"ކިންގް ސަލްމާން މަސްޖިދު މޯލްޑިވްސް"، މިހެން ލިއެފައި ގޫގަލް ކޮށްލުމުން އަރަނީ، މާލޭ، ބޮޑުތަކުރުފާނު މަގުގައި ހުންނަ، 10،000 މީހުންގެ ޖާގައިގެ، މިސްކިތެއް ކަމަށެވެ. މި މިސްކިތް ނިސްބަތްވަނީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު އަލް ސައުދުގެ ނަންފުޅަށް ކަމަށް ވެސް ގޫގަލްގައި ވެއެވެ. އަދި 2018 ވަނަ އަހަރު އިމާރާތް ކުރަން ފަށައި، 2022 ވަނަ އަހަރު ރަސްމީކޮށް ހުޅުވަން ހަމަޖެހިފައި އޮތް "ސަލްމާން" މިސްކިތް، އޭގެ ފަހުން ތިން އަހަރު ފާއިތުވީ އިރުވެސް ރަސްމީކޮށެއް ނުހުޅުވެއެވެ. މި މިސްކިތަކީ، ދުނިޔޭގެ އެންމެ މުއްސަނދި ރަސްގެފާނު ކަމުގައިވާ ސަލްމާން ރަސްގެފާނުގެ ނަންފުޅަށް ނިސްބަތްވާ މިސްކިތެއް ކަމުގައި ބުނެވުނަސް، މިއީ މުޅި ދިވެހި ރާއްޖޭގައިވެސް ރަސްމީކޮށް ނުހުޅުވައި ބޭނުންކުރާ ހަމައެކަނި މިސްކިތެވެ. މި މިސްކިތުގެ ނަން ބޯޑު ޖަހަން ހަދައިފައި ހުރި ވަރުގަދަ ދެ ތަނބު ފެންނަނީ ހުހަށެވެ. މިއީ ނަންބޯޑެއް ނުޖަހައި ރާއްޖޭގައި ހިންގާ ހަމައެކަނި މިސްކިތެވެ.
އެކަަމަކު މި މިސްކިތުގައި ކުރިން ނަން ބޯޑެއް ހަރުކުރިއެވެ. "މަސްޖިދު މަލިކު ސަލްމާން" ޖަހައިފައި ނަންބޯޑު ހަރުކުރި ފޮޓޯތައް އަޅުގަނޑު އޭރު ދުށީމެވެ. އެކަމަކު ރަސްމީކޮށް ނުހުޅުވާތީ އެ ނަންބޯޑު ހުރީ ސަތަރި އަޅައި ފޮރުވައިފައެވެ. ފެބްރުވަރީ 2023 ގައި ނަގައިފައިވާ، ތިރީގައި މިވާ ފޮޓޯގައި ވެސް ސަތަރި އެޅި ނަން ބޯޑު އެހެރީ ފެންނާށެވެ.
އެ ނަންބޯޑު ނަގައި ފޮރުވީ ކޮން އިރަކު، ކާކު ކަމެއް ނޭނގެއެވެ.

ނަން ބޯޑެއް ނެތަސް، އަދި ރަސްމީކޮށް ނުހުޅުވިއަސް، "ސަލްމާން" މިސްކިތުގައި ވަރުވަރުގެ އިމާމުންތައް ތިއްބަވައެވެ. ބައެއް އިމާމުން ތިއްބަވަނީ މިނިސްޓަރުގެ ނައިބުންގެ ފެންވަރުގައެވެ. ޖުއްބާ ތުރުކުރައްވައި، ފަގުޑި އަޅުއްވައިގެން، މި ދެންނެވި އިމާމުން، މިސްކިތުގެ ރަސްމީ ކޮޓަރިކޮޅުން ނިކުމެވަޑައިގަންނަވަނީ މުދިމް ބަންގި ގޮވައި، ސުންނަތްކޮށް ނިމުމުން ސީދާ ޖަމާއަތަށެވެ! މައުމޫމުންނާ އެކުގައި ސުންނަތް ކުރެއްވުން މި ދެންނެވި އިމާމުންނަށް ދެރަވަރު ކަމަކަށް ވާތީ ކަމަށް ވެސް ވެދާނެއެވެ! ޖަމާއަތުގެ ނަމާދު ނިމުމާއެކު މިދެންނެވި އިމާމުން ފައްޗަކަށް ކޮޓަރިކޮޅަށް ވަދެވަޑައިގަންނަވައެވެ.

މިސްކިތް ކިތަންމެ ބޮޑަސް، ކޮންމެ މިސްކިތެއްގައި ވެސް ކުރާނީ އާންމުކޮށް ހަމަ ފަސް ނަމާދެވެ. އެހެންކަމުން އެންމެ މިސްކިތަކަށް ހަތަރުފަސް އިމާމުންނާއި މުދިމުން ބޭނުންވާ ސަބަބެއް ނުވިސްނެއެވެ. މުސައްލަ އަޅަން އިމާމެއް، އިމާމު މިހުރާބުގޭގެ ފަންކާ ނިއްވަން އިމާމެއް، ބަންގި ގޮވަން އިމާމެއް، ޖަމާއަތުގައި ނަމާދު ކުރަން އިމާމެއް، މިހެން ގޮސް ކޮންމެ ކަމަކަށް ވަކި އިމާމެކެވެ.
އެހާ ގިނަ އިމާމުން ތިއްބަވާއިރު ކޮންމެ ދުވަހަކު، ކޮންމެވެސް އެއް ގަޑިއެއްގައި ދަރުސެއް ދެއްވާނަމަ ރަނގަޅެވެ. ނުވަތަ، މިސްކިތުގެ ނަމާދު ކުރާ ފްލޯގައި، ހިލޭ ކިޔަވައިދޭ ޤުރުއާން ކިލާހެއް ހިންގާލާ ނަމަވެސް ރަނގަޅެވެ. އެންމެ ފަސް ނަމާދު ކޮށްލަން ހަމަ އެހާ ގިނަ އިމާމުން ބޭނުންވޭ ބާވައެވެ؟
"ސަލްމާން" މިސްކިތުގައި ކިތައްމެ އިމާމުން ގިނަވިއަސް، މިސްކިތް ބަލަހައްޓަން މާގިނަ މުވައްޒަފުންނެއް ނުތިބެއެވެ. އެއޮއް ބޮޑު މިސްކިތުގައި ރޭގަނޑު އިންނަނީ އެންމެ ވޮޗަރެކެވެ. ރޭގަނޑު 8:30 ގައި މިސްކިތް ބަންދު ކުރެއެވެ. މާލޭގެ އެހާ މީހުން ގިނަ ސަރަހައްދެއްގައި ހުންނަ އެންމެ ބޮޑު މިސްކިތް ރޭގަނޑު 9:30 ވަންދެން ވެސް ހުޅުވައިފައި ނުބެހެއްޓެއެވެ. އެކަމަކު މިއީ ދިވެހި ރާއްޖޭގެ އެންމެ ބަޖެޓު ބޮޑު މިސްކިތެވެ.
ސަލްމާން މިސްކިތުގެ ވުލޫކުރާ ސަރަހައްދުގެ ޓައިލްސްތަކުގެ އޮފު ކެނޑި، ކަޅު ފަންގަސް ޖެހުމުގެ ސަބަބުން، ފަންގަހުން ޖެހޭ ހަމުގެ ބަލި މީހުންގެ ފަޔަށް ޖެހުމުގެ ފުރުސަތު ބޮޑެވެ. ފަންގަހުގެ ސަބަބުން އެތަނުގައި ވުލޫކުރަން ފަކުރުގަންނަ ވަރަށް، އެ މިސްކިތުގެ ވުލޫ ކުރާ ސަރަހައްދުގެ ޓައިލްސްތައް ނަޖިހެވެ. ތިރީގައިވާ ފޮޓޯއިން ވެސް އެކަން އެހެރީ ފެންނާށެވެ. ގޮތް ނިންމާނީ ތިކޮޅުންނެވެ.

މީގެ ތިން އަހަރު ކުރިން، 1 އެޕްރީލް 2022 ގައި ހުޅުވައި، އެ އަހަރު ރޯދަ މަހު މި މިސްކިތް ބޭނުން ކުރަން ފެށިތާ ހަ މަސްތެރޭ މިސްކިތުގެ އެއާކޮންޑިޝަންތައް ހަލާކުވިއެވެ. މިސްކިތް އިމާރާތް ކުރި ތުރުކީގެ ކޮންޓްރެކްޓަރުގެ ފަރާތުން އެއާކޯން ޓެކްނީޝަނުންގެ ޓީމެއް އޭސީތައް މަރާމާތު ކުރަން އައިސް ކުރި މަސައްކަތުންވެސް އެއާކޯންތަކެއް ނުހެދުނެވެ. އެންމެ ފަހުން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ޓެކްނީޝަނުންގެ ޓީމަކުން ސަލްމާން މިސްކިތުގެ އެއާކޯންތައް ހަދައި، އިއްޔެގެ ހުކުރު ނަމާދަށް އަނެއްކާ ވެސް އެއާކޯންތައް ބޭނުންކުރަން ފެށިއެވެ. މި ފަހަރު ކިހާ ދުވަހެއް ވަންދެން ހިފަހައްޓާނެ ބާވައެވެ؟

ދުނިޔޭގެ އެންމެ މުއްސަނދި ރަސްގެފާނުގެ ނަންފުޅަށް ނިސްބަތްވާ މިސްކިތެއް، ރަސްމީކޮށް ނުހުޅުވި، ނަން ބޯޑެއް ނެތި، ވުލޫކުރާ ސަރަހައްދުގެ ޓައިލްސް ތަކުގައި ފަންގަސް ޖަހައިފައި ހުރުމަކީ އެ ރަސްގެފާނުގެ ނަންފުޅަށް ވެސް ހުތުރު ކަމެކެވެ. މާލޭގައި ހުންނަވާ ސައުދީ ސަފީރަށްވެސް އެ މިސްކިތުގެ ހާލު އެނގިވަޑައިނުގަންނަވަނީބާއޭ ހިތަށް އަރައެވެ. އެކަމަކު ސައުދީ އެމްބަސީ އެ ހުރީވެސް މިސްކިތާ މާ ދުރަކު ނޫނެވެ؛ ހިނގައިލައިފައި ދެ މިނިޓުން ދެވޭ، ހުޅުމާލެ ފެރީ ޓާމިނަލް ކައިރީގައެވެ.
ޖުމްލަ 25 މިލިއަން ޑޮލަރުގެ ސަލްމާން މިސްކިތް ރަސްމީކޮށް ނުހުޅުވިގެން އުޅޭ ސަބަބެއް އަދިއަދަށް ދާންދެންވެސް އިސްލާމިކް މިނިސްޓްރީން ސާފުކޮށް ނުބުނެއެވެ. ކުރިން އަޑުއިވިފައި އޮތީ މިސްކިތް ބޭނުންކުރަން ފެށީ ކޮވިޑް ދުވަސްވަރު ކަމުން ސައުދީ ވަފުދަށް އެ ދުވަސްކޮޅު ރާއްޖެ ނާދެވިގެން ކަމަށެވެ. އެކަމަކު ކޮވިޑަށްފަހު ވެސް މިއީ ހަ ވަނަ އަހަރެވެ. އެހެނިހެން ކަންކަމުގައި ސައުދީގެ ކިތަންމެ ވަފުދުތަކެއް ރާއްޖެ އަތުވެއްޖެވެސް މެއެވެ.
މިސްކިތުގެ ވުލޫކުރާ ސަރަހައްދުގައި، އާއްމު ސިއްހަތަށް ގެއްލުންވާ ފަދަ، ފަންގަސް ޖެހި ޓައިލްސް ހުރެމެ، އެ ޓައިލްސް ބަދަލު ނުކުރެވިގެން އުޅޭ ސަބަބެއް ވެސް އިސްލާމިކް މިނިސްޓްރީން ނުބުނެއެވެ.

ސަލްމާން މިސްކިތަކީ، ހާއްސަކޮށް އެތެރޭގެ އާކިޓެކްޗަރ އަށާއި، ހިތްގައިމު ކަމަށް ބަލާއިރު ރާއްޖޭގައި ހުރި އެންމެ ރީތި އެއް މިސްކިތެވެ. ފަތުރުވެރިންގެ ސަމާލުކަން ވެސް ވަރަށް ބޮޑަށް ލިބޭ، ގިނަ ބަޔަކު ފޮޓޯ ނަގާ މިސްކިތެކެވެ. ވެލާނާ އެއާޕޯޓަށް ބޯޓުތައް ޖައްސާއިރު ވެސް, މާލޭގެ މަލަމަތިން ފެންނަ އެންމެ ހިތްގައިމު ބިނާއެވެ. އެހެންކަމުން، މާލޭގެ މިވަރުގެ ލޭންޑްމާކެއް، ނަން ބޯޑެއް ވެސް ނެތި މިގޮތަށް ވީރާނާވާން ދޫކޮށްލުމަކީ ހިތާމަހުރި ކަމެކެވެ. މިއީ ދިވެހި ރާއްޖެއާ ވަރަށް ގާތް ގުޅުމެއް އޮންނަ ސައުދީ އަރަބިއާގެ ރަސްގެފާނުގެ ނަންފުޅަށް ވެސް ހުތުރު ކަމެކެވެ.
އެއްފަހަރާ ގާތްގަނޑަކަށް 10،000 މީހުންނަށް ނަމާދު ކުރެވޭ ޖާގައާ އެކު ރާއްޖޭގެ އެންމެ ބޮޑު މިސްކިތް ހުޅުމާލޭގައި އަޅަން ފަންޑު ހަމަޖެހި، އަންނަ ސެޕްޓެމްބަރުގައި އެ މިސްކިތުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އިހަކަށް ދުވަހު ވިދާޅުވިއެވެ. ސަލްމާން މިސްކިތަކީ ވެސް 10،000 މީހުންގެ ޖާގައިގެ ބޮޑު މިސްކިތެކެވެ. އެ މިސްކިތް ބާކީކޮށްލައިފައި ހުރިހާ ފޯކަސް އެއް އެހެން ދިމާއަކަށް ދިއުމަކީ ބޭއިންސާފެކެވެ. ރާއްޖޭގެ އެންމެ ބޮޑު މިސްކިތް ހުޅުމާލޭގައި ހަމަ އަޅަންވީ އެވެ. ނަމަވެސް "ސަލްމާން" މިސްކިތުގެ ނަން ބޯޑު ހާމަކޮށްލަދެއްވާށެވެ. ފަންގަސް ނުޖަހާނެ ފެންވަރުގެ ޓައިލްސް ކޮޅެއް ދެއްވާށެވެ. އިމާމުން ތިބޭ އަދަދާ އެއް ހަމައަކަށް ހިދުމަތް ވެސް ދެއްވާށެވެ.
ސަލްމާން މިސްކިތުގެ އެއާކޯން ހަލާކުވެފައި ހުރި ދިގު މުއްދަތުގައި އެއޮއް ބޮޑު މިސްކިތުގައި ބޭނުން ކުރީ އެންމެ ހައެއްކަ ސްޓޭންޑް ފަންކާ އެވެ. އެ މިސްކިތުގައި ސީލިން ފަންކާއެއް ނުހުރެއެވެ. އެހެންކަމުން ފަހަތު ސަފުތަކުގައި ނަމާދުކުރަން ތިބެންޖެހުނީ ދާހިތްލާ ފޯވެގެންނެވެ. އެކަން އެނގިވަޑައިގަންނަވާ ބޭފުޅަކު ވެސް ހުންނެވިބާވައެވެ؟

ކުރުކޮށް ދަންނަވާ ނަމަ ސަލްމާން މިސްކިތަކީ ފެށުނީއްސުރެ ވަރަށް ބޮޑަށް އިހުމާލުވެފައިވާ މިސްކިތެކެވެ. މިކަން ނިމުމަކަށް ގެނެސް، މާލޭގެ ދެވަނައަށް އެންމެ މަޝްހޫރު ލޭންޑް މާކްގެ ގޮތުގައި ސަލްމާން މިސްކިތް ތައާރަފްކޮށް، އެ ސަރަހައްދުގެ ލޭންޑްސްކޭޕިން ރީތިކޮށް، ނަން ބޯޑު ހާމަކޮށް، ފަންގަސް ޖެހި ޓައިލްސްތައް ބަދަލުކޮށް، ސައުދީ ރަސްކަލެއްގެ ނަންފުޅަށް ނިސްބަތްވާ މިސްކިތެއްގެ ފެންވަރުގައި "ސަލްމާން" މިސްކިތް ރަސްމީކޮށް ހުޅުވަން ޖެހެއެވެ. މިއީ އާދައިގެ ބިނާއެއް ނޫނެވެ. ވަރަށް ތަފާތު އާކިޓެކްޗާރ އަކަށް ހަދައި، މާލޭގެ ވަރަށް ރީތި ސަރަހައްދެއްގައި ހުރި ބިނާއެކެވެ.
މި މިސްކިތުގެ ހަޤީޤީ ހައިބަތާ އެކު، މަރާމާތުކޮށް، ރަސްމީކޮށް ހުޅުވޭނެ ދުވަހަކަށް އަޅުގަނޑު ހަމަގައިމުވެސް އިންތިޒާރު ކުރަމެވެ.
