ޣައްޒާގައި އިސްރާއީލުން ހިންގަނީ ނަސްލު ނައްތައިލުން ނުވަތަ "ޖެނޮސައިޑް" ކަމަށް ކަނޑައަޅަން އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް، ކޮންގްރެސްއަށް ގަރާރެއް ހުށަހަޅައިފިއެވެ.
މިޗިގަން ސްޓޭޓްގެ މެންބަރު ރަޝީދާ ތޮލީބު (ފޮޓޯ) ހުށަހެޅި ގަރާރަށް އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ 21 މެންބަރުން ވަނީ ތާއީދުކޮށްފައެވެ.
ރަޝީދާގެ ގަރާރު ފާސްވާނެ ކަމަކަށް ނުބެލެވެއެވެ. ސަބަބަކީ ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ހޯދައިފައިވާތީއެވެ.
އެހެނަސް މި ގަރާރަކީ ގާނޫނީ ގޮތުން ތަންފީޒު ކުރަން ޖެހޭ ގަރާރެއް ކަމަށް ނުވިޔަސް މި ގަރާރުގެ ސަބަބުން ކޮންގްރެސްގައި ފަލަސްތީނާއި އިސްރާއީލުގެ މައްސަލަ ބަހުސް ކުރެވޭ ގޮތް ބަދަލުވާނެއެވެ.
ގަރާރުގައި ގޮވައިލައިފައިވާ އެއް ކަމަކީ ޖެނޮސައިޑް މުއާހަދާގައިވާ، އެމެރިކާއިން އަމަލުކުރަންޖެހޭ ވާޖިބުތަކަށް އަމަލުކޮށް، ފަލަސްތީން ނަސްލު ނައްތައިލުމަށް މަސައްކަތްކުރާ ޔަހޫދީން ތަހުގީގުކޮށް، އެ މީހުންނާ ދެކޮޅަށް ފިޔަވަޅު އެޅުމެވެ.
"ޣައްޒާގައި އިސްރާއީލު ސަރުކާރުން ހިންގާ ޖެނޮސައިޑް އަދިވެސް ނުނިމޭ. އަހަރެމެން ފިޔަވަޅު ނާޅަނީސް އެ ކަމެއް ނުހުއްޓޭނެ،" ރަޝީދާ ބުންޏެވެ.
އޭނާގެ ގަރާރުގައި ހުށަހަޅައިފައިވާ ކަންތައްތަކުގެ ތެރޭގައި އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން އެމެރިކާއިން ހުއްޓައިލުމަށް އެދިފައިވެއެވެ. އަދި ފިޔަވަޅު އެޅުމަށް ގޮވައިލައިފައިވަނީ އިސްރާއީލުގެ އާއްމު ރައްޔިތުންނާއި އިގުތިސާދަށް ގެއްލުން ނުލިބޭނެ ގޮތަށް، ޖެނޮސައިޑްގައި ބައިވެރިވާ މީހުންނާއި މުއައްސަސާތަކާ ދެކޮޅަށް އެކަންޏެވެ.



advertisment