Support Us

އަލްބޭނިއާގެ ބޮޑު ވަޒީރު އީޑީ ރާމާ، ދުނިޔޭގެ ފުރަތަމަ އޭ.އައި "ވަޒީރު" ޑިއެލާ ތައާރަފުކޮށްދެއްވަނީ

ފުރަތަމަ އޭ.އައި "ވަޒީރު" 83 އޭ.އައި "ދަރިން"ނަށް "ބަލިވެއިނުން"- ކޮރަޕްޝަން ނައްތައިލެވޭނެ؟

މި ދިޔަ ސެޕްޓެމްބަރު މަހު 11 އަކީ އިންސާނީ ހަޟާރަތުގައި އާދަޔާ ހިލާފު ކަމެއް ފާހަގަ ކުރެވިގެން ދިޔަ ދުވަހެކެވެ. އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ނުވަތަ މަސްނޫއީ ވިސްނުމެއްގެ ވެރި ކޮމްޕިއުޓަރު ޕްރޮގްރާމަކަށް "ވަޒީރު"ކަން ދިން ދުވަހެވެ. ޔޫރަޕްގެ ގައުމެއް ކަމަށްވާ އަލްބޭނިއާގައެވެ.

މި އޭ.އި "މިނިސްޓަރަ"ށް ކިޔާ ނަމަކީ "ޑިއެލާ"އެވެ. "ޑިއެލާ" މި ބަހަކީ އަލްބޭނިއާއިން "އިރު" ނުވަތަ އަހަރެމެންގެ މި ދުނިޔެއަށް އަލިކަން ފޯރުކޮށްދޭ ތަރިއަށް މުހާތަބުކުރާ ލަފުޒެވެ.

އޭނާ ސްކްރީންތަކުން ފެންނަނީ އެ ގައުމުގެ ސަގާފީ ހެދުމުގައެވެ.

ޑިއެލާ 83 އޭ.އައި "ދަރިން"ނަށް "ބަލިވެއިން"ކަން އިއުލާން ކުރެއްވީ ބޮޑު ވަޒީރު އީޑީ ރާމާއެވެ. އެއީ އޭނާގެ ވެރިކަމުގެ ދަށުން ހިންގަވާ ސޯޝަލިސްޓް ޕާޓީގެ، ގާނޫނު ހަދާ މަޖިލީހުގެ ކޮންމެ މެންބަރަކަށެވެ.

ޑިއެލާއަކީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތައްޔާރުކުރި އޭ.އައި ޕްރޮގްރާމެއް

އީޑީ، ޑިއެލާއަށް ދެއްވައިފައިވާ މަގާމަކީ މަސްނޫއީ ވިސްނުމުގެ ސްޓޭޓް މިނިސްޓަރުކަމެވެ.

ޑިއެލާ ފުރަތަމަ ފަހަރަށް ޕާލަމަންޓާ މުހާތަބު ކުރީ ވަޒީރުކަން ލިބުނުތާ ހަފުތާއެއް ފަހުން 18 ސެޕްޓެމްބަރުގައި ޕާލަމަންޓްގައި ބޮޑު ސްކްރީނެއްގެ ފެނިލުމަކުންނެވެ. އޭނާ ބުނީ އޭނާގެ ބޭނުމަކީ އިންސާނުން "މަގާމުން ދުރުކުރުން ނޫން" ކަމަށާއި ނަމަވެސް އެ މީހުންނަށް "އެހީވުން" ކަމަށެވެ.

ޖަރުމަނީގެ ވެރިރަށް ބާލިންގައި، ޒަމާނީ މައްސަލަތައް ކަމަށްވާ އިގުތިސާދާއި މޫސުމަށް އަންނަ ބަދަލުތަކާއި އިޖުތިމާއީ ގޮތުން ހަމަހަމަކަން ނެތުމާ ބެހޭ ހައްލުތައް ހޯދުމަށް ވިޔަފާރިތަކާއި ސަރުކާރުތަކާއި އިލްމީ މުއައްސަސާތަކުގެ މެދުގައި ބޭއްވި ބާލިން ގްލޯބަލް ޑައިލޮގް (ބީ.ޖީ.ޑީ)ގައި އީޑީ ވިދާޅުވީ މި އޭ.އައި ދަރިންނަކީ ހަގީގަތުގައި "ޑިޖިޓަލް އެސިސްޓެންޓު"ން ނުވަތަ އެހީތެރިން ކަމަށެވެ. އެހެންކަމުން "ބަލިވެއިނުން" މި ބަސް ބޭނުންކޮށްފައިވަނީ 83 އެހީތެރިން ގޮތުގައި ހަރަކާތްތެރިވާނެ އޭ.އައި "ޕްރޮގްރާމް"ތަކެއް ލޯންޗް ކުރުމުގެ މާނައިގައެވެ.

އެ އެސިސްޓެންޓުންގެ މަސައްކަތަކަށްވާނީ ޕާލަމަންޓްގެ ސެޝަންތައް ރެކޯޑު ކުރުމާއި އިރުޝާދު ދިނުމާއި އަދި ހާޒިރު ނުވާ މެންބަރުންނަށް އެ މީހުން ހާޒިރު ނުވާ ސެޝަންތަކުގެ މައުލޫމާތު ދިނުމެވެ.

ހަގީގަތުގައި ޑިއެލާ އީޖާދު ކުރުމަކީ އަލްބޭނިއާއިން ކޮރަޕްޝަން ނައްތައިލައި، ބިނާކުރަނިވި މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގައި އެތެރެ ފެންނަ، ދެ ފުށް ސާފު ސިޔާސަތެއް ގާއިމުކުރުމަށް ތަންފީޒުކުރި އާދަޔާހިލާފު ޓެކްނޮލޮޖީއެކެވެ.

އެ ގޮތުން އަމިއްލަ ކުންފުނިތަކަށް ސަރުކާރުން މަސައްކަތް ހުށަހަޅާ މަރުހަލާތައް ޑިއެލާ ބަލަހައްޓައެވެ. ބޭނުމަކީ އިންސާނީ ތައައްސުބު ނައްތައިލައި، ކޮންމެ ބީލަމެއް އެއީ 100 ޕަސެންޓް ކޮރަޕްޝަނުގެ ލައްގަނޑު ޖެހިފައި ނުވާ ޓެންޑާތަކެއް ގޮތަށް ހަމަޖެހިގެންދާ "ޕްރޮކިއުމަންޓް" ނުވަތަ ތަކެތި ހޯދައި ނިޒާމެއް ގާއިމު ކުރުމެވެ.

ޑިއެލާގެ ގާބިލުކަން ހުރި ނަމަވެސް ދުސްތޫރީ ގޮތުން އޭނާގެ ގާނޫނީ ހައިސިއްޔަތާމެދު ގާނޫނީ ތަޖުރިބާކާރުންނާއި އިދިކޮޅު ފަރާތްތައް ދަނީ ސުވާލު އުފައްދަމުންނެވެ. ސަބަބަކީ އޭނާ އިންސާނަކަށް ނުވާތީއެވެ.

އަލްބޭނިއާއިން މި އެޅި ފިޔަވަޅަކީ ގައުމުތަކުގައި ނައްތައިލަން އެންމެ އުނދަގޫ އެއް މައްސަލައަކީ ކޮރަޕްޝަން ކަމަށްވާތީ އެ ކަމާ ދެކޮޅަށް އެޅި ޒަމާނީ ޓެކްނޮލޮޖީ ފިޔަވަޅެކެވެ. އިންސާނުން ދުނިޔެއަށް އައީއްސުރެ ކޮރަޕްޝަން މިހާ ސީރިއަސް މައްސަލައަކަށްވެފައިވަނީ މިއީ އިންސާނީ ސުލޫކާއި އިންސާނާގެ ދަހިވެތިކަމާ ދެމެދު ކުރެވެމުންދާ ހަނގުރާމައަކަށްވާތީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *