Support Us

އެމެޒޯން ވެބް ސާވިސަސް (އޭ.ޑަބްލިޔު.އެސް)ގެ މައުރަޒު ހޯލެއް

އެންމެ ޓެކްނިކަލް މައްސަލައަކުން ވެސް ޒަމާނީ ދިރިއުޅުން ބަރުބާދު ވެދާނެކަން ހާމަވެއްޖެ

ހަމަ އެންމެ ޓެކްނިކަލް މައްސަލައަކުން ވެސް ޒަމާނީ ދިރިއުޅުން ބަރުބާދު ވެދާނެކަން ހާމަވެއްޖެއެވެ.

"ކްލައުޑް" ނުވަތަ މައުލޫމާތާއި ސޮފްޓްވެއާ އަދި ކޮމްޕިއުޓަރާއި ޓެކްނޮލޮޖީ ހިންގާ އެޕްތަކާއި ޕްރޮގްރާމްތައް "ހޮސްޓް"ކުރާ ނުވަތަ އެއަށް ޖާގަ ދީގެން ހިންގައިދޭ އެންމެ ބޮޑު ތިން ކުންފުނީގެ ތެރެއިން، މާކެޓްގެ 30 ޕަސެންޓް ހިއްސާ ކުރާ، ދުނިޔޭގެ އެންމެ ބޮޑު އޮންލައިން ވިޔަފާރި ކުންފުނި ވެސް ކަމަށްވާ އެމެޒޯންގެ އެމެޒޯން ވެބް ސާވިސަސް (އޭ.ޑަބްލިޔު.އެސް)އަށް އިއްޔެ ވަނީ ނިޒާމީ ގޮތުން ބޮޑު ޓެކްނިކަލް ފޭލިވުމެއް ކުރިމަތިވުމުގެ ސަބަބުން، އިންޓަނެޓްގެ ބޮޑު ބައެއް ހޮސްޓް ކުރާތީ، ޒަމާނީ ދިރިއުޅުން ހަމަ ކުއްލިއަކަށް ބަރުބާދު ވެދާނެކަން ހާމަވެފައެވެ.

އެތައް ގަޑިއިރަކަށް ދެމިގެންދިޔަ، އޮންލައިނަށް ދުނިޔެ ބަރޯސާވެފައިވާ ދަނޑިވަޅެއްގައި މި ފަދަ "އަނދިރިކަމެއް" އައީ ވަރަށް ސާދާ އިންސާނީ ކުށަކުންނެވެ. އެއީ އާއްމުކޮށް ކުރަމުން އައި ޓެކްނިކަލް އަދާހަމައެއްގެ ތެރޭގައި ހެދުނު ގޯހެކެވެ. މި ކަމުގެ ސަބަބުން ދުނިޔޭގެ އެތައް ހާސް ހިދުމަތްތަކަށް ބުރޫއެރިއެވެ.

ބޭންކްގެ ހިދުމަތްތަކާއި ގޭގޭގައި ހުންނަ ސްމާޓް ހިދުމަތްތަކާއި ޒޫމް ފަދަ މުވާސަލާތީ މައިގަނޑު މަންސަތަކާއި އަދި އެމެރިކާގެ އެއާލައިންތަކަށް ވެސް ވަނީ ހުއްޓުން އަރައިފައެވެ. މި ފަދަ މުހިންމު ދާއިރާތަކުގެ ހިދުމަތްތައް ހުއްޓުމުގެ ސަބަބުން ސާބިތުވީ އެންމެ ކުންފުންޏަކަށް ވެސް ޓެކްނިކަލް މައްސަލައެއް ކުރިމަތިވެއްޖެ ނަމަ މުޅި ދުނިޔޭގެ ވިޔަފާރި އަދި މުވާސަލާތީ ދާއިރާއަށް ހުއްޓުން އަރައިނެ ކަމެވެ.

އޮންލައިން ސެކިއުރިޓީ ބެލެހެއްޓުމާ ގުޅޭ ކުންފުންޏެއް ކަމަށްވާ ސައިތްގެ ޗީފް އެގްޒެކެޓިވް، ބްރައިސަން ބޯޓް ވަނީ، އިއްޔެ އޭ.ޑަބްލިޔު.އެސްއަށް ދިމާވީ އާދައިގެ، ގަސްދުގައި ލަނޑެއް ނުދޭ ކަހަލަ "އިންސާނީ ކުށެއް"ކަން ކަށަވަރުކޮށްދީފައެވެ.

"އަސްލުގައި، ގިނަ ފަހަރަށް، މިއީކީ އޮންލައިން ހަމަލާ (’ސައިބާ އެޓެކް')އެއް ނޫން. މިއީ އާއްމު ގޮތެއްގައި އިންސާނުންގެ ފަރާތުން ހެދޭ ގޯސް،" އޭނާ ބުންޏެވެ.

އޭ.ޑަބްލިޔު.އެސް ފަދަ ކުންފުނިތަކުން މާކެޓްގެ ބޮޑު ބައެއް ކޮންޓްރޯލް ކުރުމުން އެއީ، ކޮންމެހެން މުހިންމު ނިޒާމުތަކަށް އޮތް ނުރައްކަލެއް ކަމަށް ތަޖުރިބާކާރުން ބުންޏެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރަށް ބަލާއިރު 20 ޕަސެންޓް މާކެޓް ކޮންޓްރޯލް ކޮށްގެން ކްލައުޑްގެ ހިދުމަތް ދެވަނައަށް އެންމެ ބޮޑަށް ދޭ ކުންފުންޏަކީ މައިކްރޮސޮފްޓް އެޜާއެވެ.

ގޫގުލް ކްލައުޑް 13 ޕަސެންޓް ކޮންޓްރޯލް ކުރާތީ އަންނަނީ ތިން ވަނައަށެވެ.

މިހެންވެ، ޖުމްލަ ގޮތެއްގައި ދުނިޔޭގައި ކްލައުޑްގެ ހިދުމަތް ދޭ އެންމެ ބޮޑު މި ތިން ކުންފަންޏަކީ މި ދާއިރާގެ 63 ޕަސެންޓް ކޮންޓްރޯލް ކުރާ ތިން ކުންފުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *