ސަބްރީނާ ގޮންޒާލެޒް ޕަސްޓަރސްކީގެ ނަން ސައިންސްގެ ދުނިޔޭގައި މިހާރު މަޝްހޫރުވެފައި ވަނީ "ދެވަނަ އަލްބަރޓް އައިންސްޓައިން"ގެ ގޮތުގައެވެ. ޅަފަތުގެ ތައުލީމީ ދައުރު އޭނާ ފުރިހަމަކުރީ އާދައިގެ ޕަބްލިކް ސްކޫލަކުންނެވެ. ނަމަވެސް، ސަބްރީނާއަކީ ގިނަ އަންހެން ކުދިން ޝައުޤުވެރިވާ ކަމަށް ބުނާ ކަންކަމަށް ޝައުޤުވެރިވި ކުއްޖެއް ނޫނެވެ.
ވަރަށް ޅަފަތުގައި އޭނާގެ ކިބައިން ފިޒިކްސް އަދި އިންޖިނިއަރިންގަށް ޝައުޤުވެރިކަމުގެ ނިޝާންތައް ފެންނަން ފެށިއެވެ. އޭނާގެ ބައްޕައަކީ އިންޖިނިއަރެއް ކަމުން، ވަރަށް ކުޑައިރުން ފެށިގެން ބައްޕަގެ އިރުޝާދުގެ ދަށުން އަމިއްލަ ޓެކްނިކަލް މަޝްރޫޢުތައް ސަބްރީނާ ހިންގަން ފެށިއެވެ. މިގޮތުން އޭނާގެ އެންމެ ފާހަގަކޮށްލެވޭ އުފެއްދުމަކީ އުމުރުން 14 އަހަރުގައި އޭނާ އެކަނިމާއެކަނި ބިނާކޮށް ދުއްވި ސިންގަލް އިންޖީނު މަތިންދާބޯޓެކެވެ. އޭނާ ވަނީ މި ބޯޓުގެ ހެދުން ވަރަށް ރަނގަޅަށް ޑޮކިއުމެންޓްކޮށް ޔޫޓިއުބަށް ވީޑިއޯ އަޕްލޯޑްކޮށްފައެވެ.
އުމުރުން 16 އަހަރުގައި އޭނާ އެމެރިކާގެ އިންޖިނިއަރިންގެ އެންމެ މޮޅު ކޮލެޖް ކަމުގައިވާ އެމް.އައި.ޓީ އަށް ކުރިމަތިލުމުން އޭނާގެ ފުރިހަމަ ގާބިލުކަން އެމީހުންނަށް ނޭނގި ވެއިޓްލިސްޓްކުރިއެވެ. އެކަމުގެ ސަބަބުން އޭނާއަށް މާޔޫސްކަން އިހުސާސްކުރެވުނު ނަމަވެސް އޭނާ ހިތްވަރު އެލުވައެއްނުލިއެވެ. ކަން ދިމާކުރި ގޮތުން އޭނާ ޔޫޓިއުބަށް އަޕްލޯޑްކޮށްފައިވާ މަތިންދާބޯޓު އުފެއްދުމުގެ ވީޑިއޯ ދެ ސައިންޓިސްޓަކަށް ފެނި އެމީހުން ސިއްސުވައިލިއެވެ. އެމީހުންގެ އެދުމުގެ މަތިން އެމް.އައި.ޓީން ސަބްރީނާގެ އެޕްލިކޭޝަން ބަލައިގަތެވެ. ސަބްރީނާ އެ ކޮލެޖުގެ ފިޒިކްސްގެ ދާއިރާއިން ގްރެޖުއޭޓްވީ ވަރަށް ފުރިހަމަ ނަތީޖާއާ އެކުގައެވެ. އަދި އެ ޑިޕާޓްމަންޓުން އެންމެ މަތީ ވަނަ ހޯދި ފުރަތަމަ އަންހެން ކުއްޖާއަށް ވެގެން ދިޔައެވެ.

ސަބްރީނާގެ އުމުރުން 21 އަހަރުގައި ހާވަޑް ޔުނިވަރސިޓީގެ ޕީއެޗްޑީ ޕްރޮގްރާމް ފަށައިފިއެވެ. އޭނާ 2015 ވަނަ އަހަރު ޝާއިއުކުރި ޕޭޕަރުވަނީ ސްޓީފަން ހޯކިންގެ ދިރާސާއެއްގައި ސައިޓްކޮށްފައެވެ. ސަބްރީނާއަށް ލިބުނު އިތުރު ކާމިޔާބީގެ ތެރޭގައި އޭނާގެ ޑޮކްޓޯރަލް ޑިޒަރޓޭޝަން ފިޒިކްސް ރިޕޯޓްސްގައި ޝާއިއުކުރުން ހިމެނެއެވެ. އެއީ އެ ޖާރނަލްގައި ޑިޒަރޓޭޝަނެއް ޝާއިއުކުރި ހާވަޑްގެ ދެވަނަ ޕީއެޗްޑީ ކެންޑިޑޭޓެވެ. ހާވަޑްއިން ޕީއެޗްޑީ ހާސިލުކުރުމަށްފަހު ޕްރިންސްޓަން ސެންޓަރ ފޯ ތިއަރެޓިކަލް ސައިންސްގައި އޭނާވަނީ ޕޯސްޓްޑޮކްޓޯރަލް ފެލޯޝިޕް ފުރިހަމަކޮށްފައެވެ.
މިހިސާބަށް ސަބްރީނާ އައި އިރުގައި އޭނާއަށް ވަނީ ވަރަށް ގިނަ ބޮޑެތި ކުންފުނިތަކުންނާއި ކޮލެޖުތަކުން ވަޒީފާގެ ފުރުސަތު ލިބިފައެވެ. މީގެ ތެރޭގައި އެމޭޒަންގެ ވެރިޔާ ޖެފް ބޭޒޯސް ވަނީ ސަބްރީނާއަށް އޭނާގެ ސްޕޭސް ކުންފުނީގައި އިސްކޮށް މަސައްކަތްކުރުމުގެ ފުރުސަތު ހުށަހަޅައިފައެވެ. އަދި ބްރައުންސް ކޮލެޖުން ވަނީ 1.1 މިލިއަން ޑޮލަރަށް އޭނާ އެ ކޮލެޖުގެ އެސިސްޓަންޓް ޕްރޮފެސަރެއްގެ ގޮތުގައި ގެންދަން މަސައްކަތްކޮށްފައެވެ. ނަމަވެސް ސަބްރީނާވަނީ މި ހުރިހާ ފުރުސަތުތަކަށް އިންކާރުކޮށްފައެވެ.
ސަބްރީނާ ގަބޫލުކުރާ ގޮތުގައި އޭނާއަކީ ހަމަ އެހެން މީހުން ފަދައިން އަދިވެސް ސައިންސް އުނގެނެން މަސައްކަތްކުރާ މީހެކެވެ. އޭނާއަށް ލިބިފައިވާ ކާމިޔާބީތަކުގެ ސަބަބުން މީހުން އޭނާ މާ މޮޅުމީހަކަށް ހަދައިގެން އުޅުނު ނަމަވެސް، އޭނާ ދެކޭ ގޮތުގައި އޭނާއަށް ދުނިޔެއަށް ކަމެއް ކޮށްދެވޭނީ ހިތްތިރިކަމާއެކު އިތުރަށް އުނގެނެން މަސައްކަތްކޮށްގެންނެވެ. މިއަދު އޭނާ މަސައްކަތްކުރަނީ މިނިވަން މުއައްސަސާއެއް ކަމަށްވާ ޕެރިމީޓަރ އިންސްޓިޓިއުޓް ފޮރ ތިއަރެޓިކަލް ފިޒިކްސްއާ ގުޅިގެންނެވެ. އަދި އޭނާ އަންނަނީ ސެލެސްޓިއަލް ހޮލޮގްރަފީ އިނީޝިއޭޓިވްގެ އިސްވެރިޔާގެ ގޮތުގައި މަސައްކަތްކުރަމުންނެވެ.
ސައިންސްގެ ދުނިޔޭގައި ސަބްރީނާގެ ކާމިޔާބީގެ ސަބަބުން އޭނާއަށް ވަނީ ސްޓެމްގެ ރޮނގުތަކުން އަންހެންކުދިން ތަމްސީލުކޮށް އެ ކުދިންނަށް ވަކާލާތުކުރުމުގެ ފުރުސަތު ލިބިފައެވެ. އޭނާ ދަނީ "ލެޓް ގާލްސް ލާން" ފަދަ ޕްރޮގްރާމުތަކުގައި ބައިވެރިވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އަންހެން ކުދިންނަށް ސްޓެމް ތައުލީމީ ފުރުސަތުތަކުގެ މުހިންމުކަމާ މެދު ވަކާލާތުކުރަމުންނެވެ. މީގެ އިތުރުން، ދިރާސާތަކުގެ އަޕްޑޭޓްތައް ހިމެނޭ ވެބްސައިޓެއް ބަލަހައްޓައި، ޔޫޓިއުބްގެ "ފިޒިކްސްގާލް" ޗެނަލްގައި މައުލޫމާތު ދޭ ވީޑިއޯތައް ދަނީ ޕޯސްޓްކުރަމުންނެވެ.
ސަބްރީނާގެ ވާހަކައަކީ ހުރިހާ ގޮތަކުން ސަޕޯޓު ލިބިއްޖެނަމަ ކުއްޖަކަށް ކުރިއަރައިގެން ދެވޭނެ ކަމުގެ ފުރިހަމަ މިސާލެކެވެ.



advertisment