Support Us

ޓުރޯޖަން އަސް

ބައެއް މީހުން ވެއޭ ބޭނުން އެ މީހުން ދުނިޔެއަށް ވެރިވާން
ބައެއްގެ ވަޒަން ނުދީފިއްޔާ އެހެން ގޮތަކުން ވިއަސް އަތުލާން

ކުރީގެ ފުރޭފުތައް ބެލުމުން ފެނޭ ހަނގުރާމަތައް ކުރިހައި
ކުރާ ހަނގުރާމައާ އެކު، ހެދި މަކަރުތައް ތަންތަނަށް ވެރިވާން

ހަނގާކޮށްގެން ނުހިފުނީމާ ޓުރޯޖަން އަސް ހަދައިގެން ވެސް
އަނގައިގެ ތެރަށް ލައޭ ތަންތަން ހަފައި ޗިސްކޮށްލަމުން ދިރުވާން

ޓުރޯޖަން އަސް އެއީ ޔޫނާނު މީހުން ހެދި އަހެއް ބިޔަބިޔަ
ޓުރޯއީ ނުހިފި ދިގުލީ ގިނަ އަހަރުތައް ނިމުމަކަށް ގެންނާން

ވެގެން ދިހަ އަހަރު ދިޔަ އިރު ވެސް ދޮރޯށި ނުހުޅުވުނީމާ، ދެން
އެހެން މަކަރެއް ހެދީ އެ ރަށުގެ ދޮރޯށީން ތަންޑުތައް ނައްޓާން

ވަރަށް ބޮޑު ބިޔަ އަހެއް ލަކުޑީން ހަދައި، އޭގައި ބައަކު ތިބެފައި
ފުރަން ނިންމީ އެހެން މީހުން ދަލެއްގައި ދުސްމިނުން ޖައްސާން

ފުރައިފިއެ ދެން އެ މީހުން ބަލިވެގެން ދިއައީ ކަމަށް ހެދެމުން
ފުރީ ލަސްކަރު، އެ އަސް ރަށްބޭރުގައި ބާއްވައިފައޭ ދައްކާން

ޓުރޯއީ މީހުނަށް ފެނުމުން އެ ލަސްކަރު ދެރަވެގެން ދިއަ ތަން
ދޮރޯށީން ނުކުތުމުން ސިހުނީ އޮތީމާ ބޮޑު އަހެއް ފެންނާން

ބައެއް މީހުން ދުށީ އަންދައިލުމޭ އޮތް އެންމެ މޮޅު ގޮތަކަށް
ބައެއް މީހުން ބުނީ ފަތަހައިގެ ރަމްޒޭ! ވީ ރަށަށް ވައްދާން

އެ އަހުގައި ވައު ޖަހައިގެން ދެން ޓުރޯއީއަށް ދަމައި ވައްދައި
އެއަށް ފަހު ބޭއްވިއޭ ނަސްރުގެ ނިޝާން އެންމެން ފަޚުރުވެރިވާން

އެ ރޭ ގަތް އަނދިރިއާ އެކުގައި އަހުން ބޭރަށް ނުކުމެ އެވެރީން
ދޮރޯށީ ތަންޑު ނައްޓައިފައި އެ ހުޅުވައިލީ ދޮރޭ ވަންނާން

ފުރައިގެން ދިޔަ އެ ލަސްކަރު ނުމެ ދެއޭ ދުރަކަށް ޓުރޯއީއާ
އުރައިލައިގެން އަނދިރި، އެ އައީ ޓުރޯއީއަށް ވަގަށް ވަންނާން

ޓުރޯއީ ފަހުލަވާނުންނަށް ނިދީން ހޭލެވުނު އިރު ރަށުގައި
ނުރޯވާ އެއް ތަނެއް ވެސް ނެތް! ވަށައިގެން ފެންނަނީ އަލިފާން

ނުވިސްނައި ރަށުތެރަށް ވެއްދުނު ޓުރޯޖަން އަހުގެ ސަބަބުން، ރަށް
"ނުވެސް ނެތް ދެން ވުޖޫދެއްގައި" ޓުރޯއީއޭ ކިއައި ދައްކާން

ޒަމާން ފާއިތުވަމުން ދިއަކަސް އެ ފަދަ މީހުން ނުވޭ އުންޏެއް
ޒަމާނާ އެކު ބަދަލުވީ އަސް ހަދާ ފާޑޭ ތަނަށް ވައްދާން

ޒަމާނީ މޮޅު ޓުރޯޖަން އަސް އެއީ ލަކުޑީގެ "އުޅަނދެއް" ނޫން
ބަލާނީ ތަނުގެ ބައަކަށް ބާރު ހޯދައިދޭން، ދޮރުން ވަންނާން

"އަހެއް" ކަމުގައި ވެދާނެ ރަހެއް، ރައީސެއް، ބޮޑުވަޒީރެއް ވެސް
ފަހެއް ނުޖެހޭ "ޓުރޯޖަން އަސް" އަމިއްލަ ބިމަށް ޣަދަރުވެރި ވާން

ލިބޭ ހަމަ ކޮންމެ އިބުރަތަކުން ދަރެސް ހޯދާށެ އޭ ޝާހިދު!
ތިބޭންވީ ހޭއަރައިގެންނޭ ޓުރޯޖަން އަސް "އެތެރެނުކުރާން"

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *