ފުވައްމުލަކު ސިޓީގެ ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން އެމް.ޕީ.އެލް އިން ބިޒްނަސް ފޯރަމެއް ބާއްވައިފިއެވެ.
ފުވައްމުލަކު ސިޓީގެ އޯޝަން ޕާލްގައި މިއަދު ބޭއްވި ފޯރަމްގައި ގިނަ އަދަދެއްގެ ވިޔަފާރިވެރިން ބައިވެރިވިއެެވެ. މި ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދާއި ފުވައްމުލަކުގެ މޭޔަރ އިސްމާޢީލް ރަފީޤާއި އެ ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ފޯރަމްގައި އެމް.ޕީ.އެލްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ކުންފުނީގެ އެޑްވައިޒަރ އަލީ ހާޝިމެވެ.
މި ފޯރަމްގެ ބޭނުމަކީ ދެކުނުގައި ވިޔަފާރީގެ ފުރުސަތުތައް އިތުރުކުރުމާއި، މުދާ ގެނައުމުގައި ވިޔަފާރިވެރިންނަށް އޮތް އިންތިޒާމްތައް ރަނގަޅުކޮށް، ދެކުނު އަތޮޅުތަކުގައި ވިޔަފާރީގެ ވިއުގަ މިހާރަށް ވުރެ ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތުގެ މަޢުލޫމާތުތައް ފޯރުކޮށްދީ، ވިޔަފާރިވެރިންގެ ހިޔާލު ހޯދުން ކަމަށް އެމް.ޕީ.އެލް އިން ބުނެއެވެ.

އަދި މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ބަނދަރުތައް އެންމެ ފައިދާ ހުރި ގޮތުގައި ބޭނުންކުރުމާއި ތަރައްޤީކުރުމާ ބެހޭ މަޢުލޫމާތު ވިޔަފާރިތަކަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި ސަރަޙައްދީ ބަނދަރުތަކުގެ ބޭނުން ފުރިހަމަގޮތުގައި ހިފައި، ރައްޔިތުނަަށް ޚަރަދު ކުޑަކޮށް މުދަލާއި ކާބޯތަކެތި ގެންނަން އޮތް ފުރުސަތުތަކުގެ މަޢުލޫމާތުވެސް ވިޔަފާރިވެރިންނަށް ފޯރުކޮށްދިނުމެވެ.
މިއީ އެމް.ޕީ.އެލްގެ "ބަދަހި ޕްރޮގްރާމް"ގެ ދަށުން ފަށައިފައިވާ ސިލްސިލާ ބައްދަލުވުންތަކެކެވެ. މީގެ ކުރިން ކުޅުދުއްފުށި ސިޓީގައިވެސް އެމް.ޕީ.އެލްއިން ވަނީ ބިޒްނަސް ފޯރަމެއް ބާއްވައިފައެވެ.
މި ފޯރަމްގައި ބީ.އެމް.އެލް އާއި އެމް.އައި.ބީގެ ފަރާތުން ބައިވެރިވެ، ވިޔަފާރިތަކަށް ޙާއްސަކޮށްގެން ބޭންކްތަކުން ދޭ ޚިދުމަތްތަކާ ގުޅޭ މުހިންމު މަޢުލޫމާތު ފޯރުކޮށްދިނެވެ. މީގެ ތެރޭގައި ލެޓަރ އޮފް ކްރެޑިޓް (އެލްސީ) ބޭނުންކުރުމާއި ލިބެން ހުރި ކްރެޑިޓް ފެސިލިޓީތަކާ ބެހޭ މަޢުލޫމާތު ވިޔަފާރިވެރިންނާ ހިއްސާކުރިއެވެ.
މީގެ އިތުރުން، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ވިޔަފާރިތަކަށް ދެވޭ އެހީތެރިކަމާއި، ވިޔަފާރި ތަރައްޤީކުރުމުގެ ފުރުޞަތުތަކާއި، ސަރަޙައްދީ ބަނދަރުތައް މެދުވެރިކޮށް އިމްޕޯޓްކުރުމާއި ވިޔަފާރި ފުޅާކުރަން ބޭނުންވާ ވިޔަފާރިތަކަށް ދެވޭ އިރުޝާދުތަކާ ބެހޭ މަޢުލޫމާތު ހިއްސާކުރިއެވެ.



advertisment

