Support Us

ޕޯޓްގެ ބުރަ މާހައުލުގެ ތެރެއިން ފާރިޝް: ޑެކުން ފެށިގެން ބިނާކުރެވުނު ލީޑަރެއް

މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންސްގެ މުވައްޒަފުން ކޮންމެ ދުވަހެއްގެ ހެނދުނު އޮޕަރޭޝަންސްތަކަށް ތައްޔާރުވެއެވެ. ދުވަހުގެ މަސައްކަތުގެ ތެރެއިން އެއް ކަމަކީ ބޯޓުން މުދާ ބޭލުމެވެ. ނަމަވެސް މިއީ އާދައިގެ މުދާ އުފުލުމުގެ މަސައްކަތެއް ނޫނެވެ. މިއީ ގައުމީ ފެންވަރުގެ ޒިންމާއެކެވެ. ބަނދަރަށް ބާލައި ކޮންޓެއިނަރުތަކުގެ ތެރޭގައި ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި، ބޭހާއި އަދި އެހެނިހެން އަސާސީ ބޭނުންތަކާ ގުޅިފައިވާ ތަކެތި ހިމެނޭ ކޮންޓޭނަރުތައް ގިނައެވެ. އެހެންކަމުން މި މަސައްކަތުގައި ކުޑަކޮށް ލަސްވިޔަސް، އޭގެ އަސަރު މުޅި ގައުމުގެ ސަޕްލައި ޗެއިނަށް ކުރެއެވެ. އެހެންކަމުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ކާގޯ އޮޕަރޭޝަންސް ޑިޕާޓްމެންޓްގެ ބޯޓް ފޯމޭނެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ އަހުމަދު ފާރިޝް ފަދަ ހިވާގި މުވައްޒަފުން ކުރަމުންދާ މި މަސައްކަތަކީ ސަޕްލައި ދެމެހެއްޓުމަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތެކެވެ.

ޑެކުން ފެށިގެން ބިނާކުރެވުނު ކެރިއަރެއް

ފާރިޝްގެ އެމްޕީއެލް ކެރިއަރު ފެށުނީ 2015 ވަނަ އަހަރު ސްޓީވްޑޯރއެއްގެ ގޮތުގައެވެ. އެއީ ބަނދަރުގައި އެންމެ ބުރައެއް މަސައްކަތްކުރާ މުވައްޒަފުންނެވެ. އަދި އެމް.ޕީ.އެލްގެ އޮޕަރޭޝަންސްގެ މުހިންމު ބަދައެކެވެ. ދުވަހުން ދުވަހަށް، ބަރު ކާގޯ ގެންގުޅެ، ކްރޭންތަކަށް މަގުދައްކައި، އުޅަނދުފަހަރު ހަލުވިކަމާއެކު ބޭލުން ކަށަވަރުކުރިއެވެ. މި ބުރަ މަސައްކަތުގެ ތެރެއިން ވެސް ފާރިޝްގެ އިހުލާސްތެެރިކަމާއި ކުރިއަށްދިއުމުގެ ޝައުގުވެރިކަން ފާހަގަވިއެވެ. ނަތީޖާއެއްގެ ގޮތުން މީގެ ހަތަރު އަހަރު ކުރިން އޭނާގެ ޕާފޯމަންސާއި ލީޑަޝިޕްގެ މައްޗަށް ބިނާކޮށް އެސިސްޓެންޓް ފޯމޭންގެ މަގާމަށް ޕްރޮމޯޓްވެ، އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން އޭނާ ވަނީ ބޯޓް ފޯމޭންގެ މަގާމަށް ޕްރޮމޯޓް ވެފައެވެ. މި މަގާމުގައި އޭނާ ދުވަހުން ދުވަހަށް ކުރެވޭ ކާގޯ އޮޕަރޭޝަންތައް ބެލެހެއްޓުމުގެ ޒިންމާ އުފުލަމުން ގެންދެއެވެ.

ފާރިޝްއަކީ އިންޓަރނޭޝަލް ލޭބަރ އޯގަނައިޒޭޝަން (އައި.އެލް.އޯ)ގެ ތަމްރީނުތަކާއި، އެހެނިހެން ސޭފްޓީ އަދި ކާގޯ ހޭންޑްލިން ވޯކްޝޮޕްތައް ފުރިހަމަކޮށް، ޒިންމާދާރުކަމާއެކު ލީޑް ކުރުމަށް އަތުކުރި އޮޅައިފައިވާ ޒުވާނެކެވެ. އެހެންކަމުން ބަނދަރަށް އަންނަ ބޯޓުފަހަރުން މުދާ ބޭލުމާއި ލޯޑު ކުރުމުގެ ހުރިހާ އޮޕަރޭޝަންތައް ބަލަހައްޓަމުން ގެންދާ ޓީމުގައި ފާރިޝް މުހިންމު ދައުރެއް އަދާކުރެއެވެ.

ކޮންމެ ދުވަހަކުވެސް އަށް ސްޓީވްޑޯ އާއި ތިން ވިންޗް އޮޕަރޭޓަރުން އަދި ޓެލީ އޮފިސަރެއްގެ މައްޗަށް އެކުލެވޭ ޓީމެއް އޭނާ މެނޭޖް ކުރެއެވެ. އޭނާގެ އިރުޝާދާއި ބެލުމުގެ ދަށުން، މިޓީމްގެ ކޮންމެ މެންބަރެއްވެސް މުދާ ޑިސްޗާޖް ކުރުމުގައާއި، ލޯޑް ކުރުމުގައާއި، ސޭފްޓީ ޕްރޮޓޮކޯލްތަކަށް އަމަލު ކުރޭތޯ ޔަގީންކުރުމަކީ ފާރިޝްގެ ޒިންމާއެކެވެ.

"ވަޓް ޑްރައިވްސް ހިމް"

ފާރިޝްގެ ސުޕަވައިޒްކުރުމުގެ ޝައުގުވެރިކަން ފާޅުވީ އޭނާގެ ކެރިއަރގެ ކުރީކޮޅުގައެވެ. ސްޓީވްޑޯރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔައިރު، އޮޕަރޭޝަންތައް ބެލެހެއްޓުމާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒު ކުރުމާއި، ވޯކްފްލޯ މެނޭޖްކޮަށް ސަލާމަތީ އުސޫލުތައް ސުޕަވައިޒަރުން ތަންފީޒްކުރާ ގޮތް އޭނާ ބަލަމުންދިޔައެވެ.

"އަޅުގަނޑު ބަލަމުންދިޔައިން އެމީހުން ޕްރެޝަރ ހޭންޑްލްކުރާ ގޮތް،" އޭނާ ކިޔައިދިނެެވެ. "އެއީ ފަސޭހަ ކަމެއް ނޫން. އެކަމަކު އެއިން އަޅުގަނޑަށް ދައްކައިދިނީ ރަނގަޅު ލީޑަރޝިޕްގައި ހިމެނެނީ ހަމަޖެހުމާއި، ހޭލުންތެރިކަމާއި، ޓީމަށް އިހްތިރާމްކުރުންކަން،" ފާރިޝް ބުންޏެވެ.

އޭނާ ކިޔައިދިން ގޮތުގައި އެ ހިސާބުން އޭނާ އެމަގާމަށް ވާސިލްވުމަށް އަޒުމް ކަނޑައެޅިއެވެ. މިކަމުގައި އޭނާގެ އެކުވެރިންނާއި ރަހުމަތްތެރިން އޭނާއަށް ފުރިހަމައަށް ހިތްވަރު ދިނެވެ.

ކުރިއަށް ދިއުމުގައި މިދާއިރާ ނޫން އިތުރު ދާއިރާއެއް އިހުތިޔާރު ކުރަން ލިބުނުނަމަ ދެން ފެންނާނީ ކޮން ދާއިރާއަކުންތޯ ސުވާލުކުރުމުން ފާރިޝް ބުނީ މި ދާއިރާގައި ނެތް ނަމަ ޓާމިނަލް ވެހިކަލްސް ޑިޕާޓްމެންޓުގައި އޮޕަރޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރަން އެނާގެ ޝައުގުވެރިކަން އެނބުރިދާނެ ކަމަށެވެ. ފާރިޝްގެ ހިތްވަރާއި ކެތްތެރިކަމާއެކު، މިހާރު ފޯމޭނެއްގެ ހައިސިއްޔަތުން އަށް ގަޑިއިރުގެ ޝިފްޓެއްގެ ބޮޑުބައި ހޭދަކުރަނީ އޭނާގެ ބެލުމުގެ ދަށުގައިވާ ކޮންމެ މީހަކުވެސް ކުންފުނިން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ތަބާވެ، އެމީހެއްގެ މަސައްކަތްތައް ރަނގަޅަށް އަދާކުރޭތޯ ބެލުމުގައެވެ. މާޒީގައި ދިމާވެފައިވާ ހިތާމަވެރި ހާދިސާތަކުން ލިބިފައިވާ ފިލާވަޅުތަކުގެ ސަބަބުން، އޭނާ އަބަދުވެސް މަސައްކަތުގެ މާހައުލުގައި ސަލާމަތީ ފިޔަވަޅުތައް ވަރަށް ބޮޑަށް ބަލަހައްޓައެވެ.

ސަލާމަތާއި ރައްކާތެރިކަން: ހަނދާނުގައި ލިޔެވިފައިވާ ފިލާވަޅުތައް

ޕޯޓަކީ އޭގެ ޒާތުގައިވެސް "ހައި ރިސްކް" މަސައްކަތެކެވެ. ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ޕޯޓުގައި ދޭންޖެހެއެވެ. ބައިނަލްއަޤްވާމީ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރަންޖެހެއެވެ. އެހެން ނަމަވެސް، މިފަދަ މަސައްކަތެއް ކުރާ މާހައުލެއްގައި "އެކްސިޑެންޓެއް" ހިނގުމަކީ މަދުން ނަމަވެސް، ކުރިމަތިވެދާނެ ކަމެކެވެ. ފާރިޝްގެ ކެރިއަރުގައިވެސް އެފަދަ ތަޖުރިބާތަކެއް ވަނީ ލިބިފައެވެ. އެކަމުގައި މަސައްކަތް ކުރި ފަރާތަކަށް ޕޯޓުގެ ތެރޭގައި ކުރިމަތިވި ހާދިސާއެއްގައި އަނިޔާވުމަކީ އޭނާ ދުވަހަކުވެސް ހަނދާން ނެތޭނެ ކަމެއް ނޫނެވެ.

އެހެންކަމުން ކާގޯ އޮޕަރޭޝަންތަކަކީ ނުރައްކާތެރި ކަންތައްތަކެއްކަން އަދި ސަލާމަތީ ފިޔަވަޅުތަކާއި ގަވާއިދުތަކަށް އިސްކަންދިނުމަށް ފާރިޝް އޭނާގެ ޓީމަށް އަބަދުވެސް ހަނދާންކޮށްދެއެވެ. އަދި މަސައްކަތުގެ މާހައުލުގައި އިމަޖެންސީ ހާލަތެއް ކުރިމަތިވެއްޖެނަމަ ފާރިޝް ބުނި ގޮތުގައި އޭނާގެ ފުރަތަމަ ޒިންމާއަކީ ސޭފްޓީ ޑިޕާޓްމެންޓަށް އެންގުމާއި، އެ މީހުންގެ ތަހުގީގު ކުރިއަށް ގެންދިއުމުގެ ފުރުސަތު ދިނުމާއި، އަދި އެކަމަށް ބިނާކޮށް ދެން ކުރިއަށް އޮތް ތަނުގައި އެފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ބަދަލުތައް ގެނެސް އިމްޕްލިމަންޓްކުރުމެވެ.

ފަޚުރުވެރިވުމާއި، އުއްމީދު، އަދި މިނޫންނަމަ…

ފޯމޭންގެ މަގާމަށް އާދެވުމަކީ ފާރިޝް ވަރަށް ފަޚުރުވެރިވާ ކަމެކެވެ. "އަޅުގަނޑުގެ އެންމެ ފަޚުރުވެރި ކާމިޔާބީއަކީ މި މަގާމުގައި މަސައްކަތް ކުރުން،" އޭނާ ބުންޏެވެ. "އަޅުގަނޑަކީ ވަގުތަށް ފަރުވާތެރި އަދި ހަރުދަނާ މުވައްޒަފެއްކަން ދައްކުވައިދިނުމަށް އަބަދުވެސް މަސައްކަތްކުރަން. މަސައްކަތާ ގުޅޭ ތަފާތު ތަމްރީންތައް ހެދުމާއި އަމިއްލަ ޤާބިލުކަން އިތުރުކުރުމަށް އަބަދުވެސް މަސައްކަތްކުރަމުން ގެންދަނީ،" ފާރިޝް ބުންޏެވެ. އެހެންކަމުން މުސަތަގުބަލާއި ދޭތެރޭ އޭނާގެ އަޒުމަކީ ލިބިފައިވާ ހުނަރުތަކާއި މަސައްކަތުގެ ފުރިހަމަ ތަޖުރިބާއާއެކު ސްޕެޝަލިސްޓް ފޯމޭނަކަށް ވުމަށް ކަމަށް ބުންޏެވެ.

މަސައްކަތުގެ މާހައުލުގައި ފާރިޝް އަށް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އިކުއިޕްމަންޓް ލިމިޓޭޝަން އެވެ. ރާއްޖެ އަންނަ ގިނަ އުޅަނދުތަކުގައި މިހާރު ބޯޓް ކެރޭން ހުރެއެވެ. އަދި މުދާ ލޯޑުކޮށް އަންލޯޑް ކުރަންޖެހެނީ މި ކްރޭންތައް ބޭނުންކޮށްގެންނެވެ. އޭގެ ބަދަލުގައި ކުންފުނީގެ ގެންޓްރީ ކްރޭންތައް ބޭނުން ކުރެވޭނެނަމަ މަސައްކަތައް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އޭނާ ބުނެއެވެ. ކޮންމެއަކަސް ކުރިއަށް އޮތް އަވަސް މުސްތަގުބަލުގައި ތިލަފުށީގެ އައު ބަނދަރުގެ ޕްލޭންތަކާއެކު، މި ގޮންޖެހުމަށް ހައްލު ލިބިގެންގޮސް ބަނދަރުގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އޭނާ އުއްމީދުކުރެއެވެ.

ފާރިޝްގެ މެސެޖް

‎ފާރިޝްގެ ކާމިޔާބު ވަޒީފާގެ ދަތުރަކީ ޒުވާނުންނަށް ނަމޫނާއެއްގެ ގޮތުގައި ބެލެވޭ މިސާލެކެވެ. އޭނާގެ ހިތްވަރާއި ކެތްތެރިކަމާއެކު، ދަށު މަގާމަކުން ފެށިގެން މިއަދު ބޯޓު ފޯމަނެއްގެ މަގާމަށް ކުރިއަރައި، އިތުރު ކުރިއެރުންތަކަށް މަސައްކަތްކުރަމުންދާކަމީ ފާހަގަކޮށްލެވޭ ކަމެކެވެ. ޒުވާން ދިވެހިންނަށް ގޮވާލާ ފާރިޝްގެ މެސެޖަކީ "ފޯމޭނަކަށް ވުމަކީ ވަރަށް ޒިންމާދާރު ވަޒީފާއެއް. ހާއްސަކޮށް ރައްކާތެރިކަމަށްޓަކައި ކޮންމެ މުވައްޒަފަކު ވެސް ގައިޑްލައިންތަކާ އެއްގޮތަށް އަމަލު ކުރޭތޯ ޔަގީން ކުރަންޖެހެ އެވެ. މިއީ ހައި ރިސްކް ދާއިރާއެއް، އެކަމަކު ކޮމިޓްމަންޓެއް އޮތްނަމަ މިއީ ވަރަށް ފައިދާ ހުރި ދާއިރާއެއް" ފާރިޝް ބުންޏެވެ.

ފާރިޝްގެ މި ދަތުރަކީ ގޮންޖެހުންތަކާއި، ފިލާވަޅުތަކާއި، ކުރިއެރުންތަކާ އެކު، ޕޯޓް އޮޕަރޭޝަންސްގައި، އިހުލާސްތެރިކަމާއެކު މަސައްކަތްކުރަމުން އަންނަ ހީވާގި މުވައްޒަފެއްގެ ވާހަކައެވެ. މިފަދަ ބޭފުޅުންގެ ވާހަކަތަކުން އަހަރެމެންނަށް ހަނދާންކޮށްދެނީ ހަގީގީ ލީޑަޝިޕް އަބަދު ފެންނާނީ އޮފީސްތަކާއި ބޯޑްރޫމްތަކުން އެކަންޏެއް ނޫންކަމެވެ. މިފަހަރު މިފެނިލީ ކްރޭންތަކާއި، ކާގޯތަކާއި، އަދި ޤައުމު ހިންގުމުގައި ބުރަ މަސައްކަތްކުރާ އާންމުކޮށް ނުފެންނަ މީހުންގެ ތެރެއިންނެވެ.

 

* އެމް.ޕީ.އެލްގެ އުފެއްދުމެއް