Support Us

ކޮވިޑަށްފަހު ރައީސް މައުމޫންގެ ޚާއްސަ އިންޓަވިއު:

ދަރުމަވަންތަގެ މެޑިކަލް ސްޓާފުންނަށް ރައީސް މައުމޫންގެ ހިތްޕުޅު ޝުކުރުން ފުރިފައި

ރައީސް މައުމޫން ވިދާޅުވާ ގޮތުގައި ކޮވިޑްގައި ރާއްޖެ އަޮތީ ނުރައްކާތެރި ހާލަތެއްގައި، އިތުރު ފިޔަވަޅުތައް އަޅަންޖެހޭ

ކޮވިޑް19 އަށް ފަރުވާ ހޯއްދެވި ރާއްޖޭގެ އެންމެ މަތީ ފެންވަރުގެ ބޭފުޅަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. ކޮވިޑަށް ޕޮޒިޓިވްވެގެން މިދިޔަ މަހު 25ގައި ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްވެ އޮންނަވައިގެން ފަރުވާ ހޯއްދެވުމަށްފަހު، ފަސޭހަފުޅުވެގެން ރައީސް މައުމޫން ގެއަށް ވަޑައިގަތީ މިއަދު މެންދުރުފަހުއެވެ.

ކޮވިޑަށް ފަރުވާ ހޯއްދެވުމަށް ދަރުމަވަންތަ ހޮސްޕިޓަލްގައި ހޭދަކުރެއްވި 21 ދުވަހު، ރައީސް މައުމޫނަށް އެންމެ ބޮޑަށް ފާހަގަކުރެއްވުނު އެއް ކަމަކީ ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ނަރުހުންގެ ހީވާގި ޚިދުމަތެވެ. އެކަމަށްޓަކައި އެ މަނިކުފާނުގެ ހިތްޕުޅު ވަނީ ޝުކުރުން ފުރިފައެވެ.

ރައީސް މައުމޫން އޯގަސްޓް 26 ވަނަ ދުވަހު ދަރުމަވަންތަ ހޮސްޕިޓަލްގައި: ހާލުކޮޅު ރަނގަޅު -އަދިވެސް ފޮޓޯ

"އެންމެ ފުރަތަމަ ވެސް ދަރުމަވަންތަ ހޮސްޕިޓަލްގެ މެނޭޖްމަންޓަށާއި ޑޮކްޓަރުންނަށާއި މެޑިކަލް ސްޓާފުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އެ ބޭފުޅުންގެ ޚިދުމަތްތައް ވަރަށް ވެސް ރަނގަޅު. ނަރުހުން ވެސް ކޮންމެ ގަޑިއަކު އެއްފަހަރު ޕްރެޝަރު ބަލައި އޮކްސިޖަން ބަލައި ހުރިހާ ކަމެއް ވެސް ވަރަށް ރަނގަޅަށް ބަލަމުން ގެންދިޔަ. ވަރަށް ބޮޑު ސަމާލުކަމެއް ދެއްވައިގެން ހުރިހައި ކަމެއް ވެސް ކުރައްވަމުން ގެންދިޔަ،" ހޮސްޕިޓަލުން ގެއަށް ވަޑައިގެން "އަދިވެސް" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ރައީސް މައުމޫން، 83، ވިދާޅުވިއެވެ.

ކޮވިޑަށް ފަރުވާ ހޯއްދެވުމަށް 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލްގެ 20 ވަނަ ފްލޯގެ ކޮޓަރިއެއްގައި ތިން ހަފުތާ ވަންދެން އޮންނަވަން ޖެހިވަޑައިގަތުމުން، އެކަނިވެރިކަން އިހުސާސްކުރެއްވުނު ކަމަށާއި ނަމަވެސް އެކަން އެހާ ބޮޑު ކަމަކަށް ނުހައްދަވާ ކަމުގައި ރައީސް މައުމޫން ވިދާޅުވިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގައި އިންނަވައިގެން އަނބިކަނބަލުން ނަސްރީނާއާ ފޯނުން ރައީސް މައުމޫން ވާހަކަފުޅު ދައްކަވަނީ

"ވަރަށް ހިތްގައިމު، ސާފުތާހިރު ހޮސްޕިޓަލެއް އެއީ. ކޮޓަރީގައި އެކަނި އޮންނަން ޖެހުމުން އެކަނިވެރިކަން އިހުސާސްވި. އެހެން ނަމަވެސް، އެކަން އެހާބޮޑު މައްސަލައަކަށް ނުވޭ. ޖެހިގެން ހުރި ކޮޓަރީގައި (ދަރިކަލުން) ފާރިސް (މައުމޫން) އޮތް. ގެއިން ކާއެއްޗެތި ގެންނާނެ. ފާރިސް އައިސް ކާންދީފައި ދާނީ،" ރައީސް މައުމޫން ވިދާޅުވިއެވެ.

ހޮސްޕިޓަލްގައި އޮންނެވިއިރު އެ މަނިކުފާނުގެ ހާލުކޮޅު ބަލައި ހެޔޮއެދުމުގެ މެސެޖުތައް ފޮނުވި ހުރިހާ ފަރާތްތަކަށް ވެސް ޝުކުރު އަދާކުރައްވައި ރައީސް މައުމޫން މިރޭ ވަނީ ޓްވީޓެއް ކުރައްވައިފައެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުއްވައިގެން ގޭގައި އުޅުއްވަނިކޮށް، ރައީސް މައުމޫނަށް ކޮވިޑް ޖެހިވަޑައިގެން ގޮތެއް އެ މަނިކުފާނަކަށް ވެސް އެނގިވަޑައެއްނުގަނެއެވެ.

"ކޮވިޑް ޖެހުނު ގޮތެއް ނޭނގޭ. ވަރަށް ބޮޑަށް ބަލައިގެން މި އުޅުނީ. ބޭރުން މި ގެއަށް މީހަކު ވެސް ނާންނާނެ. ފުރަތަމަ ޓެސްޓް ކުރުމުން ދެއްކީ ވަރަށް ކުޑަކޮށް. އެކަމަކު ފަހުން ދެއްކި މޮޑަރޭޓް ވަރަކަށް ޖެހިފައި ހުރި ކަމަށް. ބޮޑު ހައިރާން ކަމެއްގައި މި ތިބެނީ،" ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން ވިދާޅުވި ގޮތުގައި ކޮވިޑް ބަލީގައި ރާއްޖެ އަދިވެސް އަޮތީ ނުރައްކާތެރި ހާލަތެއްގައެވެ. އެހެންވެ އިތުރު ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް އެ މަނިކުފާނު ދެކެވަޑައިގަނެއެވެ.

"ރާއްޖެ މިއޮތީ ނުރައްކާތެރި ހާލަތެއްގައި. މިކަމުގައި އިތުރު ފިޔަޅުތައް އަޅަންޖެހޭނެ. މި ބަލި ރާއްޖެއިން ފިލަން ކައިރިވެސް ނުވޭ،" ރައީސް މައުމޫން ވިދާޅުވިއެވެ. "އެކިއެކި ބަލިބަލީގައި ފަރުވާ ހޯދަމުންދާ ހުރިހާ ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދެން."

ކޮވިޑް19 ޖެހޭ މިންވަރު ދަށަށް ޖެހިފައި ހަފުތާއެއްހާ ދުވަހު އޮތުމަށްފަހު އަނެއްކާ ވެސް މަތިވެ، އިއްޔެ ވަނީ 121 މީހުން މި ބައްޔަށް ޕޮޒިޓިވްވެފައެވެ.

ރޭގެ ނިޔަލަށް ރާއްޖެއިން 9173 މީހުންނަށް ވަނީ ކޮވިޑް19 ޖެހިފައެވެ. އޭގެތެރެއިން 7326 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ. ކޮވިޑް އެކްޓިވް ކޭސްތަކުގެ ގޮތުގައި 1809 ހިމެނޭއިރު އައިސޮލޭޝަން ފެސިލިޓީޒްތަކުގައި 1087 މީހަކު އެބަތިއްބެވެ. މި ބަލި ޖެހިގެން 113 މީހަކަށް ހޮސްޕިޓަލްތަކުގައި ގެންދަނީ ފަރުވާދެމުންނެވެ.

މިއަދު އިރުއޮއްސުމާ ހަމައަށް ބަލާއިރު، ކޮވިޑް19 ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 33 އަށް އަރައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *