މި ދިޔަ އަހަރު ބަނގްލަދޭޝްގައި ހިނގި މުޒާހަރާތަކުގައި ފުލުހުން ބަޑިޖެހުމުގެ ސަބަބުން މަރުވި 1،400 މީހުންނާ ގުޅޭ ޝަރީއަތުގައި، ގައުމުން ފިލައިގެން އިންޑިއާގެ ހިމާޔަތް ހޯދި ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ މައްޗަށް ހުކުމް ކުރުން އަންނަ ހޯމަ ދުވަހަށް ހަމަޖައްސައިފިއެވެ.
ހާއްސަ ޓްރައިބިއުނަލްއަކުން ހިންގާ ޝަރީއަތުގައި ހަސީނާ (ފޮޓޯ)އަށް އަތްގާތްކޮށްދޭ ދެ އެހީތެރިންނާ ދެކޮޅަށް ވެސް ހުކުމް ކުރާނެއެވެ.
ޓްރައިބިއުނަލުން މަސައްކަތް ކުރަނީ ހަސީނާއަށް މަރުގެ ހުކުމް އިއްވާށެވެ. ނަމަވެސް ހަސީނާ ބުނެފައިވަނީ ބަޑިޖަހަން ހުއްދަ ނުދޭ ކަމަށާއި އެހެންވެ މާފަށް ނޭދޭނެ ކަމަށާއި ނަމަވެސް މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ކިޔާ ކަމަށެވެ.
ހަސީނާއާ ދެކޮޅަށް ކުރަނީ "ކްރައިމްސް އަގެއިންސްޓް ހިއުމަނިޓީ" ނުވަތަ އިންސާނީ ޖަރީމާ ހިންގި ކުށުގެ ތުހުމަތެވެ.
މަރުވީ 1،400 މީހުން ކަމަށް އަންދާޒާ ކުރީ އދ.އިންނެވެ.
ހަސީނާއާ ދެކޮޅަށް ވަކާލާތު ކުރާ މައި ވަކީލު ތާޖުލްއިސްލާމް ތުހުމަތު ކުރީ މުޒާހަރާ ކުރި މީހުންގެ ގަޔަށް ބަޑިޖެހުން "ރޭވީ އަދި އެ ކަމުގެ މައި އާރުކާޓީ"އަކީ ހަސީނާ ކަމަށެވެ.
ސިޔާސީ މުއައްސަސާތައް އިސްލާހް ކުރުމަށް އާއްމުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނުވަތަ "ރިފަރެންޑަމް"އެއް އަންނަ ފެބްރުއަރީ މަހު ބާއްވަން އިންތިގާލީ ސަރުކާރުން ވަނީ ހަމަޖައްސައިފައެވެ.



advertisment