ޑިޖިޓަލް އިކޮނޮމީއަކީ 2030 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖޭގެ އިގުތިސާދުގައި ޖީ.ޑީ.ޕީއަށް 15 އިންސައްތަ ހިއްސާކުރާ ދާއިރާއަކަށް ހެދުމުގައި ޒުވާނުންގެ ދައުރު ވަރަށް މުހިންމުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް ގުޅިގެން ބޭއްވި ނެޝަނަލް ޔޫތު ކޮންފަރެންސް ނިންމުމުގެ ގޮތުން ބޭއްވި "ޔޫތް ކޮފީ ވިތް ޕްރެޒިޑެންޓް" ސެގްމަންޓްގައި ބައިވެރިވެވަޑައިގެން ރޭ ވާހަކަފުޅުދައްކަވަމުންނެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، އިގުތިސާދު ތަރައްޤީކުރުމާއި އިގުތިސާދު ސިންދަފާތުކުރުމަކީ ރާއްޖޭގެ ތަރައްޤީގައި އަދި ޒުވާނުންގެ ކުރިއެރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި އިގުތިސާދު ތަރައްޤީކުރުމާއި އިގުތިސާދު ސިންދަފާތުކުރުމަކީ ޒުވާނުންނަށް ފުރުސަތު ފަހިވެގެންދާނެ މަގުކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގައި މައިގަނޑު ގޮތެއްގައި އޮންނަ ތިން ދާއިރާކަމަށްވާ، ފަތުރުވެރިކަމާއި މަސްވެރިކަމާއި ކޮންސްޓްރަކްޝަންގެ އިތުރުން ޑިޖިޓަލް ދާއިރާ ތަރައްޤީ ކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވާކަން ހާމަކުރެއްވިއެވެ. އަދި މި ދާއިރާގެ ތަރައްޤީއަށް ވަރަށް މުހިންމު ލަނޑުދަނޑިއެއް ސަރުކާރުން ކަނޑައަޅާފައިވާކަމަށާއި އެގޮތުން ޑިޖިޓަލް އިކޮނޮމީއަކީ 2030 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖޭގެ އިގުތިސާދުގައި ޖީ.ޑީ.ޕީއަށް 15 އިންސައްތަ ހިއްސާކުރާ ދާއިރާއެއްގެ ގޮތުގައި ފުޅާކުރުމަކީ ޒުވާނުންނަށް ލިބިގެންދާނެ ވަރަށްބޮޑު ފުރުސަތެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި ވަރަށް ކްރިއޭޓިވް ކުދިން އެބަތިބި ކަމަށާއި ޑިޖިޓަލް ދާއިރާގައި ކުރިއަރައިދާ ކުދިންނަށް ވަރަށް ބޮޑަށް ފުރުސަތު ފަހިކޮށްދެއްވަން ބޭނުންފުޅުވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ދާއިރާއިން އަންނަ އަހަރުގެ ތެރޭގައި ކުރިއަށްގެންދަން ވަރަށް ގިނަ ކަންތައްތައް ރޭވިފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެންމެ މުހިންމު މަޢުޟޫޢަކަށް ވެގެންދާނެކަމަކީ މޯލްޑިވްސް 2.0ގެ ނަމުގައި ސަރުކާރުން ފެށި ޤައުމީ ޕްރޮގްރާމުކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޕްރޮގްރާމުގައި އިސްނަގައިގެން ޒުވާނުންގެ ބައިވެރިވުން ދިނުމުގެ މުހިންމުކަން ފާހަގަކުރައްވައި، މޯލްޑިވްސް 2.0 އަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ގިނަގުނަ އުންމީދީ ބަދަލުތަކެއް ގެނުވާނެ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކުރިއަށް އޮތް ދައުރަށް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ފެށިގެން އަންނައިރު މޯލްޑިވްސް 2.0އާ ގުޅޭ ބިލްތައް ހުށައަޅުއްވައިގެން ޤާނޫނީ ބާރުވެރިކަން ދެއްވާނެކަން ފާހަގަކުރެއްވިއެވެ. އަދި ހުރިހާ އެޖެންސީތަކެއްގެ ތެރޭގައި ހުރި ހުރިހާ މަޢުލޫމާތެއް ގުޅޭ އެއް ވިއުގައެއް އުފެދިގެންދާނެ ކަމަށާއި އެގޮތުން މޯލްޑިވްސް ޑޭޓާ އެކްސްޗޭންޖް ވިއުގައިގެ ތެރެއިން މަޢުލޫމާތު ނަގައިގެން ޚިދުމަތް ލިބުމުގައި ހުރި ދަތިތަކަށް ހައްލު ލިބިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި 2027 ވަނަ އަހަރުގެ ނިޔަލަށްދާއިރު ކޮންމެ ދިވެއްސެއްގެ އަތުގައި އޮންނަ ފިޒިކަލް އައިޑީ ކާޑަކީ ޑިޖިޓަލް އައިޑީ ކާޑަކަށް ވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ނެޝަނަލް އައިޑީ ކާޑު ބަދަލުވެގެންދާނީ ހުރިހާ ޚިދުމަތްތަކަށް ވާސިލުވެވޭ، ނެޝަނަލް ޑިޖިޓަލް އައިޑީ ކާޑަކަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މޯލްޑިވްސް 2.0 އާއެކު އިރާދަކުރެއްވިއްޔާ ދާއިމީ ގޮތެއްގައި ރާއްޖޭގެ ލޭންޑްސްކޭޕް ޑިޖިޓަލައިޒޭޝަންގެ ތެރެއިން ހިންގުމުގެ ނިޒާމާއި ސާވިސް އިންޑަސްޓްރީ، އެއްކޮށް ހައްލުވެގެންދާނެކަން ފާހަގަކުރެއްވިއެވެ. އަދި މިކަން ހާސިލްކުރުމަށްޓަކައި، ރާއްޖޭގެ ހުރިހާ އެންމެން މި ނިޒާމަށް އަހުލުވެރި ކުރުމަށްޓަކައި، ޒުވާނުންގެ ވަރަށް ބޮޑު ބައިވެރިވުމެއް ބޭނުންވާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ބައިވެރިވި ޒުވާނުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ޒުވާނުންގެ މުހުތާދުތައް ފުއްދަވައިދެއްވުމަށް ސަރުކާރުގެ ތެރެއިން ކުރެވެން ހުރި ކަންކަމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ޒުވާނުންގެ ކުރިއެރުމަށް މި ސަރުކާރުން ކުރައްވަމުންގެންދަވާ އެކިއެކި މަސައްކަތްތަކުގެ އިތުރުން ދެމެހެއްޓެނިވި ތަރައްޤީއާއި ތިމާވެށި ހިމާޔަތްކުރުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކުގެ ތަފްސީލް މައުލޫމާތު އެމަނިކުފާނު ހިއްސާކުރެއްވިއެވެ. އަދި ޒުވާނުން ހިއްސާކުރެއްވި އެންމެހާ ކަންބޮޑުވުންތަކާއި ޚިޔާލުތަކަކީ ސަރުކާރުން އީޖާބީ ގޮތެއްގައި ބަލައިގަންނާނެ ކަންކަން ކަމުގައި ފާހަގަކުރައްވައި، އެކަންކަމަށް ސަރުކާރުގެ ތެރެއިން ގެނެސްދެވެން ހުރި އެންމެ ރަނގަޅު ޙައްލުތައް ހޯއްދަވައިދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.



advertisment