މިރާއްޖޭގެ އިހުއޮތް ރަނގަޅުގޮތް އިރާލާ
މިރާއްޖޭގެ ނަން ހުތުރު ކޮށްފިޔެ ޒަހަރުލާ
މިތާ ތިއްބަވާ ގައުމު ގައުމުގެ ސަފީރުން
ހިތާމައިގެ ނޭވާ ލަޔޭ ގިސްލަ ގިސްލާ
އަރަން ވެރިކަމަށް ދޮގުތަކެއް ހަދަހަދައިގެން
ގަރަނބުކޮށް އަބުރު ދައުލުގެ މާތް ނަގާލާ
ރަނގަޅު ވެރިކަމެއް ހެޔޮ ނިޒާމުގެ މިތާއޮތް
އަނގައިއޮތް ދުލުން ގޯސްކަމަށްބުނެ އޮޔާލާ
ކުރިންއޮތް އެޖުމްހޫރު ވެރިކަން ހެވަސްވެސް
ތުރިއްޔާނު މުރިނގަށް ނަގާ ހޫރުވާލާ
ސަފުން ތަޖުރިބާއެއް ރިޔާސަތުގެ ނުލިބޭ
ނަފުސުވެސް ނުދަނެތިބި ބަޔަކު އަތްދޮށަށްލާ
ވަކިން އާންމުނާ ދުރު ދިފާއީން އުޅެނިކޮށް
ވަކިން ތިބިތިބުން ގޯސްކަމަށް ދެކެ ފުނޑާލާ
ސިޔާސީންގެ ފިކުރާ އެޚިދުމަތް ގުޅޭގޮތް
ރިޔާސަތުގެ ދޯހަޅި ކަމާއެކު ހަދާލާ
އިސާހިތު ނުރައްކާ ޖެހުނު ކޮޅިގަނއެއްހެން
އިޝާރާތަކުން ތަޚުތު ހުސްވިޔެ ރެނދެއްލާ
އެއަށްފަހު މިތަން ވެއްޓި މާއްދިއްޔަތަށް ގޮސް
ލެޔަށް އޭގެ ވަދެ އަސަރު ގަދަވީޔެ މޫލާ
އަމާނާތް ތެރީންވެސް މިއަދު ވަކި ނުވާހައި
ނަމާ އަބުރު އެކުގައި ހުތުރުކޮށްފި ހަރުލާ
އެކަކު އަނެކަކަށް ވައްކަމުގެ އިނގިލި ދިއްކޮށް
އެކަންކުރި ކަމަށް ދައްކަޔޭ ހެކި ދަލީލާ
ކިޔާކަމަކުވެސް ގަދަފަދަ އަޑުން މުސްލިމުންނޭ
ވިޔާދާ މަގުން ނުމެ ހިނގައި ލޯމަރާލާ
