Support Us

ކޮލަމް މާޒީ: ސަލްމާން ރަސްގެފާނު މިސްކިތްތަ ނޫނީ ސަލްމާނު ރަސްގެފާނު މަރުކަޒުތަ؟

ދިވެހިރާއްޖެ މާތްވެގެންވާ އިސްލާމް ދީނުގެ އަލިކަމުގެ ތެރެއަށް ވަން ފަހުން އިސްލާމީ ޤައުމުތަކާއި ދިވެހިރާއްޖެއާ ދެމެދު އުފެދިފައި އޮންނަނީ އިސްލާމީ އުޚުއްވަތްތެރިކަމުގެ މާތް ގުޅުމެކެވެ. ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމަކަށް ވާތީ ދިވެހީންނަށް އިސްލާމީ ޤައުތަކުން ކުރަނީ ވަރަށް މަތިވެރި އިޙުތިރާމެކެވެ.

ޙިޖާޒުކަރަ (ފަހުން ސަޢޫދީ ޢަރަބިއްޔާ)އަކީ ދިވެހީން ވަރަށް ބޮޑަށް ޤަދަރުކުރާ ޤައުމެކެވެ. މާތްވެގެންވާ މުޤައްދަސް ކަޢުބަތުﷲ ގެފުޅު ހުންނަނީ އެ ބިމުގައި ކަމަށް ވާތީއެވެ. ދިވެހީން ވެސް ޙައްޖާއި ޢުމުރާއަށް ދަނީ އެ މާތް ބިމަށެވެ. އެހެންކަމުން ސަޢޫދީ ޢަރަބިއްޔާއާއި ދިވެހިރާއްޖެއާ ދެމެދު ގާތް ގުޅުމެއް އުފެއްދުމަށް ދިވެހީން އަބަދު ވެސް ބޭނުންވެއެވެ. މި ގުޅުންތައް ދިވެހި އެކި ސަރުކާރުތަކުން އެކި މިންވަރަށް ވަނީ ބަދަހިކުރައްވައިފައި ވެސް މެއެވެ. ރައީސް މައުމޫނުގެ ޒަޢާމަތުގައި ޚާއްޞަކޮށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޒަޢާމަތު ފެށުމާއެކު ޢަރަބި އިސްލާމީ ޤައުމުތަކާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ގުޅުން ބަދަހިކުރެއްވުމަށް ޚާއްޞަ މަސައްކަތްޕުޅުތަކެއް ފައްޓަވައި އެކަން ކުރިއަށް ގެންދިޔަކަން ނޫސްތައް ދިރާސާކޮށްލުމުން ވަރަށް ރީތިކޮށް ފެންނަން އެބަހުއްޓެވެ. މި މަސައްކަތްޕުޅުގެ ސަބަބުން އިސްލާމީ ޤައުމުތަކާއި ޚާއްޞަކޮށް ސަޢޫދީ ޢަރަބިއްޔާއާއި ދިވެހިރާއްޖެއާ ދެމެދު ގުޅުން މަތިވެރި ދަރަޖައަކަށް ބަދަހިވީކަން އެއީ ފެންނަން އޮތް ހަގީގަތެކެވެ. ޚާއްޞަކޮށް ރައީސް ޔާމީންގެ ޒަޢާމަތުގައި މި ގުޅުން އެތައް ގުނައެއް މައްޗަށް ޖައްސައިލުމުގެ ނަތީޖާއެއްގެ ގޮތުން ސަޢޫދީ ޢަރަބިއްޔާއިން ދީލަތި އެހީތައް ރާއްޖެއަށް އޮހޭން ފެށިއެވެ.

މި ގޮތުން އެތައް ބައިވަރު މިސްކިތްތައް އެޅުމަށްޓަކައްޔާއި އެހެނިހެން ކަންތައްތަކުގައި ގިނަގުނަ އެހީތައް ދެއްވަމުންގެންދެވިއެވެ. އެންމެ ބޮޑު އެއީތެރިކަމެއް ދެއްވާން އުޅުއްވީ ފ. އަތޮޅުން ފަޅު ހިއްކައިގެން އެންމެ ޒަމާނީ ފެންވަރަށް ބޮޑު ސިޓީއެއް ތަރައްގީކޮށްދޭން އިޢުލާނުކުރެވުނު ބިޔަ ބޮޑު (މެގަ) މަޝްރޫޢަށެވެ. ނަމަވެސް ރާއްޖޭގެ ތަރައްގީއަށް ނޭދޭ ގައުމެއްގެ އެހީގައި އެކަން ހުއްޓުވާން ދިވެހީންގެ ތެރެއިން ބަޔަކު ނުކުމެ، މީސްމީޑިއާގައި ސައޫދީ ރަސްގެފާނަށް ހެއްދެވި ނެހެއްދެވިއަށް ގޮވައި، އެތައް އިޙުތިޖާޖުތަކެއް ކޮށްގެން އެކަން ހުއްޓުވީއެވެ. ނަމަވެސް ރައީސް ޔާމީން ދެވަނަ ދައުރަކަށް ވަޑައިގެންނެވުނު ނަމަ އެ މަޝްރޫޢު ހަގީގަތަކަށް ހެއްދެވީހެވެ. މި ވާހަމަ މިހާ ހިސާބަށް ބާއްވަމާތޯއެވެ!

މި ކަންތައްތަކުގެ އިތުރަށް ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ހިލޭ އެހީފުޅުގެ ދަށުން އިމާރާތްކުރެވިފައިވާ ބޮޑު ބިޔަ މަރުކަޒެއް ބިނާކުރުމުގެ ޚާއްޞަ މަޝްރޫޢެއް 2016 ވަނައަހަރު ފެބުރުވަރީ 24 ވަނަ ދުވަހުގެ ރޭ އިފުތިތަޙުކުރެއްވިއެވެ. "މަސްޖިދު މަލިކު ސަލްމާން"ގެ ނަމުގައި މި މިސްކިތް މާލޭ އިރުއުތުރު ފަރާތުގައި ކުރީގެ ސޯމިލް ކުރިމަތީން އޮންނަ ހުސް ބިމުގައި އިމާރާތްކޮށް މިހާރު ނިމިފައިވާތާ ދެތިން އަހަރު ވެއްޖެއެވެ. މިއީ ނުވަ ހާސް މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ގޮތަށް ޢިމާރާތްކޮށްފައިވާ ފަސް ބުރީގެ ބިޔަ ޢިމާރާތެކެވެ.

ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގެން "ހޮޓެލް ޖެން"ގައި ބޭއްވި ޚާއްސަ ހަފުލާއެއްގައި އިފްތިތާހުކުރެއްވި، މި މަޝްރޫޢުގެ ދަށުން ބިނާކުރި މި މަރުކަޒަކީ ރާއްޖޭގައި މިހައިތަނަށް ބިނާކުރެވޭ އެންމެ ބިޔަ މިސްކިތް ކަމަށް ވާނެއެވެ. މާލޭގެ މަލަމަތީގައި ބިނާކުރެވިފައިވާ އެންމެ ޒަމާނީ ފެންވަރުގެ މި މަރުކަޒުގައި މިސްކިތެއްގެ އިތުރަށް ގުރުއާނާ ބެހޭ މަރުކަޒު ހިންގާން ބޭނުންކުރެވޭނެ ބޮޑު ޖާގައަކާއި އިސްލާމީ ކުތުބުޚާނާއަކާއި ޖަލްސާކުރާ މާލަމަކާއި ގިނަ ބޭނުމު މާލަމަކާއި (މަލްޓި ޕާޕަސް ހޯލް) އޮޑިޓޯރިއަމަކާއި މިސްކިތަށް އަންނަ މީހުންނަށް ޚާއްސަކުރެވިފައި އޮންނަ، ޕާކުކުރާ ސަރަހައްދެއް ވެސް ހިމަނާން ވަނީ ކަނޑައަޅައިފައެވެ. އަދި އެކި ބުރިބުރިއަށް އެރުމަށްޓަކައި ހަތަރު ލިފުޓު ބަހައްޓާ ގޮތަށް ވެސް އޮތީ ހަމަޖެހިފައެވެ. އިމާރާތްކޮށް ނިމުނު ފަހުން އެ ތަނަށް ވަނުމުގެ ފުރުޞަތު އަޅުގަނޑަށް ލިބިފައި ނުވާތީ އެ ލިފުޓުތައް ހުރި ކަމެއް އަދި ނެތްކަމެއް ވެސް ނޭނގެއެވެ.

މި މަރުކަޒުގައި ހިމެނޭ މިސްކިތުގައި ނަމާދުކުރުމަށްޓަކައި ހަ ބުރީގައި ސާޅީސް އެއް ހާސް ފަސް ސަތޭކަ އަކަފޫޓަށް ވުރެ ބޮޑު ސަރަހައްދެއް ކަނޑައަޅައިފައިއެވެ. އަދި ޤުރްއާނާ ބެހޭ މަރުކަޒަށް ސާޅީސް ދެ ހާސް ދުއިސައްތަ އަކަފޫޓު ކަނޑައަޅައިފައިވެއެވެ. އަދި ކުތުބުޚާނާ އަށާއި އޮފީސް އިމާރާތަށް އެގާރަ ހާސް ނުވަ ސަތޭކަ އަކަފޫޓް ޚާއްސަކުރެވިފައިވެއެވެ. ގިނަ ބޭނުމު މާލަމުގައި 28،600 އަކަފޫޓު ހިމެނެ އެވެ. އޮޑިޓޯރިއަމަށާއި ޖަލްސާކުރާ މާލަމަށް ބާރަ ހާސް ހަތް ސަތޭކަ އަކަފޫޓް ކަނޑައަޅައިފައިވާއިރު، ދުއްވާ އެއްޗެހި ޕާކުކުރާން ސާޅީސް ދެ ހާސް ހަތަރު ސަތޭކަ ނުވަދިހަ އެއް އަކަފޫޓް ވެސް (މިސްކިތުގެ ކުރެހުމުގައި) ކަނޑައަޅައިފައިވެއެވެ. ނަމަވެސް މި ބައި އަދި މުޅީން ތައްޔާރުކޮށް ނިމިފައިވާކަމެއް ނޭނގެއެވެ.

ރަސްމީ ގޮތުން މި މަރުކަޒު ހުޅުވާނެ ކަމަށް ޚަބަރު ލިބެނީ މިއަދު ހުކުރުނަމާދު ވަގުތުގައެވެ. "ސަލްމާނު ރަސްގެފާނު މިސްކިތް" (مسجدالسلطان سلمان بن عبدالعزيز) އެކުލެވޭ މި ބޮޑު ބިނާއަށް ކިޔާން އެންމެ ރަނގަޅު ނަމެއް ކަމަށް އަޅުގަނޑަށް ފެންނަކީ "ސަލްމާނު ރަސްގެފާނު މަރުކަޒު" ނުވަތަ المركزالسلطان سلمان بن عبدالعزيزއެވެ.

ކޮންމެއަކަސް މިއަދު މި ބިނާ ހުޅުވުނު ކަމުގައި ވިޔަސް ނުވަތަ ނުހުޅުވިޔަސް މި ބިނާއަކީ، މި އިމާރާތް ބިނާކުރުމުގެ މަޝްރޫޢު އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޭރުގެ މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (މިހާރު މާލޭ މޭޔަރު) ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ފަދައިން މިއީ ރާއްޖޭގެ ތާރީޚުގައި ފާހަގަކޮށްލެވޭ އަގު ހުރި ބިނާއެއްގެ ގޮތުގައި، އަދި  ދިވެހިވަންތަކަން ރަމްޒުކޮށްދޭ ދިވެހި ބިނާއެއްކަމުގައި ވާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.

ފޮޓޯ: އަހުމަދު އާމިރު/ އެފް.ބީ