Support Us

ކެންސަރާ ހަނގުރާމަކޮށް ކުރި ހޯދަމުން އަންނަ ޑޮކްޓަރެއްގެ ވާހަކަ

ވިސްނައިލަންޖެހޭ ސުވާލެކެވެ. ކެންސަރަށް ފަރުވާ ދިނުމުގައި ދިރިއުޅުން އެކީގައި ހޭދަކުރި މީހަކަށް ކެންސަރު ޖެހުމުން ކަންތައް ވާނީ ކިހިނެތްބާއެވެ؟ މިއީ 2024 ވަނަ އަހަރު "އޮސްޓްރޭލިއަން އޮފް ދަ އިޔަރގެ" ލަގަބު ލިބުނު މީހާ ކެންސަރާ ދެކޮޅަށް ކުރި ހަނގުރާމައިގެ ވާހަކައާއި އެ ހަނގުރާމަ ދުނިޔޭގެ ސަމާލުކަމަށް އައިގޮތުގެ ވާހަކައެވެ.

ކެންސަރުގެ ބާވައްތެއް ކަމަށް ވާ މެލަނޯމާގެ ރިސާރޗަރެއް ކަމަށްވާ ޕްރޮފެސަރު ރިޗަރޑް ސްކޮލިއަރ އަކީ ދުނިޔޭގައި މި ރޮނގުން އެންމެ އިސްސަފުގައި ގުނައިލެވޭ މީހެކެވެ. އޭނާއަކީ އެތައް ބަޔަކަށް ކާމިޔާބުކަމާ އެކު ފަރުވާދީ އާ ފަރުވާތައް އީޖާދުކޮށްފައިވާ މީހެކެވެ. ނަމަވެސް 2023 ވަނަ އަހަރު އޭނާގެ ދިރިއުޅުމަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިވީ ގްރޭޑް ހަތަރެއްގެ ގްލިއޯބްލާސްޓޯމާއެއް އޭނާގެ ސިކުނޑީގައި ވާކަން އެނގުމުންނެވެ.

ގްލިއޯބްލާސްޓޯމާއަކީ ސިކުނޑީގެ ކެންސަރުގެ އެންމެ ނުރައްކާތެރި އަދި އެންމެ އަވަހަށް ފެތުރޭ ބާވަތެވެ. މިއީ ސިކުނޑީގައި އުފެދޭ ގްލިއޯމާ ޓިއުމަރުތަކުގެ ތެރެއިން އެންމެ ނުރައްކާތެރި ދަރަޖައިގެ ޓިއުމަރެކެވެ. މި ބަލި ޖެހުމަށްފަހު ފަރުވާ ދިނުމަށް ގޮންޖެހުން ބޮޑުވެ ދިރިއުޅޭނޭ ކަމަށް ލަފާކުރާ މުއްދަތު ބޮޑުތަނުން ކުރުވެއެވެ. މި ޒާތުގެ ކެންސަރުގެ އަލާމާތްތަކުގެ ތެރޭގައި ބޮލުގައި ރިހުން، މޭނުބައިކުރުން، ފިޓު ޖެހުން، އަދި ވިސްނުމާއި ނަފުސާނީ ދުޅަހެޔޮކަމަށް ބޮޑެތި ބަދަލުތައް އައުން ހިމެނެއެވެ. މި ޓިއުމަރު އުފެދެނީ ސިކުނޑީގައި ކަމުން ފަރުވާ ދިނުމަށް ދަތި އުނދަގޫ ތަކާ ކުރިމަތިވެއެވެ.

އެ ހަބަރު ލިބުނު ހިސާބުން ޑރ. ސްކޮލިޔަރ އާއި އޭނާއާ އެކުގައި ސިއްހީ ދާއިރާގައި ރިސާރޗަރެއްގެ ގޮތުގައި މަސައްކަތްކުރާ ބައިވެރިޔާ ޕްރޮފެސަރު ޖޯޖީނާ ލޯންގް ނިންމީ އެމީހުން މެލެނޯމާގެ ޕޭޝަންޓުންނަށް ދެމުން ގެންދިޔަ އިމިއުނޯތެރަޕީގެ ފަރުވާ ސްކޮލިޔަރގެ ސިކުނޑީގައި އުފެދިފައިވާ ޓިއުމަރު ނައްތައިލަން ބޭނުންކުރާށެވެ.

މެލަނޯމާއަކީ ހަމުގެ ކެންސަރުގެ އެންމެ ނުރައްކާތެރި ބާވަތެވެ. މި ކެންސަރު އުފެދެނީ ހަމުގެ ކުލަ އުފައްދާ ސެލްތައް ކަމުގައިވާ މެލަނޯސައިޓްސްއިންނެވެ. މައިގަނޑު ސަބަބުތަކުގެ ތެރޭގައި އިރުގެ ގެއްލުންދޭ ރޭޑިއޭޝަން އަށް ހަންގަނޑު މާބޮޑަށް ހާމަވުން ހިމެނެއެވެ. މެލަނޯމާ އަވަހަށް ދެނެގަނެ ފަރުވާ ނުކުރެވިއްޖެނަމަ، ހަށިގަނޑުގެ އެހެން ބައިތަކަށް ފެތުރި ނުރައްކާތެރި ޙާލަތަކަށް ދިޔުމުގެ ފުރުސަތު ބޮޑެވެ. އާންމުކޮށް މެލަނޯމާ ފާހަގަވަނީ ހަމުގައި އާ ކަޅުލިތަކެއް ފެނުމުން ނުވަތަ ކުރިން ހުރި ކަޅުލިތަކުގެ ބައްޓަމަށް، ސައިޒަށް ނުވަތަ ކުލައަށް ބަދަލު އައުމުންނެވެ.

ޑރ. ސްކޯލިޔަރ މެލަނޯމާ ޖެހިފައިވާ މީހުންނަށް ދީ އުޅުނު ފަރުވާ އަކީ އިމިއުނޯތެރަޕީއެވެ. އިމިއުނޯތެރަޕީއަކީ ކެންސަރަށް ފަރުވާ ދިނުމަށް ބޭނުންކުރަން ފަށައިފައިވާ ޒަމާނީ އުސޫލެކެވެ. މި ފަރުވާއިން ކެންސަރުގެ ސެލްތަކާ ހަނގުރާމަ ކުރުމަށް ހަށިގަނޑުގެ ދިފާއީ ނިޒާމު ހަރުދަނާކޮށް، އެ ނިޒާމު މެދުވެރިކޮށް ކެންސަރުގެ ސެލްތައް ދެނެގަނެ ނައްތާލައެވެ. ކީމޯތެރަޕީ ނުވަތަ ރޭޑިއޭޝަން ތެރަޕީއާ އަޅާ ބަލާއިރު، އިމިއުނޯތެރަޕީއަކީ ކެންސަރުގެ ސެލްތައް ދެނެގަނެ ހަމަލާދޭ، ސައިޑް އިފެކްޓް މަދު ފަރުވާއެކެވެ.

މި ފަރުވާއަކީ މެލަނޯމާ ހުރި އެތަކެއް ބަޔަކަށް ފައިދާކޮށްފައިވާ ކާމިޔާބީ ކަށަވަރުވާ ފަރުވާއެއް ނަމަވެސް ގްލިއޯބްލާސްޓޯމާއަކަށް ދޭން ޓެސްޓުކޮށްފައިވާ ފަރުވާއެއް ނޫނެވެ. އެހެން ކަމުން ޑރ. ސްކޮލިއަރގެ ނިންމުން ވެގެން ދިޔައީ މި ފަރުވާ ސިކުނޑީގައި އުފެދިފައިވާ ނުރައްކާތެރި ދަރަޖައަކަށް ބަދަލުވެފައިވާ ޓިއުމަރަކަށް ދިރާސާކުރެވުނު ވެސް އެންމެ ފުރަތަމަ ފަހަރަށެވެ.

މިފަރުވާ ފެށި އިރު އޭނާ ދިރި ހުންނާނޭ ކަމަށް ޑޮކްޓަރުން ލަފާ ދީފައިވަނީ ތިން މަހަށް ވުރެ މަދު ދުވަސްކޮޅަކަށެވެ. ނަމަވެސް އެމީހުން ފެށި ފަރުވާގެ ސަބަބުން އެތައް ބަޔެއްގެ އުންމީދު އާވެގެން ދިޔައެވެ. ފަރުވާއަށް ފަހު ނެގި ސިކުނޑީގެ އިމޭޖިން ރިޕޯޓުތަކުން ފެނުނީ ޓިއުމަރު ނައްތައިލަން ދިން ފަރުވާ ކާމިޔާބުވެފައިވާ ކަމެކެވެ. އެ ފަރުވާ ނަގަމުން ދިޔައިރު އޭނާ ދިޔައީ އެހުރިހައި ކަމެއް ރިކޯޑު ކުރަމުންނެވެ.

ޖެހިގެން އައި އަހަރު އޭނާއާ ޕްރޮފެސަރ ލޯންގްގެ ހިތްވަރުގަދަ، އަޖައިބުކުރުވަނިވި މަސައްކަތައް ހިތްވަރުދީ އޮސްޓްރޭލިޔާ ސަރުކާރުން އޭނާއަށް ވަނީ "އޮސްޓްރޭލިއަން އޮފް ދަ އިޔަރ" ލަގަބު ދީފައެވެ. ކެންސަރުގެ އެންމެ ނުރައްކާތެރި ވައްތަރަށް ކާމިޔާބުކަމާ އެކު އެންމެ ޒަމާނީ އުކުޅުތައް ބޭނުންކޮށްގެން ފަރުވާ ދިނުން ވެގެން ދިޔައީ ޑރ. ސްކޮލިއަރގެ ނަން ދުނިޔޭގައި އިތުރަށް މަޝްހޫރުވެގެން ދިޔަ ކަމަކަށެވެ.

ނަމަވެސް 2025 ފެބުރުއަރީ މަހު ހެދި ސްކޭނަކުން އޭނާގެ ޓިއުމަރު އަލުން އަނބުރައި އައިސްފައިވާކަން ކަށަވަރުވިއެވެ. ފުން ހިތާމައާ އެކުގައި އޭނާ އެ ވާހަކަ މީޑިޔާއާ ހިއްސާކުރިއެވެ. އޭގެ ފަހުން ޖެހިގެން އައި މަސްތަކުގައި އެ ޓިއުމަރު ބޮޑުވެ އޭނާގެ ސިކުނޑީގެ މަސައްކަތައް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ކުރުވިއެވެ. ކަންކަން ހަނދާން ބަހައްޓަން ދަތިވާ ވާހަކައާއި، ދަރިންގެ ނަންތައްވެސް ހަނދާންނެތޭ ވާހަކަ އޭނާ ބުނެއެވެ. އަދި ހަނދާނުގައި ކަންކަން ބެހެއްޓުމަށް ނޯޓު ފޮތެއް ގެންގުޅޭ ވާހަކަވެސް މީޑިއާއާ ހިއްސާކޮށްފައިވެއެވެ. އޭނާ ދިގު މުއްދަތަކަށް ހޮބީއެއްގެ ގޮތުން ކުރަމުން އައި ދުވުމަށް ވެސް މިކަމުގެ ސަބަބުން އަސަރުކުރިއެވެ.

މީގެ ދެ ދުވަސް ކުރިންވެސް ޑރ. ސްކޮލިއަރ ވަނީ މީޑިއާއާ ބައްދަލުކޮށް އޭނާގެ ހާލަތު ހިއްސާކޮށްފައެވެ. އޭނާއަށް އެއްބައި ދުވަސްދުވަހު އަނެއްބައި ދުވަސްދުވަހަށް ވުރެން އުނދަގޫ ވާ ވާހަކަ ދައްކައިފައިވެއެވެ. ނަމަވެސް އޭނާ އަދިވެސް އުންމީދު ނަގައިނުލައި ކަމާއި އޭނާގެ ކުރިއަށް އޮތް ދުވަސްތަކުގައި އާއިލާއާ އެކުގައި ވަގުތު ހޭދަކުރުމުގެ ރޭވުންތައް ރާވަމުން ދާ ވާހަކަ ބުންޏެވެ.

އުންމީދާއެކު އަމިއްލައަށް މިހާތަނަށް ދެމުން ގެންދިޔަ ފަރުވާއަށް އިތުބާރުކޮށް އުމުރުން 57 އަހަރުގެ ޑރ. ސްކޮލިއަރ ވަނީ މި އަންނަ އަހަރު ކުރާނޭ ކަންކަންވެސް ރާވައިފައެވެ. އޭގެ ތެރޭގައި "ޓުއަރ ދި ކިޔޯ" ފަދަ ފަންޑުރައިސިން ހަރަކާތްތަކުގައި ބައިވެރިވާން ވެސް އުންމީދުކުރެއެވެ.

ޑރ. ސްކޮލިއަރގެ މި ހިތްވަރުގަދަ ދަތުރު މުޅި ދުނިޔެ ދަނީ ބަލަމުންނެވެ. އެ ބަލީގެ ޝިކާރައަކަށް ވެ އަތްއުރައިލުމުގެ ބަދަލުގައި އެނގިފައިވާ އިލްމެއް އޭނާއަށް ދިމާވެފައިވާ ހާލަތަށް ފަރުވާދިނުމުގެ ސަބަބުން ދުނިޔޭގައި އެ ޓިއުމަރު އުފެދޭ މީހުންނަށް ދިރިއުޅެވޭ މުއްދަތު އިތުރުވާކަން އޭނާ ވަނީ ސާބިތުކޮށްދީފައެވެ. އޭނާގެ ވާހަކަ ދުރާއި ގާތުން ބަލަމުން ދިޔަ އެންމެންގެ ވެސް އުންމީދަކީ އެ ފަރުވާއިން ދާއިމަށް އޭނާގެ ޓިއުމަރު ނެތިގެން ދިޔުންކަން ޔަގީނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *