Support Us

ސައްހަ ނޫން ލިޔެކިޔުންތަކެއް ސެންޓަރ އެންޓަރ ޕްރައިސަސް އިން ކޯޓަށް ހުށަހެޅި މައްސަަލައިގައި އޮޑިޓަރ ޖެނެރަލް ލަފާދެއްވައިފި

މެޑިކަލް އިކުއިޕްމަންޓާއި ކޮންސިއުމަބަލްގެ ފޯރުކޮށްދިން ކަަަމަށް ބުނެ ސެންޓަރ އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން އޮޅުވާލައިގެން 31 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތުން ހޯދުމަށް ސައްހަ ނޫން ލިޔެކިޔުންތަކެއް ކޯޓަށް ހުށަހެޅި ކަމަށް ބެލެވޭތީ ޖިނާއީ ތަހުގީގެއް ހިންގަން އޮޑިޓަރ ޖެނެރަލް ލަފާދެއްވައިފި އެެވެ.

އޮޑިޓަރ ޖެނެރަލް މިގޮތަށް ލަފާދެއްވާފައިވަނީ ސެންޓަރ އެންޓަރ ޕްރައިސަސް އިން 2008 ވަނަ އަހަރުގައި ހެލްތް މިނިސްޓްރީއަށް ފޯރުކޮށްދީފައިވާ ކަމަށް ބުނާ މެޑިކަލް އިކުއިޕްމަންޓާއި ކޮންސިއުމަބަލްގެ އަގު ހޯދުމަށް އެ ކުންފުނިން ކޯޓުތަކަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކޮށްފައިވާ ހާއްސަ އޮޑިޓް ރިޕޯޓެއްގަ އެެވެ.

އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ ސޮއިކުރައްވާ މިދިޔަ ބުދަ ދުވަހު ނެރުއްވާފައިވާ 24 ސޮފްހާގެ މި ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ހެލްތް މިނިސްޓްރީގެ ދަށުން ކުރިން ހިންގަމުން ގެންދިޔަ ޑިޕާޓްމަންޓް އޮފް މެޑިކަލް ހެލްތް ސާވިސަސް (ޑީއެމްއެސް) އަށް ސެންޓަރ އެންޓަރ ޕްރައިސަސްއިން 2008 ވަނަ އަހަރުގެ ތެރޭގައި ފޯރުކޮށްދީފައިވާ ކަމަށް ބުނާ މެޑިކަލް އިކުއިޕްމަންޓްގެ އަގަށް ލިބެންޖެހޭ ފައިސާ ލިބިފައިނުވާ ކަަމަށް ބުނެ އެ ކުންފުނިން ފޯރުކޮށްދިން ތަކެތީގެ އަގަށްވާ 2،011،511 ޑޮލަރާއި އެ ފައިސާ ނުލިބުމުން ޖޫރިމަނާގެ ގޮތުގައި ހޯދަން އެދޭ 3،137،940 ޑޮލަރާ އެކު ޖުމްލަ 5،149،451 ޑޮަލަރު ހޯދުމަށް އެ ކުންފުނިން 7 ފެބްރުއަރީ 2022 ގައި ސިވިލް ކޯޓަށް ހުށަހަޅާފައިވެ އެވެ. އެ މައްސަލާގައި ސެންޓަރ އެންޓަރ ޕްރައިސަސްއިން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ބައެއް ލިޔެކިޔުންތަކުގެ ސައްހަ ނޫން މައުލޫމާތުތަކެއް ހިމަނާފައިވާކަން އޮޑިޓް ރިޕޯޓްގަައި ފާހަގަކޮށްފައިވެ އެވެ.

އެގޮތުން އެ ކުންފުނިން ސިިިވިލް ކޯޓަށް ހުށަހަޅާފައިވާ މި މައްސަލާގައި އެކޯޓުން ވަނީ އެ ކުންފުނިން ޑީއެމްއެސްއަށް ފޯރުކޮށްދިން ކަމަށް ބުނާ މެޑިކަލް އިކުއިޕްމަންޓާއި ކޮންސިއުމަބަލްސްގެ އަގަށްވާ ދެ މިލިއަން އެގާރަ ހާސް ފައްސަތޭކަ އެގާރަ ޑޮލަރު (31،017،499ރ) ދައުލަތުން އެ ކުންޏަށް ނަގައިދިނުމަށް 28 މާޗް 2023 ގައި ހުކުމްކޮށްފަ އެވެ.

އެ ހުކުމް ދައުލަތުން އިސްތިއުނާފް ކުރުމުން ހައިކޯޓުން ވެސް ވަނީ 11 ފެބްރުއަރީ 2025 ގައި ސެންޓަރ އެންޓަޕްރައިސަސްއާ އެއްްކޮޅަށް އެ މައްސަލަ ނިންމައިފަ އެވެ.

މި މައްސަލައާ ގުޅިގެން އޮޑިޓް އޮފީހުން ކޮށްފައިވާ ހާއްސަ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ މުހިންމު ބައެއް ކަންތައްތަކުގެ ތެރޭގައި އެ ކުންފުނިން ކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކުގައި ޑީއެމްއެސްގެ އެސިސްޓެންޓް ޕްރޮޖެކްޓް މެނޭޖަރުގެ ގޮތުގައި "އައިޝަތު ހަލީމް" ނަމުގައި ސޮއިކޮށްފައިވީ ނަމަވެސް އެނަން ކިޔާ މުވައްޒަފެއް އެއްވެސް އިރެއްގައި ޑީއެމްއެސްގައި އަދި ހެލްތް މިނިސްޓްރީގައި ވެސް ވަޒީފާ އަދާކޮށްފައެއްނުވެ އެވެ.

މީގެ އިތުރުން އޮޑިޓް އޮފީހަށް ލިބިފައިވާ މުވައްޒަފުންގެ ލިސްޓުގައި ވެސް އެނަމުގައި އެއްވެސް މުވައްޒަފަކު ހެލްތް މިނިސްޓްރީގައި އަދި ޑީއެމްއެސްގައި ވެސް އެ ދުވަސްވަރު ވަޒީފާ އަދާކޮށްފައިނުވާ ކަމަށާއި ސިވިލް ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުގައި އައިޝަތު ހަލީމްގެ ނަމުގައި އެކި މަގާމު ތަކުގައި ސޮއިކޮށްފައިވާކަން އޮޑިޓް އޮފީހުގެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

އެ މަސައްކަތް ކުރުމަށް ހަދައިފައިވާ އެއްބަސްވުމުގެ ދަށުން ސެންޓަރ އެންޓަރ ޕްރައިސަސްގެ މަސައްކަތަކީ މެޑިކަލް އިކުއިޕްމަންޓް އަދި ކޮންސިއުމަބަލްސް ރީޖަނަލް ހޮސްޕިޓަލްތަކާއި ރަށްރަށުގެ ހެލްތް ސެންޓަރުތަކާއި ހެލްތް ޕޯސްޓްތަކަށް ފޯރުކޮށްދިނުން ކަމުގައިވާއިރު އެތަކެތި އެ ތަންތަނަށް ފޯރުކޮށްދީފައިވަނީ އެ ތަންތަނަށް އެތަކެތި ފޯރުކޮށްދިން ކަމަށް އެނގޭ ގޮތަށް ކޮންމެ ތަނަކަށް ވަކިވަކި ޑެލިވަރީ ނޯޓްތައް ބޭނުންކޮށްގެން ކަމަށް ކޯޓުގައި އެ ކުންފުނިން ބުނެފައިވެ އެވެ.

ނަމަވެސް އެ ޑެލިވަރީތައް އެ ތަންތަނުން ބަލައިގެންފައިވާ ކަމުގެ އެއްވެސް ލިއުމެެއް ކޯޓަށް ހުށަހަޅާފައިނުވާކަން އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

އެ އެެއްބަސްވުމުގެ ދަށުން ފޯރުކޮށްދޭންޖެހޭ ތަކެތި ޑީއެމްއެސްއަށް ފޯރުކޮށްދީ އެ ތަކެއްޗާއި އެތަނުން ބަލައިގެންފައިވާ ކަމަށް ބުނެ އެ ކުންފުނިން ކޯޓަށް ހުށަހަޅާފައިވާ އެކުންފުނީގެ ކޮންބައިންޑް ޑެލިވަރީ ނޯޓާއި އެ ކުންފުނީގެ ނަމުގައި ތައްޔާރުކޮށްފައިވާ އިންވޮއިސްގައި ޑީއެމްއެސްގެ ފަރާތުން ސޮއިކޮށްފައިވާ ފަރާތަކީ ވެސް އައިޝަތު ހަލީމް ކަމަށް ރިޕޯޓްގައިވެ އެވެ.

