ނޭޕާލްގައި މި ދިޔަ ސެޕްޓެމްބަރު މަހު ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވަން ޖެހުނު ކަގްދާ ޕްރަސާދު އޮލީއާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި ބައިވެރިވި 423 މީހުން ހައްޔަރުކޮށްފިއެވެ.
ކޮރަޕްޝަނާ ދެކޮޅަށް ފުރަތަމައިން ޒުވާނުން ސުލްހަވެރިކަމާއެކު ފެށި ހަރާކަތް އަނިޔާވެރި މުޒާހަރާތަކަކަށް ބަދަލުކުރީ ކޮން ބައެއްތޯ ތަހުގީގު ކުރަމުންދާ ކަމަށާއި އެ މީހުން ހައްޔަރު ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.
މިހާތަނަށް ހައްޔަރު ކުރި މީހުންނާ ދެކޮޅަށް ސީރިއަސް ތުހުމަތުތަކެއް ކުރެވެއެވެ. އެއީ މީހުން މެރުމާއި ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމާއި ވައްކަން ކުރުމާއި ރަސްމީ ލިޔެކިޔުން ނެތި ހަތިޔާރު ގެންގުޅުމެވެ.
"މުޒާހަރާތަކުގައި ހިންގި ކަންތައްތައް ޓީމަކުން ބަލަމުން އަންނަނީ. އަދި މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރަމުންދަނީ،" ނޭޕާލްގެ ފުލުހުންގެ ތަރުޖަމާނު އަބީ ނަރަޔަން ކަފްލޭ ބުންޏެވެ.
ފުޅާކޮށް މި ތަހުގީގު ކުރަނީ ސަރުކާރުގެ ގިނަ އަދަދެއްގެ އިމާރާތްތަކުގައި އަލިފާން ރޯކުރުމުގެ އިތުރުން އެތައް ހާސް ގައިދީންނެއް ޖަލުތަކުން ފިލައިފައިވާތީއެވެ.



advertisment