ޗަންގްއާއި އެންގް ބަންކަރ އަކީ 1811 ވަނަ އަހަރު ތައިލެންޑަށް އުފަންވި، ހަށިގަނޑު ގުޅިފައިވާ ދެބެންނެވެ. މި ދެބެން ގުޅިފައިވަނީ އެ ދެބެންގެ މޭކަށިގަނޑާ ދިމާލުން ހަނި މަސްގަނޑެއްގެ ޒަރިއްޔާއިންނެވެ. އެ ދެބެންގެ ޗިސްމޭ އަދި ގޮހޮރު ވެސް ވަނީ ގުޅިފައެވެ. އެ ދެބެން ދުނިޔެއަށް މަޝްހޫރުވެގެން ދިޔައީ ސިއަމީސް ޓްވިންސްގެ ގޮތުގައެވެ. އެއީ އޭރު ތައިލެންޑަށް ދުނިޔޭގެ ގިނަ މީހުން ކިޔައި އުޅެނީ ސިއާމްއެވެ.

ހަށިގަނޑު ގުޅިފައިވާ ދެބޭންގެ ތެރެއިން ޗަންގް އާއި އެންގް ވަނީ އާދަޔާހިލާފު މަޝްހޫރުކަން ހޯދައިފައެވެ. އެ ދެ ބެންގެ އާދަޔާ ހިލާފު ދިރިއުޅުން ފެށުނީ 1824 ވަނަ އަހަރު ސްކޮޓްލެންޑްގެ ވިޔަފާރިވެރިއަކު ތައިލެންޑަށް ގޮސް އުޅުމުގެ ތެރޭގައި އެ ދެބެން ފެނުމުންނެވެ. އޭނާއަށް އެ ދެބެން ފެނިފައި އެ ދެބެން ބޭނުންކޮށްގެން ފައިސާ ހޯދުމުގެ ހިޔާލު އޭނާއަށް އަޔެވެ. ބަޔެއް ރިޕޯޓުތައް ބުނާގޮތުގައި އޭނާ އެ ދެ ބެންނަށް އެ ހިޔާލު ދީގެން އޭނާއާ އެކުގައި އެ ދެބެން އެމެރިކާއަށް ގެންދިޔައީއެވެ. އަނެއްބައި މީހުން ބުނާގޮތުގައި އެ ދެބެންގެ މަންމަ އޭނާއަށް އެ ދެބެން ބޮޑު އަގެއްގައި ވިއްކައިލީއެވެ. ނަމަވެސް އޭނާއަކަށް އެ ދެބެން ގެންދިޔުން އެހާ ފަސޭހަ ކަމަކަށް ނުވިއެވެ. ސަބަބަކީ އެ ދެބެން އެ ރަށުން ބޭރުވާން ތައިލެންޑުގެ ރަސްގެފާނު ފަސް އަހަރު ވަންދެން ހުއްދަ ނުދިނުމުންނެވެ. އެންމެ ފަހުން އެ ދެބެންނަށް އެ ގައުމުން ބޭރުވެ އެމެރިކާއަށް ދެވުނީ އެމީހުންގެ އުމުރުން 17 އަހަރުގައި، 1829 ގައެވެ.

އެމެރިކާގައި އެ ދެ ބެން ކޮންޓްރެކްޓެއްގެ ދަށުން މަސައްކަތްކުރީ ޗަރުކޭސް ތަކުގައެވެ. ހަށިގަނޑުން ގުޅިފައިވާ ދެބެންގެ ހަރަކާތްތައް ބަލަން ގިނަ ބަޔަކު އެއްވަމުން ދިޔައެވެ. އެ މަސައްކަތުގައި ހޭދަކުރި ދުވަސްތަކުގައި އެ ދެބެން ވެސް އިނގިރޭސިބަހުން ވާހަކަ ދައްކަން ދަސްކުރިއެވެ. އަދި އެ ދެބެންގެ އެމެރިކާއަށް ގެނައި މީހާއާއެކު ހެދިފައިވާ ކޮންޓްރެކްޓް ހަމަވުމުން އެމީހުން ޗަރުކޭހުން ވަކިވެ އަމިއްލަ ކުދި ޝޯތައް ދޭންފެށިއެވެ. އަދި ވަރަށް ގިނަ ވަގުތު މީހުންގެ ސުވާލުތަކަށް ޖަވާބުދިނުމުގައި ހޭދަކުރިއެވެ.
އެތަކެއް އަހަރެއް ވަންދެން އެމެރިކާގެ އެކި ތަންތަނަށް ދަތުރުކުރުމަށް ފަހުގައި އެ ދެބެން ނޯތު ކެރޮލައިނާގައި ވަޒަންވެރިވެ އެމެރިކާގެ ރަށްވެހިންނަށް ވިއެވެ. އެ ދެބެންގެ މަސައްކަތުން އެއްކޮށްފައިވާ ލާރިން ބޮޑު ބިމެއް ގަނެ ޕްލާންޓޭޝަނެއް ހެދިއެވެ. އެމީހުންގެ ބެލުމުގެ ދަށުގައި އަޅުން ގެންގުޅުނު ކަމަށްވެސް ވެއެވެ.

އެ ދެބެންގެ ދިރިއުޅުމަށް އެންމެ ބޮޑު ސަމާލުކަމެއް ލިބިގެން ދިޔައީ އެ ދެބެންގެ ދިރިއުޅުން ބައްޓަންކުރި ގޮތުންނެވެ. ޗަންގް އާއި އެންގް، ދެބެންވެސް ކާމިޔާބު ޒަވާޖީ ހަޔާތެއް ފަށައިގެން ދަރިން ލިބުނެވެ. އެދެ ބޭން ކައިވެނި ކުރީ އެޑިލެއިޑް އަދި ސާރާ ޔޭޓްސްކިޔައި ދެބެންނާއެވެ. އެ ދެ އަނބިން ދިރިއުޅެން އެ ދެބެން ކައިރިކައިރީގައި ދެ ގެ ހެދިއެވެ. އަދި ތިން ދުވަހުން ތިން ދުވަހުން ދެ އަނބިން ކައިރީގައި ހޭދަކުރުން ރާވައިގެން ކުރިޔަށް ގެންދިޔައެވެ. އެތަނުން އެކަކު އިނދެގެން އުޅުނު އަނބިމީހާއަށް 10 ކުދިން ލިބުނު އިރު އަނެކަކު އިން މީހާއަށް 11 ކުދިން ލިބުނެވެ.

އެ ދެބެން ވަނީ ގުޅިފައި ތިބި ދެބޭންގެ ތެރެއިން އެންމެ ގިނަ ދަރިން ލިބުނު ދެބޭންގެ ގޮތުގައި ދުނިޔޭގެ ރިކޯޑުފޮތުން ޖާގަ ހޯދައިފައެވެ. އެދިވެސް އެ ރިކޯޑު މުގުރައިލެވިފައެއް ނުވެއެވެ. އެ ދެބޭން ކާމިޔާބުކަމާއެކު މިފަދަ ދިރިއުޅުމެއްގައި އުޅުނީ ކޮން އިންތިޒާމަކުންތޯ އެއީ މިހާރުވެސް ގިނަ ބަޔެއްގެ ސުވާލު އުފެދޭ ކަމެކެވެ.
އެ ދެބެންގެ ހަޔާތުގެ ފަހުކޮޅުގައި ސިއްހީ ހާލަތު ގޯސްވެފައިވާ ކަމަށް ރިޕޯޓުކުރެވިފައިވެއެވެ. އެމެރިކާގެ އަޅުން ގެންގުޅުމުގެ ގަވާއިދު ބަދަލުވުމުގެ ސަބަބުން އެދެބެންގެ ދަނޑުބިމުގައި އަޅުންލައްވައި ކުރުވަމުން ދިޔަ މަސައްކަތް ގެއްލުމުގެ ސަބަބުން އާއިލާއަށް ބޭނުންވާ ހަރަދު ހޯދުމަށް އަލުން ޝޯތައް ހުށައަޅައިދިން ކަމަށް ވެއެވެ.
ޗަންގްއަށް ސްޓްރޯކެއް ޖެހިގެން ބަލިވެ އުޅުމަށްފަހު މަރުވީ 1874 ވަނަ އަހަރު ނިދީގައެވެ. އެންގް މަރުވީ އޭގެ ދެގަޑިއިރުފަހުންނެވެ. އެންގް މަރުވީ ލިބުނު ޝޮކަކުންތޯ ނުވަތަ ގުނަވަންތައް މަސައްކަތްކުރުން ހުއްޓިގެންތޯ ހޯދިފައެއް ނުވެއެވެ.

ޗަންގް އާއި އެންގް މަރުވީ އުމުރުން 62 އަހަރުގައެވެ. މިއީ އާންމު ގޮތެއްގައި، ގުޅިފައިވާ ދެބެން ދުނިޔޭގައި ދިރިއުޅޭ މުއްދަތަށްވުރެ ގިނަ ދުވަހެވެ. މިހާރުވެސް ކޮންމެ އަހަރަކު އެ ދެބޭންގެ ދަރިފަސްކޮޅުގެ އެތައް ހާސްބަޔަކު އެދެބޭންގެ އުފަން ދުވަހު އެއްވެ އެ ދެބޭންގެ ދިރިއުޅުން ފާހަގަކުރެއެވެ.



advertisment