Support Us

"ތިޔަ ކިޔާ އެއްޗެއް ރަނގަޅަށް ކިޔައި ބަލާށެވެ!"

އިއްޔެރޭ އަޅުގަނޑަށް އަނެއްކާ ވެސް ވަރަށް އާދަޔާ ޚިލާފު ހުވަފެނެއް ފެނިއްޖެއެވެ. އާދަޔާ ޚިލާފޭ މި ދެންނެވީ މިއަދުގެ ޙަލަތާ މި ހުވަފެނާ ގުޅޭލެއް ބޮޑުކަމުންނެވެ. މި ވާހަކަ ލިޔެލާން ބޭނުންވީ ވެސް އެހެންވެގެންނެވެ. އެ ހުވަފެނުގައި އަޅުގަނޑުގެ ވަރަށް ގާތް ރައްޓެއްސެއް ކަމުގައިވާ ޙަސަންފުޅު (އަޞްލު ނަމެއް ނޫން) އައިސް ބުނެލިއެވެ. "ވަޒީރުގެ ނަން އޮތިއްޔާ ކާރުކޮޅާއި މުސާރަފުޅާއި ގިނަގުނަ ޢިނާޔަތްތައް ލިބިވަޑައިގަންނަވާނެތާއެވެ! ނަމަވެސް އިޚުތިޔާރު ނެތިއްޔާ ޛިންމާ އުފުއްލޭނެބާވައެވެ. ޒިންމާ ނުފުއްލެއްވޭ ނަމަ މަސްއޫލިއްޔަތު އަދާކުރެވޭނެ ކަމަށް ވާނެބާވައެވެ! އެ ފަދަ ޙާލަތުގައި 'ނަމެއް’ގައި މަޤާމުގައި ތިއްބަވަނީ ކީއްވެބާވައެވެ! މާއްދިއްޔަތަށް ތިމާއަށް ހެއްލެވިފައިވާ ލެއް ބޮޑުކަމުން ބާވައެވެ! ނުވަތަ ކިހާ ބޮޑަކަށް 'ބްލެކްމެއިލް' ކުރެވިފައިވާތީބާވައެވެ."

"ތިޔަ ކިޔަނީ ކީކޭ ހެއްޔެވެ؟ ސީދަލަށް ބުނެބަލާށެވެ!" އަޅުގަނޑު އެދުނީމެވެ.

އަނެއްކާ ވެސް އޭނާ ދައްކާން ފެށި ނުސީދާ ވާހަކަތަކެވެ. ބުންޏެވެ. "ތަޢުލީމު ޙާޞިލުކުރައްވައިގެން ތިއްބެވި ވާހަކަ ހާމަކުރައްވާން ކުރިއަށް ބޮޑެތި ލަގަބުތައް ލައްވައިގެން އުޅުއްވާ ބައެއް ބޭފުޅުންގެ ޙާލާ މެދު ހަމްދަރުދީ ވެއެވެ. ނަމަވެސް ބައެއް ބޭފުޅުން ހައްދުފަހަނަޅައިދާ ވަރަށް އިތުރުފުޅު (ބުހުތާން ދޮގު) ހައްދަވައި އެ ކަންކަން ތަކުރާރުކުރައްވާތީ ހިތުގައި ޖަޒުބާތުތައް އުފެދިގަތީމާ ހިތުގައި، ސިކުނޑީގައި އޮބި ނޯވެގެން އެ ޝުޢޫރުތަކަށް ޢިބާރާތްތަކެއްގެ ސިފަ ގެންނާން މަޖުބޫރުވީއެވެ."

އަޅުގަނޑު ބުނީމެވެ. "ތިޔަ ކިޔާ އެއްޗެއް ރަނގަޅަށް ކިޔައި ބަލާށެވެ!"

އޭނާ ވާހަކަ ކުރިއަށް ގެންދިޔައެވެ. "މި ދެންނެވި ބޭފުޅަކު 2012 ގައި މާތް ﷲ ގަންދީ ހުވާ ކުރައްވައި ދެއްކެވި އެތައް ވާހަކައެއް އެހެރީ މީޑީއާގައި، އަޑުންނާއި ލިޔުމުން ފުރޭފުކުރެވިފައެވެ. އަދި 2013 އާއި 2014 ގައި ދެއްކެވި ވާހަކަތައް ވެސް އެހެރީ އެ ބީދައިން ރައްކާކުރެވިފައެވެ. އަޅުގަނޑު މި ވާހަކަދައްކަނީ އަނިޔާވެރި ގޮތްގޮތަށް ޝަހީދުކޮށްލެވުނު އެކި އިންސާނުންގެ ޤަތުލުތައް ވަކި ބޭފުޅެއްގެ އިސްތަށިފުޅުގައި އަޅުއްވާން ވާހަކަދައްކަވައި، މިހިރީ ހެތްކޭ ވިދާޅުވެ އެކަމާ ނުވެސް ބެހޭ ކަރުދާސްގަނޑުތަކެއް ރައްޔިތުންނަށް ދައްކައި އޮޅުވައިލެއްވި "ބޭފުޅެއް"ގެ ވާހަކައެވެ. ފަހުން އެ ބޮޑު ދޮގަކީ 'ސިޔާސީ ގޮތުން' ދެކި ވާހަކައެކޭ ވިދާޅުވި ގުސްތަރެއްގެ ވާހަކައެވެ. މި ފަދަ ރޯބުހުތާނު ދޮގުތައް ހައްދަވާ ބޭފުޅަކު، ދައްކަވައިފައި ނުދައްކަވާނީ ކޮން ވާހަކައެއްތޯއެވެ؟ ގުސްތަރު ވާހަކަ ނޫން ވާހަކައެއް އަޑެއް ނީވެއެވެ. ގުސްތަރުންނަކީ މިއަދު މުޖުތަޢުން ވަރަށް ގިނައިން ފެންނަ ބަޔެކެވެ. މި ދެންނެވި ވަޒީރަކީ ވެސް ގުސްތަރު ވާހަކަ ދެއްކެވުމުގައި އަރައި ހުންނެވި ގުސްތަރެކެވެ. އެކި ދުވަހު އެކި ގޮތަށް ދައްކައިފައި ހުރި ވާހަކަތައް ކޮންމެވެސް ޓީވީއަކުން ގެނެސްދިން އަޑު އެހި ފަސްއަހަރުގެ ކުޑަކުއަޖަކު ބުނިކަމަށް ވެއެވެ. ބައްޕާއެވެ! އެއީ ހާދަހާ ދޮގު ހަދާ މީހެކެވެ. ދޮގު ހަދާ މީހުން ލާނީ ނަރަކައަށްދޯއެވެ!

މި ވަރަށް އިތުރުފުޅުހައްދަވާ ބޭފުޅަކު، ރާއްޖޭގެ ޚާއިނުންނާއި ޣައްދާރުންގެ ލިސްޓުގައި ނަންފުޅު ލިޔުއްވާން އެދިވަޑައިގަންނަވާ ބޭފުޅަކު އެކި ގޮތަށް އެކި ދުވަހު ވާހަކަފުޅުދެއްކެވުމަކީ އަޖައިބުވާންޖެހޭ ކަމެއް ނޫނެވެ. އެހެނީ އެމީހުންގެ މަސްއޫލިއްޔަތަކީ ވާހަކަދައްކާ ގުރައެއްގެ މަސްއޫލިއްޔަތެވެ. އަނގައެއް އަޅައިދޭ އެއްޗެއް ނޫން އެއްޗެއް ހާމައެއް ނުކުރެވޭނެއެވެ. އެއް ދުވަހު ވިދާޅުވާނީ ފޯމު ކަމުނުދަނީއެވެ. އަނެއް ދުވަހު ފޯމު ނުލަނީއެވެ. އަނެއް ދުވަހު އެޗްޕީއޭ އިން ހުއްދަ ނުހޯދާތީއެވެ. އަނެއް ދުވަހު ވިދާޅުވަނީ ބޭނުންވެގެން އުޅޭ މީހުން އެކަން ބޭނުން ނުވާތީއެވެ. އަޅެ މީހަކު ރޯނާއެއް ނުވާނެހެއްޔެވެ؟ ދޮގެއް ހެދެން އޮއްވައި ތެދެއް ނަހަދާ މީހުންގެ ތެރެއަށް ވަދެވުނީމާ އެ ތަމްރީނު ލިބިވަޑައިގަތީ ވެސް ތޯއްޗެކެވެ!"

ރަޙުމަތްތެރިޔާގެ ވާހަކަ މެދުކަނޑައިލުމަށް ފަހު އަޅުގަނޑު ސުވާލުކޮށްލީމެވެ. "ތިޔަ ދައްކަނީ ކޮން ބޭފުޅެއްގެ ނުވަތަ ކާކުގެ ވާހަކައެއް ހެއްޔެވެ؟"

އޭނާ ވާހަކަ ކުރިއަށް ގެންދިޔައެވެ. "އަޅުގަނޑު މި އިޝާރާތްކުރާ ވަޒީރު އެއް ދުވަހަކު ވިދާޅުވި ވާހަކަފުޅަކުން އަޅުގަނޑު ދިޔައީ ތަރިބުރައިގެންނެވެ. ކުޑަކޮށް ތަފުޞީލަކަށް ޖެހިލާނަމެވެ. އެ މަނިކުފާނަކީ ކޮންމެވެސް ދުވަސްވަރެއްގައި އަޅުގަނޑުގެ ދަރިވަރެކެވެ. އަޅުގަނޑުމެން ދެމެދުގައި ދެކެފަރިތަކަމާއި އިޙުތިރާމްކުރުން ވެސް އޮތެވެ. މިހެން އޮއްވައި އެ މަނިކުފާނަށް ވަޒީކަން ލިބިވަޑައިގަތީމާ އުފާވިއެވެ. އަޅުގަނޑުގެ ދަރިވަރަކަށް ވަޒީރުކަން ލިބިވަޑައިގަތުމަކީ އަޅުގަނޑަށް ވެސް ލިބުނު އުފަލެކެވެ. ޝަރަފެކެވެ. ފަޚުރެއް ވެސް މެއެވެ. ވީ އުފަލުން ތަހުނިޔާ ދަންނަވައި މެސެޖް ފޮނުވީމެވެ. މެސެޖް ބައްލަވައިފައި ޖަވާބެއް ނުދެއްވިއެވެ. އެންމެ ރަނގަޅުތާއެވެ. މެސެޖް ބެއްލެވީމާ އަޅުގަނޑުގެ މަޤުޞަދު ޙާޞިލުވީތާއެވެ.

ދުވަސްކޮޅެއް ފަހުން، މި ދެންނެވި ވަޒީރުގެ ދާއިރާގެ ކަމެއްގައި އެހީތެރިކަމެއް ލިބޭތޯ އަޅުގަނޑު ނިސްބަތްވާ ރަށުގެ ރަށު ކައުންސިލުން އެދިވަޑައިގަތީމާ، ވަޒީރުގެ ފައިންޕުޅު ދެކޭން (އެޕޮއިންޓްމެންޓެއް) ބޭނުން ވާހަކަ މެސެޖަކުން ދަންނަވައިފީމެވެ. ޖަވާބެއް ނުދެއްވިއެވެ. ދެވަނަ މެސެޖް ކޮށްލީމެވެ. ޖަވާބެއް ނުދެއްވިއެވެ. ފަހުން ވިސްނުނީ ވަޒީރަކަށް މި ގޮތަށް މެސެޖްކުރުމަކީ ބޭއަދަބީ ކަމެއް ކަމަށެވެ. އެހެންވެ ހިސާބަކަށް ލަދުވެތިކަމާއެކު އެކަން ހުއްޓައިލީއެވެ."

އޭނާގެ ވާހަކަ މެދުކަނޑައިލުމަށްފަހު އަޅުގަނޑު އަނެއްކާ ވެސް "ތިޔަ ދައްކަނީ އަޅެ ކާކުގެ ވާހަކައެއްތޯ" ސުވާލުކޮށްލީމެވެ. ނަމަވެސް ސީދާ ވަކި މީހެއްގެ ނަން ނުބުނެ އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.

"މި ދުވަސްކޮޅުގެ ތެރޭގައި، 2018 ވަނަ އަހަރު ޖޫން މަހުގެ ތެރޭގައި އިސްލާމީ މަރުކަޒުން ދިމާވެގެން އަޅުގަނޑާ މުޚާޠަބުކޮށް ވިދާޅުވެއްޖެއެވެ. 'އުސްތާޛެވެ. މެސެޖަށް ޖަވާބެއް ނުދެއްވިގެން މި އުޅުއްވަނީ ވަގުތެއް ނުލިބިގެންނެވެ. ވަގުތުގެ މުހިއްމުކަން މި ވިސްނުނީ އަދި ކިރިޔާއެވެ.' އަޅުގަނޑު ހިތަށް އެރިއެވެ. މުސްލިމަކަށްވެ ވަޑައިގެން ހުންނަވައި ވަގުތުގެ އަގު ވަޒަންކުރައްވާން އެނގިވަޑައިނުގަތުމަކީ ހާދަހާ ދެރަކަމެކެވެ. އެ ވިދާޅުވީ ޙަޔާތުގައި ލިބިފައިވާ ކުޑަ ވަގުތުކޮޅުގެ އަގު ވަޒަންކުރައްވާން އެނގިވަޑއިނުގަންނަވާ ވާހަކަފުޅުބާވައެވެ. ނުވަތަ ފަރުޟު ފަސް ނަމާދުގެ ވަގުތުތަކަށް ސަމާލުކަން ނުދެއްވޭ ވާހަކަބާވައެވެ. މި ފަދަ ކިތަންމެ ސުވާލެއް ހިތަށް އައެވެ. ނަމަވެސް އެއްޗެއް ނުދަންނަވަމެވެ. ކޮންމެއަކަސް އަޅުގަނޑުގެ މެސެޖަކަށް ޖަވާބެއް ނުދެއްވިއެވެ. އެޕޮއިންޓްމެންޓެއް ވެސް ނުލިބުނެވެ.

މި ދެންނެވި ވަޒީރުގެ ވުޒާރާއަށް ގޮސް ވަޒީރުގެ ފައިންޕުޅު ދެކޭން އޮންނަ އިޖުރާއާތަކީ ކޮބައިތޯ ސާފުކޮށްލީމެވެ. އަޅުގަނޑު ދެކެފަރިތަ ބޭފުޅުން ވަރަށް ގިނައިން އެ ވުޒާރާގައި އުޅުއްވައެވެ. އެއިން ބޭފުޅަކު ވިދާޅުވިއެވެ. މިނިސްޓަރާ ހަސަންފުޅު ރައްޓެއްސެއް ނޫންހެއްޔެވެ؟ ވަޒީރަށް ފޯނުން ދަންނަވާން ވީނޫންހެއްޔެވެ؟ އަޅުގަނޑު ދެންނެވީމެވެ. ނޫނެކެވެ. އަޅުގަނޑު ބޭނުންވަނީ އޮންނަ އުޞޫލުން އެ ކަމަށް އެދޭށެވެ. އަޅުގަނޑު މިއައީ ރައްޓެއްސެއްގެ ހައިސިއްޔަތުން ބައްދަލުކުރާކަށް ނޫނެވެ. ވަޒީރުގެ ފައިންޕުޅު ދެކޭށެވެ. ވިދާޅުވިއެވެ. އެހެންވިއްޔާ އެކަމަށް އެދޭ ފޯމު ފުރައިފައި ހުށަހަޅާށެވެ!

މިނިސްޓްރީއިން ވިދާޅުވި ގޮތަށް މިނިސްޓަރގެ އެޕޮއިންޓަކަށް އެދި ހުށަހަޅައިފީމެވެ. ޚަބަރެއް ދަބަރެއްނުވިއެވެ.

މިހެން އުޅުމުގެ ތެރޭގައި ޖަލްސާއެއްގެ ތެރެއިން އެ މިނިސްޓްރީގެ ވެރީންތަކަކާ ދިމާވެގެން ފޯމު ލީމާ ވެސް ޖަވާބެއް ނުލިބުނު ވާހަކަ ދަންނަވައިފީމެވެ. އެ ބޭފުޅުން އަޅުގަނޑަށް ޅަފުރާގެ ޒުވާނަކު ދައްކަވައިފައި މިނިސްޓަރ ބިޔުރޯގެ ޕާރސަނަލް އެސިސްޓެންޓް އެ ހުންނެވީކަމަށް ވިދާޅުވެއްޖެއެވެ. އެ ވިދާޅުވި ޒުވާނާ އަރިހު މި ވާހަކަ ދަންނަވައިފީމެވެ. މާދަމާ ޖަވާބެއް ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

އޭގެ ދެ ދުވަހެއް ފަހުން އެ މިނިސްޓްރީގެ މިނިސްޓަރުގެ ބިޔުރޯއިން އަޅުގަނޑަށް ގުޅުއްވައިފައި ސުވާލުކުރައްވައިފިއެވެ. މިނިސްޓަރާ ބައްދަލުކުރައްވަނީ ކޮން ހައިސިއްޔަތަކުންތޯއެވެ. އަޅުގަނޑު ދެންނެވީމެވެ. ފޯމުގައި އޮންނާނީ އަޅުގަނޑުގެ ނަމާއި އެޑްރެހާއި އަޅުގަނޑުގެ މަޢުލޫމާތެވެ. އަޅުގަނޑަކީ ދިވެހި ރައްޔިތެކެވެ. ބައްދަލުކުރެވޭތޯ މި އުޅެނީ ދިވެހިރައްޔިތެއްގެ ހައިސިއްޔަތުންނެވެ. އެހެން ހައިސިއްޔަތެއް ނެތެވެ. ފޯނު ބާއްވަވައިފިއެވެ.

ކޮންމެއަކަސް އޭގެފަހުން ދޮޅުއަހަރަށް ވުރެ ގިނަ ދުވަސް ވީ އިރު ވެސް ޖަވާބެއް ނުދެއްވައެވެ. އަޅުގަނޑު ބޭނުންވެގެން އުޅުނު މަޢުލޫމާތާއި އެކަން އޮތް ގޮތް ސާފުކޮށްލާން ޕާމަނެންޓް ސެކްރެޓަރީ ބައްދަލުކޮށްލާން އެދުމުން ހަމަ އެ އެދުނު ވަގުތު އަޅުގަނޑަށް ވަގުތު ދެއްވިއެވެ. އަޅުގަނޑު ސާފުކޮށްލާން އުޅުނު ކަންތައް އޮތް ގޮތް ސާފުކޮށްދެއްވިއެވެ. ޕާމަނެންޓް ސެކްރެޓަރީއަކީ އަޅުގަނޑާ އެއް އޮފީހެއްގައި މަސައްކަތް ކުރެއްވި ވަރަށް ހިތްޕުޅު ހެޔޮ ސާދާ ބޭފުޅެކެވެ. އޭނާއަށް އެ މަޤާމު ލިބިވަޑައިގަތަސް އަޅުގަނޑަކީ އާދައިގެ ރައްޔިތަކަށް ވިޔަސް އަޅުގަނޑާ އޮންނަ ގާތްކަން އެ އޮންނަ ވަރަކަށް އަބަދު ވެސް، މިހާރު ވެސް އޮވެއެވެ. ގުޅާ އިރަށް ފޯނު ނަންގަވައެވެ. މެސެޖެއް ކޮށްފިއްޔާ ޖަވާބުދެއްވައެވެ. ޝުކުރިއްޔާއެވެ!

އަޅުގަނޑު މި ވާހަކަ މި ކިޔައިދެނީ ވަޒީރު އަޅުގަނޑާ ބައްދަލު ނުކުރެއްވީމާ އެކަމާ ދެރަވެގެންނެއް ނޫނެވެ. ވަޒީރުކަމަށް ޤާބިލު ނޫން ވާހަކަ ދަންނަވާންވެގެންނެވެ. ޒިންމާދާރުވާން އެނގިވަޑައިނުގަންނަވާ ވާހަކަ ދަންނަވާންވެގެންނެވެ. އަޅުގަނޑުގެ ނުކުތާއަކީ އެޕޮއިންޓްމެންޓެއް ދެއްވާ ވަރަށް ވުރެ އަޅުގަނޑު ފެންވަރު ދަށް ކަމަށް ވިޔަސް، ދަރަޖަ ތަފާތު ވިޔަސް، ނުވަތަ ވަގުތު ދަތިކަމުން އަޅުގަނޑު ފަދަ އާދައިގެ ރަށްފުށުގެ މީހަކާ ބައްދަލުކުރެއްވެން ނެތަސް އެ ވާހަކަ ވިދާޅުވާން ކެރިވަޑައިގަންނަވާންވާނެއެވެ. ދިވެހިރައްޔިތަކު، ކަމަކަށް އެދި ދެންނެވީމާ ކޮންމެ ފަހަރަކު އެ ކަމެއް ކޮށްދެއްވޭނެ ވާހަކައެއް ނުދަންނަވަމެވެ. ނަމަވެސް ނުވަންޏާ ނުވާނެ ވާހަކަ ވިދާޅުވާން ޖެހޭނެއެވެ. އެ މަޤާމުތަކުގައި އެ ތިއްބަވަނީ އަޅުގަނޑުމެންގެ ހިއްސާ ވެސް އޮންނަ، ދައުލަތުގެ ފައިސާއިން މުސާރަ ނަންގަވައިގެންނެވެ. ވީމާ ޒިންމާދާރުވާން ޖެހިވަޑައިގަންނަވާނެއެވެ. ޒިންމާ އުފުއްލާން އެނގިވަޑައިގަންނަވާން ވެސް ވާނެއެވެ.

ވާނީ ވެސް އެހެންތާއެވެ! ހިންގުމުގެ ދާއިރާގެ ތަޖުރިބާއެއް ނެތި، ނަމެއްގައި (މުސާރަދޭން) މަޤާމަކަށް ލިޔަސް މަޤާމުގެ މަސްއޫލިއްޔަތު އަދާކުރާކަށް އެކަކަށް ވެސް ނޭނގޭނެއެވެ. ދޮގުހަދަމުންހަދަމުން ގޮސް އޭނާއަކީ ކައްޒާބެއް ކަމުގައި ލިޔުއްވެންދެން ދޮގު ހަދާ މީހަކުގެ، އަނގައިން ބުނާ ބަހަކަށް އިތުބާރު ކުރާނީ ވެސް މޮޔައެކެވެ. މި ފަދަ ވަޒީރުންނަކީ ހަމަ ވަޒީރުން ބާވައޭ ހިތަށް އަރައެވެ. ވުޒާރާގައި ތިއްބަވާ ސިވިލްސަރވިސްގެ މަޢުޞޫމު މުވައްޒިފުން ލައްވައި ރޯބުހުތާނު ދޮގު ބަޔާންތައް ލިޔުއްވައި ޢާއްމުކުރައްވާ އިރު، ކަލަކު ވޮޑިގެންވާ ކަން ވެސް މިހާރު ހަނދުމަފުޅު ނެތީބާވައެވެ! ނަގޫ ފިތިފައި އޮތްލެއް ބޮޑުކަމުން އެހެން ގޮތެއް ނެތީބާވައެވެ. އެހާ ބޮޑަށް ތާށިވީބާވައެވެ! ބްލެކްމެއިލް ކުރެވުނީބާވައެވެ! އެއީ ހަމަ ވަޒީރުބާވައެވެ. ނުވަތަ ނަމުގައި ބަހައްޓައިފައި ހުންނަ ރަމްޒެއް ބާވައެވެ. ޒިންމާއެއް ނުވަތަ މަސްއޫލިއްޔަތެއް އޮންނާނީ ވެސް އިޚުތިޔާރަކާއި ބާރެއް ހަވާލުކުރެވިގެންތާއެވެ. ނަމެއް އެކަނި ލިބިވަޑައިގަތަސް ޒިންމާއެއް ނެތިއްޔާ، ނުވަތަ އިޚުތިޔާރެއް ނެތިއްޔާ މަސްއޫލިއްޔަތެއް އަދައެއް ނުކުރެއްވޭނެތާއެވެ. އަޅުގަނޑާ ބައްދަލުކޮށްލުމުގެ ހިތްވަރު ނެތީ ވެސް އެހެންވެ ކަމަށް ވެދާނެއެވެ. 'އޭނާ’އަކީ ކުރީން އަޅުގަނޑަށް އެނގޭ ބޭފުޅަކަށް ވާތީ އެންމެ ފަހުން ހިތަށް މިހާރު އަރާ ސުވާލަކީ ކޮންމެވެސް އޮޕަރޭޝަނެއް ކޮށްގެން 'އޭނާ’ގެ އެތެރެހަށީގެ ކޮންމެވެސް ގުނަވަނެއް ބަދަލުކުރީބާވައެވެ. އޭނާއަކީ އަޅުގަނޑު ކުރީން ދަންނަ އޭނާބާވައެވެ!!"

މިހާ ހިސާބަށް ވާހަކަ ދިޔަތަނާ، ފަތިސްނަމާދު ބަންގި ގޮވައިފިޔޭ، އަވަހަށް ތެދުވާށޭ ބުނެ އަޅުގަނޑުގެ ޒައުޖު އަޅުގަނޑަށް ގޮވައިލީމާ ހޭލެވިއްޖެއެވެ. އަޅުގަނޑު ހިތަށް އެރިއެވެ. މިއީ މިއަދުގެ ޙާލަތާ ވަރަށް ގުޅޭ ހުވަފެނެކެވެ. ހުވަފެނަކީ ވެސް އަޖައިބެއް ފަދަ އެއްޗެކެވެ. ހަމަ ގައިމުވެސް އަޅުގަނޑު ނިދާން އޮށޯތީ މިފަދަ ޚިޔަލެއްގައި ހުރެއެއް ނޫނެވެ. ނަމަވެސް ހުވަފެނަކުން ހަމަ ކޮންމެ ފަދަ އެއްޗެއް ވެސް ފެނިދާނެތާއެވެ. މި ޚިޔާލުގައި ފިކުރުކުރާން އިންނާން ފެށުމުން ތިޔަ ވިސްނަނީ ކޮން ކަމަކާތޯ އަޅުގަނޑުގެ ޒައުޖު ސުވާލުކޮށްފިއެވެ. އަޅުގަނޑަށް ހަމައެކަނި ބުނެލެވުނީ "ހުވަފެނެއް ފެނުނީއެވެ."

(ނޯޓް: މި ލިޔުމުގައި "ގުސްތަރު" ކަމަށް އަޅުގަނޑު މާނަކޮށްފައި އެވަނީ އިނގިރޭސިބަހުން ކިޔާ "ސްނޮލީގޮސްޓަރ" މި ލަފުޒަށެވެ. "ސްނޮލީގޮސްޓަރ"އަކީ ނުވަތަ ގުސްތަރުންނަކީ ޙައްޤު ފޮރުވައި، ހަގީގަތް އޮތްތާ އޮތް ގޮތަށް ބާއްވައި، އެތައް ދޮގުތަކެއް ހަދައި، އެ މީހުންގެ އަމިއްލަ އެދުމަށްޓަކައި އެ މީހުންގެ ގޮތް އެއީ ހައްޤުކަމަށް ހަދާން ދޮގުތައް ހަދައި އެ ގޮތަށް ވަކާލާތުކުރާ މީހުންނެވެ. ދިވެހި ވަކި ލަފުޒެއް އަދި ފާސްކުރައްވައިފައި ނެތީމާ އެ ލަފުޒު ބޭނުންކޮށްލީއެވެ.)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
211

One Response

  1. ކުރީގެ ހައުސިން މިނިސްޓަރަކީ ވެސް މިކަހަލަ ގުސްތަރެއް ދެއްތޯ. ރައީސްއަށް ސަނާވިދާޅުވުމުގައި ހާދަ ގުސްތަރު ވާހަކަ ދެއްކެވިއޭ… އޭރު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *