Support Us

ކޮލަމް: ގާދޫކޮލުން ބޭރުން

ރައީސް މައުމޫން އދ. ގައި ދިވެހި ބަހުން ދެއްވި ތަޤްރީރުގެ ހަނދާންތައް

ދާހިއްލާ ފޯވާން ފެށިއެވެ. ބައިބޯ ދުވާރު މަތިން އެކި ކޮޅުކޮޅަށް އެތައް ހާސްބަޔަކު ހިނގަމުންދިޔައެވެ. ދަގަނޑޭ ބޯޅަ ހިފައިގެން ޑިފެންސްލައިން ފޫއަޅުވާލާފައި، ނަންނުގައްޗެއްހެން ކުރިއަށްދާ ފަދައިން، އަޅުގަނޑުވެސް ދިޔައީ ދުވެވުނު ބާރުމިނެއްގައި، މީހުންގެ ގައިން ރެކެމުން، މިސްރާބާ ދިމާލަށެވެ.

އެމެރިކާގެ އެންމެ ކާރޫބާރޫ ބޮޑު ވިޔަފާރީގެ މަރުކަޒީ ސަހަރު ނިއުޔޯކުގެ 'އީސްޓް 42 ސްޓްރީޓް' މައި މަގެވެ. ސެޕްޓެމްބަރުމަހުގެ ފަހުކޮޅެވެ. ޙަރީފު މޫސުމުގެ މެދުތެރެއެވެ. ނަމަވެސް، މެންދުރުގެ ވަގުތަކަށްވީތީ، ހޫނު ގަދައެވެ. ސޫޓުލާ، ޓައި އަޅައިގެން ހުރުމުން، ދާހިއްލާ މިންވަރު ދިޔައީ އިތުރުވަމުންނެވެ. އަޅުގަނޑުގެ މޭ އެވަގުތު ދިޔައީ ގުޑުގުޑު އަޅަމުންނެވެ. ދުވުމުގެ ސަބަބުން ވެފައިވާ ވަރުބަލިކަމުންނެވެ. އަދި، ގަޑި ޖެހުމުގެ ކުރިން މަންޒިލަށް ނުފޯރަފާނެކަމާމެދު ބިރު ހީވަމުން ދިޔުމުގެ ސަބަބުންވެސްމެއެވެ.

އދ.ގެ މައި މަރުކަޒުގެ ބޭރު ގޭޓާ ހަމައަށް ފޯރައިފިއެވެ. އެތަނުން އަޅުގަނޑާ ބައްދަލުކުރެއްވީ ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. މުޙައްމަދު ލަޠީފެވެ. ހުންނެވީ، އެ އިމާރާތަށް އަޅުގަނޑު ވަނުމަށް ބޭނުންވާ ފާސް ހިއްޕަވައިގެންނެވެ. އެމަނިކުފާނަށް ސަލާމް ގޮވާލަންވެސް މަޑު ކުރެވޭކަށް ނެތެވެ. ލަސްވަނީއެވެ. ގަޑި ޖެހެނީއެވެ. އަތްޕުޅުގައި އޮތް ފާސް ހަވާލުވުމާއެކު، އަޅުގަނޑު ބެލީ، ލަސްނުކޮށް އެތެރެއަށް ވަދެވޭތޯއެވެ. އެއީ، އެމަރުކަޒަށް އަޅުގަނޑު އަލަށް ވަތް ފަހަރެއް ނޫނެވެ. ފަރިތަކަމާއެކު ދިޔައީ ޢާންމު މަޖިލީސް ނުވަތަ ޖެނެރަލް އެސެމްބްލީ އިމާރާތުގެ މައި މާލަމަށެވެ. އެތަނަށް ވަދެ، ދިވެހި ވަފުދަށް ހަމަޖެހިފައިވާ ގޮނޑިތަކާ ހަމައަށް ދެވުނުއިރު، ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އިންނެވީ އަޅުގަނޑުގެ އިންތިޒާރުގައެވެ. މޫނުފުޅުން ނުފެނުނަސް، ކޮންމެވެސް ވަރެއްގެ ހާސްކަމެއް އިޙްސާސްވެވަޑައިގަންނަވާނެކަން ކަށަވަރެވެ. އެހެނީ، އޭގެ ކުޑަ ހިނދުކޮޅަކަށްފަހު، އެމަނިކުފާނު އެޖަލްސާގައި ދެއްވަން އޮތް ތަޤްރީރު ލިޔެފައި އޮތް ގަނޑުތައް އޮތީ އަޅުގަނޑުގެ އަތުގައެވެ. އެލިޔުން އެމަނިކުފާނުގެ ކުރިފުޅުމަތީގައި ބާއްވާލުމާއެކު، ހިތްހަމަޖެހުމުގެ ފުން ނޭވާއެއް ލެވުނެވެ. އަދި، ޝުކުރުގެ ބައެއް ކަލިމަވެސް ހިތުން ކިޔާލެވުނު ހަނދާންވެއެވެ.

އޭގެ ކުރީ ރެޔަށް ޖެހިލާނަމެވެ. ރައީސް މައުމޫން އަދި އެމަނިކުފާނުގެ ވަފުދު ތިއްބެވި ހޮޓަލުގައި، އެމަނިކުފާނު ރޭގަނޑުގެ ފަރީއްކޮޅު ނަންގަވަނީއެވެ. އާދަކާދައިގެ މަތިން، ބޭރު ދަތުރުފުޅުތަކުގައި ރައީސް މައުމޫން ފަރީއްކޮޅު ނަންގަވާނީ ވަފުދުގެ މެންބަރުންނާއެކުއެވެ. އެއް ސުފުރާ މަތިންނެވެ. މިފަދަ ފުރުޞަތުތަކުގައި، ވަރަށް ދިގުކޮށް، އެކި ކަންކަމާ މުޢާމަލާތުކޮށް، މަޝްވަރާ ކުރުން އޮވެއެވެ. ނަމަވެސް، އެރޭގެ ފަރީއްކޮޅު ނިންމަވާލެއްވުމާއެކު، އެމަނިކުފާނު ވަދާއީ ސަލާމް ކުރައްވާ، ވަޑައިގަތީ ކޮޓަރިކޮޅަށެވެ. އެހެނީ، އެމަނިކުފާނު އެރޭ އުޅުއްވީ އާލާސްކަންފުޅާއެވެ. އަރިދަފުސް ރޯގާއެވެ. ރަނގަޅަށް އަޑުފުޅުވެސް ނުނިކުމެއެވެ. އަދި، ހިސާބަކަށް ހުންފުޅުވެސް ހުއްޓެވެ. އެހެންކަމުން، ބޭސް ފަރީއްކުޅުވިއެވެ. ވިދިގެން އަންނަ ދުވަހު މެންދުރުފަހު ތަޤްރީރުކުރައްވަން ހަމަޖެހިފައި އޮތުމުން، އަޑުފުޅަށް ކޮންމެވެސްވަރެއްގެ ލުއިކަމެއް ލިބިވަޑައިގަންނަވާތޯއެވެ. ކުޑަކުޑަ ރަސްމިއްޔާތެއްނަމަ، ތަޤްރީރު ނުވެސް ދެއްވާނެކަން ތަޖުރިބާއިން އަޅުގަނޑަށް ދަންނަވަން ކެރެއެވެ. އެހާވެސް ހާލުކޮޅު ގޯހެވެ. ނަމަވެސް، މިއީ އދ.ގެ މަޖިލީހެވެ. ޤައުމުތަކުގެ އެންމެ އިސްވެރިން ތަޤްރީރު ކުރައްވާނެ ތާރީޚާއި ތަރުތީބު އޮންނަނީ މާކުރިން ކަނޑައެޅިފައެވެ. ވީމާ، އެމަނިކުފާނު ހުންނެވީ، ކެރިކުޅަދާނަވެގެންވާނަމަ، ތަޤްރީރު ކުރެއްވުމުގެ ޢަޒުމުގައެވެ.

މި ތަޤްރީރު މުހިންމުވާ އެހެން ސަބަބެއްވެސް އޮތެވެ. ވިދިގެން އަންނަ ދުވަހު އދ.ގައި އެމަނިކުފާނު ތަޤްރީރު ކުރައްވަނީ ދިވެހި ބަހުން ކަމަށްވީތީއެވެ. މާދަރީބަހުން އދ.ގައި ދިވެހި ލީޑަރަކު ތަޤްރީރުކުރައްވާ ފުރަތަމަ ފަހަރެވެ.

އަވަހާރަފުޅު ލައްޕަވަން ވަޑައިގަތުމުގެ ކުރިން، ތަޤްރީރު ތަފްޞީލުކޮށް ބައްލަވާލެއްވިއެވެ. އަދި، ފަރިތަކޮށްލައްވަން ހިތްޕުޅުން ވިދާޅުވެލެއްވިއެވެ. ކަނޑައެޅިފައިވާ ވަގުތަށް ފެތޭތޯ ޔަޤީންކޮށްލެއްވުމަށެވެ. ކޮޓަރިކޮޅަށް ވެދެވަޑައިގަތީ އެތަޤްރީރު ފޮތް ހިއްޕަވައިގެންނެވެ.

އިރާދަކުރެއްވީތީ، އަނެއް ދުވަހު އެމަނިކުފާނުގެ ޙާލުކޮޅު ވަރަށް ބޮޑުތަން ރަނގަޅެވެ. އެދުވަހު މެންދުރު ފަރީއްކޮޅުގެ ވަގުތުގައި ރައީސް އަޅުގަނޑަށް އިޝާރާތްކޮށްލެއްވިއެވެ. ތަޤްރީރަށް ބައެއް ކުދިކުދި ބަދަލު ގެންނަވަން އެދިވަޑައިގަންނަވާތީއެވެ. އެބަދަލުތައް ވިދާޅުވެދެއްވާ، ތަޤްރީރުގެ ލިޔުން އަލުން ޕްރިންޓްކޮށްގެން ގެންދިއުމަށް އެންގެވިއެވެ. އަޅުގަނޑާ މިމަސައްކަތް ހަވާލުކުރެއްވުމަށްފަހު، އެމަނިކުފާނު ނުކުމެވަޑައިގަތީ އދ.ގެ މަރުކަޒަށް ވަޑައިގަތުމަށެވެ.

ރައީސް މައުމޫން އިނގިރޭސިބަހުން ދެއްވާ އެންމެހާ ތަޤްރީރުތަކާއި ދައްކަވާ ވާހަކަފުޅުތަކުގެ ދެލިކޮޕީ ލިޔެ، ތައްޔާރުކުރުމަކީ އަޅުގަނޑުގެ މަސްޢޫލިއްޔަތެކެވެ. އެހެންކަމުން، އެ ތަޤްރީރުވެސް، އޭގެ އެތައް ދުވަހެއް ކުރިން އަޅުގަނޑު އެކުލަވާލީމެވެ. އިނގިރޭސިންނެވެ. އަދި، އެކި ފަހަރުމަތިން، ރައީސް މައުމޫން އެ އިނގިރޭސި ދެލިކޮޕީ ބެއްލެވިއެވެ. ދެން ލިބިވަޑައިގަތީ މޮޅު ޚިޔާލުފުޅެކެވެ. ނިންމެވީ އެފަހަރުގެ ތަޤްރީރު ދިވެހިބަހުން ދެއްވުމަށެވެ. އެހެންކަމުން، އިނގިރޭސިން ލިޔެފައި އޮތް ތަޤްރީރު އަޅުގަނޑު ދިވެހި ބަހަށް ތަރުޖަމާކުރީއެވެ.

އެޖަލްސާގައި ދިވެހި ބަހުން ތަޤްރީރު ކުރެއްވުމަކީ، އޭގެ ފަހަތުގައި ވަރަށް ފުން މާނައެއް އެކުލެވުނު ކަމެކެވެ. އަދި، އޭގެ ސަބަބުން ރާއްޖޭގައި އަދި ބޭރުގައިވެސް އެކަމަށް ގިނަ ބިއެއްގެ ސަމާލުކަން ލިބިގެންދިޔަ ކަމެކެވެ.

ގާތްގަނޑަކަށް ހައެއްކަ އަހަރުގެ ތެރޭގައި، އަޅުގަނޑު ވާނީ އެމަނިކުފާނުގެ ގިނަ ތަޤްރީރުތަކެއްގެ ދެލިކޮޕީ އެކުލަވާލާފައެވެ. ގިނައިން އިނގިރޭސިންނެވެ. މަދު ފަހަރެއްގައި ދިވެހިންވެސްމެއެވެ. އެފަހަރު އދ.ގައި ދެއްވި ތަޤްރީރަކީ އަޅުގަނޑަށްވެސް އެންމެބޮޑު އުފަލަކާއި ފަޚުރެއް ލިބުނު އެފަދަ މަސައްކަތެވެ.

އެއިރު، ރައީސް އޮފީހުގައި އަޅުގަނޑު އަދާކުރަމުންދިޔަ އެކި ޒިންމާތަކުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުތަކުގެ ދެލިކޮޕީ އެކުލަވާލުމަކީ، އަޅުގަނޑު އެންމެ ގަޔާވާ، އެންމެ ކުރާހިތުން ކުރި އެއް މަސައްކަތެވެ. އެނގިވަޑައިގަންނަވާނެ ފަދައިން، ރައީސް މައުމޫނަކީ ވަރަށްވެސް ޢިލްމީ ބޭފުޅެކެވެ. އެއް ޒަމާނެއްގައި މުދައްރިސެއް ވެސްމެއެވެ. އެހެންކަމުން، އެމަނިކުފާނުގެ ތަޤްރީރެއް ލިޔެ ތައްޔާރު ކުރުމަށްޓަކައި ދިރާސާކުރުމާއި، ތަޤްރީރު ލިޔުން އެއީ ގިނަ ވަގުތު ހޭދަކުރަންޖެހޭ، ބުރަ މަސައްކަތެކެވެ. އަޅުގަނޑު ލިޔާ ކޮންމެ ދެލިކޮޕީއެއް ދިހަ ބާރަ ފަހަރު ބައްލަވާ، ބޭނުންފުޅުވާ ގޮތަށް ރަހަ ހެޔޮވަރުކުރައްވާނެއެވެ. މުދައްރިސަކު އިމްތިހާން ކަރުދާހެއްގައި ލިޔާ ފަދައިން، އަމިއްލަފުޅު ގަލަންކޮޅުން އޭގައި ހުންނަ އިބާރާތްތަކާއި، އިބާރާތްތައް އެތުރިފައި ހުންނަ ގޮތް އިޞްލާޙު ކުރައްވާނެއެވެ. ރަތް ގަލަންކޮޅަކުންނެވެ. އަދި މަތީގައި "މުންދު" ޖެއްސެވުމަށްފަހު އަޅުގަނޑު އަތަށް ފޮނުއްވާނީއެވެ.

އދ.ގެ މަޖިލީސް، ސާކް ސަމިޓް، ކޮމަންވެލްތްގެ ޖަލްސާ އަދި އެފަދަ އެހެން ބޮޑެތި މަހާސިންތާތަކުގައި ތަޤްރީރު ކުރައްވާ ނަމަ، ދެލިކޮޕީގެ މަސައްކަތަށް އެތައް ހަފްތާއެއް ނަގާނެއެވެ. އަޅުގަނޑުގެ އަތުން ރައީސްގެ އަތްޕުޅަށެވެ. އަދި، އަނބުރާ އަޅުގަނޑުގެ އަތަށެވެ.

މިކޮލަމް ލިޔަން ފެށި ހިސާބުން، އެތަކެއް އަހަރަށްފަހު، ކަންކަން ދިރާސާކޮށް، ލިޔުމުގެ ފަންނަށް އެނބުރި އާދެވުނުކަމާމެދު އުފާކުރަމެވެ. އަދި، އެޒަމާނުގައި ކޮށްއުޅުނު މަސައްކަތްތަކުގެ އުފާވެރި ހަނދާންތައް އޭގެ ސަބަބުން އާވަމުންދެއެވެ.

އެފަހަރު އދ.ގައި ރައީސް މައުމޫން ދިވެހިބަހުން ތަޤްރީރުކުރައްވަން ނިންމެވުމުގެ ސަބަބުން، ޚާއްޞަ ބައެއް އިންތިޒާމު ހަމަޖައްސަންޖެހުނެވެ. އިތުރު އެތައް ތައްޔާރީއެއް ވާންޖެހުނެވެ. އެކަން ތަފްޞީލުކޮށްލާނަމެވެ.

އދ.ގެ މަޖިލީހުގައި ރަސްމީ ސިފައެއްގައި ބޭނުންކުރާ ތަފާތު ހަ ބަހެއް އޮވެއެވެ. އެއީ، އިނގިރޭސި ބަހުގެ އިތުރުން، އަރަބި ބަހާއި، ޗައިނާ ބަސް، ފަރަންސޭސި ބަސް، ސްޕެނިޝް ބަސް އަދި ރޫސީ ބަހެވެ. ރަސްމީ ބަސްތަކެއް އެކަށައެޅުމުގެ ތަފާތު ބޭނުންތަކެއް ވެއެވެ. އެއްކަމަކަށް، މިއީ ދުނިޔޭގައި އެންމެ ޢާންމު ބަސްތަކުގެ ތެރޭގައި ހިމެނޭ ގިނަ ބަސްތަކެވެ. އދ.ގައި ހުރިހާ ލިޔެކިޔުމެއްވެސް މި ދެންނެވި ހަ ބަހުން ތައްޔާރުކުރާނެއެވެ. ޤަރާރެއްވިއަސް، އެޖެންޑާއެއްވިއަސް އަދި ތަޤްރީރެއްވިއަސް، މި ހަ ބަހުން ތައްޔާރުކޮށް، ތަފާތު ހަ ކުލައިގެ ކަރުދާހަށް ޕްރިންޓްކޮށްފައި ހުރެއެވެ.

އޭގެ އިތުރުން، އދ.ގެ މަޖިލީހުގައި މިތަނުން ކޮންމެ ބަހަކުން މަންދޫބަކު ތަޤްރީރު ކުރެއްވިއަސް، އަނެއް ފަސް ރަސްމީ ބަހަށް ވަގުތުން ތަރުޖަމާކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ހުރެއެވެ. އެމަޖިލީހުގެ މައި މާލަމުގައި ކޮންމެ ގޮނޑިއެއްގައިވެސް ހެޑްފޯނެއް ހަރުކޮށްފައި ހުރެއެވެ. އަދި، ނަންބަރު އެކަކުން ނަންބަރު ހަޔަކާ ހަމައަށް އޭގައި ޗެނަލް ހުރެއެވެ. ކޮންމެ ޗެނަލަކުން އިވޭނީ، އެވަގުތު ދެކެވޭ ވާހަކައެވެ. ނަމަވެސް، ވަކި ބަސްތަކުން ތަރުޖަމާ ކުރެވިގެންނެވެ. އދ.ގެ މައި މަރުކަޒުގައި، ކޮންމެ މާލަމެއްގައިވެސް، ސިނަމާއެއްގައި ބޮކްސް ހުންނަ ފަދައިން، މަތީގައި ކުދިކުދި ހަ ގޮޅި ހުރެއެވެ. އެއީ، އެކި ބަސްބަހަށް ވަގުތުން ތަރުޖަމާކުރާ މުވައްޒަފުން ތިބޭތަނެވެ.

ދިވެހި ވަފުދުން އެހާތަނަށް، އަބަދުވެސް ވާހަކަ ދައްކަމުން އައީ އިނގިރޭސިބަހުންނެއެވެ. ވީމާ، ދިވެހި ވަފުދުގެ ވާހަކަތައް އަޑުއަހާ، އަނެއް ފަސް ރަސްމީ ބަހަށް ވަގުތުން ތަރުޖަމާ ކުރެއެވެ. އަދި، އިނގިރޭސި އެނގިވަޑައިނުގަންނަވާ ހާޒިރީން، ހެޑްފޯން އަޅުއްވައިގެން، އެބޭފުޅަކު އެދިވަޑައިގަންނަވާ ބަހެއްގެ ޗެނަލް މެދުވެރިކުރައްވާ ދެކެވޭ ވާހަކަ އަޑު އައްސަވައެވެ.

އިންތިޒާމު މިގޮތަށް އޮތުމާއެކު، ރައީސް މައުމޫން ދިވެހިބަހުން ތަޤްރީރު ކުރެއްވުމުން މައްސަލައެއް ދިމާވޭ ދެއްތޯއެވެ؟ އިސްވެ ދެންނެވުނު ހަ މުވައްޒަފުންކުރެ އެކަކަށްވެސް ދިވެއްސެއް ނޭނގޭނެ ނޫންތޯއެވެ؟ ވީމާ، ވިދާޅުވާ އެއްޗެއް އެހެން ބަސްބަހަށް ތަރުޖަމާ ކުރާނީ ކޮންގޮތަކުން ތޯއެވެ؟

މިކަމުގެ ޙައްލު ވަރަށް ސާދާވެފައި ފަސޭހައެވެ. އިސްވެ ދެންނެވި ހަ ގޮޅީގެ ތެރެއިން އިނގިރޭސިބަހުގެ ތަރުޖަމާނުގެ ގޮޅީގައި އިންނަ މުވައްޒަފުގެ ބަދަލުގައި ދިވެހި ބަސް ދަންނަ މީހަކު އޭނާގެ ޖާގަ ވަގުތީގޮތުން ފުރާނީއެވެ. އަދި، ރައީސްގެ ވާހަކަފުޅު ވަގުތުން، އިނގިރޭސި ބަހުން ތަރުޖަމާ އިއްވާނީއެވެ. އަނެއް ފަސް ގޮޅީގައި ތިބޭ ތަރުޖަމާނުން، އެމީހަކަށް ކަނޑައެޅިފައި އޮންނަ ބަހަކަށް ތަރުޖަމާ ކުރާނީ، ދިވެހި ބަހުން އިނގިރޭސި ބަހަށް ތަރުޖަމާކުރާ ފަރާތުގެ އަޑު އަހައިގެންނެވެ. ސީދާ ރައީސް މައުމޫންގެ އަޑުފުޅު އެހުމުގެ ބަދަލުގައެވެ.

މިކަން މިތަފްޞީލުކޮށްލީ ސަބަބެއް އޮވެގެންނެވެ. އދ.ގެ ޢާންމު މަޖިލީހުގެ ބަހުސްގައި، 20 ސެޕްޓެމްބަރު 2006 ގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މާދަރީބަހުން ދެއްވި ތަޤްރީރު، އެމާލަމުގައި ވަގުތުން އިނގިރޭސިބަހަށް ތަރުޖަމާކުރުމުގެ ޒިންމާ، މަސްޢޫލިއްޔަތު އަދި ޝަރަފު ލިބުނީ އަޅުގަނޑަށެވެ. ރައީސް މައުމޫން އެދުވަހު ދިވެހިބަހުން ތަޤްރީރު ކުރެއްވުން ވެގެންދިޔައީ ޤައުމީ ފެންވަރުގައި ތާރީޚީ ކަމަކަށެވެ. އެދުވަހުގެ ތަޤްރީރު އެމާލަމުގައި އިނގިރޭސިބަހަށް ތަރުޖަމާކޮށް، އިއްވުމުގެ ފުރުޞަތު ލިބުން ވެގެންދިޔައީ، ފަރުދީ ހައިސިއްޔަތުން، އަޅުގަނޑަށްވެސް ވަރަށް ތާރީޚީ ކަމަކަށެވެ. އެހެނީ، އެއީ އދ.ގެ މަޖިލީހުގައި ތަރުޖަމާ ނުތަވަ އިންޓަރޕްރިޓްކުރުމުގެ ފުރުޞަތު ލިބުނު އެންމެ ފުރަތަމަ އަދި މިހާތަނަށް ހަމައެކަނި ދިވެއްސަކަށް އަޅުގަނޑު ވެގެންދިޔައީތީއެވެ. އާދަޔާޚިލާފު ތަޖުރިބާއެކެވެ. ހަނދާނުން ފިލައިގެން ނުދާވަރުގެ އެ ތަޖުރިބާއަށް، މީގެ އެއް ދުވަސް ފަހުން 14 އަހަރު ފުރޭނެއެވެ.

އަޅުގަނޑަކީ، އާންމުކޮށް، ކަންކަމާ ފިނިވާ މީހެއް ނޫނެވެ. ނަމަވެސް، އެދުވަހު، އެޒިންމާ އަދާކުރުމަށް ތައްޔާރުވީއިރު، މީހާ ހަމަ ތުރުތުރުލައެވެ. ހާސްވެ، ބިރުގަތެވެ. ހޮޓަލުން ނުކުމެގެން ދުވެފައި ދާން ޖެހުމުން ކަމަށްވެދާނެއެވެ. ތައްޔާރުވާން ފުރުޞަތު ކުޑަވުމުން ކަމަށްވެދާނެއެވެ. ނޫނީ، ކުރަން ޙަވާލުވި ކަންތަކުގެ ބޮޑުކަމުން ކަމަށްވެސް ވެދާނެއެވެ.

އެދުވަހު ދުވެފައި ދާންޖެހުނީ ކީއްވެތޯ ބައެއް ކިޔުންތެރިންގެ ހިތްޕުޅަށް އަރާފާނެއެވެ. ވީމާ، ކަން ހިނގާދިޔަގޮތް ދަންނަވާލާނަމެވެ. އދ.ގެ މައި އިދާރާއަށް ވަޑައިގަތުމަށްޓަކައި ހޮޓަލުން ނުކުމެވަޑައިގަތުމުގެ ކުރިން، ތަޤްރީރަށް ގެންނަވަން ބޭނުންފުޅު އިޞްލާޙުތައް ރައީސް ވިދާޅުވުމުން، އަޅުގަނޑު އެނބުރުނީ، ލަސްނުކޮށް އެކަން ކުރުމަށެވެ. މިފަދަ ދަތުރުފުޅުތަކުގައި ރައީސް އަރިހުގައި އުޅޭއިރު، އަޅުގަނޑުގެ ހޮޓަލު ކޮޓަރި ބޮޑަށް ވައްތަރުވާނީ އޮފީހަކާއެވެ. ލެޕްޓޮޕްގެ އިތުރު ޕްރިންޓަރަކާއި ބައިންޑަރެއްވެސް ހުންނާނެއެވެ. އަދި، ދައުލަތުގެ ރަސްމީ ލެޓްރހެޑްތަކާއި ސީލް ފަދަ ތަކެތިވެސް ހުންނާނެއެވެ. އެޒަމާނުގައި ބޭނުންކުރަމުންދިޔަ އެއްޗަކަށް ވީތީ، ކުޑަ ފެކްސް މެޝިނެއްވެސް ގެންގުޅެން ޖެހެއެވެ. ފޮޓޯކޮޕީވެސް ނެގޭ ވައްތަރެވެ. މިބާވަތުގެ ރަސްމީ ދަތުރުފުޅުތަކުގައި ލިޔެކިޔުމުގެ ހުރިހާ މަސައްކަތެއް ކުރަން އޮންނަނީ އަޅުގަނޑާ ޙަވާލުވެފައެވެ.

ކޮންމެއަކަސް، ވިދާޅުވި އިޞްލާޙުތައް ގެނެސް، ތަޤްރީރު ޕްރިންޓްކުރުމުގެ މަސައްކަތް ފެށީމެވެ. ކަމަކު ދާކަށް ނެތެވެ. ޕްރިންޓަރުގެ ކާޓްރިޖް ހުރީ ހުސްވެފައެވެ. ހޮޓަލުގެ ބިޒަނަސް ސެންޓަރުވެސް ބަންދެވެ. އެހެންކަމުން، ނިންމީ އެތަޤްރީރު އީމެއިލް ކޮށްލާށެވެ. ނިއުޔޯކުގައި ހުންނަ އދ. އަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަނަށެވެ. އެތަން ހުންނަނީ އަޅުގަނޑުމެން ތިބި ހޮޓަލާއި އދ.ގެ މައި އިދާރާއާ ދެމެދުން، ސެކަންޑް އެވެނިއުގައެވެ. އީމެއިލް ކުރުމަށްފަހު، އެތަނުން އެއް މުވައްޒަފަކަށް ގުޅާ، އެލިޔުން ޕްރިންޓްކޮށްގެން ދޮރު ކައިރިއަށް ގެނެސްދިނުމަށް އެދުނީމެވެ.

ހަރުކޮށް ހޮޓަލުން ނުކުތްއިރު، ގިނަ ޤައުމުތަކުގެ އިސްވެރިން އެމަގުން ދަތުރުފުޅު ކުރައްވާތީ، އެވަގުތަށް މަގު އޮތީ ބަންދުކޮށްފައެވެ. ކާރެއް ނުދުއްވެއެވެ. އެހެންކަމުން، ނިންމީ ދުވެފައި ދިއުމަށެވެ. އދ.ގެ މައި އިދާރާއަށް ދުވެފައި ދިޔަ މަގުމަތީގައި، މިޝަންގެ ދޮރުމަތީގައި އަޅުގަނޑުގެ އިންތިޒާރުގައި ހުރި މުވައްޒަފުގެ އަތުން އެލިޔުމާ ހަވާލުވީއެވެ.

އެހިސާބުން އިތުރު ކަމެއްވެސް ލައިގަތެވެ. އަވަސް އަރުވާލި މިންވަރުން ހޮޓަލުން ނުކުމެވުނީ އދ.ގެ މަރުކަޒަށް ވަންނަން ހުއްދަލިބޭ ކަރުގައި އަޅާ ފާހާ ނުލައެވެ. ހަނދާނުން ކައްސާލީއެވެ. ދިމާވާއިރު ކަންކަން ދިމާވާނީ ފުލުފުލުންނެވެ. ވީމާ، އަވަހަށް ސަފީރު ޑރ. ލަޠީފާ ފޯނުން ގުޅީއެވެ. އެމަނިކުފާނު ވަގުތީ ފާހެއް ހަމަޖައްސަވާ، އެ ފާސް ހިއްޕަވައިގެން ދޮރުމައްޗަށް ނުކުމެވަޑައިގަތީއެވެ. އެކަން އެވަގުތު ނުވީ ނަމަ، ރައީސް ދެއްވާ ތަޤްރީރު، ވަގުތަށް އަތްޕުޅަށް ނޭރީސްކަން ކަށަވަރެވެ. ރަސްމީ ޒިންމާއެއްގައި، އޮންނަ ވަގުތަށް ކަމެއް ނުވި ހަނދާނެއް ނެތެވެ. އެކަމާ އުފާކުރަމެވެ. ނަމަވެސް، އަޅުގަނޑުގެ ފަރުވާކުޑަކަމުންވިއަސް ނުވަތަ ބަދުނަސީބުން ކަމުގައިވިއަސް، އެފަދަ ލަދުވެތިކަމެއް ދިމާވީނަމަ، ދިމާވާނެ ދުވަހަކީ އެއީއެވެ.

އިސްވެ ދަންނަވާލި ފަދައިން، ރައީސްގެ އަތްޕުޅަށް ތަޤްރީރު އެރުވުމަށްފަހު، އަޅުގަނޑު މިސްރާބުޖެހީ މާލަމުގެ މަތީގައި ހުންނަ އިނގިރޭސި ތަރުޖަމާނަށް ޚާއްޞަ ގޮޅިއާ ދިމާއަށް ދިއުމަށެވެ. އެއީ ހަ ފޫޓު ހަ ފޫޓުގެ ކުޑަ ގޮޅިއެކެވެ. ކުރިމަތީގައި ހުންނަނީ ބިއްލޫރި ޖަހާފައެވެ. މާލަމުގައި ތަޤްރީރު ކުރަން ހުންނަ ޕޯޑިއަމް ތިރިން ފެންނަން ހުރެއެވެ. ގޮނޑިއެއް ބަހައްޓާފައި ހުރެއެވެ. އޭގެ ކުރިމަތީގައި ހުންނަނީ އަޑު އަހާ، ވާހަކަ ދައްކަން ބަހައްޓާފައި ހުންނަ ކޮންޓްރޯލް ކޮންސޯލެވެ. މައިކެއް ހުރެއެވެ. ހެޑްފޯނެއް އޮވެއެވެ. ހެޑްފޯން އެޅުމުން، އެއް ކަންފަތުން، މާލަމުގައި ދެމުންދާ ތަޤްރީރު އަޑު އިވެއެވެ. ކުރިމަތީގައި ހުންނަ ފިތަކަށް ފިތާލުމުން މައިކު އޮން ވެއެވެ. އެހިސާބުން އަޅުގަނޑު ދައްކާ ވާހަކަ، އިނގިރޭސި ޗެނަލުން އިވޭގޮތަށެވެ. މިގޮތަށް ބަރިއަކަށް ހުންނަ ހަ ގޮޅިއެވެ. ކޮންމެ ގޮޅއެއްގައި، ވަކި ބަހަކުން އިންޓަރޕްރިޓްކުރާ މުވައްޒަފެއް އިނދެއެވެ.

އިނގިރޭސި ތަރުޖަމާއަށް ޚާއްޞަ ގޮޅިއަށް ދިއުމުން، އެތާނގެ ދޮރުމަތިން އަޅުގަނޑާ ބައްދަލުކުރީ އިނގިރޭސި ތަރުޖަމާކުރާ ރަސްމީ މުވައްޒަފެވެ. އެތެރޭގައި އަންހެން ބޭފުޅަކު އިންނެވިއެވެ. އިންޓަރޕްރިޓަރ ބުންޏެވެ. އެތެރޭގައި އިންނެވީ ވެނެޒުއޭލާގެ ރައީސް ހޫގޯ ޗާވޭޒްގެ ރަސްމީ ތަރުޖަމާނުކަމަށެވެ. އަދި، އޭނާވެސް އެދަނީ ވަގުތުން ތަރުޖަމާކުރަމުން ކަމަށެވެ. އޭނާ ނުކުންނެވުމުން، އަޅުގަނޑު ވަންނަންވީ ކަމަށެވެ. ޗާވޭޒްގެ ފަހުން ވާހަކަފުޅު ދައްކަވާނީ ރައީސް މައުމޫން ކަމަށްވާތީއެވެ.

އދ. ގައި، އެންމެ އިސްވެރިން ވާހަކަފުޅު ދައްކަވަން ވަގުތު ކަނޑައެޅިފައި އޮވެއެވެ. ކޮންމެ ބޭފުޅެއްވެސް ފަނަރަ މިނިޓަށްވުރެ ދިގު ނުކުރެއްވުމަށް އޮންނަނީ އަންގަވާފައެވެ. ޕޯޑިއަމްގެ ކުރިމަތިން ބޮތްކެއްވެސް ހުރެއެވެ. ވަގުތު ހަމަވާން ގާތްވުމުން އެބޮކި ދިއްލެއެވެ. އަދި، ވަގުތު ފާއިތުވުމުން، ހުންނާނީ ދިއްލި ދިއްލި އެވެ. އެހެން ކަމުން، އަޅުގަނޑު ހުރީ، ޗާވޭޒްގެ ވާހަކަފުޅު ފަނަރަ މިނިޓުން ނިންމަވާނެ ކަމަށެވެ. އެމަނިކުފާނު އެދުވަހު ދެއްކެވި ވާހަކަފުޅު 23 މިނިޓަށް ދިގުލައިގެން ދިޔައެވެ.

އެދުވަހު ޗާވޭޒް ދެއްވި ތަޤްރީރަކީ އެރޭ މުޅި ދުނިޔޭގެ ޚަބަރުތަކުގެ ފަލަ ޞުރުޚީއަށް އެރި ތަޤްރީރެވެ. ސަބަބު ދަންނަވާލާނަމެވެ. ޗާވޭޒަކީ އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ބޭފުޅެކެވެ. ވަކިން ޚާއްޞަކޮށް، އެއިރު އެމެރިކާގެ ރައީސްއަކަށް ހުންނެވި ޖޯޖް ޑަބްލިއު ބުޝް އަށެވެ. އެދުވަހުގެ ތަޤްރީރުގައި، ރައީސް ޗާވޭޒް މުޅި 23 މިނިޓު ހޭދަކުރެއްވީ، އެކި ގޮތްގޮތުން، ވަރަށް ހަރުކަށިކޮށް ރައީސް ބުޝް އަށް ފާޑުވިދާޅުވުމުގައެވެ. ވަރަށް އަޑުހަރުކޮށެވެ.

އެހުރިހާ ވަގުތު، އަޅުގަނޑު ބަލަމުންދިޔައީ އެމަނިކުފާނުގެ އިންޓަރޕްރިޓަރގެ ހަރަކާތަށެވެ. ގޮޅީގެ ދޮރު ލައްޕާފައި ހުއްޓަސް ބޭރަށް ވަރަށް ބާރަށް އަޑު އިވެއެވެ. ތަރުޖަމާ ކުރެއްވި އަންހެން ބޭފުޅާ ރައީސް ޗާވޭޒަކަށް ދުލެއް ނުކުރައްވައެވެ. އޭނާގެ އަޑުވެސް ހަމަ އެހާ ގަދައެވެ. އަދި، ހަރަކާތްތައްވެސް ހުރީ ޖޯޝުން ފުރިފައެވެ. ފުންމަފުންމައިގެން ތެދުވާތަންވެސް އައެވެ. ބާރަށް މޭޒުގައި ގޮއްމުށްކަވާފައި ޖަގާ ހިސާބުތައްވެސް އާދެއެވެ. ގިނަ އިރު ވަމުންދިޔަހެން، އަދި އޭނާގެ ޢަމަލުތައް ބަލަމުންދިޔަހެން، އަޅުގަނޑުގެ ހާސްކަން ދިޔައީ އިތުރުވަމުންނެވެ.

ރައީސް ޗާވޭޒް ނިންމަވާލެއްވިއިރު ތަރުޖަމާނުވެސް ހުރީ ދާހިއްލާ ފޯވެފައެވެ. އިސް އުފުލާ ބަލާލުންވެސް ނެތި، ބާރަށް ދޮރުޖަހާފައި ނުކުމެގެން ދިޔައީއެވެ. އަޅުގަނޑާ ޖެހުނީއެވެ. މަޑުމަޑުން ވަދެ، އެގޮނޑީގައި އިށީނީއެވެ. އަދި ބިސްމި ކިޔާފައި މަސައްކަތަށް އެނބުރުނީއެވެ. ރައީސް މައުމޫން ދިވެހި ބަހުން ވިދާޅުވާ ކޮންމެ ޖުމްލައަކަށްފަހު، އިނގިރޭސިން އެޖުމްލަ ވަގުތުން ތަރުޖަމާކޮށް، އިއްވަނީއެވެ.

އެވަގުތު އެމާލަމުގައި އެތައް ސަތޭކަ ބޭފުޅުން ތިއްބެވިއެވެ. ދިވެހި ވަފުދު ފިޔަވާ އެންމެންވެސް ތިބީ ހެޑްފޯން އަޅައިގެންނެވެ. މާނަ އަކީ، އެންމެންވެސް އަހަމުންދިޔައީ އަޅުގަނޑުގެ އަޑެވެ. ނުވަތަ، އަޅުގަނޑުގެ އަޑު އަހައިގެން އަނެއް ފަސް ބަހަކަށް ތަރުޖަމާކުރަމުންދިޔަ މުވައްޒަފުންގެ އަޑެވެ. އަދި ލައިވްކޮށް ޓެލެކާސްޓް ވަމުންދިޔައީވެސް އަޅުގަނޑުގެ އަޑެވެ. ރައީސް މައުމޫންގެ އަޑުފުޅު އެއްސެވީ އެތާ ތިއްބެވި ދިވެހި ވަފުދުގެ ބޭފުޅުންނެވެ. ދެން، ރާއްޖޭގައި އެމަންޒަރުތައް ބަލަމުން ދިޔަ ދިވެހި ރައްޔިތުންނެވެ. ރައީސް މައުމޫންގެ ތަޤްރީރު، ޗާވޭޒާ ޚިލާފަށް ބަރާބަރު ވަގުތަށް ނިންމަވާލެއްވިއެވެ. ތަޤްރީރުތައް އަބަދުވެސް ލިޔަނީ އޮންނަ ދިގުމިނަށް ފައްތައިގެންނެވެ.

މިކަން ނިމުމާއެކު، އަޅުގަނޑު މަޑުމަޑުން ތިރިއަށް ފައިބައިފީމެވެ. އެތަނުން އަޅުގަނޑާ އަނެއްކާވެސް ބައްދަލުކުރެއްވީ ޑރ. މުޙައްމަދު ލަޠީފެވެ. ރައީސް އަޅުގަނޑު އެބަ ހޯއްދަވާ ކަމަށް ވިދާޅުވިއެވެ. އިންނެވީ "ޕީކޮކް ލައުންޖް" ގައެވެ. އެއީ، ތަޤްރީރު ކުރެއްވުމަށް ޕޯޑިއަމަށް ވަޑައިގަތުމުގެ ކުރިން އަދި ތަޤްރީރު ނިންމެވުމަށްފަހު އެނބުރި ވަފުދުތައް ތިބޭ ތަނަށް ވަޑައިގަތުމުގެ ކުރިން، ވެރިން މަޑުކޮށްލައްވަން ހަމަޖެހިފައި ހުންނަ ޚާއްޞަ ކޮޓަރިކޮޅެކެވެ.

ލައުންޖަށް ވަންނަން ދިޔައިރު ހިތަށް އެރިއެވެ. ތަރުޖަމާކުރުމުގައި ގޯހެއް ހެދުނީބާވައެވެ؟ ރައީސް ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ފެންވަރަށް އެކަން ކުރެވުނު ބާވައެވެ؟ ދެން ހިތަށް އެރިއެވެ. ގައިމު ރައީސަށް އަޅުގަނޑު ދެއްކި ވާހަކަ އިވިވަޑައެއްނުގަންނަވާނެތާއެވެ. އެހެން އެންމެނަށް އިވުނަށް، ރައީސަކަށް އެވަގުތަކު އިވިވަޑައެއްނުގަންނަވާނެތާއެވެ.

އެތަނަށް ވަނުމާއެކު ފެނުނީ ރައީސް އަރިހުގައި އިތުރު ބޭފުޅަކު އިންނެވި މަންޒަރެވެ. ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސައެވެ. ޗާވޭޒްގެ ކުރިން ތަޤްރީރު ކުރެއްވީ ރައީސް ރާޖަޕަކްސައެވެ. އެއިރުއްސުރެ، އެތާނގައި އިންނެވީތާއެވެ.

އަޅުގަނޑު ފެނުމުން، ރައީސް މައުމޫން އަތްޕުޅުން އިޝާރާތްކޮށްލެއްވިއެވެ. ކައިރިއަށް އައުމަށެވެ. އަދި، ސްރީލަންކާގެ ރައީސް އަރިހުގައި ވިދާޅުވިއެވެ. ތަރުޖަމާކުރީ އަޅުގަނޑު ކަމަށް ވިދާޅުވެ، އަޅުގަނޑާ ދިމާއަށް އަތްޕުޅުން އިޝާރާތްކޮށްލެއްވިއެވެ. އެހިސާބުން، ރައީސް ރާޖަޕަކްސަ ވިދާޅުވިއެވެ. ރައީސް މައުމޫންގެ ތަޤްރީރު އެމަނިކުފާނުވެސް އިންނެވީ ކަނުލައްވާ އައްސަވަން ކަމަށެވެ. ދިވެހި ބަހުން ވާހަކަފުޅު ފެއްޓެވުމުން، އަވަހަށް ހެޑްފޯން އަޅުއްވައިގެން، އަޅުގަނޑުގެ ތަރުޖަމާ އެއްސެވީ ކަމަށެވެ. އަދި، ތަރުޖަމާ ވަރަށް ރަނގަޅު ކަމަށް ވިދާޅުވިއެވެ. ރައީސް ރާޖަޕަކްސައަށް ޝުކުރު އަދާކޮށް، ސަލާމް ކޮށްލީމެވެ. އަދި، ރައީސް މައުމޫންގެ ފަހަތްޕުޅުން، ވަފުދުގެ އެހެން ބޭފުޅުން ތިއްބެވި ހިސާބަށް ހިނގައިގަތީމެވެ.

ރައީސް މައުމޫން އެދުވަހު ކުރެއްވި ތާރީޚީ ތަޤްރީރު ދޭތެރެއަކުން އަދިވެސް އަޑުއަހާލަމެވެ. ޔޫޓިއުބްގައި އެބައޮތެވެ. މީގެ ސާދަ އަހަރު ކުރީގެ ހަނދާނެކެވެ. މިހާރުވެސް އެދުވަސް ވަރަށް ރަނގަޅަށް ހަނދާނުގައި ހުރެއެވެ. އެތަޤްރީރު މިއަދު އިވުނަސް، ހިތަށް އުފާވެރިކަން ވެރިވެގެންދެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1891

One Response

  1. ކިޔާދީ ބުނެދީ ހެދީމަ އެނގޭނީ ތިޔަކުރެއްވި މޮޅު ބުރަ (ސަޅި) މަސެއްކަތަށް ސެލިއުޓް ވަރަށްމޮޅު ބަލައިގަންފީމު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *