އިސްވެދިޔަ ފުރަތަމަ ދިހައިގައި އުނިވިނަމަ ހެޔޮ ޢަމަލަކުން
އިސްކަމެއް ދޭށިޔެ އެކަން ތަކުރާރު ނުކުރަން ފަށްފަށުން
އަހަރަކުން އެއްފަހަރު ބައްދަލުވާ މިމަތިވެރި މައްސަރަށް
އަހަރުމެން ޣާފިލުވެ ތިބެގެން ނުނިދަމާ ގަދަ ނިންޖަކުން
ބޯމަތީން ކެހިގެން ވިލާގަނޑު ދާގޮތަށް ނުދަނީސް ފިލާ
ލޯމަތީން ނުލަނީސް އޮބާ، ހުއްޓާ ނުލާށިޔެ ފެންނެގުން
ހެއްލިގެން ދުނިޔޭގެ ދަޅަޔަށް ބަޔަކު އުޅުނަސް ފަހެ، ތިމާ
ގެއްލިގެން އެމަގުން ނުގޮސް އެދިގެން އުޅެންވީ ދިންނެވުން
ކޮންމެ ހެޔޮ ޢަމަލެއް އެތައް ގުނަޔަށް އިތުރުވާ އިތުރުވުން
ކޮށްހަނދާން އެކަމަށްޓަަކައި ހިއްވަރު ކުރާށިޔެ ހެޔޮހިތުން
ވަގުތު ފާއިތުވާފަހުން ސަހަރޯ ހިތަށް ވެރިވާހިނދުން
ނަގުދު ހުއްޓަސް ދިންނެވުން ނެތްކަން ލިބެން އެނގިދޭ ފަހުން
