Support Us

ޚަދީޖާދައްތަގެ ވާހަކަ

ދާދި މިދާކަށް ދުވަހު ނޫހަކުން ފެނުނު ވާހަކައެކެވެ. ޒަމާނާއި ޙާލަތާއި ކުރިމަތިވާ އެކި ކަންކަމާ ގުޅިގެން ދިރިއުޅުމުގެ ވައްޓަފާޅިޔަށް އަންނަ ބަދަލުތަކުގެ ވާހަކައެވެ. ކުރިމަތިލާން ޖެހޭ ޒަރޫރަތް ތަކާއި ޙަޤީޤަތް ތަކުގެ ސަބަބުން އިންސާނުންގެ ވިސްނުމަށާއި، ފިކުރަށާއި، ކަންކަން ދެކޭ ގޮތަށާއި، މުޖުތަމަޢު ތަކުގައި ކަންކަން ކުރަން ހަމަޖެހިފައި އޮންނަ ގޮތްތަކަށް އަންނަ ބަދަލު ތަކުގެ ވާހަކައެވެ. އިއްޔެގެ ރީތި، މިއަދުގެ ހުތުރަށް ބަދަލުވާ ވާހަކަޔާއި، ދާދި އިހަކަށްދުވަހުގެ ނަލަކަން މާދަމާގެ ހުތުރު ކަމަކަށްވެސް ވެދާނެ ވާހަކައެވެ. އަދި މިގޮތަށް އަންނަ ބަދަލުތަކުގެ ދާއިރާ ފުޅާވަމުން ގޮސް، މުޅި މުޖުތަމަޢަށް އެ ބަދަލުތައް ބަަލައިގަންނަން މަޖުބޫރުވާ ހިސާބަށް ކަންކަން ދާ ވާހަކައެވެ. ކަން މިހެން އޮތަސް، އެއިން ކޮންމެ ބަދަލަކީވެސް އެންމެ ފުރަތަމަ އެކި ވަކި ފަރުދުންނާ ހަމައިން ފެށިގެން ބަލައިގަނެވެން ފެށިގެން ނޫނީ މުޅި މުޖުތަމަޢު ބަލައިގަންނަ ބަދަލަކަށް ނުވާނެ ވާހަކައެވެ.

މިދެންނެވި ފަލްސަފީ ވާހަކަ ކިޔައި ނިމުނުތަނާހެން، އަޅުގަނޑުގެ ހަނދާނަށް އައީ މީގެ ދެތިން ދުވަސް ކުރިން ހިނގައިދިޔަ ކަމަށް ކުރު ވާހަކައެއްގައި ބުނެވިދާނެ ކަހަލަ ކަމެކެވެ. އަޅުގަނޑުގެ ޢާއިލީ ރަޙުމަތްތެރިޔެއް ކަމަށްވާ ޒަކަރިއްޔާގެ ގެޔަށް ކުރި ޒިޔާރަތެއްގެ ތެރެއިން އަޅުގަނޑަށް ލިބުނު ފިލާވަޅެއްގެ ހަނދާނެވެ. ހިނގައިދިޔަ ކުޑަކުޑަ ކަމަކުން ޙާޞިލް ކުރެވުނު ޢިބުރަތެއްގެ ހަނދާނެވެ. އައްސަވާށެވެ!

އަޅުގަނޑު އެ ގެޔަށް ވަން އިރު، އަޅުގަނޑު ހުރީ ކުޑައިކޮށް ވަރުބަލިވެފައެވެ. ފެންވެސް ބޮވައިފައެވެ. އެހެންކަމާއެކު، އެ ގެޔަށް ވަނުމާއެކު، ފެންފޮދެއް ދެއްވައިތޯވެސް ޒަކަރިއްޔާއަށް ނަންގަނެވިއްޖެ އެވެ.

