ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ހިލޭ އެހީފުޅުގެ ދަށުން މާލޭގައި އިމާރާތްކުރެއްވި ބިޔަ ބޮޑު މިސްކިތް، މިއަދުގެ ހުކުރު ނަމާދާއެކު ވަގުތީ ގޮތުން ހުޅުވައިފިއެވެ. ނުވަ ހާސް މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ގޮތަށް، މާލޭ އިރުއުތުރު ފަރާތުގައި ކުރީގެ ސޯމިލް ކުރިމަތީން އޮންނަ ހުސް ބިމުގައި އިމާރާތްކޮށްފައިވާ ފަސް ބުރީގެ "މަސްޖިދު މަލިކު ސަލްމާން"ގައި ކުރި ފުރަތަމަ ހުކުރު ނަމާދު އިމާމުވެ ކުރެއްވީ ޝައިޚު އިލްޔާސް ހުސެއިންނެވެ.
މިއަދުގެ މައުޟޫ އަކީ "ރަމަޟާން މަހަށް އިސްތިޤުބާލު ކުރުމެ"ވެ. ޝައިޚު އިލްޔާސް ހުތުބާ ވިދާޅުވީ ނުބައްލަވައެވެ.
ސަލްމާން މިސްކިތުގައި ފުރަތަމަ ބަންގި އަކަށް ގޮވީ މިއަދުގެ މެންދުރު ނަމާދު ބަންގިއެވެ.

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ބިނާކުރަން ފަށައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މަސައްކަތް ނިމުނު ނަމަވެސް، ނުހުޅުވާ ދެތިން އަހަރުވެފައިވާ ފަސް މުންނާރުގެ މި މިސްކިތުގައި ކުރި ފުރަތަމަ ނަމާދުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއި އެ މިނިސްޓްރީގެ ބައެއް ބޭފުޅުން ފިޔަވައި، ސަރުކާރުގެ އިސް ބޭފުޅުންނެއް، މިސްކިތުގެ ކުރީ ސަފަކުން ނުފެނެއެވެ.

ޖުމްލަ 25 މިލިއަން ޑޮލަރުގެ ސަލްމާން ރަސްގެފާނު މިސްކިތް ނުހުޅުވައި ދިގުދަންމަމުން އައީ މިސްކިތް ހުޅުވުމަށް ސައުދީ ސަރުކާރުގެ އިސް ވަފުދެއް ރާއްޖެ އަންނަން ބޭނުންވެގެން ކަމަށް ބުނެއެވެ. ނަމަވެސް މާދަމާ ފަށާ މި އަހަރުގެ ރޯދަމަހާ ދިމާކޮށް މިއަދު ވަގުތީ ގޮތުން މިސްކިތް ހުޅުވީއެވެ.

ސަލްމާން ރަސްގެފާނު މިސްކިތުގައި މިއަދު ނަމާދު ކުރަންފެށި ނަމަވެސް، މިސްކިތުގެ ނަން ބޯޑު އަދިވެސް ހުރީ ފޮރުވައިފައެވެ. މުޅި ތަން އެއާކޯން ކޮށްފައިވާ މި މިސްކިތުގައި އެއްވެސް ފަންކާއެއް ނުހުރެއެވެ. ގަޑިއެއްވެސް ނެތެވެ. ނަމާދު ވަގުތުތައް އަންގައިދޭ ޑިސްޕްލޭއެއް ވެސް ނެތެވެ. އަދި ފަސް މުންނާރު ހުއްޓަސް، އެއްވެސް މުންނާރަކުން ބަންގި އެއްވެސް ނުގޮވައެވެ.

މިއަދު ހުކުރު ނަމާދުގެ ޖަމާޢަތުގައި 8،500 އަށްވުރެ ގިނަ މީހުން ބައިވެރިވި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. ހުކުރަށް ދިޔަ މީހުންގެ އަދަދު ގިނަކަމުން މިސްކިތުގެ އެތެރެއާއި ބޭރު އޮތީ އެއްކޮށް ފުރިފައެވެ. ހުކުރަށްފަހު ގިނަ ބަޔަކު ވަނީ މިސްކިތުގެ އެތެރޭގަ އާއި ބޭރުގައިވެސް ސެލްފީ އާއި ފޮޓޯ އާއި ވީޑިއޯ ނަގައިފައެވެ.

ރާއްޖޭގައި އެންމެ ޒަމާނީ ފެންވަރަށް ބިނާކޮށްފައިވާ މި މިސްކިތުގެ ފުރަތަމަ ބުރި ހާއްސަކޮށްފައި ވަނީ ފިރިހެނުންނަށެވެ. އެ ބައިގައި 2،265 މީހުންގެ ޖާގަ އޮވެއެވެ. ހަމައެކަނި އަންހެނުން ނަމާދުކުރާ ދެ ވަނަ ބުރީގައި 1،755 މީހުންނަށް ނަމާދު ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. ތިނެއް އަދި ހަތަރު ވަނަ ބުރީގައި ކޮންފަރެންސް ހޯލް، އަދި ފަސް ވަނަ ފަބުރީގައި ހުންނަނީ މަލްޓިޕަރޕަސް ހޯލާއި ލައިބްރަރީއެކެވެ. އަދި ގޯތިތެރޭގައި 5،000 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ސަލްމާން މިސްކިތުގައި ހުކުރު ދުވަހުން ފެށިގެން ނަމާދުކުރަން ފެށި ކަމުގައިވިޔަސް ރަސްމީކޮށް މިވަގުތު ބޭނުންކުރާނީ ހަމައެކަނި ފުރަތަމަ ދެ ބުރި ކަމަށެވެ. އަދި ލިފްޓުތައް މިވަގުތު އާންމުކޮށް ބޭނުން ނުކުރި ނަމަވެސް ބަލި މީހުންނާއި ސިޑިން ނޭރޭ މީހުންނަށް ލިފްޓު ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.



advertisment