ޓެކްނޮލޮޖީގެ ގޮތުން ކުރިއަރައިފައިވާ ޗައިނާގައި 2020 ގެ މޭ މަހު ވަނީ އާދަޔާހިލާފު ކަމެއް ކޮށްފައެވެ. ގްރެޖުއޭޓްވި ދަރިވަރުންގެ ބަދަލުގައި ދަސްވެނިވުމުގެ ސެޓްފިކެޓް ބަލާ ރޮބޮޓްތަކެއް ފޮނުވުމެވެ.
ޕޯސްޓާއި ޓެލެކޮމިއުނިކޭޝަނާ ބެހޭ ނޭންޖިންގްގައި ހުންނަ ޔުނިވާސިޓީ ނުވަތަ ނޭންޖިންގް ޔުނިވާސިޓީ އޮފް ޕޯސްޓްސް އެންޑް ޓެލެކޮމިއުނިކޭޝަންސް (އެން.ޔޫ.ޕީ.ޓީ)އިން ބޭއްވި ދަސްވެނިވުމުގެ ހަފުލާ ދުނިޔޭގެ ސަމާލުކަމަށް އައެވެ.
ރޮބޮޓްތަކަކީ "ސްޕެޝަލައިޒްޑް ޓެލެޕްރެސެންސް ރޮބޮޓް"ތަކެކެވެ. މިއީ ހަމައެކަނި ވީޑިއޯ ކޯލްކުރެވޭ ރޮބޮޓްތަކެއް ނޫނެވެ. ނަމަވެސް ސިއްހީ، ތައުލީމީ އަދި ވިޔަފާރީގެ ދާއިރާގައި ރިމޯޓް ކޮންޓްރޯލުން ތަންތަނަށް ގޮސް ހިދުމަތް ދޭ ރޮބޮޓްތަކެކެވެ.
މި ބާވަތުގެ ރޮބޮޓްތަކުން ބަލިމީހުންގެ ހާލަތު މޮނިޓާކުރެއެވެ. އަދި އޯޓިޒަމް ފަދަ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް، ހިލޭ، ހާއްސަ ތައުލީމު ފޯރުކޮށްދިނުމުގެ މަސައްކަތްތަކުގައި އެހީވެދެއެވެ.
މީގެ އިތުރުން މި ބާވަތުގެ ރޮބޮޓްތަކަކީ ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި އޮފީސްތަކުގައި، ހިނގާބިނގާވެ އުޅުމުގެ ނުކުޅެދުންތެރިކަމާއި އެހެނިހެން ވެސް ސިއްހީ ގޮންޖެހުންތައް ހުންނަ މީހުންނަށް ހާއްސަ އެހީ ފޯރުކޮށްދޭ ރޮބޮޓްތަކެކެވެ.
އެ ޔުނިވާސިޓީގެ ކޮމްޕިއުޓަރު ސައިންސާ ބެހޭ ޑިޕާޓްމަންޓުން ޑިގްރީ ސެޓްފިކެޓްތައް ބަލައި ފޮނުވީ ރޮބޮޓްގެ ބޮލުގައި މޫނުގެ ގޮތުގައިވާ ސްކްރީނެއްގައި ދަރިވަރުގެ މޫނު ލައިވްކޮށް ފެންނަން ހުންނަ ގޮތަށެވެ.
ޔުނިވާސިޓީގެ ރައީސް ޕްރޮފެސަރު ޔޭ މައިލަން ކޮންމެ ރޮބޮޓެއްގެ އަތުގައި ހިފައި ސަލާންކުރިއެވެ. އަދި ރޮބޮޓްގެ ކޮނޑުގައި އަޅައިފައި ހުރި ދަބަހަކަށް ޑިގްރީ ސެޓްފިކެޓް ލައިދިނެވެ.
ނޭންޖިންގް ޔުނިވާސިޓީން ބުނީ ދަސްވެނިވުމުގެ ހަފުލާ މި ގޮތަށް ބޭއްވީ އެ ތަނުގައި ނެތް މީހުންނަށް ވެސް ހާއްސަކަމެއް އިހްސާސް ކޮށްދިނުމަށް ކަމަށެވެ.
ޔުނިވާސިޓީން ބުނީ އެ ތަނަކީ އިންފޮމޭޝަން ޓެކްނޮލޮޖީ (އައި.ޓީ) އުފަންކުރާ މުއައްސަސާއެއް ކަމަށެވެ.
"އަހަރެމެންގެ ދަރިވަރުންނަކީ ހަމައެކަނި މައުލޫމާތު ލިބިގަންނަ ބައެއް ނޫން. ނަމަވެސް ޓެކްނޮލޮޖީގެ ގޮތުން ކުރިއަރައިފައިވާ ގައުމެއް ބިނާކުރާ ދަރިވަރުން. މީގެ އިތުރުން އަހަރެމެންގެ ދަރިވަރުންނަކީ ކަންތައްތައް ހޯދައިގަތުމުގެ ރޫހު ދަމަހައްޓައި، ދުނިޔޭގެ ޒިންމާތައް ހިތްވަރާއެކު ކޮނޑުގައި އަޅައިގެން އުޅޭ ދަރިވަރުން،" ޔުނިވާސިޓީން ބުންޏެވެ.
ނޭންޖިންގް ޔުނިވާސިޓީން އިތުރަށް ބުނީ ޓެލެޕްރެސެންސް ރޮބޮޓްތައް ދަސްވެނިވި ހަފުލާގައި ބޭނުންކުރީ ދަރިވަރުންނަށް "ވަރަށް އުފާވެރި، މަޖާ ތަސައްލީއެއް ލިއްބައިދީ އަދި ރީތި ހަނދާންތަކެއް" ގެނުވަން ކަމަށެވެ.



advertisment