ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަން، އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައި.އެސް.އެސް)އިން ފުރަތަމަ ފަހަރަށް ސިއްހީ އިވަކުއޭޝަނެއް އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ހިންގައިފިއެވެ.
ހާމަނުކުރާ ބައްޔެއްގައި އެސްޓްރޮނޯޓަކު، އެހެން ތިން އެސްޓްރޮނޯޓުންނާއެކު މިއަދު ވަނީ ޖައްވީ ކެޕްސޫލެއްގައި ޕެސިފިކް ކަނޑަށް ޖައްސައިފައެވެ.
ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނު އިލޮން މަސްކުގެ ޖައްވީ ކުންފުނި ސްޕޭސް-އެކްސްގެ އުޅަނދެއް ކަމަށްވާ "ކްރޫ-11 ޑްރެގަން" ދުނިޔެއަށް އައީ 11 ގަޑިއިރުގެ ދަތުރަކަށްފަހުއެވެ.
"އަހަރެމެން ހުރިހާ އެންމެންގެ ވެސް ހާލު ރަނގަޅު،" އުޅަނދުގެ ޕައިލެޓް މައިކް ފިންކާ ބުންޏެވެ.
ނާސާއިން ބުނީ މިއީ ކުއްލި ހާލަތެއް ނޫންކަމަށާއި ނަމަވެސް ބަލިވި އެސްޓްރޮނޯޓުގެ ސިއްހީ ރައްކަލަކަށްޓަކައި ދުރާލާ އެޅި ފިޔަވަޅެއްކަމަށެވެ.
"މިއީ ދުނިޔެއަށް އައިސް ރަނގަޅު ޑައެގްނޯސްއެއް ކުރަންވެގެން ގަސްދުގައި ނިންމި ނިންމުމެއް،" ކޮމާންޑަރުކަމުން ވަކިވާން ހަމަޖައްސައިފައިވާ ޒީނާ ކާޑްމަން ބުންޏެވެ.
އެސްޓްރޮނޯޓް ބަލިވުމުން މިޝަންގެ މުއްދަތުން ވަނީ އެއް މަސް އުނިކޮށްފައެވެ. މިހެންވެ ޖައްވީ ސްޓޭޝަންގައި މި ވަގުތު ތިބީ މަދު ފަޅުވެރިންތަކެކެވެ. އަދި އަލުން ސަޕްލައިތައް ވެސް ފޮނުވަން "ކްރޫ-12″ އުޅަނދު މިހާރު ދަނީ ތައްޔާރުވަމުންނެވެ.



advertisment