ޢަދުލާ ނުލައި ސުޕަރޕަވަރަކަސް ހައިބަތުމަތީ ދެމިނޯވެޔޭ
ބަދުނާމު އެޅި ބަލިކަށިވެގެން ގަދަ ބާރުތައް ނިކަމެތިވެޔޭ
އިންސާފަކީ ނެތް އެއްޗަކަށް ހަދަޔޭ އެނގޭއިރު ޙައްޤުގޮތް
އިންފާރަކަށްވެސް ޙުރުމަތެއް އަނެކުންގެ ނަމަ ނުބަހައްޓަޔޭ
ދުނިޔޭގެ އިހުއޮތް ބާރުތައް ނެތިދިޔަ ގޮތާ ސަބަބާ ބަލައި
އުނިކަން ލިބޭ ކަންތައްތަކާ ފޭވާ ވެރީންނެއް ނޫޅެޔޭ
ރޯމަނުގެ ބިޔަ ބޮޑު ރަސްކަމާ އަދި ފާރިސީ ބިޔަ ރަސްކަމާ
ރޯމަރު ދޮގެއްނެތް ފޮތްފޮތުން ނެތިދިޔަ ސަބަބު ފެންނާނެޔޭ
ޔޫރަޕޫގެ ގަދަފަދަ ހެޓިލަރާ އެއުރެންގެ މޮޅު އެ ނަޕޯލިޔަން
ސޫރަވިގޮތާ ނިމިދިޔަ ގޮތުގެ ޢިބުރަތް ވެރީންނެއް ނުބަލަޔޭ
ވެރިކަމުގެ ޖާހާ ހައިބަތާ ފެނުމުން އޮޅޭތީ ދާންވި މަގު
ހެރިޔެއް ބޭނުން ނެރުނެރުން ވަދެ ނުކުމެވާކަށް ނުކުރެޔޭ
މާޒީގެ ހިރަފުސް ތަކުތެރޭ ކަރުދާސް ފޮތެއްގައި ލިޔެވިފައި
ޣާޒީންގެ ޝަރަފުގެ ވެރިޔަކަސް އޮންނާނެކަން ނުމެވިސްނަޔޭ
