބޭންކުގެ މާކެޓް ކެޕިޓަލައިޒޭޝަން ވަނީ 7.8 ގުނަ އުފުލިފައެވެ. ކުންފުނީގެ މި ނިންމުންތަކާއެކު، އަހަރީ އާންމު ޖަލްސާގެ ކުރިން 3.6 ބިލިއަން ރުފިޔާގައި ހުރި މާކެޓް ކެޕިޓަލައިޒޭޝަން، މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ނިޔަލަށް ވަނީ 28.2 ބިލިއަން ރުފިޔާއަށް އަރައިފައެވެ.
2026 ވަނަ އަހަރުވެސް ބޭންކުގެ ކުރިއެރުން ވަނީ ދެމެހެއްޓިފަ
ޖުމްލަ ގޮތެއްގައި، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭންކުން ދައްކާފައިވަނީ މާލީ ގޮތުން ވަރުގަދަ، އަދި ދެމެހެއްޓެނިވި ފައިދާއެއް ހޯދަމުން އަންނަ ކަމުގެ ފުރިހަމަ ނަތީޖާއެކެވެ.



advertisment

