ހަމަނިދި ނިދާފައި ތެދުވެގެން ފަތިހަށް ނުކުތް ދިވެހީން ކޮބާ؟
ހަމަލަމަ ތަކެއް މުޖްތަމަޢުގައި ހިފެހެއްޓި ހެޔޮ ދިވެހީން ކޮބާ؟
އެތަކެއް ގަރުނު އެކުވެރިކަމާ އެއްފިކުރުގައި ގުޅިގެން ނުހަނު
ގެތަކެއް ނެތަސް ގިނަކޮޓަރިލީ، އުފަލުން އުޅުނު ދިވެހީން ކޮބާ؟
ބޮޑުއަށްޓަކާ ކުޑައަށްޓަކާ އަދި އެތެރެގޭ ދެ އެނދުން ފުދޭ
ބޮޑު ޢާއިލާތައް އެއްގެޔަކު ގުޅިގެން އުޅުނު ދިވެހީން ކޮބާ؟
ކަށިކެޔޮ ހޮޅުން ގޭ މުޑިޖަހައި "ކޮޅުފަން" ފުރާޅުން ކޮށްހިޔާ
އަށި، އެނދު، މަތީ "ކަށިކެޔޮތޮށަލި" އެޅުމަށް ރުހުނު ދިވެހީން ކޮބާ؟
ފެނުކެއްކި ބަނބުކޭލާ ދެތިން ކަޅުއޮށުގެ މަދު ގަރުދިޔަފޮދާ
ފެނުމުން އުފަލުގައި ޙަމްދުކޮށް ރުހިގެން އެ ކެއި ދިވެހީން ކޮބާ؟
ސިފައިންގެ ފައުޖެއް އަދި ޕޮލިސް ފޯހެއް ވިޔަސް މެދުވެރިނުކޮށް
ހިފަހައްޓަމުން އައި މަޞްލަޙަތު ނެގެހެއްޓި މޮޅު ދިވެހީން ކޮބާ؟
އަވަށާ ރަށުގެ ކަންކަން ނުކުމެ އަގަކާނުލައި ކޮށްދީ އުޅުނު
ޅަފުރާ ޒުވާނުންނާ ދޮށީ ޢުމުރުގެ އެ ހެޔޮ ދިވެހީން ކޮބާ؟
