އީރާނަށް އެމެރިކާ-އިސްރާއީލުގެ ގުޅުމުން ދެމުންދާ ހަމަލާތަކުގައި އެމެރިކާއިން ހައްދުފަހަނަޅާ ވަރަށް މަސްނޫއީ ވިސްނުން ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ޓެކްނޮލޮޖީ ބޭނުންކުރާތީ ޗައިނާއިން ނުރުހުން ފާޅުކޮށްފިއެވެ.
ޓެކްނޮލޮޖީގެ ގޮތުން އާދަޔާހިލާފަށް ބޮޑަށް ކުރިއަރައިފައިވާ ޗައިނާއިން އިއްޔެ އީރާން ހަނގުރާމައަށް ނިސްބަތްކޮށް ބުނީ އެއްވެސް ގައުމެއްގެ އަސްކަރިއްޔާއިން އެހެން ގައުމެއްގެ ސިޔާދަތަށް ހަމަލާދޭން ހައްދެއް ނެތި އޭ.އައި ބޭނުންކުރުމަކީ ގޯހެއް ކަމަށެވެ.
"ހަޔާތާއި މަރަކީ އަލްގޮރިތަމްތަކެއްގެ ބާރުގެ ދަށަށް ދޫކޮށްލެވޭ ކަމަކަށްވެއްޖެނަމަ އެ ކަމުގެ ސަބަބުން ހަމައެކަނި ސުލޫކީ މިންގަނޑުތައް ނައްތައިލައި، ހަނގުރާމަތަކުގައ ޒިންމާ ނެގުމުން ރެކުމުގެ ބާރު ގައުމަކަށް ދެވެނީކީ ނޫން. ނަމަވެސް އެއީ ޓެކްނޮލޮޖީ އިންސާނުންގެ ބާރުގެ ދަށުން ނެއްޓިގެން ހިނގައިދާނެ ކަމެއް،" ޗައިނާގެ ދިފާއީ ވުޒާރާގެ ތަރުޖަމާނު ޖިއަންގް ބިން ބުންޏެވެ.
އޭ.އައި ބޭނުންކުރުން ޓްރެންޑަކަށް ވެއްޖެނަމަ ހޮލީވުޑް ފިލްމް "ދަ ޓާމިނޭޓާ"ގައި ދައްކައިދޭ ކަހަލަ ކަންތައްތަކެއް ހިނގުން މެދުވެރިވެދާނެ ކަމަށް ވެސް ބިން ބުންޏެވެ. އެ ފިލްމްގައި ދައްކުވައިދެނީ އަމިއްލަ ވިސްނުމެއް ލިބޭ ހިސާބުން އޭ.އައި ޕްރޮގްރާމެއް، ނިއުކްލިއަ ހަނގުރާމައެއް ހަގީގަތަކަށް ގެންނަންކުރާ މަސައްކަތެވެ.
ވަރަށް ބޮޑަށް ތަރައްގީކޮށްފައިވާ އޭ.އައި އާލާތްތައް އީރާން ހަނގުރައިމައިގައި ބޭނުންކުރަމުންދާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން އިއްޔެ ބުންޏެވެ. މި ކަން އެމެރިކާއިން ހާމަކުރީ އީރާނަށް އެމެރިކާ-އިސްރާއީލުގެ ގުޅުމުން ދެމުންދާ ހަމަލާތަކުގައި އާއްމުން މަރުވަމުންދާ އަދަދު އިތުރުވަމުންދާތީ އެތައް ފަރާތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.
އެތައް ބާވަތެއްގެ އޭ.އައި އާލާތްތައް ބޭނުންކުރަމުންދާއިރު އެ ޓެކްނޮލޮޖީން މައުލޫމާތުގެ ބޭނުންހިފަން ފަސޭހަކޮށްދޭ ކަމަށް އެމެރިކާގެ ކަނޑުގެ ސިފައިންގެ ތެރޭގައި އެޑްމިރަލްގެ މަގާމުގައި ހުރި ބްރެޑް ކޫޕާ (ފޮޓޯ) ބުންޏެވެ.
"ނަމަވެސް އެ މައުލޫމާތުތައް އޭ.އައިއިން ދިރާސާކޮށްފައި އާހިރު ނިންމުންތައް ނިންމަނީ އިންސާނުން،" އޭނާ ބުންޏެވެ.
ކޫޕާއަކީ ދެކުނު އޭޝިއާ، މެދުތެރޭ އޭޝިއާ އަދި މެދުއިރުމަތީގެ 20 ގައުމެއްގެ ކަނޑުތަކާއި އެ ގައުމުތަކުގައި ހުރި އެމެރިކާގެ އެސެޓްތައް ހިމާޔަތްކުރާ ޔޫ.އެސް ސެންޓްރަލް ކޮމާންޑް ނުވަތަ ކުރުކޮށް ސެންޓްކޮމް ކިޔާ އިދާރާގެ ވެރިޔާއެވެ. އޭނާ ބުނީ އެތައް "އަގުހުރި" މައުލޫމާތެއްގެ ބޭނުންހިފާނީ ކޮން ގޮތަކަށްކަން ދޭހަކޮށްދިނުމަށް އޭ.އައިއިން އެމެރިކާގެ ސިފައިންނަށް "އެހީވެދޭ" ކަމަށެވެ.
"ވަރަށް ގިނަ މައުލޫމާތު ސިކުންތުކޮޅެއްގެ ތެރޭގައި އޭ.އައިއިން ދިރާސާކޮށްލެވޭ. މި ކަމުގެ ސަބަބުން ދުޝްމިނަށް ކަމެއް ނުކުރެވޭހާ އަވަހަށް އަހަރެމެންގެ ލީޑަރުންނަށް ވިސްނުންތެރި ނިންމުންތައް ނިންމޭ،" ކޫޕާ ބުންޏެވެ.
ނަމަވެސް ހަމަލާދޭނެ ތަނަކާއި ހަމަލާނުދޭނެ ތަނަކާއި އަދި ހަމަލާދޭނެ ވަގުތު ނިންމަނީ އާހިރުގައި އިންސާނުން ކަމަށް އޭނާ ބުންޏެވެ.
ބައެއް ފަހަރު އެތައް ގަޑިއިރާއި އަދި އެތައް ދުވަހެއް ވެސް މީގެ ކުރިން މައުލޫމާތު ދިރާސާކުރުމަށް ހޭދަވާއިރު ވަރަށް ބޮޑަށް ތަރައްގީކުރެވިފައިވާ އޭ.އައި އާލާތްތަކުގެ ބޭނުންހިފައިގެން ގިނަ މައުލޫމާތު މިހާރު ސިކުންތުކޮޅެއްގެ ތެރޭގައި ދިރާސާކޮށްލެވޭ ކަމަށް ކޫޕާ ބުންޏެވެ.
އޭނާ މި ގޮތަށް ހާމަކުރިކުރުން މި ދިމާވީ އީރާންގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ މިނާބުގައި ހުރި ޕްރިސްކޫލެއް ކަމަށްވާ ޝަޖަރާ ތޮއްޔިބާއަށް އެމެރިކާ-އިސްރާއީލުގެ ގުޅުމުން ބޮންއެޅުމުން ތުއްތުކުދިން ހިމެނޭ ގޮތަށް 170 މީހުން މަރުވި ހާދިސާ މިނިވަންކޮށް ތަހުގީގުކުރުމަށް އެތައް ފަރާތްތަކުން ގޮވައިލަމުންދާ ދަނޑިވަޅެއްގައެވެ. އދ.ގެ ކުޑަކުދިންނާ ބެހޭ ޖަމިއްޔާ ޔުނިސެފާއި އދ.ގެ ތަރިކަތައް ރައްކާތެރިކުރާ ޖަމިއްޔާ ޔުނެސްކޯއިން ވަނީ އެ ހަމަލާ ކުށްވެރިކޮށްފައެވެ.
އެމެރިކާގެ އަސްކަރިއްޔާގެ ބޭނުމަށް ޓެކްނޮލޮޖީގެ ގިނަ އާލާތްތައް ބޭނުންކުރައްވަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަސައްކަތްކުރައްވައެވެ.
ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ-އިސްރާއީލުގެ ގުޅުމުން އީރާނަށް ދޭން ފެށި ހަމަލާތަކުގައި އީރާނުން މިހާތަނަށް މަދުވެގެން 1،300 މީހުން ޝަހީދުވެފައިވެއެވެ.
އީރާންގެ ރެޑް ކްރެސެންޓުން އިއްޔެ ބުނީ އެމެރިކާ-އިސްރާއީލުގެ ގުޅުމުން އަދިވެސް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް އާއްމުންގެ ގާތްގަނޑަކަށް 20،000 އިމާރާތާއި ސިއްހީ ހިދުމަތް ދޭ 77 ތަން ސުންނާފަތިކޮށްލައިފައިވާ ކަމަށެވެ.
މީގެ އިތުރުން އީރާންގައި ތެޔޮ ރައްކާކުރާ މައިގަނޑު ހަތަރު ތަނަކާއި ގިނަ އަދަދެއްގެ މަގުމަތީ ބާޒާރާއި ކުޅިވަރު ކުޅޭ ތަންތަނާއި ސްކޫލްތަކަކާއި އަދި ލޮނު ފެނަށް ހަދާ ޕްލާންޓެއް ވެސް ވަނީ އެމެރިކާ-އިސްރާއީލުގެ ގުޅުމުން ދެމުންދާ ހަމަލާތަކުގައި ސުންނާފަތިކޮށްލައިފައެވެ.
ޣައްޒާ ހަނގުރައިމައިގައި ފަލަސްތީން ނަސްލު ނައްތައިލަން އިސްރާއީލުން ހިންގާ ހަނގުރައިމައިގެ ޖަރީމާތަކުގައި އޭ.އައިގެ ބޭނުންހިފާކަން ވަނީ ކަށަވަރުކުރެވިފައެވެ. އޮކްޓޫބަރު 2023 ގައި ފެށި ޣައްޒާ ހަނގުރައިމައިގައި މިހާތަނަށް 72،000 ފަލަސްތީން ރައްޔިތުން ޝަހީދުވެފައިވާއިރު ޣައްޒާގެ ބޮޑު ބައެއް އިސްރާއީލުން ވަނީ ބިމާހަމަށްލައިފައެވެ.



advertisment