Support Us

ފުރާނައިގެ ހިތްވަރު

އުދަނގޫ ވަގުތުތަކުގައި ނުވަތަ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާ ޙާލަތުތަކުގައި ހިތްވަރުގަދަ ފުރާނަތަކަށް ބޭނުންވެއެވެ. އެއީ ދަތި ޙާލަތުތަކަށް ދޫނުދީ ކުރިއަށް ދާން ބޭނުންވާ ފުރާނަތަކެވެ. އެއީ ފުންމައިގަންނާނެ ދަނޑިވަޅު ބަލައި ހޯދާ ރޭވުންތެރި ފުރާނަތަކެވެ.

މިއަދުގެ ޒުވާނުންނަކީ އަބަދުވެސް އުއްމީދީ ބަހަކަށް ނުވަތަ ހިނިތުން މޫނަކަށް އިންތިޒާރު ކުރާ ބައެކެވެ. އެމީހުންނަށް ނާއުއްމީދާއި މާޔޫސްކަމުގެ ޓްވީޓުތައް ފޮނުވާ މީހުން ރެއާއިދުވާލު އުޅޭތީއެވެ. ހަލާކުގެ ބޮޑު ވަޅުގަނޑެއްގެ ތުންފަތްމަތީގައި އެމީހުން ތިބިކަމަށް ގޮވައިލާ އެކުވެރިންތަކެއް ތިބޭތީއެވެ.

އެހެނަސް ހިތްވަރުގަދަ ފުރާނަތަކަށް ޚާއްޞަ ފަލްސަފާއެއް ވެއެވެ. އެމީހުންނަށް ޚާޢްޞަ ހަރުދަނާކަމެއް ލިބިގެން ވެއެވެ. އެހެން މީހުން ނާއުއްމީދުވެ ފިލަން ދުވާއިރު މިފަދަ މީހުންނަށް ބިންގަރާހުގެ ނިމޭކޮޅުން އުއްމީދުގެ އަލިކޮޅެއް ފެނޭތޯ ބަލާނެއެވެ. މި ފަލްސަފާގެ ހުރިހާ ތަފްޞީލުތަކަކަށް މިފަދަ މަޒްމޫނެއްގައި ބަލައެއް ނުލެވޭނެއެވެ. މި މަޒްމޫނުގައި އެފަދަ ބައެއް ޢުންޞުރުތަކަށް ބަލާލާނަމެވެ.

  • ﷲ ސުބްޙާނަހޫ ވަ ތަޢާލާ އިންސާނާ ހެއްދެވުމަށްފަހު އޭނާއަށް ހިރާސްތަކާ ކުރިމަތިލުމުގެ ޤާބިލުކަމާއި ޢަޒްމު ދެއްވިއެވެ. އަދި މާތް ﷲ ކޮންމެ މީހަކަށް ޚާޢްޞަ ޞިފަތަކެއް ދެއްވިއެވެ. މި ކަމުގެ ސަބަބުން ކޮންމެ މީހަކީ ލާމަސީލު ޝަޚްޞިއްޔަތެކެވެ. މިހެންވެ ވަކި މީހަކަށް ކުރަން ނުކުޅެދުންތެރިވި ކަމެއް ކުރުމުގެ ކުޅަދާނަކަން ލިބިގެންވާ ޝަޚްޞަކަށް އޭނާ ވެދާނެއެވެ. މިއިން އެނގެނީ މީހަކު މާޔޫސްވާ ވަކި ކަމެއް ނުވަތަ ބިރުގަންނަ ވަކި ކަމެއް ނުވަތަ ސުންޕާކަމަށް ދެކޭ ވަކި ކަމެއް ނުވަތަ ކުރާހިތްނުވާ ވަކި ކަމެއް އެއީ އެހެން މީހުން އެކަމަކާ ދުރުހެލިވާން ޖެހޭ ކަމަކަށް ނުވެ ހިނގައިދާނެއެވެ. މިހެންވެ ހިތްވަރުގަދަ ރޫޙުގެ ވެރިޔާއަށް ފިނޑިމީހާއާއި މާޔޫސްވެފައިވާ މީހާއާއި، ފިޔަސް ހަނި މީހާގެ ވިސްނުން ދުރަށްލައި ކުރިއަށް ދިޔުމުގެ ބާރާއި ޤާބިލުކަން އޭނާގެ ކިބައިގައި ހުރެދާނެއެވެ. މިހެންވެ ޙަކީމުން ވިދާޅުވަނީ ޙަޔާތުގައި އެންމެ ޙިކްމަތްތެރި މީހަކީ ކަންކަމުގެ ސަބަބުތައް ދެނެގަންނަން އެނގޭ މީހާއެވެ.
  • ފަޟީޙަތްތަކާއި ހުރަސްތަކާއި ދަތިތަކާއި ނާއުއްމީދުތަކާ ބެހޭގޮތުން ތިބާގެ ގާތަށް މީހަކު އައިސް ވާހަކަ ދައްކާއިރު އޭގައި ދެ ޢުންޞުރެއް ހިމެނޭނެކަން ދަންނާށެވެ. އެއީ އޭނާގެ ލޮލަށް ފެނިފައިވާ ކަމެއްގެ ވާހަކައެވެ. މިއީ އޭގައި ހިމެނޭ މަދު އެތިކޮޅެވެ. ދެވަނަ ބަޔަކީ އޭނާއަށް އިވިގެން ޔޯލަގޮތަށް ދައްކާ ވާހަކަތަކެވެ. މިއީ އޭގެ ބޮޑު ބައެވެ. މި ފަދަ ވާކައެއް ދަންނަވާލާނަމެވެ. އެއްދުވަހަކު ޒުވާނަކު އަފްލާޠޫނުގެ އަރިހަށް އައެވެ. އަފްލާޠުނު އޭނާގެ ރަށުގެ މީހުންނާ ބެހޭގޮތުން ސުވާލު ކުރެއްވިއެވެ. ޒުވާނާ ޖަވާބުގައި ދެންނެވިއެވެ. އަޅުގަނޑު އެމީހުން ދޫކޮށްފާ އުސްތާޒުގެ އަރިހަށް ކިޔަވަން އައިއިރު އެއީ ވަރަށް ރަނގަޅު ބައެކެވެ. ޞާލިޙު ބައެކެވެ. މުރޫއަތްތެރި ހެޔޮ ލަފާ ބައެކެވެ. އެހިނދު އަފްލާޠުން ވިދާޅުވިއެވެ. އެތެންސުގެ މީހުންނަކީ ތިޔަފަދަ ރަނގަޅު ބައެކެވެ. އޭގެ އެތައް އަހަރެއް ފަހުން އެހެން ޒުވާނަކު އަފްލާޠޫނުގެ އަރިހަށް އައެވެ. އަފްލާޠޫން އޭނާއާ ހަމަ މި ސުވާލު ކުރެއްވިއެވެ. އޭނާ ދެންނެވިއެވެ. އެއީ ވަރަށް މީހުން ނުބައި ރަށެކެވެ. އެއީ މަސްއަލަތައް ގިނަ ސަކަރާތް ބައެކެވެ. ފަހެ އަފްލާޠޫން ވިދާޅުވިއެވެ. އެތެންސް މީހުންނަކީ ތިޔަފަދަ ބައެކެވެ. އަފްލާޠޫނަށް މި ދެމީހުން ދެންނެވި ވާހަކައިގެ ކުޑަކުޑަ ޙަޤީޤަތެއް ވެއެވެ. އަނެއްބައިގައި ހިމެނެނީ ވަންހަނާ ކަންތައްތަކެކެވެ.
  • ކުރިއަށްވުރެ ރަނގަޅަށް ކަމެއްކުރުމުގެ ފުރްޞަތު އަބަދުވެސް ތިމާގެ ކުރިމަތީގައި ތަނަވަސްވެފައި އޮންނާނެއެވެ. ނުވަތަ ތިބާގެ ޙަޔާތުގެ ވައްޓަފާޅިއަށް ނުވަތަ ޢިބާދާތުތަކަށް ނުވަތަ ގުޅުންތަކަށް ނުވަތަ ޢަމަލުތަކަށް އިޞްލާޙުތައް ގެނައުމުގެ ފުރްޞަތު ހުޅުވިފައި އޮންނާނެތެވެ. ކަމެއް ކިތަންމެ ނުބައިކޮށް ކުރެވުނަސް ނުވަތަ ކިތަންމެ ރަނގަޅަށް ކުރެވުނަސް އަދިވެސް ބޭނުން ނުކުރެވޭ އެތައް ހަކަތަތަކެއް ހުންނާނެއެވެ. ރަނގަޅު ގޮތުގައި ބޭނުން ނުކުރެވުނު ވަގުތުތަކެއް ހުންނާނެއެވެ. އަދި ރަނގަޅަށް ބޭނުން ނުކުރެވުނު އެތައް ވިސްނުންތަކެއް ވެސް ހުންނާނެމެއެވެ.
  • ތިބާގެ ކާމިޔާބުތަކާމެދު އުފާވާ ގޮތަށް އެހެން މީހުންގެ ކާމިޔާބުތަކާމެދުގައި ވެސް ތިބާ އުފާކުރާށެވެ! ރޫޙުގެ ތަނަވަސްކަމާއި ނަފްސުގެ ދީލަތިކަމަކީ އެތައް އުފާތަކެއްގެ މަޞްދަރެކެވެ.
  • މާތް މީހުންނާއި ޢިއްޒަތްތެރީނަނާއެކު އިށީންނާނެ ފުރްޞަތު ތިބާއަށް ނުލިބުނުނަމަ ރަޙްމާންވަންތަ ރަސްވަންތަ ޢަޒީޒުވަންތަ ދީލަތިވަންތަ ރަސްކަލާނގެ ޙަޟްރަތަށް ތިބާއަށް ބޭނުން އިރަކު ދެވެން އޮތްކަން ހަނދާން ކުރާށެވެ! އެކަލާނގެ ހަނދާންކުރާ މީހާއަށް އެކަލާނގެ ޙަޟްރަތުން އަބަދުވެސް ގޮނޑި ލިބޭނެއެވެ. އެ ދަރުބާރު ފުރިގެން ތަންކޮޅެއް ނުލިބިގެން މާޔޫސްވެގެން ތިބާއަށް، އަދި އެހެން މީހަކަށް ވެސް ދާކަށް ނުޖެހޭނެއެވެ. މަތިވެރި ފައިދާ ހުރި މަޝްރޫޢެއް ފަށަން ބޭނުންނަމަ ހެޔޮ ކަންތައް އިތުރު ކުރާށެވެ! ޞަދަޤާތް ދިނުން ގިނަކުރާށެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *