ޣައްޒާގައި މަސައްކަތްކުރާ މެޑިކުން ނުވަތަ ސިއްހީ އެހީތެރިން ޝަހީދުކުރަން އިސްރާއީލުން ހިފައިފައިވާ އަމާޒަކީ ހަމައެކަނި އިންސާނީ ކާރިސާއެއް ނޫނެވެ. މިހާރު ގިނަ ބަޔަކު ގަބޫލު ކުރަމުން އަންނަ ގޮތުގައި މިއީ ކުރިމަގުގައި ފަލަސްތީން ރައްޔިތުންނަށް އިންސާފު ހޯދައިދިނުމުގެ މަސައްކަތަށް ހުރަސްއަޅަން އިސްރާއީލުން ގަސްދުގައި ދުރާލާ ރާވައިގެން ހިންގާ ނާމާން މަޝްރޫއެކެވެ.
އުޒުރެއްގެ ގޮތުގައި އިސްރާއީލުން ތުހުމަތު ކުރަނީ ހޮސްޕިޓަލްތަކާއި އެމްބިއުލަންސްތަކާއި ކްލިނިކްތައް އަސްކަރީ މަރުކަޒާއި އައްޑަނައިގެ ގޮތުގައި ހަމާސްއިން ބޭނުން ކުރަމުންދާ ކަމަށެވެ. ނަމަވެސް ޣައްޒާގެ ސިއްހީ ނިޒާމު، ނިޒާމެއްގެ ދަށުން އިސްރާއީލުން ދަނީ ސުންނާފަތި ކުރަމުންދާ ކުރުން ކެނޑިނޭޅި ކުރިއަށް ގެންދަމުންނެވެ. އެ ގޮތުން ކާކުކަން އެނގޭނެ ގޮތަށް ފާހަގަކޮށްގެން ޔުނީފޯމް ލައިގެން ތިބޭ ޑޮކްޓަރުންނާއި ޕެރަމެޑިކުންނަށް އިސްރާއީލު ސިފައިން ދޭ ހަމަލާތަކުން އުފެދެނީ ހިތް ނުތަނަވަސްވާ ފަދަ ސުވާލުތަކެވެ.
ސަބަބަކީ، ހަމަނުޖެހުމެއް ހިނގަމުންދާ ތަނެއްގައި ސިއްހީ އެހީތެރިންނަކީ ހަމައެކަނި ފުރާނަ ސަލާމަތްކުރަން ތިބޭ ބައެއް ނޫނެވެ. އެ މީހުންނަކީ މަންޒަރު ދެކޭ ހެކިވެރިން ވެސް މެއެވެ. މީހުންނަށް ލިބޭ ޒަހަމްތަކާއި، ޝިކާރައަކަށްވެފައިވާ މީހުން ދެނެގަނެ އަދި ފޮރެންސިކް ހެކިތައް ވެސް ރައްކާކުރާ ބަޔަކީ މެޑިކުންނެވެ. ސިއްހީ ރެކޯޑުތައް ބަލަހައްޓާ ބަޔަކީ ވެސް އެ މީހުންނެވެ.
މާޒީގެ ހަނގުރާމައިގެ ޖަރީމާތަކާ ގުޅޭ ޝަރީއަތްތަކުގައި، ސިއްހީ އެހީތެރިންގެ ހެކިބަސް ބަލައިގަންފައިވަނީ ވަރަށް ސީރިއަސް އެއްޗެއްގެ ގޮތުގައެވެ. އެހެންކަމުން، އިސްރާއީލުގެ އަމަލުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ކޯޓުތަކުގައި ކުރިމަގުގައި ހެކިބަސް ދޭން ތިބި މެޑިކުންގެ ފުރާނަ ނައްތައިލުމަކީ ހަމަ އިއްތިފާގެއް ހެއްޔެވެ؟ ނުވަތަ ހެކި ހޯދުމުގެ ކުރިން ހޮސްޕިޓަލްތައް ސުންނާފަތިކޮށްލައިފައި އެ ތަނުން ދުރަށް ދާން ސިއްހީ އެހީތެރިންނަށް މަޖުބޫރު ކުރުވުމަކީ ވެސް އިއްތިފާގެއް ހެއްޔެވެ؟ ނޫނެކެވެ. މިއީ ހަމައެކަނި ހަނގުރައިމައިގެ އުކުޅެއް ނޫނެވެ. ނަމަވެސް ކުރިމަގަށް ލިބެން ހުރި ހެކިތައް ވެސް ރޭވުމެއްގެ ދަށުން ނައްތައިލުމެކެވެ.
މެޑިކުން ހަމަހިމޭން ކޮށްލުމަކީ ޣައްޒާގައި ހަގީގަތުގައި ހިނގި ހުރިހާ ކަމަކަށް ވެސް ފަސް އަޅައިލުމެވެ. ހޮސްޕިޓަލްތަކަށް ބޮން އަޅަނީ ހަނގުރާމަވެރިން އެ ތަންތަނުގެ ނާޖާއިޒު ފައިދާ ނަގާ ކަމަށް ތުހުމަތު ކުރިއަސް، ފެންނަމުން ދަނީ ޣައްޒާގެ މުޅި އާބާދީ ޖުމްލަ ގޮތެއްގައި ނައްތައިލަން މަސައްކަތްކުރާ މަންޒަރެވެ. "ޖެނޮސައިޑް" ނުވަތަ ނަސްލެއް ނައްތައިލައިގެންނެވެ. ފަލަސްތީން ނަސްލެވެ.
ފުރާނަ އާއި އަދި އެހެންމެ ޣައްޒާގެ ހަގީގަތްތަކުގެ އިންފްރާސްޓްރަކްޗަރު ދަމަހައްޓައިދޭ ތަނބުތަކުގައި ޖައްސައި ކޮންމެ ލައްގަނޑަކީ ކޮންމެ ގައުމެއްގެ ކޮންމެ ރައްޔިތަކަށް ސުލޫކީ ގޮތުން ނުބައި އަސަރު ނުކޮށް ދާނެ ކަމެއް ނޫނެވެ.
އެމެރިކާއިން ދާދި ފަހުން ދަތި ކުރުމުގެ ފިޔަވަޅު އެޅި، ފަލަސްތީނާއި އިސްރާއީލަށް އދ.އިން ކަނޑައަޅައިފައި ހުންނަ ރެޕޮޓުއާ ފްރެންޗެސްކާ އަލްބެނީސް (ފޮޓޯގައި) އިންޒާރު ދިން ގޮތުގައި އިސްރާއީލުން މި ހިންގާ ޖަރީމާއަކީ އެ ކަންތައްތައް ކުރުމައިގެން ކުރިއަށް ދާން އިސްރާއީލަށް ދޫކޮށްލައިގެން ތިބޭ ވަރުގެ އާދައިގެ ކަމެއް ނޫނެވެ.
"މެޑިކުން ހަމަހިމޭން ކޮށްލުމަކީ ހަމައެކަނި އެ ޒަހަމްވާ މީހުންގެ ވޭނީ ރުއިމުގެ އަޑުތައް ހަމަހިމޭންކޮށްލުން އެކަންޏެއް ނޫން. ނަމަވެސް، މިއީ ޣައްޒާ ހަނގުރާމައިގެ ޖަރީމާތަކުގެ ހަނދާންތައް ފުހެލަން ވެސް އިސްރާއީލުން ކުރާ މަސައްކަތެއް،" އޭނާ ބުންޏެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ދާދި ފަހުން އެޅުއްވުމާ ގުޅިގެން، އޭނާއަށާއި ޣައްޒާގެ މެޑިކުންނަށް ނޮބެލް ސުލްހައިގެ އިނާމު ދިނުމަށް ދުނިޔޭގެ ފެންވަރުގައި ކެމްޕޭން ފަށައިފިއެވެ.
ޓްރަމްޕްގެ ދަތިކުރުމުގެ ފިޔަވަޅުގެ ސަބަބުން، އދ.ގެ މައި މަރުކަޒު ހުންނަ އެމެރިކާއަށް ވަނުމަށް ފްރެންޗެސްކާއަށް ދެން ވިސާ ނުދޭނެއެވެ. އެމެރިކާގައި ހުރި އޭނާގެ މުދާ ހިފަހައްޓާނެއެވެ. އަދި މީގެ އިތުރުން، އެމެރިކާގެ ރައްޔިތުންނާއި ވިޔަފާރި ކުންފުނިތަކުން އޭނާއާ މުއާމަލާތް ކުރުމަށް ހުރަސްއަޅާނެއެވެ. އެއީ ފްރެންޗެސްކާއަށް އދ.އިން މިހާރު މަތިކޮށްފައިވާ ޒިންމާތައް އަންނަ މަހު އެއްކޮށް ހުއްޓުވައިލުމަށެވެ.
އިސްރާއީލާ އެންމެ އެކުވެރި ގައުމު ކަމަށްވާ އެމެރިކާގެ ރައީސް ޓްރަމްޕް ފްރެންޗެސްކާއާ މި ވަރަކަށް ޖައްސައިލީ ޣައްޒާގައި އިސްރާއީލުން ހިންގާ ހަރަކާތްތަކަކީ "ޖެނޮސައިޑް" ނުވަތަ ނަސްލު ނައްތައިލުމެއް ކަމަށް ފްރެންޗެސްކާ ބުނުމުންނެވެ. އަދި ހުޅަނގު އައްސޭރީގައި ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށް ޔަހޫދީން ވަޒަންވެރި ކުރުމުގެ މަޝްރޫއުތައް ކުރިއަށް ގެންގޮސް، މިހާރު 57،000 ފަލަސްތީން ރައްޔިތުން ޝަހީދު ކޮށްލައިފައިވާ ޣައްޒާ ހަނގުރައިމައިގައި ޣައްޒާގައި އަދިވެސް އަސްކަރީ އޮޕަރޭޝަންތައް ފުޅާ ކުރަމުން ދާތީއެވެ.
އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫ އާއި އިސްރާއީލުގެ އެހެނިހެން އޮފިޝަލުންނާއި، އިސްރާއީލުގެ ޖަރީމާތަކަށް ވާގި ދޭ އެމެރިކާގެ ކުންފުނިތަކާ ވެސް ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށް ވެސް ފްރެންޗެސްކާ ވަނީ ބައިނަލްއަގުވާމީ ޖިނާއި ކޯޓް، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައި.ސީ.ސީ)އަށް ގޮވައިލައިފައެވެ. މިއީ ވެސް ޓްރަމްޕް ކޯފާވެވަޑައިގަތް ކަމެކެވެ. ޓްރަމްޕް ތުހުމަތު ކުރެއްވީ ސިޔާސީ އަދި އިގުތިސާދީ ހަނގުރާމައެއް އެމެރިކާ އާއި އިސްރާއީލާ ދެކޮޅަށް ހިންގުމުގެ އިތުރުން "އެންޓި-ސެމިޓިސަމް" ނުވަތަ ޔަހޫދީންނާ ދެކޮޅަށް ނަސްލީ ނަފުރަތު ވެސް ފްރެންޗެސްކާ ފަތުރަމުން އަންނަ ކަމަށެވެ. މި ކަން ދޭހަ ވަނީ އެމެރިކާ އާއި އިސްރާއީލުގެ ރައްޔިތުންނާ ދެކޮޅަށް، އައި.ސީ.ސީއިން ފިޔަވަޅު އެޅުމަށް ވެސް ފްރެންޗެސްކާ ގޮވައިލައިފައިވާތީ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕްގެ ރިޔާސީ އަމުރު ނަންބަރު 14203 އަކީ މިދިޔަ ފެބްރުއަރީ މަހު ހައެއްގައި އޭނާ ނެރުއްވި އެގްޒެކެޓިވް އޯޑަރެކެވެ. އެމެރިކާ އާއި އެމެރިކާގެ ރަހްމަތްތެރި ގައުމުތަކުގެ ރައްޔިތުންނާ ދެކޮޅަށް އައި.ސީ.ސީއިން ހިންގާ ތަހުގީގުތަކަށް އެއްބާރުލުން ދޭ ފަރާތްތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް މި އަމުރުގެ ދަށުން އެމެރިކާގެ ސަރުކާރަށް ބާރު ލިއްބައިދެއެވެ. އައި.ސީ.ސީ ކޯޓެއްގެ ގޮތުގައި ގާއިމުކޮށްދިން ރޯމް މުއާހަދާގައި އެމެރިކާ އާއި އިސްރާއީލުން ބައިވެރިވެފައި ނުވާތީ، ފްރެންޗެސްކާގެ މި އަމަލުތަކަކީ އެމެރިކާގެ އިސްތިގުލާލަށް އަރައިގަތުމެއްގެ ގޮތަށް އެމެރިކާގެ އޮފިޝަލުން ވަނީ ސިފަކޮށްފައެވެ.
މެޑިކުން ހަމަހިމޭން ކޮށްލައިފި ނަމަ ޣައްޒާގެ ހުރިހާ ހަގީގަތެއް ފޮރުވައިލެވުނީއެވެ. އެހެނީ، އިންސާފު ފެށިގެން އަންނަނީ ހެކިވެރިންގެ ހެކިބަހާ ހިސާބުންނެވެ. ނަމަވެސް، ޣައްޒާގައި، އެ ސިއްހީ އެހީތެރިން ވެސް ދަނީ، އިސްރާއީލުގެ އަނިޔާވެރި ޝިކާރައަކަށް ވަމުންދާ ފަލަސްތީން ރައްޔިތުންނާއެކު، ވަޅުލެވެމުންދާ ބަޔަކަށެވެ. އެހެންކަމުން، އިސްރާއީލުން މެޑިކުން ހާއްސަ ގޮތެއްގައި އަމާޒަކަށް ހަދައިގެން ޝަހީދު ކުރަން ފަށައިފައިވާތީ، ޣައްޒާ ހަނގުރާމަ ދެން ވެގެންދާނީ ތާރީހުގެ ހަނދާނުން ފުހެލެވިގެންދާ ހަނގުރައިމައިގެ ޖަރީމާއަކަށް ހެއްޔެވެ؟



advertisment