Support Us

އދ.އިން ފަލަސްތީން ބިންތަކަށް ކަނޑައަޅައިފައި ހުންނަ ހާއްސަ ރެޕޮޓާ ފްރޭންޗެސްކާ އަލްބެނީސް

ފަލަސްތީން ނަސްލު ނައްތައިލަނީ އެމެރިކާ، ޔޫރަޕް ގުޅިގެން: އދ. ތަޖުރިބާކާރު

ފަލަސްތީން ނަސްލު ނައްތައިލަނީ ނުވަތަ "ޖެނޮސައިޑް" ކުރިއަށް ގެންދަނީ އެމެރިކާ އާއި ޔޫރަޕްގެ ގައުމުތައް ފަދަ އިސްރާއީލުގެ އެކުވެރިންގެ ސީދާ އެހީއާއެކު ކަމަށް އދ.ގެ ތަޖުރިބާކާރަކު ބުނެފިއެވެ.

ފަލަސްތީންގެ ބިންތަކަށް އދ.އިން ކަނޑައަޅައިފައި ހުންނަ ހާއްސަ ރެޕޮޓާ، ފްރޭންޗެސްކާ އަލްބެނީސް ބުނީ އިސްރާއީލަށް އަސްކަރީ އަމަލުތައް ކުރިއަށް ގެންދެވެނީ އިސްރާއީލުގެ އެކުވެރި ގައުމުތަކުން "ސީދާ ތާއީދުކޮށް، މާއްދީ އެހީ ދީ، ޑިޕްލޮމެޓިކް ރައްކާތެރިކަން ފޯރުކޮށްދީ އަދި ބައެއް ފަހަރު (ޖެނޮސައިޑް ހިންގުމުގައި) ސީދާ ބައިވެރިވާތީ" ކަމަށެވެ.

ފަލަސްތީނާ ދެކޮޅަށް އިސްރާއީލުންކުރާ ހަނގުރާމައަށް ހަތިޔާރު ވިއްކުމާއި ވިޔަފާރީގެ ގޮތުން ދޭ އެހީތެރިކަން ހުއްޓައިލުމަށް އޭނާގެ ރިޕޯޓުގައި ގޮވައިލިއެވެ.

ފްރޭންޗެސްކާގެ ހޯދުންތަކާ އިސްރާއީލުން ހަރުކަށިކޮށް ދެކޮޅުހެދިއެވެ.

"ބައިނަލްއަގުވާމީ ގާނޫނަށް ތަބާވުމުގައި އިސްރާއީލުން ދެމިތިބޭނެ. އަދި އާއްމު ރައްޔިތުންނަށް ލިބޭނެ ގެއްލުން ކުޑަކުރެވޭނެ ގޮތުގެ މަތިން ހަމާސް ރޫޅައިލައިނެ،" އިސްރާއީލުގެ ހާރިޖިއްޔާގެ ތަރުޖަމާނަކު ބުންޏެވެ.

ފްރޭންޗެސްކާގެ ރިޕޯޓަކީ އިސްރާއީލުގެ "އަގުވައްޓައިލައި އަދި ގާނޫނީ ހައިސިއްޔަތެއް ނެތް" ހޯދުންތަކެއް ކަމަށް އޭނާ ބުންޏެވެ.

އދ.ގެ ހާއްސަ ރެޕޮޓާއިންނަކީ މިނިވަން ތަޖުރިބާކާރުންނެވެ. އދ.ގެ ރަސްމީ ތަރުޖަމާނުންނެއް ނޫނެވެ. އިންސާނީ ހައްގުތަކާ ގުޅޭ މައްސަލަތައް ތަހުގީގުކޮށް ރިޕޯޓް ކުރާއިރު އެ މީހުންނަށް ވާހަކަ ދެއްކެނީ އެ މީހުންގެ ޒާތީ ހައިސިއްޔަތުންނެވެ. މިހެންވެ ފްރޭންޗެސްކާ ފަދަ ފަރާތްތަކުގެ ހޯދުންތަކަކީ އދ.ގެ ރަސްމީ ނިންމުންތަކެއް ނޫނެވެ.

ފްރޭންޗެސްކާގެ ރިޕޯޓާ ގުޅިގެން އިސްރާއީލާއި ހުޅަނގުގެ ގިނަ ސަރުކާރުތަކުން ވަނީ ފަލަސްތީން ނަސްލު ނައްތައިލަނީ ކަމަށް އޭނާ ބުނެފައިވާ ބުނުމާ ދެކޮޅުހަދައިފައެވެ. އެ ފަރާތްތަކުން ބުނީ އޭނާގެ ރިޕޯޓަކީ ސިޔާސީ ގޮތުން ވަކި އަތަކަށް ބުރަވެފައިވާ ހޯދުންތަކެއް ކަމަށާއި ހަމާސްއިން ދޭ ހަމަލާތަކަށް އޭނާ ބަލައިފައިނުވާ ކަމަށެވެ.

ނަމަވެސް އަނެއްކޮޅުން އދ.ގެ ބައެއް އޮފިޝަލުން ބުނީ ފްރޭންޗެސްކާގެ މަސައްކަތުން އެނގުނީ އިންސާނިއްޔަތާ ގުޅޭ ކަންބޮޑުވާން ޖެހޭ ސީރިއަސް ކަންތައްތަކެއް ފާޅުވި ކަމަށެވެ. އަދި މިއީ ކޮންމެހެން ތަހުގީގު ކުރަން ޖެހޭ ކަންތައްތަކެއް ކަމަށެވެ.

އދ.ގެ ހާއްސަ ރެޕޮޓާއިންނާއި މިނިވަން ތަޖުރިބާކާރުންނަކީ އެ މީހުންގެ ފަރުދީ ހިޔާލު ފާޅުކުރެވޭ ބައެކެވެ. އެއީ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ދަށުންނެވެ. މިއީ ގަދަރު ލިބިގެންވާ ހިޔާލުތަކެއް ކަމަށް ވިޔަސް މިއީ ގާނޫނީ ގޮތުން އެއްވެސް ފަރާތަކުން ތަބާވާން ޖެހޭ ހޯދުންތަކެއް ނުވަތަ ރިޕޯޓުތަކެއް ނޫނެވެ.

އދ.ގެ ރަސްމީ ސިޔާސަތު ކަމަށް ބެލެވެނީ އދ.ގެ އަމީން އާއްމާއި ސަލާމަތީ މަޖިލީހާއި އާއްމު މަޖިލީހުގެ ބަޔާންތަކެވެ.

ފްރޭންޗެސްކާ މިހާރު ވަނީ އެމެރިކާއަށް ވަނުން، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން މަނާކޮށްފައެވެ. އދ.ގެ އަމީން އާއްމު އެންޓޯނިއޯ ގުޓެރެސް އިސްރާއީލަށް ވަނުން ވަނީ އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫގެ ސަރުކާރުން މަނާކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *