Support Us

ކޮލަމް: ހަވާސް

ދޮގަކަށްފަހު ދޮގެކެވެ.

އެކުވެރި ގްރޫޕަކާއެކު ވާވު އަތޮޅަށް އިމްތިޔާޒު މަހަށް ދާންޖެހިއްޖެއެވެ. އެކަމަކު ބުރާސްފަތި ދުވަހު އޮފީހަށް ނުކުންނަންޖެހެއެވެ. އެހެންވެ ބަލިވެއޭ ކިޔައި ސަލާމް ބުނެފައި އޮފީސް ކަޓުވާލީއެވެ. އެމް.ސީ ހުށަނާޅައި އަހަރަކު 30 ދުވަހު ސަލާމް ބުނެވޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނުގައި އޮތް އޮތުން މިހާރު ވަނީ 15 ދުވަހަށް މަދުކޮށްފައެވެ. އެހެންކަމުން، އިމްތިޔާޒު އާދިއްތަ ދުވަހު އޮފީހަށް ދިޔައީ ކޮންމެވެސް ތަނަކުން މެޑިކަލް ސެޓްފިކެޓެއް ހޯދައިގެންނެވެ.
ރާއްޖޭގައި ބައެއް ގާނޫނުތަކާއި ބައެއް ގަވާއިދުތައް މިހަދަނީ އޭގެ ސަބަބުން ދޮގުހަދައި ވައްކަންކުރަން ރައްޔިތުންނަށް މަޖުބޫރުވާ ގޮތަށެވެ. އޭގެ އެއް މިސާލަކީ އޮފީހަށް ސަލާމް ބުނުމުން މެޑިކަލް ސެޓްފިކެޓް ނުވަތަ އެމް.ސީ ހުށަހަޅަން މަޖުބޫރުވުމެވެ.
އޮފީހަށް ހާޒިރުނުވެވޭ ކޮންމެ ދުވަހަކީ ސިއްހީ ސަބަބަކާ ހެދި ހާޒިރުނުވެވޭ ދުވަހަކަށް ނުވެދާނެއެވެ. ޒަރޫރީ، ކުޅިވަރު، މިހެން ގޮސް ކިތަންމެ ކަމެކެވެ. އެހެންވެ އެމް.ސީ ހުށަހަޅަންނުޖެހޭ 15 ދުވަސް އިސާހިތަކު ހުސްވެދާނެއެވެ. އެ 15 ދުވަސް ހަމަވުމުން އެމް.ސީއެއް ހުށަހަޅަން ޖެހޭތީ ޑޮކްޓަރު ކައިރިއަށް ދަނީއެވެ. ފުރަތަމަ ދޮގު ހަދަނީ ތިމާއެވެ.
އެ ހަދަނީ ދޮގެއް ކަމާއި މިއީ ބަލިވެގެން އުޅޭ މީހެއް ނޫންކަން ޑޮކްޓަރަށް ވެސް އެނގި ކަށަވަރުވެއެވެ. އެހެން ނަމަވެސް އެމް.ސީއެއް ދޭންޖެހެއެވެ. އެހެންވެ އެއްވެސް ބައްޔެއް ނުޖެހޭ މީހަކަށް ބައްޔެއް ޖެހުނު ކަމަށް ނިންމައި، ސޮއިކޮށް، ތައްގަނޑު ޖަހަން ޑޮކްޓަރަށް މަޖުބޫރުވެއެވެ. އަނެއްކާ މާ ބޮޑު ބައްޔެއް ނޫނެވެ. އެންމެ ދުވަހަކުން ދެ ދުވަހަކުން ރަނގަޅުވާ ކަހަލަ ކުދި ބަލިތަކެވެ. އެންމެ ގިނަވާނީ "ވައިރަލް ފީވަރ" ކަހަލަ އާންމު ބަލިތަކެވެ. ދެވަނަ ދޮގު ހެދީ ޑޮކްޓަރެވެ. މެޑިކަލް އެތިކްސްގެ ހަމަތަކާއި މިންގަނޑުތަކާ ވެސް ހިލާފުވާން މަޖުބޫރުވީއެވެ.
އޮފީހަށް ސަލާމް ބުނުން ހަމަވެފައި ވާނަމަ، ދެން އެމް.ސީ ހައްދަންޖެހޭނީ އާއިލީ ޒިންމާގެ ނަމުގައެވެ. ދަރިފުޅު ބަލިވެގެން ކަމަށް ބުނެއެެވެ. ހެޔޮ ހާލުގައި ހުރި ދަރިފުޅު ވެސް "ބަލިކޮށްލަން" މަޖުބޫރުވީއެވެ.
ސަރުކާރުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުން އެއްވެސް ފީއެއް ނުނަގައި އެމް.ސީ ދޫކުރެއެވެ. އެކަމަކު އަމިއްލަ ބައެއް ކްލިނިކްތަކުން އެމް.ސީ ހައްދަން ވަކި ވަރެއް ދޭންޖެހެއެވެ. އަދި "ބަލިމީހާ" ނުފެނުނަސް، ފަސް ސަތޭކަ ރުފިޔާ ދިނުމުން އެމް.ސީ ލިޔެދޭ "ޚާއްސަ ޑޮކްޓަރުން" ވެސް އުޅެއެވެ. އަދި ސިއްހީ މަރުކަޒެއްގައި ގާތްތިމާގެ މީހަކު އުޅޭ ނަމަވެސް ވަރަށް ފަސޭހައިން އެމް.ސީ ލިބެއެވެ.
އޮފީހަށް ގޮސް ކަމާބެހޭ ސެކްޝަނާ އެމް.ސީ ހަވާލު ކުރެއެވެ. މިއީ ބަލިވެގެން ހަދާފައި އޮތް އެއްޗެއް ނޫންކަން އޮފީހަށް ވެސް އެނގެއެވެ. އެކަމަކު، ގަވައިދުތައް ބުނާގޮތުން، އޮފީހުން ވެސް އެ އެމް.ސީ ބަލައިގަންނަން މަޖުބޫރުވެއެވެ. މުސާރަ ދެވޭނީ އެ އެމް.ސީ ހުށަހެޅުމުން ކަމަށްވާތީއެވެ. ތިން ވަނަ ދޮގު ހެދީ އޮފީހުންނެވެ.
ދޮގަކަށްފަހު ދޮގެކެވެ. މުޅިން ވެސް މަޖުބޫރީ ހާލަތެވެ. އެކަމަކު ސުވާލަކީ މި ނޫން އެހެން ގޮތެއް އިމްތިޔާޒަށް ވެސް އެބައޮތްތޯއެވެ؟