ތުރްކިޔެ އާއި ގަތަރު މެދުވެރިވެގެން ޕާކިސްތާނާއި އަފްޣާނިސްތާން ސުލްހަ ކުރަން ބޭއްވި ވާހަކަތައް ފޭލިވީ ޕާކިސްތާންގެ ސަބަބުން ކަމަށް އަފްޣާނިސްތާނުން ބުނެފިއެވެ.
"ޕާކިސްތާނުން ދެއްކީ ޒިންމާދާރުކަން ކުޑަ އަދި އެއްބާރުލުން ނުދޭ ކަހަލަ އިޝާރާތެއް،" އަފްޣާނިސްތާންގެ ސަރުކާރާ ހަވާލުވެ ހުރި ތޯލިބާން ޖަމާއަތުގެ ތަރުޖަމާނަކު ބުންޏެވެ.
އޭނާ ބުނީ ޕާކިސްތާނުން ބޭނުންވީ ސަލާމަތީ ކަންތައްތަކުގެ ޒިންމާ ނުނަގައި އެ ކަން އަފްޣާނިސްތާނާ މަތިކުރުމަށް ކަމަށެވެ.
ޕާކިސްތާނުން ކޮންމެ ގޮތަކަށް އަމަލު ކުރިޔަސް، ޕާކިސްތާނަށް ހަމަލާ ނުދޭން އަފްޣާނިސްތާނުން ނިންމައިފައިވާ ނިންމުމަށް އިހްތިރާމް ކުރާނެ ކަމަށް ތޯލިބާނުން ބުންޏެވެ.
ޕާކިސްތާނުން ރައްދުގައި ބުނީ "އަފްޣާނިސްތާން ރައްޔިތުންނާއި ސަރަހައްދީ ގައުމުތަކުގެ މަސްލަހަތު ނެގެހެއްޓުމާ ހިލާފަށް ތޯލިބާން ސަރުކާރުން އަޅާ ފިޔަވަޅުތަކަށް ތަރުހީބު ނުދޭނެ" ކަމަށެވެ.



advertisment