"ޚަދީޖާ ދައްތާ، ބޯފެން ފޮދެއް ނެރެދީ ބަލަ!" ޒަކަރިއްޔާ ކޮންމެވެސް މީހަކަށް އިރުޝާދު ދެއްވި އެވެ.

އަޅުގަނޑަށް ފެން ހިފައިގެން އައީ އެ ގެއިން އެހެންޏާ ނުފެންނަ މީހެކެވެ. ދެވަން ފުރައެއްގެ އަންހެނެކެވެ. އަޅުގަނޑުމެން ބައެއް މީހުންގެ ގޭގެޔަށް އަންނަ މީހުންނަށް ފެންފޮދު، ސައިފޮދު އެއްޗިހި ގެންނައިރު ތަބަކަކަށް ލައިގެން ގެނަޔަސް، މި ފަހަރު މި ގެއިން ލިބުނު ފެންތަށި އައީ ފެންތަށީގައި ބާރަށް ހިފައިފައިވާ އަތެއްގެ ތެރޭގައެވެ. ބާރަށް ހިފައިފައޭ މިދެންނެވީ، އެ އަތުން ތަޅަތަޅައި އެހެރަ ފެންތިކިތައް ފެނިފައެވެ. އެ ފެން އަތުގައި ހުއްޓައި ތަންކޮޅެއް ދޫކޮށް ތަށީގައި ހިފައިފިއްޔާ، ތަށި ދޫވާނޭ ކަން ގައިމުވާތީއެވެ. ފެންތަށި އަޅުގަނޑަށް ފޯރުކޮށްލެވުމާއެކު އަޅުގަނޑުވެސް ހަމަ އެހައި ބާރުލައިފައި ތަށީގައި ހިފައިފީމެވެ. އަދި ބޯން ކަމަށް ތުންފަތާ ހަމަޔަށް ހިއްލައިލައިފައިވެސް ބާވަތެއްގެ ފަކުރެއް ގަންނަހެން ހީވާތީ ބޯން ނުކެރިގެން ކުރިމަތީގައި ހުރި މޭޒުމަތީގައި ތަށި ބަހައްޓައިފީމެވެ.

ފެން ހިފައިގެން އައި މީހާ ދެން އެ ގެނައި ޙަރަކާތަކީ އަޅުގަނޑު ވަރަށް ކުޑައިރު މާމަގެޔަށް ގޮސް އުޅުނު ދުވަސްވަރުގެ ހަނދާން އާކޮށްލައިދިން ޙަރަކާތެކެވެ. ފެން ތަކާއެކު ޒާތަކަށް މަޅައިލައިފައި އޮތް އަތްތިލަ، ވަރަށް ބާރަށް އެކީގައި ހުޅުވައިލުމަކާއި ފަހަތަށް އަތް ފޮޅައިލުމަކާ އެކީ ގެނައި ޙަރަކާތެކެވެ.

މިހައިރު އެންމެ ޒަމާނުގެ ފައްކާ ގެއެއް ހުރިތާނގައި އިހުގައި ހުރި މާމަގެޔަކީ އެ ގެޔަކާ އަޅުގަނޑުގެ ކުޑައިރުގެ އުފާވެރި އެތަކެއް ހަނދާނާ ގުޅިފައިވާ ގެއެކެވެ. ގޭ ދޮރޯށި ހިއްލައިލައިފައި ވަދެވޭނީ ގޭތެރެޔަކަށް ނޫނެވެ. ކަށިވެލި ލައި، އޮމާން ކޮށް ކުނިކަހައި، ޖޯލި ފައްޗެއްވެސް ބަހައްޓައި، ފާރުން އެތެރޭގައި މަތަރެސްމާ އިންދައި ހަދައިފައި އޮންނަ، ބޭރު ގޯތިތެރެޔަށެވެ. ގެޔަށް ވަންނަ މެހުމާނުންގެ ތެރެއިން ގިނަ މީހުން މަޑުކޮށްލާނީ މި ދެންނެވި ޖޯލިފަތީގައެވެ. ދުފައިލައި، ގުޑުގުޑާ ބޯލައި، އެނގޭ ވަރަކުން، ނުވަތަ ބޭރު ކަރަޔަކުން ކިޔަވާ ވިދާޅުވެގެން ވަޑައިގެން ހުންނެވި ކޮންމެވެސް ޢިއްޒަތްތެރި ބޭފުޅަކު ވިދާޅުވެދެއްވި ގޮތަކަށް ބޭރު ދުނިޔޭގެ ވާހަކަ ދައްކައިލައި، އެޔަށް ވުރެ ގާތުން ހިނގާ ޒާތުގެ ކުދިކުދި ވާހަކަވެސް ދައްކައިލައި ހަދައިލާށެވެ. އެހެން ތިބޭއިރު އެއިން މީހަކު ފެން ބޮވައިގެންފިއްޔާ ގޭތެރެޔަށް އިވޭ ވަރަށް އޭ މަންޖޭޔޭ ފެންފޮދެއް ގެނެސްދީބަލަށޭ ގޮވައިލީމައި، އެ ފެންފޮދު ގެންނާނީ ދެންމެ މިދެންނެވި ގޮތަށެވެ. ފެންބަނޑިޔާ ތެރެޔަށް ތަށި ގަންބައިލައިގެން އެ ނަގާ ގޮތަށް އަތުގައްޔާއި ތަށީގެ ބޭރުގައި ހުންނަ ފެންފޮދާވެސް އެކުގައެވެ. ފެންފޮދު ބޭނުން މީހަޔަށް ތަށި ދިއްކޮށްލުމާއެކު، މިދެންނެވި ގޮތަށް ފަހަތަށް އަތް ފޮޅައިލުމަކީ އެ ޒަމާނުގައި ބައެއް މީހުން ވަރަށް ނަލަކޮށްވެސް ކޮށްލައި އުޅުނުކަމެކެވެ. އެ ޒަމާނުގެ ބައެއް މީހުންނަށް ވަރަށް ރީތިވެސް ކަމެކެވެ. އެކަކަށް ވުރެ އަނެކަކު ރީތި ބަނޑިއެއް ލައްވައިލައިފައި ކުރެވޭތޯވެސް އުޅުނު ކަމެކެވެ. އަތް ފޮޅައިލީމައި ވިއްސައިގެން އެ ދާ ތިކިތައް ދަނީ ކޮން ތާކަށްތޯ ބަލާނެ މީހަކު އެ ޒަމާނަކު ނޫޅޭނެ އެވެ. އެހެނީ، އެ ތިކިތައް ކޮންމެ ފަހަރަކުވެސް ހިނދިގެން ދާނީ އެތާ އެއޮންނަ ކަށިވެލިގަނޑު ތެރެޔަށެވެ. އަދި މަތަރެސްމާ ގަހެއްގެ ބުޑަށް ބުރައިގެން ހިނގައްޖިއްޔާ، ގަހަށްވެސް ރަނގަޅު ނޫންތޯއެވެ!

"އަނހާ! މަގޭ ދަރިފުޅުގެ ލެޕްޓޮޕް!" އަޅުގަނޑަށް މިޒަމާނަށް އެނބުރި އާދެވުނީ އަޅުގަނޑުގެ ރަޙްމަތްތެރި ޒަކަރިއްޔާ ތަންކޮޅެއް ބާރަށް މިހެން ބުނުއްވި އަޑަށެވެ. އޭރު އޭނާ އިންނެވީ ލެޕްޓޮޕެއް އުނގުމައްޗަށް ލައްވައިގެން ޓިޝޫ ކަރުދާހުން އެ ފޮއްސަވާށެވެ. ވާނީވެސް އެހެން ނޫންތޯއެވެ. ޚަދީޖާ ދައްތަ އެހައި ނަލަ ބަނޑިއެއް ލައްވައިލައިފައި ފޮޅައިލި އަތުން ބުރައިގެން ދިޔަ ފެންތިކިތައް އުފަލާއެކު ބަލައިގަންނާނެ ކަށިވެލިގަނޑެއް، ނުވަތަ މަތަރެސްމާ ގަހެއް ނަމަވެސް، އެތާކު ނެތެވެ. އެތާ ހުރީ ކުޑަ ކޮފީމޭޒަކާއި މޭޒުމަތީގައި ހުޅުވައިފައި ބަހައްޓައިފައި ހުރި ލެޕްޓޮޕެކެވެ. ފެންތިކިތައް މިފަހަރު އަމާޒުވީ ލެޕްޓޮޕަށެވެ.

