Support Us

މަޞްނޫޢީ ރީތިކަން- 2

މިގޮތުގެ މަތިން، އެދުނު ކަންތައް ހާސިލުވެ، މަސްފަލަ ޝިކާރަ ހިފި، ކައިވެނީގެ ގޮށް ޖެހި، މައުޒޫނު ކައިވެނީގެ އެއްބަސްވުމުގައި ސޮއިކޮށް، އޮފިޝަލް ރަސްމިއްޔާތު ފުރިހަމަކޮށް، މޭކަޕްކޮށް، ޒީނަތްތެރިކޮށްފައިވާ އަނބިމީހާ ވަޢުދުވެފައިވާ ދިރިއުޅުމުގެ ހާއްޔަށް ބަދަލުވެ، މަހެއް ނުވަތަ ދެމަހެއް ފާއިތުވާއިރަށް، މަޞްނޫޢީ ޒީނަތްތެރިކަން ފިލަންފަށައެވެ. ކޮށްފައިވާ ވާނިޝްގެ ކުލަ ގޮސް ރެނދުލައި، އަދި ޖަރީކުރުމުގެ ފަހަތުގައިވާ ހަގީގީ ޠަބީޢަތާއި ނަފުސާއި ހަށިގަނޑާއި ފާޅުވާންފަށައެވެ. އެވަގުތު ހަގީގީ ރީތިކަމެއް ފެންނަނީ ހަމަ، ހަގީގީ ރީތިކަމެއް ލިބިފައިވާނަމައެވެ. ޝައްކެއްނެތެވެ. ހަގީގީ ރީތިކަމަކީ، އަޚްލާޤުގެ ރީތިކަމެވެ. ޝަޚްޞިއްޔަތުގެ ރީތިކަމެވެ. ނަފްސުގެ ޠާހިރުކަމެވެ. ރަޙުމްކުރުމާއި، ލޯތްބާއި، އޯގާތެރިކަމެވެ. މައިންވަންތަ ލޯބި ފަދަ ލޯތްބަކުން ފުރިފައިވާ ހިތެވެ. ނަފްސުގެ ރީތިކަމެވެ. ޢިއްފަތްތެރިކަމެވެ.

އާދެ! ޢިއްފަތްތެރިކަމުގެ ދަރަޖަތަކެއް ހުރެއެވެ؛ ވާހަކަ ދެއްކުމުގެ ޢިއްފަތްތެރިކަމެވެ. ޢަމަލުތަކުގެ ޢިއްފަތްތެރިކަމެވެ. ހިތުގެ ޢިއްފަތްތެރިކަމާއި، ޚިޔާލުގެ ޢިއްފަތްތެރިކަމެވެ. މިހުރިހާ ކަމަކީވެސް ރީތިކަމުގެ ދަރަޖަތަކެކެވެ. ރަނގަޅު އަދި ތައުރީފު ލިބެވޭ ސިފަތަކެކެވެ. އޭގެ އިތުރުން ކެތްތެރިކަމެވެ. މާފުކުރާ ޠަބީޢަތެވެ. ސީދާސާދާ ސިފަތަކެވެ. އަދި ނާޒުކު ލޮބުވެތި ރޫޙާއި ފުރާނައެވެ. މިހުރިހާ ކަމަކީވެސް ހަގީގީ ރީތިކަން ހާމަކޮށްދޭ ސިފަތަކެކެވެ. ހަރުކަށި، ޚިޔާނާތްތެރި، މަކަރުވެރި، ނުބައި ޠަބީޢަތެއްގެ ވެރިޔާގެ ރީތި މޫނުގެ އޮތީ ކޮން އަގެއް ހެއްޔެވެ؟

އަމިއްލައެދުމާއި ނޭއްގާނީކަމުން ހިތް ފުރިފައި ވާ ނަމަ، އުނަގަނޑާއި ބުރަކަށީގެ ރީތި ސައިޒުތަކުގެ އޮތީ ކޮން އަގެއް ހެއްޔެވެ؟ ދުލުން ވިހަ ތިކި ޖަހާނަމަ، މުތެއް ފަދަ ތުންފަތުގައި އޮތީ ކޮން އަގެއް ހެއްޔެވެ؟

ހުނަރުވެރިކަމާއެކު ފަރުމާކޮށްފައިވާ ފައިން، ފައިކުރުކޮށްފައި ޖަހާނަމަ، ނުވަތަ ރުޅި އަންނަ ކޮންމެ ފަހަރަކު ތަޅައިގަންނަ ނަމަ، ލޯބިލޯބި އަތުގެ އަގަކީ ކޮބައިހެއްޔެވެ؟ އަދި އޭގެ ދަށުގައި ސިކުނޑިއެއް ނެތް، ނަލަ އިސްތަށިގަނޑުގެ އަގަކީ ކޮބައި ހެއްޔެވެ؟

ރީތި "މޭމަތިތަކުން" ކުޑަކުދިންނަށް ކިރު ދިނުމުގެ ބަދަލުގައި އޭތި ލޯބިވެރިންނަށް ޚާއްޞަކޮށްފައިވާނަމަ، އެ މޭމަތީގެ އޮތީ ކޮން އަގެއް ހެއްޔެވެ؟

އަދި ހުތުރު އެދުންތަކަށްޓަކައި، ޒީނަތްތެރިކޮށްފައިވާ "ބުޑު"ތަކާއި، ހުތުރު ވާހަކަ ދައްކާ ރީތި އަނގައިގެ އޮތީ ކޮން އަގެއް ހެއްޔެވެ؟

އަންހެނެއްގެ ރީތިކަން ދެނެގަންނަން ބޭނުންނަމަ ލޮލުން ބެލުމުގެ ބަދަލުގައި ސިކުނޑިން ބަލާށެވެ. ހިތްދަމައިގަންނަ ފަދަ މޫނުގެ ފަހަތުގައި ފޮރުވިފައި އޮތީ ކޮން އެއްޗެއްތޯ ބަލާށެވެ. ތިބާގެ ޖަޒުބާތުތަކުން ނުވަތަ ޙިއްސުތަކުން އޭނާއަށް ނުބަލާހުށިކަމެވެ.

އަންހެނާއަކީ، ފުރަތަމަ ސިކުނޑިން ކިޔަން ޖެހޭ ފޮތެކެވެ. ނަމަވެސް ހިތާމައަކީ، ތިބާ ބޭރުގަނޑުގެ ދަޅައިގައި ޖެހޭކަމެވެ.

އިސްލާމް ދީނުގައި، ދީންވެރިންނާ ކައިވެނިކުރުމަށް ބާރުއަޅުއްވާފައިވަނީ، ހަގީގީ ސަބަބުތަކަކަށް ޓަކައެވެ.

 

  • އިސްލާމީ މުފައްކިރު އަދި މެޑިކަލް ޑޮކްޓަރު މުޞްޠަފާ މަޙްމޫދު رحمه اللهގެ ލިޔުއްވުމެއްގެ ތަރުޖަމާއެއް
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *