Support Us

ވާހަކަ: އަނދިރި ދުނިޔެ

ހަޔާތެއް ބަދަލުވާން ނަގަނީ ކިހާ ވަގުތެއް ހެއްޔެވެ؟ މުޅި އުމުރުގައި ދެކެމުން އައި ހުވަފެންތައް ފުނޑުފުނޑުވެ، ވެއްޔާ މޮޑެވި، ބަރުބާދުވާތަން ބަލަން ކެތްވާނީ ކިތައް މީހުންނަށް ބާއެވެ؟ ދުނިޔޭގައި އުޅޭ އިރުގައި ދިމާވާ އިމްތިހާނުތަކަށް ކެތްކުރުމަކީ ކޮންމެ އިންސާނެއްގެ މައްޗަށް އޮތް ކަމެކެވެ. ނަމަވެސް…

"ޓީ އޯ ކޮފީ؟" އަހަރެންގެ ސިކުނޑީގައި އެނބުރެމުން ދިޔަ ހިޔާލުތަކުން ހޭލައްވައިލީ އެއާ ހޮސްޓެސް ކައިރިއަށް ހުއްޓުމުންނެވެ. ކޮފީއެކޭ ބުނުމުން އޭނާ ކޮފީ ތަށްޓެއް އަޅައިދީފައި ހަވާލުކޮށްފައި ހިނގައްޖެއެވެ. ސިކުނޑީގައި އެނބުރެމުން ދިޔަ ހިޔާލުތަކުގެ ތެރެއަށް އަނެއްކާވެސް ގަރަގުވާން ފުރުސަތު ދީފައެވެ.

"އެއްޗެއް އަހައިލަންތަ؟" އަނެއްކާ ހިޔާލުތަކުން ހޭލައްވައިލީ ކައިރީގައި އިން އަންހެން ކުއްޖާ ކުރި ސުވާލަކުންނެވެ. އޭނާއާ ދިމާލަށް ބަލައިލީމެވެ. ވަރަށް ރީތި އަންހެން ކުއްޖެކެވެ. ވަރަށް ސާދާ މޫނެކެވެ. އޭނާ އިނީ އަހަރެންނާ ދިމާލަށް ބަލަހައްޓައިގެން ހެވިފައެވެ. އެއްޗެކޭ ނުބުނެ އޭނާގެ ސުވާލަށް އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލީމެވެ.

"ތިއީ މަޝްހޫރު ވާހަކަ ލިޔާ ޝާންދޯ؟" އޭނާ އަހައިލިއެވެ. އަހަރެން ބޯޖަހައިލީމެވެ.

"އަޅޭ. ހާދަ އުފާ ވެއްޖޭ. އަހަރެން މީ ޝާންގެ އެންމެ ބޮޑު ފޭން އިނގޭ،" އޭނާ ސަލާންކޮށްލަން އަތްދިއްކޮށްލިއެވެ. އަހަރެން އަތުގައި ހިފައި ސަލާންކޮށްލީމެވެ. "މީ ޔުމްނާ އިނގޭ."

"ވަރަށް އުފާވެއްޖެ،" އަހަރެން ބުނީމެވެ.

"މިހާރު ހާދަ ދުވަހެއް ވެއްޖޭ ޝާންގެ ވާހަކައެއް ނުކިޔާތާ،" އޭނާ ބުންޏެވެ.

"އާނ. ދުވަސްކޮޅެއް ވެއްޖެ މީހަކު ބުނެގެން ސްކްރީން ޕްލޭއެއް ހަދަން މަސައްކަތްކުރާތާ،" ކޮފީ ތަށިން ކުޑަ އެތިފޮދެއް ބޯލެވޭތޯ މަސައްކަތްކުރީމެވެ. ކޮފީ އަދި ތަންކޮޅެއް ހޫނެވެ.

"އެހެންތަ؟ ކޮން އިރަކުން އެވާހަކަ ނިމޭނީ؟" އޭނަ ދެލޯ ބޮޑުކޮށްލައިފައި އަހައިލިއެވެ. އަހަރެން ހިނިގަނޑެއް ޖަހައިލީމެވެ.

"އަދި ލިޔާކަށް ނުފަށަން،" އަހަރެން ޖަވާބު ދިނީމެވެ.

"އޯ. ދެން މިހާ ދުވަސް…،" އޭނާގެ ޖުމްލަ ފުރިހަމައެއް ނުކުރިއެވެ. އަހަރެން ހީނލައިފައި ނިތް އަރުވައިލީމެވެ.

"މި ހުރިހައި ދުވަސް މިދިޔައީ އެ ވާހަކައާ ދޭތެރޭ ވިސްނުމުގައި. އަދިކިރިޔާ ވިސްނައި މި ނިމުނީ. ދެން އޮތީ ލިޔަން ފެށުން،" އަހަރެން އަނެއްކާވެސް ކޮފީ ފޮދެއް ބޯލެވޭތޯ އުޅުނީމެވެ. ކުޑަ އެތިކޮޅެއް ދިރިއްޖެއެވެ. އަހަރެން ބޭނުންވާ ވަރަށް ވުރެން ކޮފީގެ ރަހަ މާ މަޑެވެ.

"މަށަށް އޭގައި ވާގޮތް ކިޔައިދީފާނަންތަ؟" އާދޭހުން ފުރިފައިވާ ގޮތަކަށް ޔުމްނާ ބުންޏެވެ.

"ތިކަމާ ޖެހޭނީ ވިސްނައިލާނަން،" ހެވިފައި ބުނީމެވެ.

"އަޅޭ ޕްލީސް. ކުޑަ ހުލާސާއެއް ނަމަވެސް ކިޔައިދީބަލަ!" ޔުމްނާ ކުރެއް ނުކުރިއެވެ.

"އޯކޭ. މިއީ ވަރަށް ތަފާތު ވާހަކައެއް އިނގޭ. މި ވާހަކައިގައި އުޅެނީ އުޝާމާއި އޭނާގެ އަންހެނުން ޔުމްނާ،" އަހަރެން ވާހަކަ ފެއްޓީމެވެ. އެ ހިސާބުން ޔުމްނާ ހޭން ފެށިއެވެ.

"އޭގައި އުޅެނީ އަހަރެންގެ ނަން ކިޔާ މީހެއްތަ؟" އޭނާ ހައިރާންވެފައި އަހައިލިއެވެ.

"އަސްލު ވާހަކައިގައި އުޅޭ އަންހެން ކުއްޖާއަށް ދޭނެ ނަމެއް ނޭނގި އުޅެނިކޮށް ޔުމްނާއާ މި ބައްދަލުވީ. ޔުމްނާއަކީ ވަރަށް ރީތި ނަމެއް. އެހެންވެ މި ވާހަކައިގައި އުޅޭ އުޝާމްގެ އަންހެނުންނަށް ކިޔަން މިވަގުތުން ވަގުތަށް މި ނިންމީ ޔުމްނާ،" އަހަރެން ހެވިފައި ބުނީމެވެ.

"އަޅޭ. ތެންކިޔު ސޯ މަޗް." އޭނާގެ މޫނުމަތިން އުފާވެރިކަން ފާޅުވެގެން ދިޔައެވެ. "ދެން ތި ވާހަކައިގައި ވާ ގޮތް ކިޔައިދީ."

"އޯކޭ. އުޝާމާއި ޔުމްނާގެ ގުޅުން ފެށެނީ އެމީހުން ސުކޫލުގައި އުޅެނިކޮށް. ޔުމްނާއަކީ ސުކޫލުގައި ކިޔަވާ އެންމެ ރީތި ކުއްޖާ. އެހެންވީމައި އުޝާމަށް ވަރަށް ގިނަ ދުވަސް ތަކެއް ވަންދެން ހުންނަން ޖެހުނު ލޯބި ފާޅުކުރަން ނުކެރިފައި. އެހެން އުޅެނިކޮށް އުޝާމުގެ އެންމެ ގާތް ރަހުމަތްތެރިޔާ ފިރުޝާން، ޔުމްނާގެ ރީތި ވާހަކަ އުޝާމް ކައިރީގައި ދެއްކީ. ފިރުޝާނަކީ ވަރަށް ކާމިޔާބު މީހެއް. އޭނާ ކުރިމަތިލާ ކޮންމެ ކަމެއް ކާމިޔާބުކުރާ މީހެއް. އެ ހިސާބުން ޔުމްނާ ގެއްލިދާނެތީ އުޝާމް އަވަސްވެގަތީ ޔުމްނާއަށް ލޯބި ހުށައަޅަން."

"އޯ. އިންޓަރަސްޓިން،" ޔުމްނާ ދެލޯ ބޮޑުކޮށްގެން އަޑުއަހަން އިނެވެ.

"އުޝާމް ޔުމްނާއަށް ލޯބި ހުށައެޅި ދުވަހު ޔުމްނާ ބުނީ އޭނާ އިންތިޒާރުކޮށްގެން ހުރީ އުޝާމަށް ކެރިގެން ލޯބި ހުށައަޅާނޭ ދުވަހެއް އަންނަންދެން ކަމަށް. އުޝާމު ޔުމްނާ ކައިރީގައި އޭނާ ލޯބި ހުށައަޅަން އަވަސްވެގަތީ ފިރުޝާން ޔުމްނާއަށް ޝައުގުވެރިވި ހިސާބުން ކަމަށް ބުނުމުން، ޔުމްނާ އުޝާމް ކައިރީގައި ބުނި ފިރުޝާނުގެ ކިބައިގައި އޭނާ މާ ގަޔާވާ ގޮތްތަކެއް ނެތްކަމަށް. ނަމަވެސް އޭނާއަށް އުޝާމު އަބަދުވެސް ވަރަށް ކަމުދާ ކަމަށް. އުޝާމަކީ ކިޔެވުމަށް މޮޅު، އަހުލާގީ ގޮތުން ވަރަށް ރަނގަޅު ޒުވާނެއް. ޔުމްނާ އުޝާމާ ގުޅެން ނިންމީ މުސްތަގުބަލަށްވެސް ވިސްނާފައި ކަމަށް ބުނެދިން،" ވާހަކަ މަޑު ޖައްސައިލައިފައި އަނެއްކާވެސް ކޮފީ ފޮދެއް ބޯލީމެވެ.

"ދެން؟" ޔުމްނާ އިނީ ކެތް މަދުވެފައިކަން އެނގުނެވެ.

"ދެން އެ ދެމީހުން އެކުގައި ލޯބިން އުޅުނީޔޯ. އެ ހިސާބުން ވާހަކަ ނިމުނީޔޯ،" އަހަރެން ބޭނުންވީ ޔުމްނާއަށް ސަމާސާ ކޮށްލާށެވެ.

"ދެން ނޫން،" އޭނާ ކުސްތަޅައިގަތެވެ. "ބުނެބަލަ. ފިރުޝާން ފަނި ހެދީތަ؟"

"ނޫން. މި ވާހަކައިގައި ނޫޅޭނެ ފަނިހަދާ މީހެއް. ފިރުޝާންވެސް ހަމަ އޭރު ސުކޫލުން ދިމާވި ނިއުޝާ ކިޔާ ކުއްޖަކާ ކައިވެނިކުރީ. ނިއުޝާއަކީ ޔުމްނާގެ ވަރަށް ގާތް ރައްޓެއްސެއް،" އަހަރެން އަނެއްކާވެސް ވާހަކަ ފެށީމެވެ.

"އުޝާމާއި ޔުމްނާގެ ގުޅުން ބަދަހިވެގެން އައީ ވަރަށް ލޯބިން. ސުކޫލު ނިންމައިފައި މާ ގިނަ ދުވަހެއްނުވެ ދެމީހުން ކައިވެނިކުރީ. ދެ މީހުން ވެސް އުޅުނީ އެކަކު އަނެކަކާ ވަރަށް ވެގެން. ވަރަށް އޯގާތެރިކޮށް."

"ދެނޯ؟" ޔުމްނާ މޫނުމަތިން ފޫހިކަން ފެންނަން ފަށައިފިއެވެ.

"ދެން ކިހާ ރަނގަޅު. ދެމީހުންވެސް ރަނގަޅަށް ދިރިއުޅުމެއްގައި އުޅުމަކީ އުފާކުރަން ޖެހޭ ކަމެއް ނޫންތަ؟" އަހަރެން އެހީމެވެ.

"އެކަމަކު ފިލުމަކަށް މީހަކު ދާނެތަ ދެމީހަކު ލޯބިން އުފަލުން އުޅޭތަން ބަލަން؟" ޔުމްނާ އެއްސެވެ.

"އެއްވެސް ކަމެއް ޑްރާމާއެއް ނެތިއްޔާ މީހުންނަށް ކަމުނުދާތީ ތާ މައްސަލައަކީ؟" އަހަރެން ވިސްނައިލައިފައި ބުނީމެވެ.

"ހަމަ އަސްލުވެސް އެއީތަ ވާ ގޮތަކީ؟" ޔުމްނާ ސުވާލުކުރިއެވެ.

"ނޫން. ދެން ވީ ގޮތަކީ އެއް ދުވަހަކު ޔުމްނާ އޮފީހުގައި އުޅެނިކޮށް އަންނަނީ ފޯނު ކޯލެއް. އުޝާމު އެކްސިޑެންޓެއް ވެގެން އައިޖީއެމްއެޗަށް ގެނެވިއްޖެޔޯ،" އަހަރެން ކޮފީ ފޮދެއް ބޯލައިފައި ވާހަކައައިގެން ކުރިޔަށް ދިޔައީމެވެ.

"އަޅޭ. އޭނާ ފައިން ވާގި ނެތުނީތަ؟" ޔުމްނާ އަހައިލިއެވެ.

"ނޫން. އުޝާމްގެ ލޮލުގެ ފެނުން ގެއްލެނީ،" އަހަރެން މާނޭވާއެއް ދޫކޮށްލުމަށްފަހު ބުނީމެވެ.

"އަޅޭ!" ޔުމްނާ ދެރަވެފައި ބުންޏެވެ.

"ދެރަ ދޯ؟ މުޅި ޒިންދަގީ ހަރާބުވީ ދޯ؟ ހަމަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި. ލައިސަންސް ނެތި ބާރުބާރަށް ސައިކަލު ދުއްވި މީހެއްގެ ސަބަބުން،" އަހަރެން ބުނީމެވެ.

"ދެން؟"

"ދެން އެންމެ ފުރަތަމަ މަސައްކަތްކުރާނީ އެއްވެސް އުންމީދެއް އޮތްތޯ ބަލަންތާ ދޯ؟ އުޝާމް ގޮވައިގެން ބޭރަށް ގޮސް އެންމެ ރަނގަޅު ހޮސްޕިޓަލުތަކަށް ދައްކައިގެން ލޮލުގެ ފެނުން އަނބުރައި ލިބޭނޭ ގޮތެއް އޮތްތޯ ބެލީ. އެކަމަކު ކޮންމެ ޑޮކްޓަރަކުވެސް ކީ ހަމަ އެކައްޗެއް. އުޝާމުގެ ލޮލަކަށް ދެނެއް ނުފެންނާނެއޭ،" އަހަރެން ވާހަކަ ކިޔައިދެމުން ގެންދިޔައީމެވެ.

"ދެން؟" ޔުމްނާ އިނީ ވަރަށް ކަނުލައި އަޑުއަހާށެވެ.

"ދެން އަންނާނީ ދެމީހުންގެ ހަޔާތަށް ވަރަށް އެހެން ކަހަލަ ދުވަސްތަކެއްތާ ދޯ؟ ކަންތައް ދިމާކުރި ގޮތުން އުޝާމަކަށް އޭނާ ކުރަމުން ގެންދިޔަ މަސައްކަތެއް ނުކުރެވޭނެ ދޯ؟ އެހެންވެ އޭނާއަށް ޖެހުނީ ގޭގައި މަޑުކުރަން."

"ދެން ޔުމްނާއޯ؟ އޭނާ ކަންތައް ކުރީ ކިހިނެތް؟" ޔުމްނާ އަހައިލިއެވެ.

"އުޝާމު ލޯފަން މީހެއް ގޮތަށް ދިރިއުޅެން ދަސްކުރަމުން ދިޔައިރު ޔުމްނާއަށް ޖެހުނީ ލޯފަން މީހަކާ އެކުގައި ދިރިއުޅެން ދަސްކުރަން. އެއީ އެއްވެސް މީހެއް އުންމީދުކުރި ގޮތެއް ނޫންތާ. ތަގުދީރުގައި ލިޔެވިފައިވާ ގޮތްދޯ؟ ވަކި ހިސާބަކުން ޔުމްނާ ވެސް ނިންމީ ވަޒީފާއަށް ނުގޮސް އުޝާމުގެ ކަންކަމުގައި އުޅެދިނުމަށް ގޭގައި މަޑުކުރަން،" ވާހަކައައިގެން ކުރިޔަށް ދިޔައީމެވެ.

"އަޅޭ ވަރަށް ލޯބި،" ޔުމްނާ ބުންޏެވެ.

"އެއީ މުޅިއަކުން ޔުމްނާގެ އަމިއްލަ ނިންމުމެއް ނޫނޭ. އުޝާމުގެ އާއިލާއާއި ޔުމްނާގެ ގާތް ތިމާގެ މީހުން ވެސް ބޮޑަށް ބާރު އެޅީ އެގޮތަށް ކަންތައް ކުރަން. އުޝާމަކީ ތަނަވަސްކަން ލިބިފައިވާ މީހެއް. އެހެންވެ މަސައްކަތެއް ނުކޮށްވެސް ދެމީހުންނަށް އުޅެވެން އޮތް،" އަހަރެން އޮޅުންފިލުވައިދިނީމެވެ. "އެކަމަކު އުޝާމު އެކަމާ އެހައި ގަބޫލެއް ނޫން. އޭނާ ބޭނުމެއްނުވި އޭނާގެ ލޯބިވާ މީހާއަށް އޭނާއާ ހެދި އިތުރު ބުރައެއް ދޭކަށް. އޭނާގެ ނުކުޅެދުންތެރިކަމުގެ ސަބަބުން ޔުމްނާގެ ދިރިއުޅުން ހުއްޓުމަކަށް ގެންނާކަށް. އެކަމަކު ޔުމްނާ އޭނާ ކައިރީގައި ތަކުރާރުކޮށް ބުނަމުން ގެންދިޔައީ އެއީ އޭނާ ހެޔޮހިތުން ނިންމައި ނިންމުމެއް ކަމަށް."

"އަޅޭ.." ޔުމްނާ ބުންޏެވެ.

"ދެން މިގޮތަށް އެއް އަހަރު ދެ އަހަރު ވޭތުވެގެން ދަނީ. އެމީހުންގެ ހާލަތަކަށް ބަދަލެއް ނާދޭ. ޔުމްނާ އުޝާމުގެ ކަންތައް ކޮށްދެމުން ދިޔައީ ވަރަށް ރަނގަޅަށް. އުޝާމު ބޭނުންވެގެން ބުނާ ކޮންމެ ކަމެއް ޔުމްނާ އައީ ކޮށްދެމުން. ނަމަވެސް އުޝާމު ބަލަނީ ވީހާވެސް ބޮޑަށް ޔުމްނާ ކައިރީގައި ކަންކަމުގައި ނުބުނެވޭތޯ. އުޝާމަށް ގަބޫލުކުރެވޭ ޔުމްނާގެ ދިރިއުޅުން ހުއްޓުމަކަށް ގޮސްފައިވަނީ އޭނާއާ ހެދިކަން. އެހެންވެ ޔުމްނާއަށް އުނދަގޫ ނުކުރަން އޭނާ ގިނަ ވަގުތު ހޭދަކުރަނީ ޓީވީ ކުރިމަތީގައި އޭގެން އަންނަ ޕްރޮގްރާމުތައް އަޑުއަހަން. އޭނާގެ އަނދިރި ދިރިއުޅުމުގައި ފޮރުވިފައިވާ ހިތްދަތި އިހުސާސްތަކެއް ޔުމްނާއަކާ ހިއްސާއެއް ނުކުރޭ. ދެމީހުންވެސް އުޅެމުން ދިޔައީ ހަމަހިމޭން ދިރިއުޅުމެއް،" ވާހަކަ އެ ހިސާބަށް ދިޔަތަނާ، އެއަރ ހޯސްޓަސް އައިސް އަހަރެންގެ ކޮފީތަށި ގެންގޮސްފިއެވެ.

"އަޅޭ… ދެން އެހެން އެއްވެސް މީހެއް އުޝާމުގެ ހަޔާތުގައި ނެތީތަ؟" ޔުމްނާ އަހައިލިއެވެ.

"ނޫނޭ. އޭނާގެ ގޭ މީހުންނާ ކޮންމެ ދުވަހަކު ފޯނުން ގުޅައިގެން ވާހަކަ ދައްކައިލައި ހަދާނެ. ފިރުޝާން ވެސް ކޮންމެ ދުވަހަކު ގުޅައިގެން އޭނާގެ ހާލުބަލައި ހަދާނެ. ބައެއް ފަހަރު އެމީހުން އުޝާމް ދެކިލަން އެގެއަށް އަންނާނެ. އެކަމަކު އުޝާމް ބޭނުމެއްނުވޭ އެމީހުންނާ މާގިނައިން ބައްދަލުވާކަށް. އޭނާއާ ވާހަކަ ދައްކާއިރުގައި އެމީހުން އަޑުގައި ހުންނަ ހަމްދަރުދީގެ ރާގު އިވިފައި އުޝާމަށް އުނދަގޫވާތީ."

"ދެން؟"

"ދެން ދިމާވަނީ ވަރަށް އެހެން ކަހަލަ ކަމެއް. އެއްރޭ ނިދައިފައި އޮއްވާ ހޭލެވިގެން ފާހާނާއަށް ވަނތްތަނާ ކައްސައިލައިގެން އުޝާމު ބޯވަތަށް ވެއްޓެނީ. ވެއްޓި ހަބަރު ހުސްވަނީ."

"އޯ.. އިންޓަރަސްޓިން!"

"އޭނާ ވެއްޓި ހަބަރު ހުސްވީމައި ވާހަކަ ކަމުދިޔައީ؟ އަޖައިބު!" އަހަރެން ސަމާސާ ރާގަކަށް ބުނީމެވެ.

"ނޫން. ނޫން. ހީވަނީ އޭނާގެ ފެނުން އަނބުރާ އަންނަނީހެން ދޯ؟" ޔުމްނާ ވާހަކައިގައި ވާ ގޮތް ދިމާކުރަން މަސައްކަތް ކުރިއެވެ.

"ރަނގަޅު. ބޯޖެހިފައި ކުއްލިއަކަށް އޭނާގެ ފެނުން އެނބުރި ލިބުނީ. އޭނާ ލޯ ހުޅުވައިލާއިރު ފަނޑުކޮށް ފެންނަނީ އޭނާގެ އަންހެނުންގެ މޫނު. އެހާ ޒަމާނަށް ފަހު ޔުމްނާގެ ރީތިކަން ފެނުމުން އޭނާއަށް ލިބުނީ ސިހުމެއް. ފެނުން އަނބުރައިލިބުމުގެ އުންމީދު ގެއްލިފައިވަނިކޮށް މިގޮތަށް ކަންތައް ވީމައި އޭނާގެ ހިތް ބާރުބާރަށް ތެޅެން ފެށީ. އެކަމަކު ޔުމްނާއަށް އޭނާއަށް ފެންނަކަމުގެ އުފާވެރި ހަބަރު ދޭން އުޅެނިކޮށް އޭނާއަށް ޔުމްނާގެ މޫނުމަތި ފެނިފައި އޭނާގެ އަނގަ ބަންދުވީ،" ވާހަކައިގެ އެ ހިސާބަށް ދިޔަތަނާ ޕީއޭ ސިސްޓަމުން ފްލައިޓު ކުޑަ ވަގުތުކޮޅަކުން ޖައްސާނޭ ވާހަކަ އިއުލާނުކޮށްފިއެވެ.

"ޔުމްނާގެ މޫނުމަތިން އޭނާއަށް ފެނުނީ ކޯންޗެއްތަ؟" ޔުމްނާ އަހައިލިއެވެ.

ޔުމްނާގެ މޫނުމަތިން އޭނާއަށް ފެނުނީ ނުރުހުމާއި ހިތްހަމަނުޖެހުމުގެ ކުލަވަރު. އުޝާމު އަތުލަފިކޮށްގެން ކޮޅަށް ނަގަން އުޅުނު ގަޑީގައި އުޝާމުގެ ގައިގައި އަތްލިއިރު މޫނަށް ޖެއްސި ވައްތަރުން ޔުމްނާގެ ހިތުގައި އޭނާއާ ދޭތެރޭ ލޯބީގެ ކަންފުޅެއްވެސް ނެތްކަން އޭނާއަށް އެނގިއްޖެ. އަހަރުތަކެއް އެ ދިރިއުޅުމުގައި އުޅެން ޖެހުމުން ޔުމްނާއަށް ވަނީ އުޝާމާ ހެދި ބުރައަކަށް ވެފައިކަން ޔަގީންވީ އެ ހިސާބުން. އެ ހިސާބުން އުޝާމުގެ ހިތް ފުނޑުފުނޑުވަނީ."

"އަޅޭ.." ޔުމްނާ ވަރަށް ދެރަވެފައި ބުންޏެވެ.

"އެ މަންޒަރުގެ ބެކްގްރައުންޑްގައި އަންނާނެ އެނގޭ ވަރަށް ހިތާމަވެރި ރާގެއް،" އަހަރެން ބުނީމެވެ.

"ދެން، ޔުމްނާއަކަށް ނޭނގޭތަ އުޝާމަށް ފެނުން ލިބުނު ކަމެއް؟" ޔުމްނާ ސުވާލުކުރިއެވެ.

"ދެން ޔުމްނާ އެހީވެދެނީ އުޝާމް ގޮސް އެނދުގައި ބާއްވަން އިނގޭ. އޭނާގެ މޫނުމަތިން ފެންނަ ފޫހިކަމަކަށް އެއްވެސް ބަދަލެއް ނާދޭ. އެކަމަކު އެނދުގައި ބާއްވައިފައި އޭނާ ވަރަށް އޯގާތެރި ރާގަކަށް އަރާމުކޮށްލާށޭ ކިޔައިފައި ނުކުންނަނީ ބޭރަށް. އުޝާމު އެ ގަޑީގައި ވިސްނަމުން ދިޔައީ އޭނާގެ ލޮލުގެ ފެނުން ލިބުނު ވާހަކަ ޔުމްނާ ކައިރީގައި ބުނާނީތޯ ނޫނީ ނުބުނާނީތޯ. އޭނާ ނިންމަނީ އެ ވާހަކަ ބުނާނީއޭ. ދެން ޔުމްނާ ކައިރީގައި އެ ވާހަކަ ބުނަން އުޝާމް ނުކުންނަނީ ބޭރަށް،" ކުޑަކޮށް ވާހަކަ މެދުކަނޑައިލީމެވެ. ފްލައިޓު ތިރިކުރަމުން ދިޔައިރު ގުޑުގުޑުއަޅަން ފެށުމުންނެވެ.

"ޔުމްނާ ހޯދުމުގެ މަގުސަދުގައި އެނދުން ތެދުވެގެން އުޝާމު ބޭރަށް ނުކުންނަނީ. އޭރު ސިޓިން ރޫމު ބޮކި ހުރީ ފަނޑުކޮށްލައިފައި. ޓީވީގައި ހުރީ ކޮންމެވެސް ލަވައެއް އަޅުވައިފައި. އޭނާ ނުކުތް އިރުގައި ޔުމްނާ އޮތީ ސޯފާ މަތީގައި. އޭނާގެ ގައިމަތީގައި އޮތީ…" އަހަރެން ކަރުކެހިލީމެވެ.

"އޯމައި ގޯޑް! ފިރުޝާންތަ؟" ޔުމްނާގެ އަޑުގައި ވަނީ ސިހުމެވެ.

"ހާދަ މޮޅޭ!"

"އަޅޭ. ދެން؟" ޔުމްނާ ވާހަކައިގެ އަނެއްބައި އަޑުއަހަން ކެތް ނުލަވައިފައިކަން އެނގުނެވެ.

"ޔުމްނާއަށް އުޝާމް ކޮޓަރިން ނުކުތްތަން ފެނުމުން ފިރުޝާންގެ އަނގައިގައި އަތްއެޅިތަން އުޝާމަށް ފެނުނު. ދެން ޔުމްނާ އުޝާމް ގާތު އަހަނީ ކޯއްޗެއް ބޭނުން ވެގެންތޯ ކޮޓަރިން ނުކުތީ. އޭރު ވެސް ލޯކުރިމަތިން ފެންނަމުން ދިޔަ މަންޒަރާއި ޔުމްނާއާ ފިރުޝާން ތިބި ހާލަތުން އުޝާމަށް ހުރީ ޝޮކު ޖެހިފައި. އެކަމަކު މަސްލަހަތަށްޓަކައި އޭނާ ނިންމީ އެކަން ނޭނގޭ ކަމަށް ނަހަދަން. އޭނާ ނުކުތީ ބޮލަށް ތަދުވާތީ ކަމަށް ބުނެފައި ޔުމްނާ ކައިރީގައި ނިދަން އަންނަނީ ކޮންއިރަކުން ތޯ އެހީ. ޔުމްނާ ޖަވާބުގައި ބުނީ ޓީވީން އެއްޗެއް ބަލައިލައިފައި އަންނާނޭ ކަމަށް. އުޝާމު ކޮޓަރިއަށް ދާން އެނބުރުމުން ޔުމްނާ އޯގާތެރި ރާގަކަށް އުޝާމު ދެކެ ވަރަށް ލޯބިވެއޭ ބުނި. އުޝާމު ފަސް އެނބުރި ބަލައިނުލާ އޭނާވެސް ލޯބިވެއޭ ކިޔައިފައި އެތެރެއަށް ވަންނަނީ. ދެން އެރޭ ޔުމްނާ ކޮޓަރިއަށް ވަތް އިރުގައި އުޝާމުގެ ލޮލުން ކަރުނަ އައިސްފައި ވާތަން ފެނުމުން ރޮނީ ކީއްވެތޯ އެހުމުން އުޝާމު ބުނީ ބޮލަށް ތަދުވާތީ ކަމަށް. އޭގެ އަނެއް ދުވަހު ޑޮކްޓަރަށް ދާން ހިނގާށޭ ކިޔައިފައި ޔުމްނާ ނިދީ."

"އަޅޭ. ތިއީ ހާދަ ދެރަ ވާހަކައެކޭ. ދެން ވަނީ ކިހިނެތް؟"

"ދެން އޭގެ އަނެއް ދުވަހު ޔުމްނާ އުޝާމު ގޮވައިގެން ޑޮކްޓަރަށް ދިޔައީ. ޑޮކްޓަރަށް ވަގުތުން އެނގިއްޖެ އުޝާމުގެ ލޮލަށް ފެންނަކަން. ވަރަށް އުފަލުން ޑޮކްޓަރު އުޝާމު ކައިރީގައި އެހީ ކޮން އިރަކުހޭ ލޮލަށް ފެންނަން ފެށީ. އުޝާމް ލޮލަށް ފެންނަން ދިމާވި ހާދިސާ ކިޔައިދިން އިރުގައި ކައިރީގައި ޔުމްނާ އިނީ ގަބުކައިފައި. އޭނާ އޭގެ ކުރީ ރޭ ކުރި ހުރިހައި ކަމެއް އުޝާމަށް ފެނުނުކަން އެނގުނީ އެ ހިސާބުން. ދެން އެ ދެ މީހުން ޑޮކްޓަރުގެ ކޮޓަރިން ނުކުމެފައި ޔުމްނާ އުޝާމުގެ އަތުގައި ހިފަހައްޓައިފައި މާފަށް އެދޭނީ. އުޝާމު ބުނާނީ މާފުކުރާނޭ ކަމެއް ނެތޭ. އޭނާ ދެން ޔުމްނާއާ އެކުގައި ދިރިއުޅޭކަށް ބޭނުމެއް ނޫނޭ."

"ރަނގަޅު!" ޔުމްނާ ވަރަށް ފޯރީގައި ބުންޏެވެ. އޭރު ބޯޓު ރަންވޭ މައްޗަށް ޖައްސައިފިއެވެ.

"ކޮބައި؟ އެ ވާހަކަ ކަމުދޭތަ؟" ބޯޓު ހުއްޓީމައި އަހަރެން އަހައިލީމެވެ.

"ވަރަށް ކަމުދޭ! ވަރަށް ބޮޑަށް ޝުކުރިއްޔާ ތިވާހަކަ ކިޔައިދިނީތީ. އެކަމަކު އެބަ އޮތް އެދުމެއް. އެ އަންހެން މީހާއަށް ޔުމްނާ ނޫން އެހެން ނަމެއް ކިޔައިފާނަންތަ؟" ޔުމްނާ ވަރަށް އާދޭހާ އެކުގައި އަހައިލިއެވެ.

"އޯކޭ. އެހެން ވެއްޖެޔާ އޭނާގެ ނަމަކަށް ކިޔާނީ އަނާ،" އަހަރެން ހެވިފައި ބުނީމެވެ.

އިމިގްރޭޝަން ނިންމައިފައި އަހަރެންނާއި ޔުމްނާއާ އެކުގައި ފޮށިތައް ނަގައިގެން އެއަރޕޯޓުން ނުކުތްތަނާ ފަސްފަހަތުން ސުކޫލު ޒަމާނުގެ ރަހުމަތްތެރިއެއް އަހަރެންނާ އަރައި ހަމަކުރިއެވެ.

"އުޝާންޓޭ! ހާދަ ޒަމާނެއް ކޮށްފައޭ މި ދިމާވީ. ރަނގަޅުދޯ؟ މިހާރު ލޮލަށް އަލުން ފެންނަން ފެށި ވާހަކަ މީހަކު ބުނި. އަޑުއަހައިފައި ވަރަށް އުފާވި. ހުރިހައި ކަމެއް ވެސް ރަނގަޅުދޯ؟ އަނާއަށް ސަލާން ބުނާތި."

ރަހުމަތްތެރިޔާ ކުރިއަރައިގެން ދިޔުމުން ޖެހިގެން ހުރި ޔުމްނާއަށް ބަލައިލީމެވެ. ޔުމްނާގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ. ހުސް ސުވާލެވެ. އަހަރެން ހީލައިފައި އޭނާއާ ދިމާލަށް އެއް ލޯ މަރައިލީމެވެ. އަދި ޓެކްސީ ކިޔުއާ ދިމާލަށް ހިނގައިގަތީމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *