އައްޑޫހުޅުދޫ އާއި އައްޑޫމީދޫ އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މިގޮތަށް ނިންމެވީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) އަށް އިޞްލާޙު ގެންނަވައިގެންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު އިޞްލާޙުކުރައްވާފައި ވަނީ، އައްޑުއަތޮޅު ހުޅުދޫ އާއި އައްޑުއަތޮޅު މީދޫ އާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ޓަކައި ހުސްވި އޮކްޓޫބަރު 25 ގައި ނެގި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި، ހުޅުދޫއަށް ޚާއްޞަކޮށްގެން ހުޅުދޫ ކައުންސިލް އުފައްދަން ފެންނަކަމުގައި ހުޅުދޫގެ ރައްޔިތުން ނިންމާފައިވާތީ އާއި، މީދޫއަށް ޚާއްޞަކޮށްގެން މީދޫ ކައުންސިލް އުފައްދަން ފެންނަކަމުގައި މީދޫގެ ރައްޔިތުން ނިންމާފައިވާތީ، ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ޢަމަލުކުރެއްވުމުގެ ގޮތުންނެވެ.
ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް އިޞްލާޙުކުރައްވައި މިއަދު ޝާއިޢުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާ ޤަރާރުގައި، މީހުން ދިރިއުޅޭ ވަކި ރަށެއްގެ ގޮތުގައި ކަނޑައަޅައިފައިވާ "އައްޑޫ" އަކީ "އައްޑޫ ސިޓީ" ކަމުގައި ކަނޑައަޅައި، "އައްޑޫ ސިޓީ" ގައި ހިމެނޭނީ އައްޑުއަތޮޅު "ހިތަދޫ" އާއި، އައްޑުއަތޮޅު "މަރަދޫ" އާއި، އައްޑުއަތޮޅު "މަރަދޫފޭދޫ" އާއި، އައްޑުއަތޮޅު "ފޭދޫ" ކަމަށާއި، "އައްޑޫ"ގެ އިޚްތިޞާޞްގެ ބައެއްގެ ގޮތުގައި އޮތް "ހުޅުދޫ" އާއި "މީދޫ" އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވައިފައެވެ.
މި އިޞްލާޙާއެކު، އައްޑޫހުޅުދޫ އާއި އައްޑޫމީދޫ ވަނީ، މީހުން ދިރިއުޅޭ ދެ ރަށުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) އަށް އިތުރުކޮށްފައެވެ. އަދި "އައްޑޫ" އަކީ "އައްޑޫ ސިޓީ" ކަމަށާއި، އައްޑޫ ސިޓީގައި ހިމެނެނީ އައްޑުއަތޮޅު ހިތަދޫ އާއި، އައްޑުއަތޮޅު މަރަދޫ އާއި، އައްޑުއަތޮޅު މަރަދޫފޭދޫ އާއި، އައްޑުއަތޮޅު ފޭދޫ ކަމުގައި ބަޔާންކޮށް، ޤަރާރުގެ ޖަދުވަލެއްގެ ގޮތުގައި ހިމަނައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު ވަނީ އަދާހަމަކުރައްވައިފައެވެ.
މި އިޞްލާޙަށް ޢަމަލުކުރަން ފަށާނީ، ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބެއްގައި އިންތިޚާބު ކުރެވޭ ކައުންސިލްތަކުގެ އުމުރު ގުނަން ފަށާ ދުވަހުން ފެށިގެންނެވެ.



advertisment