Support Us

ކޮލަމް: ދޭހަ

އެމް.އެމް.ސީ އާއި ބްރޯޑްކޮމް އެއްކޮށްލުން ރަނގަޅުބާ؟

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމް.އެމް.ސީ.) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކަމް) އެއްކޮށްލުމަށް ރައްޔިތުންގެ މަޖިލީސް އިން ކުރަމުން ގެންދާ މަސައްކަތަށް އަޅުގަނޑަށް ތާއީދު ކުރެވެއެވެ. ފާއިތުވި ދުވަސްތަކުގައި އެ ކޮމިޝަންތަކުން ކޮށްފައި އޮތް މަސައްކަތްތަކަށް ބަލާއިރު ތަފާތު ދެ ކޮމިޝަނެެއް އުފައްދައިގެން ޙާޞިލުކުރަން ބޭނުންވި ކަންތައްތައް އެއްގޮތަކަށް ވެސް ޙާޞިލް ކުރެވިފައި އޮތް ކަމަކަށް ގިނަ މީހުންނަށް ޤަބޫލެއް ނުކުރެވެ އެވެ.

މީޑިއާތަކުން ހަދާ ގޯސް ތަކާ މެދު ކޮމިޝަނުތަކުން އަމިއްލަ އަށް ފެނިގެން ފިޔަވަޅު އަޅާފައި އޮތީ ކިހާ ވަރަކަށްތޯ ބަލާލަމާތޯ އެވެ؟ އަޅުގަނޑަށް ލަފާކުރެެވޭ ގޮތުގައި އެ ގޮތަށް ފިޔަވަޅު އެޅި ކަންތައްތަކުގެ އަދަދު އަތުގެ އިނގިލިން ގުނާލެވޭނެ އެވެ. އެހެނެއް ނޫނެވެ. ސަރުކާރުގެ މުއައްސަސާއަކުން ޝަކުވާއެއް ކޮށްފި ނަމަ އެ މައްސަލައެއް ކޮމިޝަންތަކުން ބަލަ އެވެ. ގިނަ ފަހަރަށް އެ މައްސަލައެއް ނިމެނީ ވެސް ސަރުކާރުގެ މުއައްސަސާ އަކުން އެދޭ ގޮތަށެވެ. މިގޮތަށް ދިމާވަނީ ސަރުކާރުގެ މުއައްސަސާ އަކުން މައްސަލައެއް، ގިނަ ފަހަރަށް ހުށައަޅަނީ ވެސް އެފަދަ މައްސަލަ އެއް ހުށައަޅަން ޖެހޭ ޙާލަތުގައި ކަމުގައި ވާތީ ވެ އެވެ. މި ކަމުގައި ފުށުއަރާ ގޮތް ދިމާވަނީ އަމިއްލަ ފަރުދަކު ނުވަތަ ސަރުކާރާ ނުގުޅޭ ފަރާތަކުން ހަމަ އެފަދަ މައްސަލައެއް ހުށައެޅުމުންނެވެ. ސަރުކާރުގެ މުއައްސަސާ އަކުން ހުށައެޅި ބާވަތުގެ މައްސަލައެއް އަމިއްލަ ފަރުދަކު ނުވަތަ އަމިއްލަ ޖަމާޢަތަކުން ނުވަތަ އަމިއްލަ ކުންފުންޏަކުން ހުށައަޅައިގެން ކާމިޔާބުވުން ވަރަށް ދުރެވެ. ނުވަތަ މައްސަލަ ބެލޭ ހިސާބަށް ވެސް ބައެއް ފަހަރު ނުދެ އެވެ. ނުވަތަ މައްސަލަ ބެލުން ވެސް ވަރަށް ދިގުލައިގެން ދެއެވެ. މައްސަލަ ބަލަން ބޭނުންވާ އަދަދަށް ކޮންމެވެސް ސަބަބަކާ ހުރެ މީހުން ހަމަނުވެގެން ނުވަތަ އެ ފަދަ ކޮންމެވެސް ކަމެއް ދިމާވެގެން ކަމުގައި ޖަވާބު ދީފައި ވެއެވެ.

ވަރަށް ގިނަ އަހަރުތަކެއް ވާންދެން މީޑިއާގައި މަސައްކަތް ކުރެއްވި ބޭފުޅުން މީޑިއާގެ ބެލެނިވެރިންގެ ކޮމިޝަން ތަކުގައި ތިއްބަވަފާނެ އެވެ. މީޑިއާ އާއި ބެހޭގޮތުން އެ ބޭފުޅުން، ގިނަ، ދިގު ކޯސްތަކަކާއި ކުރު ކޯސްތަކެއް ހައްދަވައިފައި ވެސް އޮވެދާނެ އެވެ. ޤައުމު ގައްޔާއި ޤައުމުން ބޭރުގައި، މީޑިއާ އާއި ބެހޭ ގޮތުން ބޭއްވޭ ގިނަގުނަ ތަފާތު މަސައްކަތު ބައްދަލުވުން ތަކުގައި ވެސް އެބޭފުޅުން ބައިވެރިވެވަޑައިގެންފައި އޮވެދާނެ އެވެ. އެހެން ނަމަވެސް އެ ބޭފުޅުންގެ ވަޒީފާގައި އެބޭފުޅުންނަށް ލިބިވަޑައިގެންފައި ހުރި ޢިލްމާއި ތަޖުރިބާގެ ބޭނުން ކުރައްވަން ބޭނުންފުޅުނުވާ ނަމަ، ނުވަތަ ކޮންމެވެސް ސަބަބަކާއި ހުރެ ބޭނުން ކުރައްވަން ކެރިވަޑައިނުގަންނަވާ ނަމަ އެ ކައުންސިލްތަކުގެ މެމްބަރު ކަމުގައި ތިއްބެވުމަށް އެ ބޭފުޅުން ކުފޫހަމަވާ ކަމަށް ޤަބޫލު ކުރަން އުނދަގުލެވެ.

އަލަށް އުފަންކުރަން ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރާ މީޑިއާ ކޮމިޝަންގެ ބެލެނިވެރިކަން ރައްޔިތުންގެ މަޖިލީސް އަށް އޮންނަ ގޮތަށް އޮތުމުން ބައެއް މީޑިއާ ތަކުގެ ވެރިން ކަންބޮޑުވާ ކަމުގައި ރިޕޯޓްތައް ބުނެ އެވެ. އެއީ ޖާއިޒް ކަންބޮޑުވުމެކެވެ. ޙަޤީޤަތަކީ މިހާރުގެ ރައްޔިތުންގެ މަޖިލީސް އިން ކުރަން ނުޖެހޭ ބައިވަރު ކަންތައްތައް އެ މަޖިލީހުން ކުރަމުން ގެންދެ އެވެ. ޤާނޫނުއަސާސީ ބުނާ ގޮތުން ރައްޔިތުންގެ މަޖިލީސްގެ މަސައްކަތަކީ ޤާނޫނު ހެދުމެވެ. ރައްޔިތުންގެ މަޖިލީސް އިން ފާސްކުރާ ޤާނޫނާއި އެއްގޮތަށް ކަންތައްތައް ކުރިއަށް ނުދާ ނަމަ އެކަމެއް ބަލައި ޖަވާބުދާރީ ކުރުވުމެވެ. ސަރުކާރު ޖަވާބުދާރީ ކުރުވުމެވެ. ސަރުކާރު ހިންގުމެއް ނޫނެވެ. ކުރީގެ ސަރުކާރުގައި ސުޕްރީމް ކޯޓުން ކަންތައްކުރި ގޮތަށް، އެހެން މަގަކުން މިހާރު އެ ގޮތަށް ކަންތައް ކުރަނީ ރައްޔިތުންގެ މަޖިލީހުންނެވެ. ސަރުކާރު ހިންގުމުގެ ތެރެއަށް ވަދެގެންނެވެ. މަޖިލީހުން މިގޮތަށް ކަންތައް ކުރެވޭނީ ވެރިކަމުގެ މި ފަސް އަހަރު ދުވަހުގެ ތެރޭގައެވެ. އެ އީ މަޖިލީހުގެ އެތެރޭގައި މިހާރު މިއޮތް ވަރަށް ނާދިރު ޚާއްޞަ ޙާލަތުގެ ސަބަބުންނެވެ. ތިނެއް އެއްވެފައި އެކައްޗަށް ވެފައި އޮތުމުންނެވެ. (ކުރީގެ ރައިސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މަޖިލީހުގައި ބޮޑު އަޣްލަބިއްޔަތު އޮތް ޕާޓީގެ ރައީސް) ފެންނަ ފެނުމުގައި މި ގޮތަށް ކަންތައްތައް ހިނގާއިރު ޤައުމުގެ ލީޑަރު ނިންމެވީ ހިމޭނުން ހުންނަވާށެވެ. ނުވަތަަ ބޮޑު ވަރިހަމައިގައި ހުންނަވާށެވެ. އެއީ އަޅުގަނޑުމެންނަށް ދުރުން ފެންނަ ގޮތެވެ. މިފަދަ ޙާލަތުގައި ކަންތައް އޮަތް ގޮތް ރައްޔިތުންނަށް އޮޅުންފިލުވައިދޭން ތިބި ބަޔަކީ މި ހުރިހާ ފަރާތެއްގެ ފާރަވެރިން – ނޫސްވެރިންނެވެ.

ވަރަށް ގިނަ ފަހަރަށް ނޫސްވެރިން ހާމަކުރާ މަޢުލޫމާތަކީ އެ ކަމެއްގައި އޮންނަ ދެކޮޅުން ކުރެ އެއްކޮޅެއް ހިތް ހަމަނުޖެހޭނެ ގޮތަށް ޝާއިޢު ކުރެވޭ މަޢުލޫމާތެކެވެ. އެއީ ޙަޤީޤަތަށް ނުވެގެން ނޫނެވެ. ޚަބަރުގައި ހިމެނޭ ފަރާތް، ބޭނުން ނުވާ ގޮތަށް މަޢުލޫމާތު ހާމަކުރެވިގެންނެވެ. މިކަހަލަ ކޮންމެ ދަނޑިވަޅެއްގައި އެކަމެއްގައި ޝާމިލުވާ ބަޔަކު ޝަކުވާ ކުރުމުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އަށް މީޑިއާ ކޮމިޝަން ގެންގޮސްގެން، އެތަން މެދުވެރިވެގެން ފިޔަވަޅު އެޅޭނެ ގޮތަށް މަގު ފަހިވެފައި އޮތުމަކީ މިނިވަން ނޫސްވެރިކަމަށް ލިބޭނޭ ކުރިއެރުމެއް ނޫނެވެ. ބިރުވެރި ކަމެކެވެ. މީޑިއާ ކައުންސިލްގެ ބެލެނިވެރިކަން އޮންނަން ވީ ސަރުކާރުގެ ކޮންމެވެސް އެހެން މުއައްސަސާއެއްގެ ދަށުގަ އެވެ. ރައްޔިތުންގެ މަޖިލީސް އޮންނަން ވާނީ ޤާނޫނީ ގޮތުން ގޮތް ހުސްވުމުން ދާން އޮންނަ ތަނަކަށެވެ. ޤާނޫނީ ޙައްލެއް ހޯދާށެވެ.

އަޅުގަނޑުގެ ނަޒަރުގައި މީޑިއާގެ ބެލެނިވެރިންގެ ޒިންމާ އަކީ ހަމަ އެކަނި، މީޑިއާ ތަކުން ހަދާ ގޯސްތައް ބަލައި ފިޔަވަޅު އެޅުމެއް ނޫނެވެ. މީޑިއާ ރަނގަޅު މަގަކުން ކުރިއަށް ގެންދިއުމަށް މަގު ދެއްކުމަކީ ވެސް އެތަނުގެ މަސައްކަތެކެވެ. ރާއްޖޭގެ މީޑިއާގައި މަސައްކަތް ކުރާ ގިނަ މީހުންނަކީ ޒުވާނުންނެވެ. އާދައިގެ ބަހުރުވައިން ދަންނަވާ ނަމަ ޅަ ކުދިންނެވެ. މީޑިއާގައި މަސައްކަތް ކުރުމަކީ ރާއްޖޭގައި އަދި މާ ބޮޑު އާމްދަނީއެއް ލިބޭ ކަމެއް ވެސް ނޫނެވެ. މިހެން ކަން އޮތް އިރު، ޒުވާނުން މީޑިއާގައި މަސައްކަތް ކުރަނީ އެ މަސައްކަތް ދެކެ ވާ ލޯތްބެއްގެ ސަބަބުންނެވެ. މަސައްކަތް ކުރާ ހިތުންނެވެ.

ރާއްޖޭގެ މީޑިއާ ރަނގަޅު ކުރެވިދާނެ އެވެ. މީޑިއާގެ ފެންވަރު މަތިކުރެވިދާނެ އެވެ. ހާމަ ކުރެވޭ މައުލޫމާތަކީ އެއިރެއްގައި ލިބެން ހުރި ތެދު މަޢުލޫމާތު ކަމަށް ވެސް ހެދިދާނެ އެވެ. ކަންކަމާއި މެދު ޢާއްމު ރައްޔިތުން ފާޅު ކުރާ ޚިޔާލަކީ ވެސް ޤާނޫނީ އިމުގެ ތެރޭގައި ފާޅު ކުރެވޭ ޚިޔާލު ކަމަށް ހެދިދާނެ އެވެ. ޓެލެވިޒަން ޗެނަލް ތަކުން ވަގުތުން ދޭ ބަސްދީގަތުން ތަކުގައި ޖިނާއީ އަމަލެއް ހިންގަން މީހަކު ގޮވާލައިފި ނަމަ ނުވަތަ މީހެއްގެ އަބުރާ ބެހޭ ގޮތުން  ވާހަކަ ދައްކައިފި ނަމަ އެ ބައި އުނިކޮށްފައި ފޮނުވުމަށް ހިނދުކޮޅަކަށް ލަސްކޮށްފައި ފޮނުވެންވީ އެވެ. އެފަދަ ސާމާނު ސްޓޭޝަނުގައި ނެތް ނަމަ އެފަދަ ބަސްދީގަތުން ތަކަށް ފުރުޞަތު ދީގެން ނުވާނެ އެވެ. ފޮނުވަން ޖެހޭނީ ކުރިން ރެކޯޑް ކުރެވިގެން އުނިކުރަން ޖެހޭ ބައެއް އޮތް ނަމަ އުނިކުރެވިގެން ފޮނުވޭ ފަދަ ބަސްދީގަތުން ތަކެވެ.

އޮންލައިން ނޫސްތަކުގެ ޚިޔާލު ފާޅުކުރުމުގެ ބަޔަށް ބަލާލާއިރު، އެއީ މީހުންގެ އަބުރާ ބެހުމަށް ހުޅުވާލެވިފައި އޮންނަ ފުރުޞަތެކޭ ވެސް ހީވާ ފަހަރުފަހަރު އާދެ އެވެ. ބައެއް ފަހަރު ޢާންމު ސުލޫކީ މިންގަނޑުން ބޭރުން ވަރަށް ދަށު ދަރަޖައިގެ އެއްޗެހި ވެސް ލިޔެފައި ހުރެ އެވެ. މިސާލަކަށް ދަންނަވާ ނަމަ ޣައިރު މުސްލިމަކު މަރުވި ޚަބަރު ލިއުމުން "އެއީ ކިތަންމެ ރަނގަޅު މީހަކަށް ވިޔަސް އޭނާ ދާނީ ނަރަކަ އަށެވެ." އެއީ އެ ލިއުން ފޮނުވި މީހާ ދެކޭ ގޮތެވެ. އެކަމަކު އެ ޚިޔާލު ނޫސް ޝާއިޢު ކުރާ ފަރާތުން ޢާއްމު ކުރަން ޖެހޭނެ ބާވައެވެ؟

ނޫސް ތަކުގައި ލިޔެފައި ހުންނަ ބައެއް ޚަބަރު ތަކާއި ބެހޭ ގޮތުން ނުވަތަ ބައެއް ލިއުންތަކާއި ބެހޭ ގޮތުން ޚިޔާލު ފާޅު ކުރެވިފައި ހުންނަ އިރު ވެސް އެ ލިއުމުގައި ޚިޔާލު ތަފާތުވާ ބަޔާ މެދު ލިއުމަށް ވުރެ ބޮޑަށް ފެންނަނީ އެ މީހާ އަށާއި އޭނާގެ ޢާއިލާ އަށް އެއްޗެހި ގޮވާފައި ހުންނަ ތަނެވެ. ބައެއް އޮންލައިން ނޫސްތަކުން ވަރަށް ޒާތީ ކޭމްޕޭންތައް ހިންގާތަން ވެސް ފެނެ އެވެ. އެ ފަދަ ނޫހެއްގައި ޝާއިޢު ކުރެވޭ ލިއުމާ އިދިކޮޅު އެއްވެސް ޚިޔާލެއް ޝާއިޢު ނުކުރެވެ އެވެ. ކޮންމެ ނޫހެއްގައި ވެސް ޚިޔާލު ދިނުމުގެ ޤަވައިދެއް އޮވެއެވެ. އެހެންނަމަވެސް އެ ޤަވައިދަށް ގިނަ ނޫސްތަކުން އަމަލު ކުރެވޭތަނެއް ނުފެނެ އެވެ. ނޫހުގައި ޝާއިޢު ކުރެވޭ ޚަބަރަކަށް ނުވަތަ ލިއުމަކަށް ފާޑު ކިއުމަކީ މައްސަލަ އެއް ނޫނެވެ. އެ ލިއުމެއްގެ ސައްޙަ ކަމާ މެދު ވެސް ސުވާލު ކުރެވި ދާނެ އެވެ. އެކި ކަންކަމާއި މެދު އެކި މީހުން ވިސްނާނީ އެކި ގޮތަށެވެ. ބައެއް ފަހަރަށް ލިޔެފައި އޮންނަ އެއްޗެއް ރަނގަޅަށް ފަހުމުނުވެ ފާޑު ކިޔާފައި ހުންނަ ތަން ވެސް ފެނެ އެވެ. އެފަދަ ފާޑުކިއުމަށް އެހެން ކިއުންތެރިން ފާޑު ކިޔާފައި ހުންނަ ތަން ވެސް ފެނެ އެވެ. މައްސަލަ އަކަށް ވަނީ ލިއާ މީހާ ނުވަތަ ޚަބަރާ ގުޅޭ މީހާގެ ދިރިއުޅުމާއި ޒާތާއި ޢާއިލާއާ ބެހޭ ހިސާބުންނެވެ. މިފަދަ ކަންކަން ހައްލު ކުރެވޭނީ އެ ބަޔަށް ޚާއްޞަ ސަބްއެޑިޓަރެއް ހުރެގެން، ފޮނުވޭ ޚިޔާލު ތަކަށް ރަނގަޅަށް ބެލިގެން، ފުރާނައިގެން ހޮވައިގެންނެވެ.

ރާއްޖެ އަށް ޙަރަކާތްތެރި، ހިންގުންތެރި، އިޚްލާޞްތެރި، އިންޞާފްވެރި މީޑިއާ ކައުންސިލެއް ބޭނުންވާ ކަމާ މެދު ނޫސްވެރިކަމުގެ މަސައްކަތުގައި އުޅޭ އެއްވެސް މީހަކު ދެބަހެއްނުވާނެ އެވެ.