ހަނދުގެ ފަލަކު ދުނިޔޭގެ ވަށައިގެން އޮންނަގޮތުން ހަނދުގެ ދައުރުވުމުގައި ހަނދުމައްސަރެއްގެ 14، 15، ދިމާވާ ވަގުތާއި ހަނދު ދުނިޔެއާ އެންމެ ކައިރީގައި ހުންނަ ވަގުތު ދިމާވާ ދިމާވުމަކީ، ދުނިޔެއަށް ހަނދު ފެންނަ ސައިޒު، އާންމުކޮށް ފެންނަ ހަނދަށްވުރެ 14 އިންސައްތަ ބިޔަވެފައި ހަނދުގެ އަލިކަންވެސް 30 އިންސައްތައަށް އިތުރުވެގެންދާ ހާލަތެކެވެ.
އެގޮތަށް ހަނދު ފެންނަ ފެނުމަށް ނިސްބަތްކޮށް "މާހަނދު" ނުވަތަ "ސްޕަރމޫން"ގެ ނަމުން ނަންކިޔުމަކީ، މީސްތަކުންގެ އާދައެކެވެ. މި އަހަރު ނިމިގެން މިދަނީ އެފަދަ ދެ މާހަނދު ދުށުމުގެ ފުރުޞަތު ދުނިޔެއަށް ލިބިދެމުންނެވެ. އެހެނީ، މި ނޮވެމަބަރު މަހުގެ ފަސްވަނަ ދުވަހުގެ ރެޔާއި އަންނަ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހުގެ ރޭ ވެސް މާހަނދެއް ފެނުމުގެ ފުރުޞަތު ލިބިގެން އަންނާތީއެވެ.
އެއިން ފުރަތަމަ މާހަނދު ފެންނާނެ ރެއަކީ، މި ޖުމާދުލް އައްވަލު މަހުގެ ފަނަރަވިލޭރޭ ކަމަށްވާ އަންނަ ބުރާސްފަތި ވިލޭރޭއެވެ. ދެވަނަ ރެއަކީ، އަންނަ ޖުމާދުލް އާޚިރު މަހުގެ ފަނަރަވިލޭރޭ ކަމަށްވާ ހުކުރު ވިލޭރޭއެވެ.
މި ނޮވެމްބަރު މަހުގެ ހަތަރުވަނަ ދުވަހުގެ ރެއަށް (ޖުމާދުލް އައްވަލް މަހުގެ ފަނަރަވިލޭރެއަށް) މާލެއަށް އިރު އޮއްސުމުގެ 11 މިނިޓް ކުރީގައި ސިމާގު އީރާނުން (ނުވަތަ ހަތްދިހަ ދަރަޖަ ވީ ސަމުގާ މިޞްރާބުން) މާލެއަށް ހަނދު އުދަވާ ވަގުތުން ފެށިގެން ސާޅީސް ދެވަނައަށް ހިނގާ މިނިޓަކީ، (ނުވަތަ މާލޭ ގަޑިން ހަވީރު ހަގަޑި އޮނަވިހި ވަނަ މިނިޓަކީ) މި ޖުމާދުލް އައްވަލް މަހުގައި ހަނދުގެ އަލިކަންވެސް އެންމެ ފުރިހަމަވާ ވަގުތެވެ.
އެވަގުތު ހަނދު އުދަރެހުގައި ހުންނާނީ އަށްދަރަޖައިގެ އުސްމިނެއްގައި ކަމަށްވުމުން، މިފަހަރުގެ މާހަނދު ދުނިޔޭގެ އެހެން ގައުމުތަކަށް ވުރެން، ރާއްޖޭގެ ރަށްރަށަށް މާ ފުރިހަމައަކަށް ފެންނާނެއެވެ. އަދި އެވަގުތު ހަނދު ދުނިޔާ ހުންނާނެ ދުރުމިނަކީ، ދެލައްކަ އެކާވީސްހާސް އައްސަތޭކަ ސަތާރަ މޭލުގެ މިންވަރުގެ ކައިރި މިނެއްގައި ކަމަށްވާތީ އެވަގުތު ހަނދު ފެންނީ ދުނިޔެއަށް ހަނދުފެންނަ އެންމެ ބިޔަ ސައިޒުގައެވެ.
އެރޭ ހަނދު ހިނގާނީ ސައުރު ބުރުޖުގައި އަދި އެބުރުޖުގައިވެސް ކެތި ނަކަތުގެ ދަރަޖަތަކުގެ ތެރޭގައި ކަމަށްވާތީ، ހަނދު ދުނިޔެއާ އެހައި ކައިރީގައި ހުންނަ ރޭރޭ ކެއްޗާ، ހަނދާ، އެކުގައި ހިނގާ ހިނގުމަކީ އާންމުކޮށް ދިޔަވަރު ހަޅަވާ މިވަރަށް ދިޔަވަރު ހަޅަވާ ވަގުތު ތަކެކެވެ. މޫސުން ގޯސެވެފައި ވައިވާރު ޙަލާތެއްގައި ނަމަ އެހެން ދިމާވާ ހާލަތުގައި އުދައެރުމުގެ ނުރައްކާ އެހެން ހާލަތުތަކަށް ވުރެން ބޮޑުވާނެއެވެ.
އަންނަ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހުގެރޭ ހަނދުގެ އަލިކަން ފުރިހަމަވާ ވަގުތަކީ މާލޭގަޑިން އެރޭގެ ފަތިހު ހަތަރުގަޑި ސާދަވަނަ މިނިޓް ކަމަށްވާތީ، އެރޭ ހަނދު އެންމެ ބިޔަކޮށް ފެންނާނީ އެރޭ އޮއްސޭންދާ ވަގުތުއެވެ. މުޅި އެރޭގައިވެސް ހަނދުފެންނަ ފެނުން ސައިޒުގެ ގޮތުން ކުޑައެއް ނުވާނެނަމަވެސް، އެރޭ ހަނދު އުދަވާ ވަގުތަށް ވުރެން އޮއްސޭންދާ ހަނދު ބިޔަވާނެއެވެ.
އެހެންކަމަށްވާތީ، މިއަހަރު ނިމިގެން އެދަނީ މާހަނދުގެ މޫސުމެއްގެ އުފާވެރި ވަގުތުކޮޅު ތަކެއްގެ ރޭތަކަކުން ދުނިޔެއަށް ހިތްހަމަޖެހުން ދެމުންނެވެ.