"އެއީ އަނެއްކާ ކާކުތޯ؟" އަޅުގަނޑަށް އަހައިލެވުނެވެ.

"އެއީ ޚަދީޖާ ދައްތަ. އަންހެނުންގެ ދައްތަ. އޭނާ ޢާންމު ކޮށް އުޅެނީ ރަށުގައި. ދަތުރުވަރިޔަކު އައީ. ދެން…." ޒަކަރިއްޔާ ބުނުއްވިއެވެ.

"އެކަމަކު…ދެއްތޯ؟" އަޅުގަނޑަށް ބުނެވުނެވެ.

"ލައްބަ. އެކަމަކު… ކީއްތޯ ކުރާނީ؟ އޭނާ…." ޒަކަރިއްޔާ ފަނޑު ހިނިތުންވުމަކާއެކު ބުނުއްވިއެވެ. އަދި މިޒަމާނުގެ ގޮތަކަށް ދެކޮނޑު ހިއްލަވައި ލައްވައި، ދެލޯ ބޮޑު ކޮށްލައްވައި، މަތި ބައްލަވައިލެއްވި އެވެ.

ކުރައްވާނީ ކޮންކަމެއް ކަމެއް އަޅުގަނޑު ޒަކަރިއްޔާއަކަށް ނަމެއް ނުގަންނަމެވެ. އޭނާ އެ ސުވާލު އެ ކުރެއްވި ގޮތުން އެއީ ޖަވާބެއް އެހައި މުނާސަބު ސުވާލެއް ނޫންކަން އަޅުގަނޑަށް ވިސްނުނީތީއެވެ. އަޅުގަނޑުމެން ދެ މީހުންގެ ހިތުގައިވެސް ދައުރުވަމުން ދިޔައީ އެއްކަހަލަ ޚިޔާލުތަކެއްކަންވެސް ކަށަވަރުވީތީއެވެ. އެކަހަލަ ޚިޔާލުތައް އެކަހަލަ ދަނޑިވަޅެއްގައި، އެކަހަލަ މާޙައުލެއްގައި ދެއްކުމުން ނިކުންނާނޭ ހެޔޮ ނަތީޖާއެއްވެސް ނޯންނާނެ ކަން ދެމީހުންނަށް ވިސްނުނީތީކަންވެސް ޔަޤީންވީތީއެވެ.

އަޅުގަނޑާއި ޒަކަރިއްޔާޔާ ދެމީހުންގެ ހިތުގައި އުފެދުނު ޝުޢޫރުތަކޭ ތޯއެވެ؟ އައްސަވާށެވެ!

ދޮރުމައްޗަށް ނުވަތަ ބޭރުގޯތި ތެރެޔަށް ކަށިވެލިލައި، އެ ތާނގައި ޖޯލިފަތި ބަހައްޓައި، ވަންނަހައި މީހަކަށް ދުންގަނޑު އަޅައިދީ ހެދުމަކީ ރާއްޖޭގެ ބައިބޯ ބައެއް ރަށްރަށުގައި މިހައިރު ކުރެވެން އޮންނަ ކަމެއް ނޫނެވެ. ފުލެޓު އަޅައި ހެދީމައި އަދި ޢަމުދުން ވާންވެސް އޮންނާނެ ކަމެއް ނޫނެވެ. ޒަމާން ބަދަލުވެއްޖެ އެވެ. އާދަކާދަ ބަދަލުވެއްޖެ އެވެ. ޒަމާނާއި އާދަކާދަޔަށް އަންނަ ބަދަލާއެކު މީހާޔާއި މީހާ އުޅޭނޫޅޭ ގޮތަށް ބަދަލު ގެނައުމަކީ ބައެއް މީހުންގެ ރަދީފުގައި ތަހުޒީބަށް ކަމޭ ހިތުމެވެ. އަނެއްބައި މީހުންގެ ބަސްފޮތުގައި އައު ގޮޮތްގޮތަށް ރޭރު ވުމެވެ. ދިވެހިވަންތަކަމާއި އަމިއްލަވަންތަކަން ދޫކޮށްލުމެވެ. ޚަދީޖާ ދައްތަޔަކީ ފަހުން މިދެންނެވި ބަސްފޮތް ގެންގުޅޭ މީހެއްކަން ކަށަވަރެވެ. އެހެންކަމުން، އޭނާ އިހުގެ ގޮތަށް ފެންތައްޓެއް ގެނެސްްދީފައި، ނަލަ ލަތްކަކާއެކު މުޅި މާޙައުލަށް ފެން ބުރުއްސައިލީމައި އެހެން މީހުން އެކަމާ ތަޢުރީފުކޮށް އަތްތިލަބަޑި ޖަހަންވީއެވެ. ސާބަސްވެސް ދޭންވީއެވެ. އިހުގެ އާދަކާދައިގައި އެހައި ރީތިކޮށް ހިފެހެއްޓީތީއެވެ. އެ ކަމާ ޤަބޫލު ނުވެގެން މީހަކު އެއްޗެއް ބުނެފިތަ، އެމީހަކީ ތާކުން ތާކު ނުޖެހޭ މީހެއް ކަމަށްވެސް އެ ދައްތަ ނިންމާނެއެވެ. ކުޑަ މީހާގެ ލެޕްޓޮޕް ތޯއެވެ؟ ހަމަ އެހައި ކައިރިީގައި އެހެރަ ޓީވީ ތޯއެވެ؟ އެ ކަހަލަ އެއްޗިހި ސަލާމަތް ކުރަން ޖެހޭނީ އެ ކަހަލަ ބޭކާރު އެއްޗިހި ގެންގުޅޭ މީހުން ކަމަށް އެ ދައްތަ ބުނާނެއެވެ. އެހެންވީމާ، ދައްތަޔާ އެވާހަކަ ދެއްކުމުގެ މާނައެއް ނޯންނާނެއެވެ. އަދި ދައްތަޔާ ދިމާޔަށް ޒަކަރިއްޔާ އެއްޗެއް ބުނުއްވައިފިއްޔާ އަނބިކަނބަލުން…. އުނހު! އެ ވާހަކަ މިތާކު ނުލިޔާނަމެވެ.

ޚަދީޖާ ދައްތަގެ ޙާލު ފެނުނަސް، ނޫހެއްގައި އޮތް ވާހަކައެއް ކިޔައިލިޔަސް، އަޅުގަނޑުގެ ހިތުގައި މި ލިޔެވެނީ ކުރު ވާހަކައެެކެވެ. ވާނީވެސް އެހެނެވެ. އެއޮތް ތަނުން ލިބުނު ހަކުރުކޮޅަކާއި އެއޮތް ފެންގަޑަށް ހިޖުރަކުރި މަހަކާ ލައިގެން ވީގޮތެކެވެ. އެކަމަކު އެއީ އެހެން ވާހަކައެކެވެ. އެ ވާހަކަ ބާއްވައިފައި، ޒަކަރިއްޔާޔާ އަނގަތަޅައިލެވޭތޯ އުޅެ އެކަންވެސް ވާގޮތެއް ހަމަ ނުވިއެވެ. ނޫހުގައި އޮތް ވާހަކަ ހިތަށް އަރާތީއެވެ.

ނޫހުގައި އޮތީ ބަލިމަޑުކަމެއްގެ ވާހަކައެވެ. އިހުގައި އުޅުނު ގޮތް ބަދަލުކުރަން ވެއްޖެ ވާހަކައެވެ. ބޭކާރު ކަންކަމުގައި، ލާޗާރު ބިޗާރޭ އަދި ނުބުންޏަސް، ކަމުދާ ބޭނުމެއް ނެތި ބޭރުތެރެޔަށް ނިކުމެ އުޅުމަކީ ރަނގަޅުކަމެއް ނޫނޭ ޑޮކްޓަރުން ވިދާޅުވާ ވާހަކައެވެ. ތިމާގެ، ރައްޓެހި، ރަޙުމަތްތެރިންގެ ގޭގެޔަށް ޒިޔާރަތް ނުކުރާށޭ ވިދާޅުވި ވާހަކައެވެ. އަދި ޒަރޫރީ ކަމަކު ނިކުތަސް، މޫނުގެ ވަކި ހިސާބެއް ފޮރުވައިގެން ނޫނީ މަގުމައްޗަށް ނުނިކުތުން އެދެވިގެންވާ ވާހަކައެވެ. އަދި އެ ހުރިހައި ޝަރުތުތަކެއް ފުރިހަމަ ކޮށްގެން މަގުމައްޗަށް ނިކުތަސް، ދެން ދިމާވާ މީހާޔާ އެހައި ގާތް ނުވެ އުޅެވޭތޯ ބަލާށޭ، އަދި ކުރަން ނިކުތް ކަމެއް ނިންމައިފައި އަވަހަށް ގެޔަށް ގޮސް ހިނައި ޠާހިރުވާށޭވެސް ނޫހުގައި އޮތެވެ. އަދި ހަމައެޔާއެކު، ރޭގަނޑުގެ ވަކި ދަމަކަށް ފަހު ޢަމުދުން ބޭރުގައި ނޫޅޭންވެސް ކޮންމެވެސް ބަޔަކު ރަސްމީކޮށް އަންގައިފައިވެސް އޮތެވެ. މިނޫން ގޮތްގޮތަށް އުޅޭ މީހުންނަށް އަދަބުން އަދަބޯލައެވެ.

އެކަމަކު އަޅުގަނޑުވެސް މިހިރަ ދުވަނީ އެ އެންގުމާ ޚިލާފަށޭ އަޅުގަނޑު ހިތަށް އެރިއެވެ. މިހައިރުވެސް މިހިނގަނީ ރައްޓެހީންގެ ގޭގަޔަށް ވަންނަމުންނެވެ. އަޅުގަނޑުގެ މޫނަކުވެސް މާސްކެއް ނެތެވެ. އެކަމަކު އަޅުގަނޑަކަށް އަދި އަދަބެއް ނުލިބެއެވެ. ބޮޑު ދެތިން ކުންފުނީގެ ނަމާއި ލޯގޯ ޖެހި ޓީޝާޓު ތުރުކުރައްވައިގެން، އެއް ބޭފުޅަކު އަނެއް ބޭފުޅެއްގެ ކޮނޑުފުޅަށް އަތްޕުޅު ލައްވައިގެން، އަޑަފިކޮޅު ހިއްޕަވަމުން، ސިނގިރޭޓުވެސް ހިއްޕަވަމުން، ކަރުފުޅު ދޮށަށް މާސްކު ވައްޓަވައިލައްވައިގެން، ދޭތެރެ ދޭތެރެއިން މަގުމައްޗަށް ކުޅުފޮދު ޖައްސަވަމުން، ބައެއް ފަހަރު ހަޅޭފުޅުވެސް ލައްވަވަމުން، އެ ވަޑައިގަންނަވާ ބިދޭސީ ބޭފުުޅުންނަކަށްވެސް މިދެންނެވި ނޫސް އަދި ފެނިވަޑައިގެން ހެނެއް ހީއެއް ނުވެއެވެ. ހަމަ އެބީދައިން، ރޭގަނޑު އެގާރަ ބާރަ ޖަހާއިރު މަގުމަތި އަމާން ނުވަނީވެސް މާލޭގައި ނޫސް ކިޔާ މީހުން މަދުވީމާވެސް ތޯއްޗެކެވެ. ޒަމާނާއި ޒަރޫރީ ޙާލަތާ އެއްގޮތަށް މީހުން ބަދަލު ނުވީމާ ވާގޮތެކޭ ދަންނަވާކަށް ނުކެރޭނެއެވެ.

"ލައްބަ! އެއްޗެއް ބުނާ މީހާ ގޯސް ވާނީ!" އަޅުގަނޑަށް ބުނެވުނެވެ.

"އެކަމަކު އެހެން އުޅެނިކޮށް ލަނޑެއް ލިބިއްޖިއްޔާ…" އެ މަޢުޟޫޢުގައި ޒަކަރިއްޔާ ބުނުއްވަން ފައްޓާވާ އެއްޗެއް ނިންމަވައި ނުލައްވަނީ، ނުވަތަ ޖުމުލަ ނިންމަވައިލައްވަން ކެރި ނުލައްވަނީ ކީއްވެގެން ކަމެއް އަޅުގަނޑަކަށް މުޅިޔަކުން ނުވިސްނުނެވެ.

"އެކަމުން އެހެން ބުރުއްސައިލާ ފެންފޮދެއް ތަށިމުށިގަނޑު މަތީގައި ނުހިކި ހުއްޓައި އެޔަށް އެރިފައި ޚުދު އެ ދައްތަ ކައްސަައިލައިގެން ވެއްޓޭފަހަރު، ތިމާ ފޭހުނު އިލޮށިގަނޑު….." މިފަހަރު ޖުމުލަ ނިންމައިނުލައި ދޫކޮށްލީ އަޅުގަނޑެވެ. ޤަޞްދުގައެވެ. އެހެން އެ ބުނާ އެއްޗިހީގެ އެންމެ ފުޅާ މާނަ، ދޭހަވާ ޒާތުގެ މީހުންނަށް ފިސާރި ރަނގަޅަށް ދޭހަވާނެ ކަން ޔަޤީން ވާތީއެވެ. އަދި ދޭހަނުވާ ކަމަށް ހަދާ މީހުންނާއި، ޙަޤީޤަތުގައިވެސް ދޭހަ ނުވާ މީހުން އެމީހުންގެ ޙާލަށް ދޫކޮށްލުމަކީވެސް އެންމެ ރަނގަޅު ގޮތް ކަމަށް ފެންނާތީއެވެ. އަދި މިގޮތަށް އަމިއްލަ ނަމުގައި ކުރު ވާހަކަ ލިޔާމީހުން ނޫން ޒާތްޒާތުގު މީހުން، އެމީހަކު އެމީހެއްގެ ވާހަކަވެސް މިނިވަން ކަމާއެކު ދައްކައި، ލިޔެ، އެމީހެއްގެ އަސްލު ފެންވަރާއި ފަންވަރާއި ފޯރުންތެރިކަން އެމަގުން ހާމަކުރަން ނުވަތަ ފޮރުވަން ދޫކޮށްލައިފައެވެ.

"އަޅުގަނޑުމެން އެންމެންނަކީވެސް އަޅުގަނޑުމެންގެ ގޮތުގައި ހަމަ ޚަދީޖާދައްތަ، ދެއްތޯ؟" އަޅުގަނޑަށް އަހައިލެވުނެވެ.