ބޭކަލުންނާއި ބޭކަނބަލުންނޭވެ! މާތް الله ވޮޑިގެންވާ ކަމުގެ މާނައަކީ ކޮބައިކަން އެނގިލައްވާ ތޯއެވެ.؟ އޭގެ މާނައަކީ، ހަމަ އާއި އިންސާފު ދެމިއޮތުމެވެ. ރަހުމަތްލެއްވުމާއި މާފުކުރެއްވުމާއި ފުއްސެވުމާއި ރުއްސެވުން، ވުޖޫދުގައި ލެއްވުމެވެ. އޭގެ މާނައަކީ ހިތަށް ހަމަޖެހުން ލިބުމެވެ. ނަފްސަށް އަރާމު ލިބުމެވެ. ސިކުނޑިއަށް ހަމަޖެހުން ލިބުމެވެ. ހާސްކަން ނެތިގެން ދިއުމެވެ.
އޭގެ މާނައަކީ، ލޮލުން އޮހުނު ކަރުނަތަކަކީ، ބޭކާރު ގޮތަކަށް އޮހޮރިގެން ދިޔަ ކަރުނަތަކަކަށް ނުވާނެކަމެވެ. މާފުކުރުމުންނާއި، ކެތްތެރިކަން އިސްކުރުމުން ޘަވާބު ނުލިބި ނުދާނެކަމެވެ. ހެޔޮ ޢަމަލުތަކަށް ޘަވާބު ނުލިބި ނުދާނެކަމެވެ. ނުބައި ދުވަސްތައް ދެމިގެން ނުދާނެކަމެވެ. ކުށަށް އަދަބު ނުލިބި ނުދާނެ ކަމެވެ.
އޭގެ މާނައަކީ ވުޖޫދުގައި ވެރިކަން ކުރަނީ ދީލަތިކަން ކަމެވެ. ދަހިވެތިކަން ނޫންކަމެވެ. ދޭ އެއްޗެއް އަނބުރާ ނެގުމަކީ، ދީލަތި ފަރާތެއްގެ ޠަބީޢަތެއް ނޫނެވެ. މާތް الله އަޅުގަނޑުމެންނަށް ދިރިއުޅުން ދެއްވާފައިވެއެވެ. މަރުގަންނަވައިގެން، އެކަލާނގެ އެ ދިރިއުޅުމެއް ނާތުލައްވައެވެ. އެހެނެއްކަމަކު، އެއީ މަރުވުމަށްފަހު އެހެން ދިރިއުޅުމަކަށް ބަދަލުވުމެވެ. ދެން ޤިޔާމަތަށްފަހު މުޅިން އެހެން ޙަޔާތަކަށް ބަދަލުވުމެވެ. ދެން އެއަށް ފަހު، ހެޔޮ ޢަމަލުގެ އަހުލުވެރިންގެ ދަރަޖަ، ނިމުމެއް ނެތް މިންވަރަށްއުފުއްލެވުމެވެ.
އޭގެ މާނައަކީ ވުޖޫދުގައި ޙިކުމަތްތެރިކަމާނުލައި، ބޭކާރުގޮތުގައި، ގަހުގަތްބުރަށް ހިނގާ އެއްވެސްކަމެއް ނެތުމެވެ. އަދިކިއެއްތަ؟ މި ވުޖޫދުގައި ހިނގާ ހުރިހައިކަމެއްގެ ފަހަތުގައި ފޮރުވިފައިވާ ޙިކުމަތެއްވުމެވެ. ވޭނުގައި ޙިކުމަތެއްވެއެވެ. ބަލިމަޑުކަމުގައި ޙިކުމަތެއްވެއެވެ. ލިބޭ އަނިޔާގައި ޙިކުމަތެއްވެއެވެ. ތަކުލީފުގައި ޙިކުމަތެއްވެއެވެ. އެދެވޭ ކަންކަމާއި ނޭދެވޭ ކަންކަމުގައި ޙިކުމަތެއްވެއެވެ. ނާކާމިޔާބީގައި ޙިކުމަތެއްވެއެވެ. އެއްވެސް އެހީތެރިއެއް ނެތުމުގައި ޙިކުމަތެއްވެއެވެ. އަދި ބާރާއި ނުފޫޒުގައި ޙިކުމަތެއްވެއެވެ.
އޭގެ މާނައަކީ ޝުކުރުވެރިވުން ދުވަހަކުވެސް ހުއްޓިގެން ނުވާނެއެވެ. އަޖައިބުވެ އަންތަރީސްވުން ދުވަހަކުވެސް ނިމުމަކަށް އައިސްގެން ނުވާނެއެވެ. ހައިރާންކަން ދުވަހަކުވެސް ފަނޑުވެގެން ނުވާނެއެވެ. އަދި އެކަލާނގެ ކީރިތިވަންތަކަން ޤަބޫލުކޮށް ބޯލެނބުން ދުވަހަކުވެސް ނިމުމަކަށް ނައުމެވެ. އެހެނީ އަޅުގަނޑުމެން މިތިބީ އުފެއްދުންތެރިންކަން އެންމެ ފުރިހަމަ ފަރާތުގެ، މެދުނުކެނޑި އާވެ އާވެ ހުންނަ، ދުނިޔެ އޭ ނަމަކަށް ކިޔާ، "މާސްޓަރޕީސް" އެއްގެ ކުރިމަތީގައެވެ.
އޭގެ މާނައަކީ، ލޯ، މާތްالله މަތިވެރިކޮށް ތަސްބީޙަކިޔުމެވެ. ކަންފަތް އެކަލާނގެ މަތިވެރިކުރުމެވެ. ދުލުން އެކަލާނގެއަށް ތައުރީފުކޮށް ޙަމްދުކުރުމެވެ. ހިތާއި ނަފްސު ތަޤުވާވެރިކަމުގެ ޝުޢޫރުތަކުން ފުރިގެން ދިއުމެވެ.
އޭގެ މާނައަކީ ހިތް ތެދުވެރި ޖަޒުބާތުތަކުން ފުރި، ހިއްސުތައް އަބަދު އުފާވެރިކަންމަތީ ދެމިހުރުމެވެ. ކޮންމެ އާ ދުވަހަކަށް އިންސާނީ ނަފްސު އާ ކައިވެނީގެ ދުވަސްފަދައިން މަރުހަބާ ކިޔުމެވެ.
މާނައަކީ، މާފުކުރައްވާ މާތް الله އަށް އީމާންވުމާއެކު، ކަންބޮޑުވުންތަކުން ސަލާމަތްވުމެވެ. މާޔޫސްކަންފިލައިގެން ދިއުމެވެ.
އަޅުގަނޑުމެންގެ ވެރި މާތް الله އަޅުގަނޑުމެންނަށް ވަޙީކުރައްވާ އަންގަވަނީ "ހަމަކަށަވަރުން، އުނދަގުލާއެކު ފަސޭހައެއް އަންނާނެއެވެ. އަދި ހާސްކަމާއި ހިތްދަތިކަން އަންނަނީ އޭގެ ތެރޭގައި އުފަލާއި ހަމަޖެހުން ހިމެނި ޝާމިލުވެގެންވާ ގޮތުގައެވެ." މިއަށްވުރެ ހިތްހަމަޖެހުން ލިބިދޭ އުފާވެރި ޚަބަރަކީ ކޮބައި ހެއްޔެވެ؟
އަދި މާތްالله އަކީ، އެއްކައުވަންތަ އިލާހުކަމަށް ވާތީ، އެކަލާނގެ ވަޢުދުފުޅު އުވައިލާނެ އެހެން އިލާހެއް ވުޖޫދަކު ނުވެއެވެ.
* ޑރ. މުޞްޠަފާ މަޙްމޫދު ރަޙިމަހު اللهގެ ލިޔުއްވުމެއްގެ އަވަސް ތަރުޖަމާއެއް..




advertisment