ޖިސެލް ޕެލިކޯއަކީ 2024 ވަނަ އަހަރު ފްރާންސްގެ އެންމެ ނުފޫޒުގަދަ ޝަހުސިއްޔަތުގެ ޝަރަފު ހޯދި މީހާއެވެ. ނަމަވެސް، އޭނާއަށް މި ލަގަބު ލިބުނީ އުފާވެރި ކާމިޔާބީއެއްގެ ސަބަބަކުން ނޫނެވެ. އޭގެ ބަދަލުގައި، އޭނާއަށް މި މަގުބޫލުކަން ލިބުނީ އޭނާގެ މައްޗަށް ހިންގި ރަހުމުކުޑަ، އަނިޔާވެރި އަދި އެހާމެ ލަދުވެތި އަމަލުތަކަކާ ދެކޮޅަށް އޭނާ ދެއްކި ހިތްވަރުގަދަ ސާބިތުކަމުގެ ސަބަބުންނެވެ.
ޖިސެލް އާއި އޭނާގެ ފިރިމީހާ ޑޮމިނިކް ޕެލިކޯ ދިރިއުޅެމުން ދިޔައީ ފްރާންސްގެ ޕްރޮވެންކަލް އަވަށެއްގައެވެ. ބައި ގަރުނުވީ އެމީހުންގެ ކައިވެންޏަށް ތިން ދަރިންނާއި މާމަދަރިން ލިބިފައިވާއިރު، ބޭރުފުށުން އެއީ އާދައިގެ، އުފާވެރި ލޯބިވެތި ދެމަފިރިންގެ ގޮތުގައި ދަންނަ އެންމެންވެސް ދުއްޓެވެ.
އެހެން ނަމަވެސް، 2011 ވަނަ އަހަރުން ފެށިގެން ޖިސެލްގެ ސިއްހަތަށް ބަދަލުތަކެއް އަންނަން ފެށިއެވެ. އާދަޔާ ހިލާފަށް ވަރުބަލިވުމާއި، ބަރުދަން ލުއިވުމާއި، އިސްތަށި ފޭބުމުގެ އިތުރުން ވިސްނުމަށް ބުރޫއަރަން ފެށުމުން، އެއީ މުސްކުޅިވުމުން ޖެހޭ ބައްޔެއް ކަމަށް އޭނާ އަމިއްލައަށް ނިންމިއެވެ. ޑޮކްޓަރުންނަށް ދެއްކި ނަމަވެސް، އެކަމުގެ އަސްލު ސަބަބެއް ދެނެއެއް ނުގަނެވުނެވެ. އެކަމަށް ހައްލެއް ނުލިބިގެން އެއް ފަހަރަކު ޖިސެލް އޭނާގެ ފިރިމީހާގެ ގާތުގައި އޭނާއަށް ނޭނގި ބޭސްދެނީތޯ ސުވާލުކުރުމުން، ޑޮމިނިކް އެކަމާ ނުރުހުން ފާޅުކޮށް، އެފަދަ ޝައްކެއް ކުރީތީ ދެރަވާ ކަމަށް ބުންޏެވެ. ފިރިމީހާއަށް އޮތް އިތުބާރެއްގެ ބޮޑުކަމުން ޖިސެލް އެކަން ގަބޫލުކުރިއެވެ. 
އެކަމަކު ހަގީގަތަކީ، ޑޮމިނިކް އެތައް އަހަރެއް ވަންދެން ޖިސެލްގެ ކާއެއްޗެއްސަށް ނިދާބޭސް އަޅައިގެން އޭނާ ހޭނައްތަމުން ދިޔަކަމެވެ. ޖިސެލް ހޭނެތުމުން، "ކޮކޯ" ނަމަކަށް ކިޔާ އޮންލައިން ސައިޓެއް މެދުވެރިކޮށް ބޭރު ފިރިހެނުން ގެއަށް ގެނެސް، އޭނާގެ ހޭހުސްވެފައި އޮންނަ އަނބިމީހާ ރޭޕްކުރުމަށް ޑޮމިނިކް ފުރުސަތު ދެމުން ދިޔައެވެ. އަދި އެ މުޑުދާރު އަމަލުތައް އޭނާ ދިޔައީ ވީޑިއޯ ކުރަމުންނެވެ.
މި ބިރުވެރި ހަގީގަތް ފަޅާއެރީ 2020 ވަނަ އަހަރު، ސުޕަމާކެޓެއްގެ ތެރޭގައި، އަންހެނުންގެ ސްކާޓުތަކުގެ އަޑިން އެމީހުންގެ އައުރަ ވީޑިއޯ ކުރަނިކޮށް ޑޮމިނިކް ހައްޔަރުކުރުމާ ގުޅިގެންނެވެ. ފުލުހުން އޭނާގެ ކޮމްޕިއުޓަރު ތަހުގީގު ކުރިއިރު، "އެބިއުސަސް" ނަމަކަށް ކިޔާ ފޯލްޑަރެއްގެ ތެރެއިން، 2011 އިން 2020 އާ ދެމެދު ޖިސެލް އެތައް ފިރިހެނުންނެއް ރޭޕްކުރި މަންޒަރުތައް ފެނުނެވެ. ތަހުގީގުން ހާމަވި ގޮތުގައި 72 ފިރިހެނަކު ލައްވައި ޖިސެލް ރޭޕްކުރުވާފައިވާއިރު، އޭގެ ތެރެއިން 51 މީހުންގެ ވަނަވަރު ދެނެގަނެވުނެވެ.
މިއީ ފްރާންސްގެ ފަހުގެ ތާރީހުގައި ހިނގި އެންމެ ބޮޑު ޖިންސީ ކުށުގެ މައްސަލައަށް ވެގެންދިޔައެވެ. ޑޮމިނިކް އޭނާގެ ކުށަށް އިއުތިރާފުވުމުން، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އޭނާގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. މީގެ އިތުރުން، މި ކަމުގައި ބައިވެރިވި އެކި އުމުރުފުރާގެ އަދި އެކި ދާއިރާތަކުގައި މަސައްކަތްކުރާ 51 މީހުންނަށް ވެސް ހައްގު އަދަބު ދިނެވެ.

ޑޮމިނިކުގެ މި މުޑުދާރު އަމަލުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރީ އެ ދެމެފިރިންގެ ދަރިފުޅު ޑޭވިޑަށެވެ. ޑޭވިޑް އިންޓަވިޔުތަކުގައި އޭނާއަށް އެ ހަބަރު ލިބުމުން އިހުސާސުކުރެވުނު ގޮތް ތަފުސީލުކޮށް ކިޔައިދީފައިވެއެވެ. އޭނާ ބުނާގޮތުގައި އޭނާގެ ބައްޕައަކީ އަބަދުވެސް އަންހެނުންނަށް އިހުތިރާމުކުރަން ޖެހޭ ކަމަށް ނަސޭހަތްލައިދިން މީހާއެވެ. އެއީ މުޅި އާއިލާގެ މައިބަދައެވެ. ނަމަވެސް އޭނާގެ މަންމައާ މެދު ބައްޕަ ކަންތައް ކުރި ދަށުދަރަޖައިގެ ސަބަބުން އޭނާގެ ހިތުގައި ބައްޕައާ މެދުގައި އޮތް ލޯބި އެއްކޮށް ފޮހެވިގެން ދިޔަކަމަށް އޭނާ ބުންޏެވެ. އެ ދުވަހަށް ފަހު އޭނާ ވަނީ ޑޮމިނިކްއަށް ބައްޕަ ކިޔުން ވެސް ހުއްޓައިލައިފައެވެ.
މި ހިތްދަތި ހާދިސާގައި ޖިސެލް ދެއްކި ހިތްވަރަކީ އާދަޔާ ހިލާފު ނަމޫނާއެކެވެ. އޭނާ ބޭނުންވީ މި މައްސަލަ ސިއްރުކުރުމުގެ ބަދަލުގައި، ފިރިމީހާގެ ނުބައިކަން ދުނިޔެއަށް ހާމަކުރުމަށެވެ. އެގޮތުން، ކޯޓުގެ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް އޭނާ އެދުނެވެ. ކޯޓުގައި ދެއްކި އެ ހުރިހާ ވީޑިއޯތަކެއް ބަލައި، ކުށްވެރިން ދެއްކި ބޭކާރު އުޒުރުތަކަށް އޭނާ ސާބިތުކަމާއެކު ކުރިމަތިލިއެވެ.
ޖިސެލްގެ މި ހިތްވަރު ފާހަގަކޮށް، ފްރާންސްގެ ރައީސް އިމަނުއަލް މެކްރޮން އޭނާއަށް ޝަރަފުވެރި "ނައިޓް އޮފް ލީޖަން" އެވޯޑް ދެއްވިއެވެ. އަދި ބީބީސީގެ އެންމެ ނުފޫޒުގަދަ 100 އަންހެނުންގެ ލިސްޓުގައި ހިމެނި، ފްރާންސްގެ "އަހަރުގެ ޝަހުސިއްޔަތު"ގެ މަގާމު އޭނާއަށް ލިބުނެވެ.
އޭނާއަށް ލިބުނު އަނިޔާގެ ބަދަލު މިފަދަ ލަގަބަކުން ފުދޭނެ ގޮތެއް ނެތް ނަމަވެސް، ޖިސެލްގެ ވާހަކައިން މުޅި ދުނިޔެއަށް މުހިންމު މެސެޖެއް ދިނެވެ. އެއީ، ޖިންސީ އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކުން ލަދުން ހަނުތިބުމުގެ ބަދަލުގައި، ހިތްވަރާއެކު އިންސާފަށް ވަކާލާތު ކުރަންޖެހޭ ކަމެވެ.



advertisment