މީގެ އިތުރުން އެ މައްސަލަ ސިވިލް ކޯޓުގައި ސާބިތުކުރުމަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ސެންޓަރ އެންޓަޕްރައިސަސް އަށް 2007 ވަނަ އަހަރުގައި ދޫކުރި ކަމަށް ބުނާ 150،000 ޑޮަލަރުގެ ބޭންކް ގެރެންޓީ ނަމްބަރަކީ 2007 އެ ބޭންކުން ދޫކޮށްފައިވާ ބޭންކް ގެރެންޓީ ނަމްބަރުތަކާއި ތަފާތު ފޯމެޓެއްގައި ލިޔެފައިވާ ނަމްބަރެއް ކަމަށް އެ ބޭންކުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.

ނަމަވެސް ސެންޓަރ އެންޓަޕްރައިސަސްއަށް މާ ދުރު މާޒީއެއްގައި ލިބެންޖެހޭ ފައިސާއެއް ނުލިބިވާ ކަމަށް ބުނެ 2020 ވަނަ އަހަރުގެ ފަހުން ކޯޓުތަކަށް ހުށަހަޅާފައިވާ ދައުވާތަކަކީ އޮޑިޓްގައި ފާހަގަކުރެވިފައިވާ ކަންކަމަަށް ބަލާއިރު ސައްހަ މުއާމަލާތެއްގެ ތެރެއިން އެ ކުންފުންޏަށް ލިބެންޖެހޭ ފައިސާ ކަމަށް ބެލެވެން ނެތް ކަމަށް ވެސް އޮޑިޓް އޮފީހުގެ ހާއްސަ ރިޕޯޓްގައިވެ އެވެ.

މީގެ އިތުރުން ސެންޓަރ އެންޓަޕްރައިސަސްއިން 2006 އިން ފެށިގެން 2010 ނިޔަލަށް ދައުލަތުގެ އެކިއެކި އިދާރާތަކާއި ކުންފުނިތަކަށް ފޯރުކޮށްދީފައިވާ ކަމަށް ބުނާ މުދަލާއި ތަކެތީގެ އަގަށް ލިބެންޖެހޭ ކަމަށް ބުނާ ފައިސާގެ ގޮތުގައި 175،155،034 ރުފިޔާ ހޯދުމަށް 2020 ވަނަ އަހަރުން ފެށިގެން ހަ ދައުވާއެއް ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައިވެ އެެވެ.

މި މައްސަލަތަކުގައި ހިމެނޭ ފައިސާ ހޯދުމުގެ ދައުވާ ލަސްވެފައި ވަނީ މޯލްޑިވްސް ޕޮލިސް ސާވިސް އިން ބަލަމުން ގެންދިޔަ ސެންޓަރ އެންޓަޕްރައިސަސްގެ އެހެން މައްސަލައަކާ ގުޅިގެން އެ ކުންފުނީގައި ހުރި ލިޔެކިޔުންތައް ޕޮލިސް ސާވިސަސް އިން 9 ޖުލައި 2012 ގައި ގެންދިއުމާ ގުޅިގެން ކަމަށް އެ ކުންފުނިން ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވާ ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

ނަމަވެސް އެ ލިޔުންތައް 11 ޖުލައި 2016 ގައި އަނބުރާ ލިބިފައިވާ ކަމަށް އެ ކުންފުނިން ކޯޓަށް ހުށަހަޅާފައިވާ ބައެއް ބަޔާންތަކުން އެނގޭއިރު އެ ކުންފުނިން ހޯދުމަށް އެދޭ ފައިސާއާ ގުޅޭ އިންވޮއިސްތަަކަކީ ސައްހަ ލިޔެކިޔުންތަކެއް ކަމަށްވާ ހާލަތު އެ ފައިސާ އޭރު ނުލިބިވާނަމަ އެ ފައިސާ ހޯދަން ދައުވާ ކުރުމަށް އެކަށީގެންވާ މުއްދަތެއް ލިބިފައިވާ ކަމަށް އެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެެވެ.

މީގެ އިތުރުން އެ ކުންފުނިން ހޯދުމަށް ދައުވާކުރާ ފައިސާ އާ ގުޅޭ އިންވޮއިސްތަކަކީ 2006 ވަނަ އަހަރުން ފެށިގެން 2008 ވަނަ މާލީ އަހަރާ ގުޅޭ އިންވޮއިސްތަކަށް ވާއިރު އެ އިންވޮއިސްތަކަކީ ސައްހަ އިންވޮއިސްތަކެއް ކަމަށްވާ ހާލަަތުގައި އެ އިންވޮއިސްތަކަށް އޭރު ލިބެންޖެހޭ ފައިސާ އޭރު ނުލިބި ހުރިނަމަ، އެ ފައިސާ އަކީ ލިބެންޖެހޭ ފައިސާގެ ގޮތުގައި އެ ކުންފުނީގެ އެކުންފުނީގެ އޮޑިޓް ކުރެވިފައިވާ ފައިނޭންޝަލް ސްޓޭޓްމަންޓްތަކާއި އޮޑިޓަރުންގެ ރިޕޯޓުގައި ހިމަނަން ޖެހޭނެ ކަމަށް އޮޑިޓް އޮފީހުން ފާހަގަކޮށްފައިވެ އެވެ.

ނަމަވެސް އެ ކުންފުނިން ދައުލަތުގެ އެކިއެކި އިދާރާތަކާއި ކުންފުނިތަކަށް ފޯރުކޮށްދީފައިވާ ކަމަށް ބުނާ މުދަލާއި ހިދުމަތުގެ އަގުގެ ގޮތުގައި ހޯދުމަށް ދައުވާކުރާ 175،155،034 ރުފިޔާގެ އަދަދާ ގާތްކުރާ ވަރުގެ އަދަދެއް ވެސް އެކުންޏަށް ލިބެންޖެހޭ ފައިސާގެ ތެރޭގައި އެ ކުންފުނިން ދައުލަތުގެ އިދާރާތަކަށް 2008، 2009 އަދި 2010 ވަަނަ މާލީ އަހަރުގެ އޮޑިޓްކުރެވިފައިވާ ފައިނޭޝަލް ސްޓޭޓްމަންޓްތަކާއި އޮޑިޓް ރިޕޯޓަރުންގެ ރިޕޯޓުން ވެސް އެނގެން ނެތް ކަަމަށް އޮޑިޓް އޮފީހުން ފާހަގަކޮށްފައިވެ އެވެ.

އެ ފައިސާ ހޯދުމަށް އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ގަޒިއްޔާއެއްގައި ހިމެނޭ އިންވޮއިސްގެ ޖުމްލަ އަގަށްވާ 2،011،511 ޑޮލަރު ހޯދުމަށް އެކުންފުނިން އެދޭއިރު އެ އަދަދާ ގާތްކުރާ މިންވަރަށްވެސް އެ ކުންފުންޏަށް ފައިސާ ލިބެންޖެހޭކަން އެ ކުންފުނީގެ އޮޑިޓް ރިޕޯޓްތަކުން އެނގެން ނެތް ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން ޑީއެމްއެސްއަށް ފޯރުކޮށްދިން ކަމަށް ބުނާ މެޑިކަލް އިކުއިޕްމަންޓް އަގު ހޯދުމަށް ސިވިލް ކޯޓަށް ހުށަހަޅައިފައިވާ ގަޒިއްޔާއެއް ސާބިތު ކުރުމަށް އޭޑީކޭ އެންޓަޕްރައިސަސް އިން އެ ތަކެތި ގަތް ކަމަށް ދެއްކުމުގެ ގޮތުން އެ ކުންފުނީގެ ނަމުގައި 12،402،206 ރުފިޔާގެ ސައްޙަ ނޫން އިންވޮއިސްއެއް ވެސް ކޯޓަށް ހުށަހަޅާފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ސެންޓަރ އެންޓަރޕްރައިސަސް އިން މީގެ ކުރިން ވެސް ދައުލަތުގެ ކުންފުންޏަކަށް ފޯރުކޮށްދިން މުދަލަކަށް ފައިސާ ލިބިފައިވަނިކޮށް، ފައިސާ ލިބިފައިނުވާ ކަމަށް ބުނެ އެ ފައިސާ ހޯދަން ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަަމަށް ބުނެފައިވެ އެވެ. އެގޮތުން އެމްއޭސީއެލްއަށް ފަޔަރ ވެހިކަލެއް ހޯދުމަށް އެ ކުންފުންޏާ އެކު އެމްއޭސީއެލުން 2008 ވަނަ ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ވެހިކަލަށް 1،356،650 ޑޮލަރު ލިބިފައިވަނިކޮށް، އެ ކުންފުނިން އެ ފައިސާ ނުލިބޭ ކަމަށް ބުނެ 2022 ގައި ދައުވާ ހުށަހަޅާފައިވާ އެ ކުންފުންޏަކީ އެ ކުންފުނިން ފޯރުކޮށްދިން މުދަލުގެ އަގު ލިބިފައިވާ މުއާމަލާތްތަކުގެ ފައިސާ ހޯދުމުގެ މާޒީއެއް އޮތް ކުންފުންޏެއް ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

މި ނޫން ވެސް މިފަދަ ބައެއް އިތުރު ސައްހަ ނޫން އެތައް ލިޔެކިޔުންތައް އެކުންފުނިން ކޯޓްތަކަށް ހުށަހަޅާފައިވާ ދައުވާތައް ސާބިތުކުރުމަށް ހުށަހަޅާފައިވާކަން އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން ސެންޓަރ އެންޓަޕްރައިސަސްއިން މާދުރު މާޒީއެއްގައި ލިބެންޖެހޭ ފައިސާއެއް ނުލިބިވާ ކަމަށް ބުނެ ކޯޓްތަކަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކަކީ ފޯޖްކޮށްފައިވާ ލިޔެކިޔުންތަކެއް ކަމަށް ބެލެވޭ ކަަމަށް އެ ރިޕޯޓްގައިވެ އެެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ޑީއެމްއެސްއަށް ސެންޓަރ އެންޓަޕްރައިސަސް 2008 ވަނަ އަހަރުގައި ފޯރުކޮށްދިން ކަަމަށް ބުނާ މެޑިކަލް އިކުއިޕްމަންޓާއި ކޮންސިއުމަބަލްސްގެ އަގަށްވާ ފައިސާ ލިބިފައިނުވާ ކަމަށް ބުނެ އެ ކުންފުނިން 2022 ގައި ސިވިލް ކޯޓަށް ހުށަހެޅި ދައުވާ ސާބިތުކުރުމަށް ހުށަހެޅި ލިޔެކިޔުންތަކީ ފޯޖްކޮށްގެން އުފައްދާފައިވާ ސައްހަ ނޫން ލިޔެކިޔުންތަކެއް ކަމަށް ބެލެެވޭ ގިނަ ކަންތައްތަކެއް ފާހަގަކުރެވޭ ކަމަށެވެ.

އެއާއެކު ދައުލަތަށް ފޯރުކޮށްނުދޭ މުދަލަކަށް މަކަރާއި ހީލަތުން ދައުލަތުން ފައިސާ ހޯދަން މަސައްކަތްކުރާ ކަމަށް ބެލެވޭތީ އެ ކުންފުނިން ހުށަހަޅާފައިވާ ލިޔެކިޔުންތަކުގެ ފޮރެންސިކް އެނަލިސިސް އެއް ހެދުމަށާއި އަދި އެކަމުގައި ޝާމިލްވާ މީހުންނާ މެދު ފިޔަވަޅު އެޅުމަށްޓަކައި މި މައްސަލާގެ ޖިނާއީ ތަހުގީގެއް ހެދުމަށް ފުލުހުންނަށް ހުށަހެޅުމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *