Support Us

ޗެޓްޖީޕީޓީން ތައްޔާރުކުރި ހުވައެއް ލައިދިން ކައިވެނި ރޫޅާލައިފި

މަސްނޫއީ ވިސްނުން ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އި) ޕްރޮގްރާމެއް ކަމަށްވާ ޗެޓްޖީޕީޓީގެ އެހީގައި ތައްޔާރުކުރި ހުވައެއް ލައިދީގެންކުރި ކައިވެންޏެއް ބަލައިނުގަތުމަށް ނެދަލޭންޑްސްގެ ކޯޓަކުން ނިންމައިފިއެވެ.

މި ދިޔަ އަހަރު އެޕްރިލް 19 ގައި ކުރި ކައިވެނި މި ދިޔަ ހޯމަ ދުވަހު ރޫޅާލަމުން ކޯޓުން ބުނީ ޗެޓްޖީޕީޓީން ތައްޔާރުކުރި ހުވާ ގައުމުގެ ގާނޫނުގައި ކަނޑައަޅައިފައިވާ މިންގަނޑުތަކަށް ނުފެތޭ ކަމަށެވެ.

ޕްރައިވެސީ ރައްކާތެރި ކުރުމަށް ދެމަފިރިންގެ ނަން ހާމަ ނުކޮށް ނިންމި ނިންމުމުގައި ކޯޓުން ބުނީ ދެމަފިރިންގެ ޒަވާޖީ ދިރިއުޅުމުގެ ޒިންމާތައް އަދާކުރުމަށް ހުވާ ކުރާކަމަށް ހުވައިގައި ބުނެފައިނުވާ ކަމަށެވެ. މިއީ ކައިވެނިކުރާ ކޮންމެ ދެމަފިރިއަކު ކުރަން ނެދަލޭންޑްސްގެ ގާނޫނުގައި ލާޒިމުކުރާ ކަމެކެވެ.

"ކައިވެނީގެ ސެޓްފިކެޓްގައި ބުނާ ކައިވެނިކުރި ތާރީހު ފިރިހެންމީހާއަށާއި އަންހެންމީހާއަށް މުހިންމުކަން ކޯޓަށް ފަހުމްވޭ. ނަމަވެސް ގާނޫނުގައި ބުނާ ކަންތައްތަކާމެދު އަޅާނުލައި ދޫކޮށްލެވޭކަށް ނޯންނާނެ،" ކޯޓުން ބުންޏެވެ.

ޗެޓްޖީޕީޓީ ލައްވާ ކައިވެނީގެ ހުވާ ތައްޔާރުކުރީ "މަޖާ ކަންތައްތަކެއް އެކުލަވައިލުމުގެ ބޭނުމެއްގައި ކަމަށް ވިޔަސް ގާނޫނުގައި ބުނާ މިންގަނޑުތަކަށް ނުފެތޭ" ކަމަށް ކޯޓުން ބުންޏެވެ. އެއާއެކު ކޯޓުން އެންގީ ދެމަފިރިންގެ ކައިވެނި ދެމަފިރިން ނިސްބަތްވާ ސަހަރުގެ ރެޖިސްޓްރީގެ ރެކޯޑުން ފުހެލުމަށެވެ.

ދެމަފިރިން ބުނީ ކައިވެނީގެ ހުވާކުރިއިރު ރަނގަޅު އިބާރާތްތައް ބޭނުން ކުރިޔަސް ނުވަތަ ނުކުރިޔަސް އެ މީހުންގެ މަގުސަދަކީ ކައިވެނިކުރުން ކަމަށެވެ.

ހުވާގައި ހިމަނާފައިވާ ކަންތައްތަކުގެ ތެރޭގައި "ޒަވާޖީ ހަޔާތަށް ދަތިތަކަކާ ކުރިމަތިވާ ދަނޑިވަޅުތަކުގައި ދެމަފިރިން އެކަކު އަނެކަކާ ސަމާސާކޮށް، ބައްދައިލުން" ފަދަ ކަންތައްތައް ކުރުން ހިމެނެއެވެ.

ކައިވެނީގެ ހުވާ ލައިދިން މީހާ ވަނީ އެ ދެމަފިރިންނަކީ "ޓީމެއް ކަމަށާއި (ލޯބިން) މޮޔަވެފައިވާ ޖޯޑެއް" ކަމަށް ވެސް ހުވާ ލައިދެމުން ބުނެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *